ކަލެޔާއި ގެރިބަކައްޓާ ދެމެދުގައި އޮތް ތަފާތު ދަމަހައްޓާށެވެ!

ކަލެޔާއި ގެރިބަކައްޓާ ދެމެދުގައި އޮތް ތަފާތު ދަމަހައްޓާށެވެ!

މާތް ﷲ އިންސާނުން ހައްދަވައި ގެރިބަކަރި ޖަނަވާރުންނާއި އިންސާނުން ތަފާތުކުރެއްވި އެވެ. އެންމެ ރިވެތި ގޮތުގައި ހެއްދެވި އިންސާނާގެ އެ ރީތިކަން ފުރިހަމަ ކުރެއްވުމަށް ގެރިބަކަރި ޖަނަވާރާއި ތަފާތު އެންމެ މުހިންމު ސިފަކަމުގައިވާ ބުއްދީގެ ނިއުމަތް ދެއްވި އެވެ. ހެވާއި ނުބައި ވަކިކުރުމުގެ ބާރު ދެއްވިއެވެ. އެޔާއެކު މާތް ކަލާނގެ ހެއްދެވި ގިނަ މަހުލޫގުތަކުންގެ މައްޗަށް އިންސާނާ މާތް ކުރެއްވި އެވެ. އެއްގަމާއި ކަނޑު އިންސާނުންގެ ހިދުމަތުގައި ލެއްވި އެވެ. އެތެރެޔާއި ބޭރުން ނިއުމަތްތައް އިންސާނުންނަށް ދަރުމަކުރެއްވި އެވެ.

އިންސާނާގައި ލެއްވި އެންމެ މުހިންމު ހާއްސިއްޔަތަކީ ވެސް ބުއްދީގެ ނިއުމަތެވެ. އެހެނީ މާތް ﷲ ދެއްވި ނިއުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި ﷲ ގެ ނިއުމަތްތައް ވީއެންމެ ބޮޑަކަށް ހާސިލްކޮށްގަތުމުގެ މަގަކީ ބުއްދި ނެތް ނުވަތަ ބުއްދި ބޭނުންކުރަން ނުދަންނަ މަހުލޫގަކަށް ގެނެސް ގަނެވޭނެ ކަންކަމެއް ނޫނެވެ. މިކަން މިހެން އޮތްހިނދު، އިންސާނާ އެ ބުއްދިން މާތްކުރެއްވި ބުއްދި ތިމާގެ އިހުތިޔާރާއި ބާރުން ދުރަށްލައި އެހެން މީހަކާ ހަވާލުކުރުމަށްވުރެ ނުބައިކަމެއް އަދި މޮޔަކަމެއް އިންސާނަކު ނުކުރާނެ އެވެ.

އިންސާނާއަށް ބުއްދި ދެއްވި ނަމަވެސް، އެ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުކުރުމާއި އެ ބުއްދި ތަފާތު އެކި ބާރުތަކުގެ ތެރެއަށް ލައި އަޅުވެތިކޮށްގެން އުޅުމަކީ، އިންސާނުންގައި ހުންނަ ޖާހިލުކަމުގެ ތެރެއިންވާ ކަމެކެވެ. އެހެންވެ އެކަސްތޮޅުތަކުން އިންސާނުން ނެރެ ބޭރުކުރުމަށް އިސްލާމްދީން ނުހަނު ބޮޑަށް ގަދައަޅައި ތަރުހީބުދީފައިވެއެވެ. ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތައް ނިންމެވުމުގައި "..ފަހެ އެބައި މީހުންނަށް ނުވިސްނެނީހެއްޔެވެ؟" "...ފަހެ އެބައިމީހުން ހަނދާން ނުކުރަނީހެއްޔެވެ؟" "...ފަހެ ތިޔަބައިމީހުން ވިސްނާފިކުރުނުކުރަނީހެއްޔެވެ؟" "...ފަހެ އެބައިމީހުން ނުބަލަނީހެއްޔެވެ؟" "...ފަހެ އެބައިމީހުން ފުންކޮށް ނުވިސްނަނީހެއްޔެވެ؟" "...އަޅެ ތިޔަބައިމީހުން ތެރޭގައި، ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟" މިމޭރުމުން މާތް ﷲ ބަސް ވަޙީކުރައްވާފައިވަނީ އިންސާނާގެ ސިކުނޑި މަސައްކަތްކުރުވާ ހަރަކާތްކުރުވަން ދެވޭ ދައުވަތުތަކެއްގެ ގޮތުގައެވެ.

