22 މާރިޗު 2025 - 17:28 2
އަހުމަދު އާއިދު
ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއަށް ފައިސާ ފަރާތަށް ދޫކުރާ ހިތްމިޔަ ފަޅު: މިއީ މާލެ އަތޮޅުގައި މިހާރު ބޭނުންނުކޮށް ފަޅުތަކުގެ ތެރެއިން ބޮޑު ފަޅެއް -- ފޮޓޯ: ގޫގުލް އާތު
22 މާރިޗު 2025 - 17:28 2
ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކަށް އިންވެސްޓްކުރާ ބަޔަކަށް ކްރޮސް ސަބްސިޑީގެ ދަށުން އިންވެސްޓްމަންޓުގެ މުގާބިލުގައި ދެނީ މާލެ އަތޮޅުގެ އެންމެ ބޮޑު އެއް ފަޅު ކަމުގައިވާ ހިތްމިޔަ ފަޅު ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ގައުމީ ސަލަމާތާ ބެހޭ މަޝްރޫއަށް 15 މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓެއް ހޯދުމަށް މި ފަޅު ދޭން ސަރުކާރުން ނިންމާފައިވާކަން އިތުބާރު ހުރި މަސްދަރުތަކުން އަދަދު ނޫހަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
މާލެ އަތޮޅުގެ ހުޅަނގު ބިތުގައި އޮންނަ މި ފަޅުގެ ބޮޑުމިނަކީ ޖުމްލަ 712 ހެކްޓަރެވެ. އާންމު އުސޫލުން މި ފަޅު ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޭނަމަ މިހާރު އަގުކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް މި ފަޅުން ދައުލަތަށް މަންފާ ވާނެ އެވެ.
ސަރުކާރުން މިހާތަނަށް އެއްވެސް ތަފުސީލެއް އާންމުކޮށްފައި ނުވާ މި މަޝްރޫއުގެ މައުލޫމާތު ހިމަނާފައި ވަނީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަކަށް ފައިސާ ހޯދަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރުގަ އެވެ.
ރައީސްގެ ގަރާރުގައި ވަނީ މިއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ޓަކައި ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުތަކެއް ކަމަށެވެ.
ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކެއް ހިންގަން ބޮޑު އިންވެސްޓްމަންޓެއް ހޯދަން ސަރުކާރުން އިއުލާނުކޮށްފައި މިވަނީ ދިވެހި އަސްކަރިއްޔާއަށް މިސައިލްތަކެއް ގަންނަން އުޅޭކަމުގެ އަޑުތަކެއް ފެތެރިފައިވަނިކޮށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކުގައި ބުނާ ގޮތުން ދިވެހި ސަރުކާރުން ސާފޭސް-ޓު-އެއާ މިސައިލްތަކަކާއި އެ ތަކެތި ހަރުކުރެވޭ ފެންވަރުގެ މަނަވަރެއް ގަންނަނީ ތުރުކީގެ އަސްކަރީ ކުންފުންޏެއް މެދުވެރިކޮށެވެ.
ކްރޮސް ސަބްސިޑީ އުސޫލު އޮންނަ ގޮތުން ސީދާ ފައިސާ އިންވެސްޓުކުރާކަށް ވެސް ނުޖެހެ އެވެ. ސަރުކާރުން ބުނާ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާ ގޮތަށް ވެސް މި އުސޫލުގެ ދަށުން ފަޅުތަކާއި ރަށްތައް ދޫކުރެވެ އެވެ. އެހެންކަމުން ތުރުކީ ކުންފުނިން ފަޅުގެ ބަދަލުގައި މިސައިލުތައް ދެނީ ކަމަށްވެސް ވެދާނެ އެވެ.
މި ސަރުކާރުން ޑްރޯންތައް ގަތީ ވެސް ތުރުކީގެ ކުންފުންޏަކުންނެވެ. އެ ޑްރޯންތައް ގަންނަން 37 މިލިއަން ޑޮލަރު ހަރަދުކުރިކަން އެކި މަސްދަރުތަކުން ޔަގީންވެފައިވީ ނަމަވެސް ސަރުކާރުން ވަނީ ޑްރޯންތައް ގަންނަން ކުރި ހަރަދު ހާމަކުރަން ދެކޮޅުހަދާފަ އެވެ.
ގައުމީ ސަލާމަތާ ގުޅުވައި ވަރަށް މި މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ހާމަނުކުރި ނަަމަވެސް އަސްކަރިއްޔާ އަދި ކޯސްޓުގާޑު ވަރުގަދަ ކުރުމަކީ ރައީސް ގެންގުޅުއްވާ ސިޔާސަތެކެވެ. ކަނޑުގެ ސަރަހައްދު ބަލަހައްޓަން ކަމަށް ބުނެ ޑްރޯންތައް ގަތީ ވެސް މި ސިޔާސަތުގެ ދަށުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment