އިލްޔާސްގެ ގަލަމުން: މުއިއްޒު އިސްލާހެއް ނުވާނެ، ވެރިކަމުން ދުރުކުރުން ވާޖިބު

ރައީސް މުހައްމަދު މުއިއްޒު

ރައީސް މުހައްމަދު މުއިއްޒު

ވެރިމީހާ ވެރިކަމަށް، ހޮވަނީ ރައްޔިތުންނެވެ. ކަނޑައެޅިފައިވާ ވަކި މުއްދަތަކަށެވެ. އެކަން ކުރަނީ ރައްޔިތުންގެ ފުރިހަމަ ބާރުންނެވެ. އެބާރު އަބަދުވެސް ރައްޔިތުންގެ ކިބައިގައި ދެމި އޮންނާނެ އެވެ. ރައްޔިތުން ވެރިޔަކު ހޮވަނީ ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދޭށެވެ. އެހެން އެއްވެސް ބޭނުމެއްގައެއް ނޫނެވެ. ވަރުގަދަ ވައުދުތަކެއް ހިފައިގެން ނުކުންނަ މަދު ބައެއްގެ ތެރެއިން ވައުދުވި ކަންކަން އެންމެ ފުރިހަމައަށް ކޮށްދޭނެ ކަމަށް ރައްޔިތުން ގަބޫލުކުރާ މީހާއަށް ގިނަ ރައްޔިތުން ވޯޓު ދެނީ އެވެ. ދެން ހޮވެނީ އެވެ. އަދި ރައްޔިތުންގެ ކުރިމަތީގައި، ﷲ ގަންދީ ހުވާ ކުރުވާފައި ވެރިކަން ހަވާލު ކުރަނީ އެވެ.

އެއްވެސް ހާލެއްގައި ދުސްތޫރާއި ޝަރީއަތާއި ހިލާފުވެގެން ނުވާނެ ގޮތަށެވެ. ހުވާ ކުރުން އޮންނަނީ އެ ޝަރުތުގެ ދަށުންނެވެ. ދައުލަތުގެ ވަކިކޮށްފައިވާ ބާރުތަކާއި މުސްތަގިއްލު މުއައްސަސާ ތަކަށް އަތް ބާނައި ނުފޫޒު ފޯރުވައިގެން ނުވާނެ ގޮތަށެވެ. އަދުލްއިންސާފު ނުލިބި ލަސްވެގެން ނުވާނެ ގޮތަށެވެ.

އެހެނަސް ހިތާމަ އަކީ ވެރިކަމުގައި މިހާރު މި ފެންނަ މަންޒަރުތަކެވެ. ކަންތަކެވެ. ވެރިމީހާ ވެރިކަމުގެ ހުވާ ކުރުމަށް ފަހު ދުސްތޫރާއި ޝަރީއަތް އެއްފަރާތްކޮށް އެއްލައި ލަނީ އެވެ. ރައްޔިތުންނަށް ވި ވައުދާއި ހުވަޔާ ސީދާކޮށް ހިލާފު ވަނީ އެވެ. އަމިއްލަ ޒާތީ ބާރެއްގެ ދަށުން ގާނޫނުތަކެއް ހަދައި ހިންގާން ފަށަނީ އެވެ. އެއަށް ފަހު ރައްޔިތުން ވެރިމީހާއަށް ދިން ހުދޫދުން ބޭރުވަނީ އެވެ. މުޅި ޗާޓުން ވެސް ބޭރު ވަނީ އެވެ.

Advertisement

އެފަދަ މަސްނޫއީ އަސާސެއް ނުވާ ގާނޫނުތަކަށް ދިވެހިރާއްޖޭގައި ކިޔުން އެންމެ ރަނގަޅު، އަދި އެކަށީގެންވާ ނަމަކީ މުއިއްޒޫ ގާނޫނު، "މުއިއްޒޫލާ" އެވެ. ރައްޔިތުންގެ މުދަލާއި ދައުލަތުގެ ކުންފުނިތަކުން ވެރި މީހާ ބޭނުންވާ ގޮތަށް އެކިއެކި ކަންކަން ރާވާލައިގެން ނާޖާއިޒު ފައިސާ، ނަގުދުން ނަގައި ރިޔާސީ ގަނޑުވަރަށް ގެންގޮސް، މަޖުލިސް މެމްބަރުންނާއި ރައްޔިތުން ތެރެއިން ގިނަ ބަޔަކު ދަށުލައި ގަނެލުމަށް ބޭނުން ކުރާތަން ފާޅުގައި ފެނެ އެވެ.