ކަނު ތަބާވުމަކުން އިންސާނަކު ބަޔަކަށް ތަބާވުން ހުއްދަވާނެ ނަމަ، އެމީހެއްގެ ކާބަފައިންނަށް ތަބާވުން ހުއްދަވީހެވެ. އެހެނީ ކާބަފައިންނަށްވުރެ ތިމާއަށް ހެޔޮއެދޭނެ ހެޔޮގޮތް ބުނެދޭނެ އެހެން ބަޔަކު ނޫޅޭނެކަމުގައި ބެލެވިދާނެ އެވެ. އެކަމަކު ތިމާގެ އަމިއްލަ ކާބަފައިންނަށް ވެސް ބުއްދި ދޫކޮށް ކަނު ތަބާވުމަކުން ތަބާވުމާމެދު އަލްމާއިދާ ސޫރަތުގެ 4 ވަނަ އާޔަތުގައިވެ އެވެ. "އަދި ﷲ ބާވާލައްވާފައިވާ ފޮތަށާއި، ރަސޫލާ އަންގަވާ ގޮތަށް ތަބާވާން ތިޔަބައި މީހުން އަންނާށޭ އެމީހުންގާތު ބުނެވޭހިނދުން، އެމީހުން ބުނެފި އެވެ. ތިމަންމެންގެ ކާބަފައިން އުޅުނީތީ ތިމަންމެންނަށް ފެނުނުގޮތް ތިމަންމެންނަށް ފުދެ އެވެ. ފަހެ، އެމީހުންގެ ކާބަފައިންނަކީ، އެއްވެސް އެއްޗެއް ނުދަންނަ، އަދި ތެދުމަގު ލިބިގެންނުވާ ބަޔަކުކަމުގައި ވީނަމަވެސް ހެއްޔެވެ؟"

އަލްޢައްލާމާ ޔޫސުފުލްޤަރަޟާވީ ރަޙިމަހުﷲ ވިދާޅުވެފައިވެ އެވެ. "އިސްލާމްދީން އެދީނުގެ ޤުރުއާނާއި އެދީނުގެ ނަބިއްޔާގެ ސުންނަތާއި އެދީނުގެ އެންމެހާ ތައުލީމުތަކަކާއި އިރުޝާދުތަކާއެކު މިސްރާބު ޖަހަނީ އިންސާނީ ބުއްދި މިނިވަންކުރުން ފުރިހަމަކުރުމަށެވެ. އެ ސިކުނޑީގެ މައްޗަށް ފާވެފައިވާ ހަމަ ކޮންމެ އެއްޗަކާއި ފައިދާކުރަނިވި އުފެއްދުންތެރިކަމަށް ހުރަސްއެޅިގެންދާނެ ކޮންމެ ހުރަހެއްގެ ކިބައިން މިނިވަންކުރުމަށެވެ."

މިމޭރުމުން ލިޔުއްވަމުން އަދިވެސް ވިދާޅުވެފައިވެއެވެ. "މަސައްކަތާއި ފިކުރު ހިންގުމަށް އެއްވެސް ވަރަކަށް ހުޅުވާލުމެއް ނެތި، ސިކުނޑިތައް ލައްޕައިގެން އުޅޭ މީހުން އަހަރެމެންގެ މުޖުތަމައުތަކުން ފެންނަކަމަކީ ވަރަށް ބޮޑު އަޖައިބެކެވެ. އެމީހުންނަށް އެގޮތުން އެމީހުންގެ ނަފުސުތަކަށް ހަމަޖެހުން ލިބިގެން ތިބެ އެވެ. އެހެންވަނީ އެމީހުން ތިބެނީ ކަނޑައެޅިގެން ވަކި ގޮތެއް މާ އިހުއްސުރެ ވަރުގަދައަކަށް ނިންމައިގެންނެވެ. އެއީ ތިމާ ހުންނާނީ މީހުންނާއެކުގަ އެވެ. ގިނަ މީހުންނާ އެކުގައެވެ. އެމީހުން ކަމެއްގައި އާއެކޭ ބުނެފި ނަމަ އާއެކޭ ބުނެ އެވެ. ނޫނެކޭ ބުނެފިނަމަ ނޫނެކޭ ބުނެ އެވެ.

އެކަމަކު އިންސާނެއްގެ ގޮތުގައި ތިމާގެ ބުއްދިއާއި ފިކުރާއި ތިމާގެ ސަގާފަތާއި ދީނާއި ރިސާލަތަށްޓަކައި ހަގީގަތުގައި ތިމާ ހުއްޓިހުރި ގޮތެއް މިފަދަ މީހާގައި ނެތެވެ. މިއީ ވަރަށް ދެރަކެމެކެވެ. މީސްތަކުން އެބައިމީހުންގެ ވިސްނުމާއި އަމިއްލަ ޝަޚްސިއްޔަތާއި އަމިއްލަ މަސްއޫލިއްޔަތު ދޫކޮށްލުމެވެ. ކޮންމެ އިންސާނަކީ އެމީހެއްގެ ނަފުސު އޭގެޒާތުގައި މަސްއޫލުކުރެވިގެންވާ މީހެއްކަމުގައިވާއިރުމެއެވެ."

މާތް ﷲ އިންސާނުން ޖަމާއަތެއްގެ ސިފައިގައި ލެއްވެވީ އެބައިމީހުން އެންމެން ޝާމިލްވެގެން އެންމެންގެ ހިޔާލާއި މަޝްވަރާ އޮވެގެން ކުރިއަށްދިއުމުގައި މެނުވީ އެމީހުންގެ ކާމިޔާބާއި އަރުތަ އޭގައި ނުވާނެ ގޮތުންނެވެ. އެކެއްގެ ލޮލަށް ނުފެންނަ އަނެކެތި އެހެން މީހެއްގެ ލޮލަށް ފެންނާނެ އެވެ. މިމީހާގެ ކަންފަތަށް ނީވޭ ނިކަން ގިނަ އަޑު އެހެރަ މީހާގެ ކަންފަތަށް އިވޭނެ އެވެ. އެންމެންގެ ސިކުނޑީގެ ބޭނުން ހިފާހިނދު އިންސާނީ ޖަމާއަތުގެ ސިކުނޑީގެ ބޮޑުކަމާއެވެ. ބުއްދިއާއި ރޭވުންތެރިކަމުގެ މޮޅުކަމާ އެވެ!

އެކަމަކު ބުއްދިތައް އަޅުވެތިކޮށްފައި، އެންމެންގެ ބުއްދިއާއި ސިކުނޑި އެއްކައިރިކޮށްފައި، ވަކި މީހެއްގެ އަތަށް އެންމެންގެ ސިކުނޑީގެ ތަޅުދަނޑި ހަވާލުކުރުމަކީ އިސްލާމްދީން ދަންނަ މަގެއް ނޫނެވެ. އިސްލާމްދީން ގެނެސްދިން ވެރިންނަށް ކިޔަމަންތެރިވުމުގެ މަންހަޖާއި އުސޫލަކީ ވެސް އެޔެއް ނޫނެވެ.

އާދޭހެވެ! ބުއްދި މިނިވަންކުރައްވައި އެބުއްދިން އަމިއްލަ ފިކުރު ހިންގަވައި ކަންކަމުގައި އަމިއްލަ ބަސް ވިދާޅުވާށެވެ! އެހެން ނޫނީ ގެރިބަކައްޓާ ކަލެޔާ ހަމަ އެއްވެސް ތަފާތެއް ނެތެވެ. އަލްފުރްޤާން ސޫރަތުގެ 44 ވަނަ އާޔަތުގައި ވެއެވެ. "ނުވަތަ އޭގެތެރެއިން ގިނަމީހުން އަހާކަމަށް، ނުވަތަ ވިސްނާކަމަށް، ކަލޭގެފާނު ހީފުޅުކުރައްވަމުތޯއެވެ؟ ޖަނަވާރުތަކެއް ފަދައިން މެނުވީ، އެއުރެން ނުވެއެވެ. އަދި ކިއެއްތަ! އެއަށްވުރެވެސް އެމީހުން މަގުފުރެދުން ބޮޑެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox