ދުނިޔޭގެ ބެޑްމިންޓަން ޖަމިއްޔާ އިން ރާއްޖޭގެ އެސޯސިއޭޝަން ސަސްޕެންޑްކޮށްފި

May 18, 2025, 7:40 AM
ދުނިޔޭގެ ބެޑްމިންޓަން ޖަމިއްޔާ އިން ރާއްޖޭގެ އެސޯސިއޭޝަން ސަސްޕެންޑްކޮށްފި

ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖޭގެ އެސޯސިއޭޝަން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ސަސްޕެންޑްކޮށްފި އެވެ.

"އަދަދު ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުގައި، މިދިޔަ ހުކުރު ދުވަހުގެރޭ ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑްކުރިކަން ވަނީ ސިޓީ އަކުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަށް އަންގައިފަ އެވެ.

އެ ސިޓީގައި މައިގަނޑު ގޮތެއްގައި އަންގާފައިވަނީ، އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރު ގުޅިގެން ނިންމާފައިވާ ގޮތަށް، ތިން މެމްބަރުންގެ އެޑްހޮކް ކޮމިޓީއެއްގެ ދަށަށް ބެޑްމިންޓަން އެސޯސިއޭޝަނުގެ ކަންކަން ގެންދިއުމަކީ ނުފޫޒު ފޯރުވުން ކަމަށް ދޭހަވާތީ އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ގައުމީ ހައިސިއްޔަތު ނަގައިފަ އެވެ. މި ގޮތަށް ނިންމާފައިވަނީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ބަހެއް ހޯދައިގެން، ބީއޭއެމްގެ މައްސަލަ ހައްލުކުރަން ކުރި މަސައްކަތުގައި އަލިމަގެއް ނުފެނި އަހަރަކަށް ވުރެ ގިނަ ދުވަސް ވުމުންނެވެ.

ބީއޭއެމްގެ މެންބަރުންގެ ބައިވެރިވުމާ އެކު، އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލުމަށް ނިންމި އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އިން ބުދަ ދުވަހު އާންމުކުރި މެމޯއެއްގައި ވަނީ އެޑްހޮކް ކޮމިޓީއެއް އެކުލަަވާލިކަން އިއުލާނުކޮށްފަ އެވެ. އެ ކޮމިޓީގައި ހިމެނެނީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައިސް، އަހުމަދު މުންތަގިމް (މުންތޭ)، ބެޑްމިންޓަން ކޮމިއުނިޓީގެ ފަރާތުން، އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އަދި، މިނިވަން ގާނޫނީ ވަކީލެއްގެ ގޮތުގައި އައިމިނަތު ޝަރީފް އެވެ. އެ ކޮމިޓީން މިއަދު ހަވީރު ބެޑްމިންޓަން ކޮމިއުނިޓީއާ ބައްދަލުވުމެއް އޮތީ ތާވަލުކޮށްފަ އެވެ.

ބެޑްމިންޓަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ކޮމީޓީގެ ދައުރު، މިދިޔަ އަހަރުގެ މާޗް މަހުގެ 11 އަށް އޮތީ ހަމަވެފަ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ސްޕޯޓްސް ކައުންސިލް ދަށަށް ގެންނަން ނިންމައިފަ އެވެ. އެ މައްސަލައާ ދެކޮޅަށް ބެޑްމިންޓަން އެސޯސިއޭޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު، ކޯޓުން ނިންމީ ބެޑްމިންޓަން އެސޯސިއޭޝަނާ ދެކޮޅަށެވެ. އެ ނިންމުން އިސްތިއުނާފުކުރަން ހައި ކޯޓަށް ބެޑްމިންޓަން އެސޯސިއޭޝަނުން ހުށަހަޅައިގެން ކުރިއަށް ނުދިޔަ އެވެ.

ރާއްޖޭގެ ބެޑްމިންޓަނުގެ ކުރިމަގާ ގުޅޭގޮތުން، ރާއްޖޭގެ ކުޅިވަރުގެ އިސް ފަރާތްތަކުން، ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފްއާ މަޝްވަރާ ކުރި ނަމަވެސް ކުރިއެރުމެއް ނުލިބި ދިގުލައި ގޮސް، އެންމެ ފަހުން ސްޕޯޓްސް ކޮމިޝަނަރު ނިންމެވީ، ބެޑްމިންޓަން އެސޯސިއޭޝަނާ ދެކޮޅަށް ރާއްޖޭގެ ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅުމަށެވެ.

ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑްކުރިިއިރު، މީގެ ކުރިން، އެ ފެޑެރޭޝަނުން ރާއްޖެ އަށް ލަފާ ދީފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަން ހިންގުމަށް ތިން މެމްބަރުންގެ ކޮމިޓީއެއް ހެދުމަށެވެ. އެއީ، ބެޑްމިންޓަން އެސޯސިއޭޝަންގައި ކުރިން އޮތް ހިންގާ ކޮމިޓީގެ މެމްބަރުން ވެސް ހިމެނޭ ގޮތަށެވެ. އެކަމަކު، އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރު އޮފީހުން ވަނީ، އެ ކޮމިޓީގައި ގާނޫނީ ވަކީލަކާއި ބެޑްމިންޓަން ކޮމިއުނިޓީގެ މެމްބަރެއް ހިމަނަން ހުށަހަޅައިފަ އެވެ. އޭގެ ފަހުން، އެ މަޝްވަރާތަކުގައި ހައްލަކަށްނާދެވި އޮތީ އެވެ.

ދުވަސްތައް ދިގުލައި ގޮސް، ބީޑަބްލިއުއެފްގެ ބަހެއް ނުލިބި، ސްޕޯޓްސް ކޮމިޝަނަރު އޮފީހާއި އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ކުރި މަޝްވަރާތަކަށް ފަހު، އެކުލަވާލި ކޮމިޓީގައި، ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ހިންގާ ކޮމިޓީގެ މެމްބަރެއް ނެތި، އެޑްހޮކް ކޮމިޓީއެއް އެކުލަވާލިތާ މާ ގިނަ ދުވަހެއް ނުވެ، ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑްކުރީ އެވެ.

ބެޑްމިންޓަން ކޮމިއުނިޓީގެ ގިނަ ބަަޔަކު ތުހުމަތު ކުރާ ގޮތުގައި، ބީއޭއެމްގެ މައްސަލަ އަށް ހައްލެއް ނުލިބި ދިގުލައިދިއުމުގައި، އެސޯސިއޭޝަންގެ ރައީސްކަން އެންމެފަހުން ކުރެއްވި މޫސާ ނާޝިދު (މޫސަ)ގެ ދައުރު އެބައޮތެވެ. ތިން ދައުރު ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވި މޫސަ މަގާމުން އިސްތިއުފާދިނީ މިދިޔަ ޖުލައި މަހު އެވެ. އެއީ، މަގާމުގެ ދައުރު ހަމަވިތާ ތިން މަސް ފަހުންނެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުރެ މޫސަ ކުރެއްވި ކަންތައްތަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ތަހުގީގު ކުރެ އެވެ.

މޫސަ އިސްތިއުފާ ދިން ފަހުން، އެސޯސިއޭޝަންގެ ރައީސެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައީ ނައިބު ރައީސް، އަހުމަދު ޝާކިރު މޫސާ އެވެ.

ބީޑަބްލިއެފް އިން ރާއްޖޭގެ އެސޯސިއޭޝަން ސަސްޕެންޑްކުރިއިރު، ތައިލެންޑްގައި އޮތް މުބާރާތެއްގައި ވާދަކުރަން، ގައުމީ ޖޫނިއާ ޓީމުގައި ހިމެނޭ 13 ކުޅުންތެރިން ވަނީ ފުރައިފަ އެވެ. އަދި، ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން އަންނަ މަހު ޔޫރަޕްގެ މުބާރާތްތަކެއްގައި ވާދަކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

ސަސްޕެންޝަން އުވާލުމުގައި، ބީޑަބްލިއުއެފް އިން ބަލާނީ، އެންމެ ފަހުން އޮތް ބެޑްމިންޓަން ހިންގާ ކޮމިޓީއާ ގުޅިގެން މި ކަމުގައި ހިމެނޭ ފަރާތްތަކުން ކުރާ މަސައްކަތްތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox