27 ނޮވެންބަރު 2024 - 13:48 0
އަމަން ހަލީމް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު: ރިސޯޓުތަކަށް ދައްޗެއް ނުވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވި -- ފޮޓޯ: އެމްއެމްއޭ
27 ނޮވެންބަރު 2024 - 13:48 0
ބޭރު ފައިސާގެ ގަވާއިދުގެ ދަށުން ޓޫރިޒަމް ވިޔަފާރިތަކަށް މާރުކުރަން މަޖުބޫރުވާ ޑޮލަރު ދައްކަން ދިމާވާ ދަތިތަކަށް ހައްލު ލިބޭނެ ކަަމަށާއި އެކަން ކުރެވޭނެ މަގަކީ ބޭންކުތަކަށް ޑޮލަރު ވައްދައިގެން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭ އިން އެކުލަވާލާފައިވާ ބޭރު ފައިސާގެ ގާނޫނުގެ ޑްރާފްޓާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުނައްވަރު މިހެން ވިދާޅުވީ، ކަޅު ބާޒާރުން ޑޮލަރު ހޯދައިގެން އެމްއެމްއޭގެ ގަވާއިދަށް އަމަލުކުރަން މަޖުބޫރުވާނެ ކަމަށް ރިސޯޓުތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި ރިސޯޓު ސިނާއަތުން އެމްއެމްއޭ އަށް ފޮނުވާފައިވާ ސިޓީތަކުގައި އެ ނުކުތާ ފާހަގަކޮށްފައި ވެ އެވެ. ނަމަވެސް އެ އިދާރާއިން އެކުލަވާލި ގަވާއިދުގެ ދަށުން ބޭންކުތަަކަށް ޖަމާކުރާ ހުރިހާ ޑޮލަރެއް ގެންނަނީ އެމްއެމްއޭއަކަށް ނޫން ކަމަށާއި އޭގެ 40 ޕަސެންޓު ހުންނާނީ ބޭންކުތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މި ގޮތަށް ގަވާއިދުގައި ކަނޑައެޅީ، މުނައްވަރު ވިދާޅުވި ގޮތުގައި، ކޮވިޑަށް ފަހު ވަރަށް ބޮޑަށް ފުޅާވެފައިވާ ކަޅު ބާޒާރުގެ ބަދަލުގައި ރަސްމީ ނިޒާމުގެ ތެރެއަށް ޑޮލަރު ވެއްދުމަށެވެ. މިއާ އެކީ، ބޭންކުތަކުުގެ ތެރެއިން ރިސޯޓުތަކަށް އޯވާޑްރާފްޓު ކަހަލަ ފެސިލިޓީސްތައް ދޫކޮށް ދިމާވާ ކަންކަމަށް ހައްލު ހޯދައިދޭން މަގު ފަހި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މި އޮތީ ބޭންކުތައް ނޫން އިންފޯމަލް މާކެޓެއް ތަރައްގީވެފައި. އެހެންމަ އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ އިންފޯމަލް މާކެޓުން ފޯމަލް މާކެޓަށް ގެންނަން ކުރަމުންދާ މަސައްކަތެއް. އޭގެ ދަށުން ބޭންކުތައް ވެސް އިންޑަސްޓްރީގެ ބޭފުޅުންނަށް އެ ދޭން ޖެހޭ ފެސިލިޓީތައް ދިނުމަށް ޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭނެ،" މުނައްވަރު ވިދާޅުވި އެވެ.
"އެހެންވީމައި އަޅުގަނޑުމެން މަސައްކަތް ކުރާނަން އެ ބޭފުޅުން ވެސް މިހާރު ދެއްވާ ވަރަށް ވުރެ ގިނައިން ދިނުމަށް ޓަކައި. މިސާލަކަށް ތި ފާހަގަކުރެއްވި ގޮތަށް ޝޯޓްފޯލެއް އުޅެންޏާމުން، އެ ބޭފުޅުންނަށް އޯޑީ ފެސިލިޓީއެއް ވެސް ދެވޭނެ. އެހެން ނޫނިއްޔާމުން އެ ބޭފުޅުން ޑިޕޮސިޓް އެކޮޅުގައި ބަހަންޓަންޏާމުން އިތުރު ފެސިލިޓީތައް ވެސް ދެވޭނެ."
އޭގެ އިތުރުން ގަވާއިދުގެ ތެރޭގައި ވެސް ރިސޯޓުތަކަށް ދަތިވާ ހާލަތުގައި ޑޮލަރު މާރުކުރަން އިސްތިސްނާތަކެއް ހިމަނާފައި ވާނެ ކަމަށާއި އެމްއެމްއޭއަށް ހުށަހެޅުމުން އެ ލުއިތައް ލިބޭނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި ދިމާވާ ދަތިތަކަށް ހައްލު ހޯދަން އެމްއެމްއޭއާ ވާހަކަ ދައްކައި، މަޝްވަރާ ކުރަން އޭނާ ވަނީ ވިޔަފާރިތަކަށް ދައުވަތު ދެއްވާފަ އެވެ.
ބޭރު ފައިސާގެ ގަވާއިދުގައި ޑޮލަރު މާރުކުރުމުގެ އިސްތިސްނާތައް ލިބެނީ ބޭރު ފައިސާއިން ޓެކްސް ދެއްކުމަށާއި ލޯނުތައް އަދާކުރުމަށާއި ނޫނީ ކޯޓަކުން ކަނޑައަޅާފައިވާ ހުކުމެއްގެ ދަށުން ބޭރު ފައިސާ ބޭނުން ކުރަން ޖެހޭ ހާލަތްތަކުގަ އެވެ. މި ނޫނަސް އެމްއެމްއޭއިން ގަބޫލުކުރާ މުއާމަލާތްތަކަށް ޑޮލަރު މާރުކުރުމުގެ އިސްތިސްނާ ލިބެ އެވެ.
Comment