ވެރިމީހާ އަރިހުގައި އޮޅުކޮށްފައި ތިބޭ މާފިއާ ބަޔަކު ލައްވާ ސަރުކާރުގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ދަރުބާރުތައް ތައްޔާރު ކުރުން ފަދަ ކަންތައް، އެކަށީގެން ނުވާ ބޮޑެތި އަގުގައި ހަވާލުކޮށް ބައިއަޅާ އުސޫލުން ބައިތުލްމާލު ކައި ހުސް ކުރަނީ އެވެ.

ސަރުކާރުގެ މިފަދަ ރަސްމިއްޔާތު ތަކަކީ ބޮޑެތި ނާޖާއިޒު އިސްރާފުތަކަށް ނުގޮސް، މާލެ ފަދަ ސިޓީތަކުގައި ނަމަ، ސިޓީ ކައުންސިލުން ކުޑަކުޑަ ހަރަދެއް ދީގެން ކުރެވޭނެ ކަންތަކެވެ. އަތޮޅުތެރޭގައި ނަމަ، ރަށު ކައުންސިލުން ކުޑަކުޑަ ހަރަދެއް ދީގެން އެ ރަށެއްގެ ރައްޔިތުން ލައްވާއި ރައްޔިތުން ރުހި ބޭނުންވާ މިންވަރެއްގައި ކުރެވެން ހުރި ކަންތަކެވެ.

ކަންކަން ފަސޭހައިން ވާން އޮތް މިފަދަ ރީތި މަގު ދޫކޮށްލަނީ ގަސްދުގައި ވައްކަން ކުރުމަށެވެ. ނާޖާއިޒު ފައިދާ ނަގާށެވެ. އަންބޮނޑި ބޮޑުކުރާށެވެ. ބޮޑުން ތުރުކުރައްވާ ކޯޓުކޮޅުތަކުގައި ޖަހާނެ ފިނިފެންމަލަށް ދާންދެން ގަންނަން ހަރަދު ކުރަނީ ޒީނަތްތެރިކަމަށް ހަދައި ބޮޑު ހަރަދު ކުރުވާށެވެ. ބައިއަޅާނެ ނަގުދު ފައިސާ އިތުރުކޮށް ދޭށެވެ.

ކަނޑައެޅިގެން މިހުރީ ވެރިމީހާ ހިންގާ ސާފު ހުދު މާސިންގާ ބޮޑެތި ޖަރީމާތަކެވެ. ފަހެ، ދަންނާށެވެ! ވެރިމީހާގެ އަމަލުތައް ދުސްތޫރާއި ޝަރީއަތުން ބޭރުވާ ހިސާބަކީ ރައްޔިތުންނަށް ވެރިމީހާ އަޒުލް ކުރުން ލާޒިމްވާ ހުރިހާ ޝަރުތެއް ހަމަވެ ފުރިހަމަވުމެވެ. އެއީ ރައްޔިތުންނަށް ވެރިމީހާ ވެރިކަމުން ދުރުކުރުމުގެ ހުއްދަ ލިބޭ ހިސާބެވެ. ދެން އެހިނދު ރައްޔިތުން މަޑުން ތިބެގެން ނުވާނެ އެވެ. ޖިހާދު ފަށަން ޖެހުނީ އެވެ.

އާދެ! ވެރިމީހާ ރަތް ރޮނގު ހުރަސް ކުރާ ހިސާބުން، ވެރިމީހާ އެއީ ފާސިގެކެވެ. މުނާފިގެކެވެ. އަނިޔާވެރިއެކެވެ. އަދި ޒާލިމެކެވެ. ވެރިމީހާ ވެރިކަމުން ބާލާއި އަދުލްއިންސާފުގެ ދަރުބާރަށް ބިޑީގައި ހާޒިރު ކުރަން ޖެހުނީ އެވެ. އެ ހިނދު ވެރިމީހާ އެހުރީ، ރަތް ރޮނގު ހުރަސްކޮށް ނިމިފަ އެވެ. ޗާޓުން ބޭރުވެފަ އެވެ.

ނަބީންނާއި ރަސޫލުން މި ދުނިޔެއަށް، ﷲ ފޮނުއްވީ ފޮތާއި މީޒާން، ތިލަފަތް ދެއްވާފަ އެވެ. ރައްޔިތުންނަށް އިންސާފު ދިނުމަށެވެ. އެއީ އިންސާނުންގެ މައްޗަށް ބިމުގައި، ﷲ އަށް ކުރާ އަޅުކަމެއްގެ ގޮތުގަ އެވެ. އިންސާފު ދިނުމަކީ އަވަސް އިންސާފު އެންމެންނަށް ހަމަހަމަކޮށް ދިނުމެވެ. އަދި ލިބުމެވެ. އިޖުތިމާއީ އަދާލަތު މުޖްތަމައުގައި ދެމި އޮތުމަށެވެ. އެންމެހައި ނުބައި ކަންތަކާއި މުންކަރާތްތައް ނަހީ ކުރުމަށެވެ. ސުލުހަ މަސަލަސްކަން ދެމި އޮތުމަށެވެ.

އާދެ! އެންމެ ފަހުގެ ރަސޫލާ، އަދި ނަބީކަމާއި ރަސޫލުކަން މި ދުނިޔެ މަތިގައި ޚަތަމް ކުރެއްވި، މުހައްމަދުގެފާނު، މަދީނާގައި ގައިމުކޮށް ބިނާ ކުރެއްވި ވެރިކަމުގައި ވަނީ، އެންމެ ފުރިހަމަ ވެރިކަން، މަދީނާ މުނައްވަރާ، ސަރުކާރު ހިންގެވުމުގައި އަމިއްލަފުޅު އަމަލުތަކުން ދައްކަވައިފަ އެވެ. އެ އަމުރުތަކަށް ވެރިކަމުގައި ތަބާއު ވުމަށް މުސްލިމް އުންމަތަށް ގަދަ އަޅައި އަންގަވާފަ އެވެ.

ފަހެ، އެއީ އެންމެންގެ ހިތުން ހުރުން، ލޯތްބާއެކު، ﷲގެ ވަހީ މެދުވެރިވެގެން ހަވާލުވި ވެރިކަމެކެވެ. އެހެނަސް ހަތަރު ޚަލީފާއިންގެ ޚިލާފަތަށް ފަހު، އިލާހީ އަދި ނަބަވީ އެ ވެރިކަން ވަނީ ދުނިޔެއިން އެކުގައި ނެތި ގޮސް، ވެރިކަމާ ބަގުޑި ބައްދާ ކޯޅިހަދާ މަމްލޫކީންގެ ރަސްކަމެއް، ވެރިކަމުގެ ނިޒާމުގެ ތެރެއަށް އެކި ސިފަސިފައިގައި ވައްދައިފަ އެވެ. ވެރިކަމާއި ރޫހާނިއްޔަތު ވަކިކޮށްފަ އެވެ. އަދި ދީނާއި ދައުލަތް ވެރިކަމާ ވަކިކޮށްފަ އެވެ.

އެއްވެސް ހާލެއްގައި އުމަވީ ދައުލަތުގައި ފުތޫހާތުތައް ގިނަވެ މުސްލިމް އުންމަތް، އިސްލާމީ ދައުލަތް ފުޅާވެގެން ދިޔަކަމާ މެދު ޝައްކެތް ވަސްވާހެއް ނުކުރަމެވެ. ބޮޑެތި ފަތަހަތައް އެ ދައުރުގައި ލިބުނެވެ. އެހެނަސް އެތެރޭގައި ވެރިކަމުގެ ބާރަށް ބަގުޑި ބެއްދުމުގެ ވިހަ އޮތީ އުފަންވެފަ އެވެ. ރަސްކަމުގެ ހައިބަތާއި ކިބުރުވެރިކަމާއި ބޮޑާކަން އޮތީ ތަޖުރިބާކޮށް ފައެވެ.

އެހެންވެ މިހާރު ފެންނާން މިތިބި ވެރިންނަށް ވަލިއްޔުލް އަމްރުންނެކޭ ނުކިޔޭނެ އެވެ. ފަހެ، އެއީ ހުރިހާ އެންމެންގެ، އެންމެހައި ރައްޔިތުންގެ ރުހުމާއި ވަލީ ލިބި، ބައިއަތު ހިފައިގެން ވެރިކަމުގައި ހުންނަވާ ވެރިމީހާ އަށް ނުވާތީ އެވެ. މިފަދަ ވެރިންނަކީ ވެރިކަމުގެ ވައުދާއި ހިލާފުވާ ހިސާބުން ރައްޔިތުން ނުކުމެ ވެރިކަމުން ބާލާއި އިންސާފަށް ހާޒިކުރަން ޖެހޭ ބޮޑެތި މުޖުރިމުންނެވެ. އަނިޔާވެރިންނެވެ. ފާސިގުންނެވެ. ޑިކްޓޭޓަރުންނެވެ.

ވީމާ ދިވެހިރާއްޖޭގެ ވެރިމީހާ ޑިކްޓޭޓަރު މުއިއްޒު މިއަދުން މިއަދަށް، މިހާރުން މިހާރަށް ވެރިކަމުން ދުރުކޮށް، ބޭލުމަކީ ރައްޔިތުންގެ މައްޗަށް ވާޖިބެކެވެ. މަޖުބޫރުވާ ހައްގެކެވެ. ދުސްތޫރުންނާއި ޝަރީއަތުން ހުއްދަ އަމަލެކެވެ.

އެއީ ރައްޔިތުންގެ މައްޗަށް ކުރަން ޖެހިފައިވާ ބޮޑު ޖިހާދެކެވެ. މިގޮތަށް މިކަން އޮންނަނީ އެންމެންގެ މަސްލަހަތު ދައުލަތުގެ އޮނިގަނޑު ތެރޭގައި ހަމަހަމަ ކުރުމަށެވެ. ރައްޔިތުންގެ މަގާމުތަކާއި ހަވާލުވެގެން ތިބޭ މީހުންގެ ނުލަފާ ނުބައިކަމުގެ ވާހަކަ ދެއްކުމަކީ ޒާތާ ބެހުމެއް ނޫނެވެ. އަދި ވެރިމީހާގެ އަބުރަށް އަރައިގަތުމެއް ވެސް ނޫނެވެ.

މީގެ އެންމެ ބޮޑު ހެއްކަކީ ކީރިތިރަސޫލާ އެންމެ ލޯބިވާ ކާފަ ދަރިކަލުން ހުސައިނުގެފާނު ކަރުބަލާގައި އޭރުގެ ވެރިމީހާ ހަމަ މަގަށް ރުޖޫއަކޮށް، އެޅުވުމަށް ފާޅުގައި ޖިހާދަށް ނުކުމެވަޑައިގެން ޝަހީދުވެ ވަޑައިގެންނެވި ކަމެވެ.

ވީމާ އަހުރެން ދިވެހިރައްޔިތުންނަށް ގޮވާލަމެވެ. ދިވެހިރާއްޖޭގެ ވެރިކަން މިހާރު މިއޮތީ ފާސިދުވެފަ އެވެ. ރަނޑަވެފަ އެވެ. އަމިއްލައަށް އިސްލާހު ވުމުގެ ދިރުން އެކުގައި ގެއްލިފަ އެވެ. މާފިއާ ވަގުންގެ ބޮޑު ޖަމާއަތެއް ވެރިކަމުގެ އުމޫރުތަކަށް ސަވާރުވެފަ އެވެ. ދައުލަތުގެ ބާރުތަކާއި މުސްތަގިއްލު މުއައްސަސާތަކުގެ ދަތްކޮޅު ވަނީ މުގުރާލާފައެވެ. ދޫ ބުރިކޮށް ލާފައެވެ. މިއީ މުޅި ދައުލަތުގެ މައިބަދަ ބިންދާލައި ވާކޮށްލުމެވެ. އަސާސްތައް މަތީގައި ކޮޅަށް ނުއޮވެވޭ ވަރަށް ވާކޮށްލާފަ އެވެ. މި ހާލަތަށް ދިވެހި ދައުލަތް ވައްޓާލާފައި ރައްޔިތުންގެ ބައިތުލްމާލު ބޭނުންކުރަމުން ގެންދަނީ އަންނާން ތިބީންނަށް ފެންނާނެހެން ބަހައްޓަން ޖެހޭ ހުއްޖަތްތައް ފެންނާން ނުހުންނާނެ ގޮތަށެވެ. ހުޅުޖަހައި މުޅި އިމާރާތް، އަރުޝީފުތަކާ އެކު އަންދާލަނީ އެވެ. ލިޔެކިޔުންތައް ވުޖޫދުން ފޮހެލަނީ އެވެ. އަމިއްލައަށް ހަދާފައިވާ ވެރިމީހާގެ އަމިއްލަ ހުދުމުހުތާރު ގާނޫނުތަކެއްގެ ތެރެއިންނެވެ. ފަހެ، އެއީ ރައްޔިތުންނަށް ގަސްދުގައި ކުރާ އަނިޔާއެވެ. ގައުމުގައި ހިންގާ ފަސާދަ އެވެ. ރައްޔިތުން ނުކުމެ ހުއްޓުވަން ޖެހޭ ސާފު ޖަރީމާ ތަކެވެ.

މި ކޮލަމް ގައި މިވަނީ މި މަޒްމޫނު ލިޔުނު ލިޔުންތެރިޔާ، އަހުރެންގެ އަމިއްލަ އޮޕީނިއަނެވެ. ހިޔްލެވެ. އަދި ޒަމީރަށް ފެންނަ ގޮތެވެ. އެއްވެސް ހާލެއްގައި މިއީ، މި ކޮލަމް ޝައިޢު ކުރި ނޫހެއް، މި ހިޔާލުތަކުގެ ޒިންމާ އުފުލަން މަޖުބޫރު ކުރެވޭނެ ލިޔުމެއް ނޫނެވެ. މިއީ އިތުރު މީހަކަށް ދައުވާކޮށް މައްސަލަ ޖެއްސޭނެ ކޮލަމެއް ނޫންކަމުގައި އަހުރެން ހަރުކަށިކޮށް ބުނަމެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox