9 ނޮވެންބަރު 2024 - 12:21 0
ލީވާން އަލީ ނާސިރު
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ކުރިއަށް ގެންދަން ސިންގަޕޫރު ކުންފުންޏަކާ އެކު ސޮއިކުރުން -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
9 ނޮވެންބަރު 2024 - 12:21 0
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) އިން އިހަވަންދިއްޕޮޅުގައި ބަނދަރެއް ތަރައްގީކޮށް، އެތަނުގައި ބަނދަރަށް ބޭނުންވާ ހިދުމަތްތައް ގާއިމު ކުރަން ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓް (ސީއޭއައި) އާ ހަވާލުކޮށްފި އެވެ.
އެ އެއްބަސްވުމުގައި އެމްއައިޑީއެފްޒެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެމްޑީ ޝިމާދު އިބްރާހިމް އެވެ. އަދި ސީއޭއައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީސީއޯ ޓަން ކުން ޗިއާއޯ ޖޯޖް އެވެ.
އެ އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅުގައި ބަނދަރު ތަރައްގީ ކުރުމުގެ އިތުރުން ބަނދަރަށް ބޭނުންވާ ހިދުމަތްތައް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އެ މަޝްރޫއާ ގުޅޭ އިތުރު ތަފުސީލެއް އިކޮނޮމިކް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ސޮއިކުރި އްބަސްވުއް ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅު ސަރަހައްދު ވިޔަފާރި އާއި ލޮޖިސްޓިކްސް ހަބަކަށް ބަދަލު ކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭނާ އެއްގޮތަށް މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ ސްކޯޕާއި ފިޔަވަހިތައް ތަރައްގީ ކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލެވޭނެ ކަމަށް މިނިސްޓްރިން ބުންޏެވެ.
އެމްއައިޑީއެފްޒެޑްއަކީ ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ބޭނުންވާ މުހިންމު މަޝްރޫއުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމަށް، ސަރުކާރުގެ ފަސް ކުންފުންޏެއްގެ ހިއްސާ ހިމެނޭހެން މިދިޔަ ޖެނުއަރީގެ ތެރޭގައި އުފެއްދި ކުންފުންޏެވެ.
އެ ކުންފުންޏަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ރައްކާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްނަގައިގެން ކުރިއަށްގެންދާ މަޝްރޫއުތައް ވެސް ލީޑުކުރާ ކުންފުންޏެވެ.
ސިންގަޕޫރުގައި ފަންޑް މެނޭޖްމަންޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ސީއޭއައި ކުންފުންޏަކީ އިންފްރާސްޓްރަކްޗާ، ފިންޓެކް، އައިޓީ، އިއާދަކުރަނިވި ހަކަތަ އަދި ހޮސްޕިޓާލިޓީ ފަދަ ތަފާތު ޕޯޓްފޯލިއޯތަކުން ޖުމްލަ 1.3 ބިލިއަން ޑޮލަރުގެ އެސެޓް މެނޭޖްކުރާ ކުންފުންޏެކެވެ.
އިކުއިޓީ ޓްރާންސެކްޝަންތަކާއި ޕްރައިވެޓް ޕްލޭސްމަންޓްތަކާއި ސްޓެރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ތަޖުރިބާ ފުޅާ ދާއިރާއެއްގައި ލިބިފައިވާ އެ ކުންފުންޏަކީ ޓްރާންސްފޯމޭޓިވް މަޝްރޫއުތަކުގައި މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ.
Comment