މަޝްވަރާއާ ނުލައި ސިއްކަޖެހުން؛ އިސްލާމްދީނާ ބީރަށްޓެހި

މަޝްވަރާއާ ނުލައި ސިއްކަޖެހުން؛ އިސްލާމްދީނާ ބީރަށްޓެހި

"އަދި އެމީހުންނަކީ، އެމީހުންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު ގާއިމްކުރިމީހުންނެވެ. އަދި އެމީހުންގެ ކަންތައްތައް، އެމީހުންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ތަކެތިން، އެމީހުން ހޭދަކުރެއެވެ." މިއީ އައްޝޫރާ ސޫރަތުގެ 38 ވަނަ އާޔަތުގެ ދިވެހި ތަރުޖަމާއެވެ. މިއާޔަތް ހިމެނިފައިވާ ސޫރަތުގެ ނަމަކީ ވެސް އައްޝޫރާ އެވެ. ސޫރަތުގެ ނަމާ ގުޅިގެން މާތް ނަބިއްޔާގެ އަރިހުން ވަކި ނަމެއް ވާރިދުވެގެން އައިސްފައި ނުވެއެވެ. މި ސޫރަތަށް އައްޝޫރާ މިނަމުން ނަންދެވުނީ މާތް ނަބިއްޔާ ސުވަރުގެ ވަޑައިގަތް ފަހުންކަމަށް ވީ ނަމަވެސް މި ސޫރަތަށް އެ ނަމުން ނަންދެވިފައިވަނީ އިސްލާމްދީންގައި މަޝްވަރާކުރުމުގެ މަތިވެރިކަން ބަޔާންކޮށްދިނުމުގެ ރަމްޒެއްގެ ގޮތުންކަމަށް އިލްމުވެރިން ވިދާޅުވެއެވެ. ޝޫރާ ސޫރަތުގެ 38 ވަނަ އާޔަތުގައި، އީމާންކަމުގެ އަހުލުވެރިންގެ މުހިންމު ސިފައެއްގެ ގޮތުގައި ނަމާދު ޤާއިމުކުރުން ހިމަނުއްވައި އެޔާ ވިއްދައިގެން އެބައިމީހުންނަކީ އެބައިމީހުންގެ މެދުގައި ހިނގާ ކަންކަން މަޝްވަރާގެ އުސޫލުން ކުރިޔަށް ގެންދާ ބައެއްގެ ގޮތުގައި ސިފަކުރައްވާފައި އޮތުމުން، މަޝްވަރާކުރުން އެއީ ކިހާ ވަރެއްގެ މަގާމެއް އަދި ދަރަޖައެއް އިސްލާމްދީނުގައި ދެވިފައިވާ ކަމެއްކަން ސާފުކޮށްދެއެވެ. އިސްލާމްކަމުގެ ރުކުނަކާ ބުގިސްކުރައްވާފައި ގެންނަވާފައި އޮތުމުންނެވެ. 

ވަރަށް ތިލަކޮށް ބުނާނަމަ މަޝްވަރާކުރުމަކީ އަނެކުންގެ ލަފާ އެހުމެވެ. ކޮންމެ ކަމެއްގައިވެސް އެކަމެއްގެ އަހުލުވެރިންގެ ލަފަޔާއި ހިޔާލު ހޯދުމެވެ. އަދި ބައެއް އިލްމުވެރިންގެ ނަޒަރުގައި ކަމެއްގެ ބާވަތުން ވަކި ކަމަކީ އާންމު މީސްތަކުންނާ މާބޮޑަށް ގުޅިލާމެހިފައި އޮންނަ ކަމެއް ނަމަ އެކަމެއްގައި އާންމުންގެ ހިޔާލު ހޯދުމަކީ ވެސް މަޝްވަރާކުރުމުގެ ކޮންސެޕްޓްގެ ތެރޭން ވަކިކޮށް ނުލެވޭނެ ކަމެކެވެ. މީހުންގެ މެދުގައި ހިޔާލު ތަފާތުވުން ހިނގާ ބާވަތުގެ ކަންކަމާއި ހައްސާސް މައުލޫތަކަކަކީ އަބަދުވެސް މަޝްވަރާކުރެވެން ޖެހޭ ކަންކަމެވެ. 

މާތް ނަބިއްޔާ މިކަމުގައި އުންމަތަށް މިސާލު ދައްކަވާފައިވެއެވެ. ހަނގުރާމައިގެ ކަންކަމުގައި އަދި އެނޫންވެސް ކަންކަމުގައި މާތް ނަބިއްޔާ އިތުރު އެކަލޭގެފާނުގެ އެކުވެރި ޞަޙާބީންގެ ލަފަޔާއި ހިޔާލު އަހާ މަޝްވަރާ ހޯއްދަވާފައިވެއެވެ. އިސްލާމީ ތާރީހުގެ ރަން ސަފުހާތަކުގެ ތެރެއިން ހައްދަގު ހަނގުރާމައިގައި ނުހަނު މޮޅު އުކުޅެއްގެ ޒަރީއާއިން މުސްލިމުން ހޯދި ކާމިޔާބުގެ ސިއްރަކީ ވެސް މާތް ނަބިއްޔާ އިހުތިޔާރުކުރެއްވި މަޝްވަރާކުރެއްވުމުގެ މަގެވެ. އަދި ރަނގަޅު ލަފާ ދެއްވި ބޭކަލަކު ނިސްބަތްވި ގައުމަކަށް ބެއްލެވުމެއް ނެތި، އެ ލަފާގެ ކޮލިޓީއަށް ބައްލަވައި އެލަފަޔަށް އަމަލުކުރެއްވިކުރެއްވުމެވެ. މަޝްވަރާކުރުމަކީ އިސްލާމްދީނުގެ އަސްލުތަކުގެ ތެރެއިން އަސްލެއް ކަމުގައި އަދި ޝަރީޢާގެ ހަރުދަނާ ގަވާއިދެއް ކަމުގައި އިލްމުވެރިން ވިދާޅުވެއެވެ. އިބުނުލްޢަރަބީ ވިދާޅުވަނީ މަޝްވަރާކުރުމަކީ ދީނުގެ އަސްލެއް ކަމަށެވެ. އެހެންވިމާ މަޝްވަރާކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ. އަދި ވެރިންގެ މައްޗަށް ވާޖިބުކަން އިތުރަށް ބޮޑު ކަމެއްވެސްމެއެވެ. މަޝްވަރާކުރުމަކީ ވެރިޔަކު އިހުސާންތެރިވެގެން ނުވަތަ ވެރިޔެއްގެ ހުރި ހެވަތުން ހިނގަންޖެހޭ ކަމެއް ނޫނެވެ. މަޝްވަރާކުރުން މަތިވެރިކޮށް އެކަމަށް ހުރި ހުރަސްތައް ނައްތާލައި އެސިފަ ކުރިއެރުވުމަކީ ވެރިންގެ މައްޗަށް އިސްލާމީ ވެރިކަމެއްގައި ލާޒިމް ކަމެކެވެ. 

މަޝްވަރާއަށް އެހެވޭ ފަރާތަށް ވެސް ލާޒިމްވަނީ އެމީހެއްގެ ކިބައިން މަޝްވަރާއަށް އެހެވޭ ކަމެއްގައި ރަނގަޅަށް ދިރާސާކޮށް ފިކުރު ހިންގައި، އެޔަށްފަހު ފެންނަ އެންމެ ރަނގަޅު ގޮތުގެ މައްޗަށް ވަކާލާތުކުރުމެވެ. މަޝްވަރާ އެހި ފަރާތުގެ މައްޗަށް އޮންނަ ސިޔާސީ ލޯބީގައި ސަނާކިއުމަށްވުރެ ދުނިޔެއާއި އާހިރަތުގެ މޮޅު އޮތީ މިގޮތުގައި ކަމަށް އިސްލާމީ އިލްމުވެރިން ދެކެއެވެ. 

މަޝްވަރާކުރުމާއި މަޝްވަރާ އެރުވުމުގެ ވައްތަރުތަކުގެ ތެރޭގައި، ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ ވަސީލަތްތައް ހިމެނެއެވެ. އަދި މިޒަމާނުގައި ރައްޔިތުންގެ މަޖިލީހުގެ ނަމުގައި އޮންނަ ސީދާ އެކަމުގެ ގާނޫނީ މަސްއޫލިއްޔަތު އުފުލާ މަޖިލީހަކީ އިސްލާމީ ވެރިކަމެއްގައި ނަމަ މަޝްވަރާގެ އަސާސް ދަމަހައްޓަމުން ގެންދާ މައި ތަނބުގެ ގޮތުގައި މަސައްކަތްކުރަންޖެހޭ މުއައްސަސާއެވެ. އިސްލާމީ ވެރިކަމެއްގައި ހިޔާލު ފާޅުކުރުމުގެ ވަސީލަތްތަކާއި، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހޮވާފައިތިބޭ ފަރާތްތަކުގެ ދައުރު ހަމަޖައްސާފައި އޮންނަންވާނީ، މަޝްވަރާކުރުމުގެ ކަންކަން ވީހާ ބޮޑަކަށް ފުޅާކޮށް ތަނަވަސްވާނެ ގޮތެއްގެ މަތީންނެވެ. އެކަން ހަނިކޮށް އެކަމާ ދެކޮޅަށް މަސައްކަތްކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. އަދި ތަފާތު ހިޔާލު ފާޅުކުރުމަށް މެންބަރުން ޖެހިލުންވާނެ ގޮތަށް އޮންނަ ކޮންމެ އުސޫލަކާއި ހަމަޔެއް ނައްތާލުމަކީ ވެރިމީހާއާއި ފަނޑިޔާރުންނާއި އަދި އެންމެހާ މީސްތަކުންގެ ޒިންމާއެކެވެ.

އަދި އިސްލާމީ ވެރިކަމެއްގައި މަޝްވަރާ މަޖިލީހަށް ހުށަހެޅޭ ކަންކަމުގައި އަވަސް އަރައިގަތުމެއް ނޯންނާނެއެވެ. އޭގެ ބަދަލުގައި އިސްލާމްދީނުގެ އަސާސެއްކަމުގައިވާ މަޝްވަރާގެ މަތިވެރި އުސޫލުތައް ނިޔާކުރަނީ މަޝްވަރާގެ މަޖިލީހަށް ހުށަހެޅޭ ކަންކަމުގައި ފުންކޮށް ވިސްނައި، އަވަސް އަރުވާލުމުގެ ބަދަލުގައި ތަނަވަސްގޮތުގައި ބަހުސްކޮށް އެންމެ ރަނގަޅު ގޮތް ހޯދައިގަތުމަށެވެ. ހަމަ މިގޮތަށް އާންމު އެންމެހާ ރައްޔިތުންނާ ގުޅޭ ކަންކަމުގައި ކުއްލި ނިންމުންތައް ނިންމުމުގެ ބަދަލުގައި އާންމުންގެ ހިޔާލާއި ރައުޔު ހޯދާފައި، ވެރިން ކަންކަން ނިންމުމެވެ.

އަދުލުވެރި ޚަލީފާ ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. "މަޝްވަރާކުރުމަކާ ނުލައި ގޮތް ކަނޑައެޅިއްޖެ ކަމެއްގައި ހެވެއް ނުވެއެވެ." އަދި މަތިވެރި ޚަލީފާ އަލީގެފާނު ވިދާޅުވެފައިވެއެވެ. "މަޝްވަރާކުރުމަކީ ފަހުން ހިތާމަކުރަންޖެހުމުން ރައްކާތެރިކަން ލިބޭ ކަމެކެވެ. އަދި މަލާމާތުން ސަލާމަތްވާ ކަމެކެވެ."

ވަހީގެ ޒަރީއާއިން ކަންކަން އެންގެވުމުން ދިޔަ ޒަމާނެއްގައި ވެސް ދުނިޔަވީ ކަންކަން ނިންމެވުމުގައި ޚުދު މާތް ނަބިއްޔާއަށް ވެސް މާތް ﷲ ދެއްކެވި މަގަކީ އަދި އުންމަތަށް ބަޔާންކޮށްދެއްވަން ހަވާލުކުރެއްވި ގޮތަކީ މަޝްވަރާގެ މަތީން ކަންކަން ކުރެއްވުމުގެ މަންހަޖެވެ. އާލް ޢިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވެއެވެ. "އެމީހުންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، ﷲ ގެ ހަޒުރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ހުލުގު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެމީހުން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެމީހުންނަށް ކަލޭގެފާނު މާފުކުރައްވާށެވެ! އަދި، އެމީހުންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ މަޝްވަރާ ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު އަޒުމް ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު ﷲ އަށް ވަކީލުކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލުކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ."

މިއާޔަތުގައި މިވަނީ މާތް ނަބިއްޔާއަށް ވެސް ދުނިޔަވީ ކަންކަމުގައި މީސްތަކުންނާ މަޝްވަރާކުރުމަށް އަމުރުކުރައްވާފައެވެ. ނަމަވެސް އެ އަމުރު އެގޮތަށް ކުރެއްވުމުގެ ކުރިޔަށް މާތް ﷲ އަންގަވަނީ، މީސްތަކުންނަށް މާފުކުރުމަށާއި މީސްތަކުންގެ ފާފަ ފުއްސެވުން އެދި ދުއާކުރުމަށެވެ. ކީއްވެތޯއެވެ؟ މީސްތަކުންނަށް މާފުކުރުމުގެ ގާބިލުކަމެއް ނެތި އަދި މީސްތަކުންނަށް ފާފަ ފުއްސަވައިތޯ ދުއާކުރާވަރަށް މީސްތަކުންނަށް ހިތުގައި ހަމްދަރުދީއެއް ނެތި، މީސްތަކުންގެ ކިބައިން މަޝްވަރާ އަހައިގެން ކަންކަން ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މާފުކުރުމުގެ ސިފަ ނެތް މީހަކަށް މަޝްވަރާއެއް ނުކުރެވޭނެއެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox