about 3 hours 0
about 3 hours 0
މިލާން (ނޮވެމްބަރު 27) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާން ކުޅުނު މެޗުން މޮޅުވެ ލީގު ތާވަލު ކުރިއަށް ޖެހިިލިއިރު، ބާސެލޯނާ އިން ބްރެސްޓް އަތުން މޮޅުވެ، ބަޔާން މިއުނިކުން ޕީއެސްޖީ ބަލިކޮށްފި އެވެ.
އިންޓަ އިން ޖަރުމަނުގެ އާރްބީ ލައިޕްޒިގު ބަލިކުރީ 1-0 އިންނެވެ. ބާސެލޯނާ އިން ފްރާންސްގެ ބްރެސްޓްގެ މައްޗަށް ކުރިހޯދީ 3-0 އިންނެވެ. އަދި ބަޔާނުން ވަނީ 1-0 އިން ޕީއެސްޖީ އަތުން މޮޅުވެފަ އެވެ.
ލައިޕްޒިގު އަތުން އިންޓަ މޮޅުވި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލަކީ 27 ވަނަ މިނިޓްގައި ލައިޕްޒިގުގެ ކަސްޓެލޯ ލުކޭބޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި ލަނޑަކީ، އިންޓަގެ ފުލްބެކް، ފެޑެރީކޯ ޑި މާކޯގެ ހިލޭޖެހުމެއް ޑިފެންސް ކުރަން އުޅުމުގެ ތެރޭގައި ލުކޭބާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އިންޓަ އިން ލީގު ތާވަލު ކުރިއަށް ޖެހިލީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަަނައިގައި އޮތް ލިވަޕޫލަށް ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުަގައި ރެއާލް މެޑްރިޑާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އަލުން އެއް ވަނަ އަށް އެރޭނެ އެވެ.
ބްރެސްޓް ކޮޅަށް ރޭ ބާސެލޯނާގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި ލަނޑުތަކާ އެކު، ލެވަންޑޯސްކީ ވަނީ ޗެމްޕިއަންސް ލީގުގައި 100 ގޯލު ހަމަކޮށްފަ އެވެ. ލެވަންޑޯސްކީ އަކީ މި މުބާރާތުގައި މި އަދަދަށް ގޯލު ހަމަކުރި ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން، މި ކަން ހާސިލްކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އެވެ.
ބާސެލޯނާ އަށް ރޭގެ މެޗުގައި އަނެއް ލަނޑު ޖަހައިދިނީ ޑަނީ އޮލްމޯ އެވެ.
ނަތީޖާ ނެރެން ޕްރެޝަރު ބޮޑުވެފައި އޮތް މެޗަކަށް ޕީއެސްޖީ އާއި ބަޔާނުން ނުކުމެ ފޯރިގަދަ މެޗެއް ވަނީ ކުޅެފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 38 ވަނަ މިނިޓްގައި ކާމިޔާބުކުރީ ބަޔާނަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ޑިފެންޑަރު، ކިމް މިން ޖޭއި އެވެ.
ޕީއެސްޖީން މި މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. ދެ ވަނަ ހާފުގައި އެ ޓީމުގެ އޮސްމާން ޑެމްބެލޭ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު، ބަޔާން ވަނީ ތާވަލުގެ 11 ވަނަ އަށް ޖެހިލައިފަ އެވެ. ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު، ޕީއެސްޖީ އޮތީ، 36 ޓީމުގެ ލީގު ބުރުގައި 26 ވަނައިގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment