13 ނޮވެންބަރު 2024 - 14:42 0
އަހުމަދު އާއިދު
މަރާމާތައްފަހު އޮލިމްޕަސް ހުޅުވި ރޭގެ ފޮޓޯއެއް: ސަރުކާރަށް އަހަރެއް ވާތީ ޝޯ ބާއްވަން "ދޭދަރު" ފިލްމުގެ ޕްރިމިއާ އަށް ހުރަސް އަޅާ އޮލިމްޕަސް އަތުލަން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު
13 ނޮވެންބަރު 2024 - 14:42 0
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ޝޯތަކެއް ބޭއްވުމުގެ ބޭނުމަށް، އަހަރެއް ކުރިން އޮލިމްޕަސް ބޭނުންކުރަން ހަދާފައިވާ ބުކިން ކެންސަލްކޮށް "ދޭދަރު" ފިލްމުގެ ޕްރިމިއާ އަށް ހުރަސް އަޅައިފި އެވެ.
ދޭދަރު ފިލްމު އުފެއްދި ކަޒްމިކް އިންޓަނޭޝަނަލް އިން ނެރުނު ބަޔާނެއްގައި ބުނީ، ނޮވެމްބަރު 20، ގައި އޮލިމްޕަހުގެ ފިލްމު ޕްރިމިއާ ކުރުމަށް އެ ފަރާތުން ހެދި ބުކިން ކެންސަލް ކުރިކަން ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން އެންގީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި އޮތް މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.
ފިލްމު ޕްރިމިއާ ކުރުމަށް ބުކިން ހެދީ މީގެ އަހަރެއް ކުރިން ކަމަށާއި އެ ބުކިން މީގެ ހަތަރު މަސް ކުރިން ފައިސާ ދެއްކި ކަމަށްވެސް ކަޒްމިކް ގެ ބަޔާނުގައި ބުންޏެވެ. އަދި، ބުކިން ކެންސަލް ކުރީ އެކަމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ނުކޮށް އެންގުމަކާވެސް ނުލާ ކަމަށާއި މިކަން ކުރީ ސަރުކާރުގެ ބޭނުމަށް އެ ދުވަހު އޮލިމްޕަސް ބޭނުންވާތީ ކަމަށް އެންސީއޭ އިން ބުނެފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
"މިއީ ދިވެހި ފިލްމީ ފަންނާނުންގެ ހައްގުތައް ގެއްލިގެންދާ ފަދަ އަމަލެއް. އަޅުގަނޑުމެން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ފިލްމީ ދާއިރާގެ ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތަކުގެ ހައްގު ހިމާޔަތްކޮށް، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހާ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅަން ގޮވާލަން" ބަޔާނުގައި ލިޔެފައިވެ އެވެ.
އެންސީއޭ އިން މިހާރު އިއުލާނުކޮށްފައިވާ ގޮތުން ސަރުކާރަށް އަހަރެއް ވެގެން ބާއްވާ ސިލްސިލާ ޝޯތައް އޮންނާނީ ނޮވެމްބަރު 17، 18 އަދި 19 ގަ އެވެ. ނަމަވެސް އެ ޝޯތައް 18، 19، އަދި 20 އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށްވެ އެވެ.
މިކަމާ ގުޅިގެން އެ ފަރާތައް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި ޕްރިމިއާ ކުރާ ތާރީހު އިއުލާނުކޮށް ޕޯސްޓަރުތަކާއި ބިލްބޯޑުތައް ޕްރިންޓުކޮށް ހަރުކޮށް އެ ރެޔަށް ގިނަ ބަޔަކަށް ދައުވަތު ދީފައިވާނެ ކަމަށްވެސް ދޭދަރު ފިލްމުގެ ފަރާތުން ބުންޏެވެ.
މައްސަލަ ހައްލުކުރަން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އާ ބައްދަލުކޮށް މަޝްވަރާކުރަން އުޅުމުން ވަޒީރު އެންގީ ޑެޕިއުޓީ މިނިސްޓަރަކާ ވާހަކަދެއްކުމަށް ކަމަށާއި ނައިބު ވަޒީރުވެސް މި މައްސަލަ ހައްލުކުރުމަށް އެއްބާރުލުން ދީފައި ނުވާކަންވެސް ކަޒްމިކް އިން ނެރުނު ބަޔާނުގައިވެ އެވެ.
Comment