Advertisement

ލިފްޓެއްގެ އަގަކީ އެއް މިލިއަން, އެކަމަކު ޕޮލްކޯއިން ގަތީ ހަތަރު މިލިއަނަށް

10 ފެބުރުވަރީ 2025 - 14:26 4

އަމަން ހަލީމް

އަމަން ހަލީމް

ބްލޫސް ހައުސިން މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ ޕޮލްކޯ ފްލެޓުތައް: މި ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު, އަދިވެސް ހުރިހާ ފްލެޓެއްގައި ލިފްޓުތައް ހަމަނުވޭ -- ފޮޓޯ: ގޫގުލް އިމޭޖަސް/މައުޒް


ލިފްޓެއްގެ އަގަކީ އެއް މިލިއަން, އެކަމަކު ޕޮލްކޯއިން ގަތީ ހަތަރު މިލިއަނަށް

10 ފެބުރުވަރީ 2025 - 14:26 4

ޕޮލްކޯއިން ހިންގި ބްލޫސް ހައުސިން މަޝްރޫއުގައި ލިފްޓުތައް ފޯރުކޮށްދިނުމާއި ހަރުކުރަން 28 މިލިއަން ރުފިޔާ ހަރަދުކުރިއިރު, މާކެޓު ރޭޓުގައި މިކަމަށް ހަރަދުވާނީ 12 މިލިއަން ރުފިޔާ ކަމަށް އޮޑިޓު އޮފީހުން މިއަދު ބުނެފި އެވެ.

ޕޮލްކޯ ފްލެޓުތަކާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދޭން އޮޑިޓު އޮފީހުގެ ބޭފުޅުން ހާޒިރުވެ ބޭއްވި ބައްދަލުވުމުގައި, ކޮންމެ ފްލެޓެއްގައި ހަތަރު ލިފްޓު މަގުން 12 ލިފްޓުތައް ފޯރުކޮށްދިނުމާއި ހަރަދުކޮށްދިނުމަށް ތަފާތު ތިން ކުންފުންޏަކާ އެކީ އެއްބަސްވުންތަކުގައި ސޮއިކުރި ކަމަށް ބުނެފައިވެ އެވެ.

ލިފްޓުތަކުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ, މި ފްލެޓުތައް ނިންމަން ހަވާލުކުރި ދެވަނަ ކޮންޓްރެކްޓަރު ކަމުގައިވާ އައިލެންޑް އެކްސްޕާޓާއެވެ. އެ ކުންފުންޏާ އެކީ ސޮއިކުރި އެއްބަސްވުމުގެ ދަށުން 12 ލިފްޓު ފޯރުކޮށްދިނުމާއި ހަރުކުރަން އެއްބަސްވީ 19.4 މިލިއަން ރުފިޔާއަށެވެ.

އައިލެންޑް އެކްސްޕާޓު އެއްބަސްވުން ބާތިލުކުރުމާ ހަމައަށް އެ ކުންފުނިން އެންމެ ލިފްޓެއް ވެސް ހަރުނުކޮށްދޭ ތަނުގައި ފޯރުކޮށްދިނީ އެންމެ ހަތަރު ލިފްޓެވެ. އެކަމަކު އޭރު އެ ކުންފުންޏަށް އޮތީ 17.2 މިލިއަން ރުފިޔާ ދައްކައިފަ އެވެ. މިއީ ކޮންމެ ލިފްޓަކަށް ޖެހޭ 3.9 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް 13.3 މިލިއަން ރުފިޔާ ކަމަށް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.

ދެ ވަނަ އެއްބަސްވުން ހެދީ ޑީކޭއެމް ވޯލްޑްވައިޑް ނުވަތަ ދެކޯމަސް ކިޔާ ކުންފުންޏަކާ އެކީގަ އެވެ. އެއީ ލިފްޓުތަކާއި ފްލެޓުތަކުގައި ސީސީޓީވީ ހަރުކުރުން ފަދަ ބައެއް ޓެކްނިކަލް މަސައްކަތްތައް ހިމެނޭހެން ހެދި އެއްބަސްވުމެކެވެ. ނަމަވެސް މި އެއްބަސްވުން ބަދަލުކޮށް ލިފްޓުތަކުގެ ބައި ވަނީ ފަހުން އުނިކޮށްފަ އެވެ.

އެއްބަސްވުމުން ލިފްޓުތަކުގެ ބައި އުނިކުރިއިރު ދެކޯމަސްއަށް އޮތީ ލިފްޓުތަކުގެ ޕްރިލިމިނަރީ މަސައްކަތްތަކަށް 190,976ރ. ދައްކައިފަ އެވެ. އޮޑިޓު އޮފީހުން ބުނި ގޮތުގައި ދެކޯމަސްއަށް ލިފްޓުތަކާ ގުޅިގެން ފައިސާތަކެއް ދިން ނަމަވެސް, މީގެ ސަބަބުން މަޝްރޫއަށް ލިބުނު މާއްދީ މަންފާއެއް ނެތެވެ.

ތިން ވަނަ އެއްބަސްވުން ހެދީ ހާއޯ ޔޫކޯ ލިފްޓްސްއާ އެވެ. އެ އެއްބަސްވުމުގެ އަގަކީ އަށް ލިފްޓު ފޯރުކޮށްދިނުމާއި ހަރުކުރުމަށް 15.1 މިލިއަން ރުފިޔާ އެވެ. ހާއޯއާއެކީ ހެދި އެއްބަސްވުން ބާތިލުކުރިއިރު އެ ކުންފުންޏަށް އޮތީ 8.6 މިލިއަން ރުފިޔާ ދައްކައިފަ އެވެ. އެކަމަކު އެ ކުންފުނިން ފޯރުކޮށްދިނީ އެންމެ ތިން ލިފްޓެވެ.

ހާއޯއިން ފޯރުކޮށްދިން ތިން ލިފްޓު ހަރުކުރުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 480,006ރ. އަށެވެ.

އޮޑިޓު އޮފީހުން ކޮމިޓީގައި ބުނީ މި ވަރު އިމާރާތެއްގައި ލިފްޓެއް ހަރުކުރުން ހިމެނޭހެން, ލިފްޓަކަށް ހަރަދު ވަނީ މިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާތަނަށް ޕޮލްކޯއިން ލިފްޓުތަކަށް 28.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިހާތަނަށް ލިބިފައިވާ ހަތް ލިފްޓަށް ޖެހޭ އަގަކީ ހަތަަރު މިލިއަން ރުފިޔާ އެވެ.

ލިފްޓުތަކުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްގެން ކުރި ނަމަވެސް, މިއަދާ ހަމައަށް ވެސް އެ މަސައްކަތް އެއްކޮށް ނުނިމެ އެވެ. ޕޮލްކޯ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ފަރާތުން "އަދަދު" އަށް މައުލޫމާތު ލިބުނު ގޮތުގައި ވަރަށް ފަހަކާ ޖެހެންދެން އެންމެ ލިފްޓެއް ބޭނުންކުރަމުން އައިއިރު, މިހާރު ދެ ލިފްޓު އެބަހުއްޓެވެ.

ޕޮލްކޯގެ ތިން ފްލެޓަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު, އެ މަޝްރޫއުގެ އޮޑިޓުން ދައްކާ ގޮތުގައި މިއީ މާކެޓު ރޭޓަށް ވުރެ 300 ވަރަކަށް މިލިއަން ރުފިޔާ އިތުރު އަގެކެވެ. މިކަމުގައި ހިޔާނާތް އެކުލެވޭ ކަމަށް ގަބޫލުކުރެވޭތީ އޮޑިޓު އޮފީހުން ވަނީ އެ މައްސަލަ ތަހުގީގުކުރަން އެންޓި ކޮޮރަޕްޝަން ކޮމިޝަނަށް ލަފާދީފަ އެވެ.