Advertisement

'މާލީ ބަގާވާތަކުން' ސަރުކާރު ވައްޓާލަން ރޭވުމުގެ ތުހުމަތާއި، ގާނޫނު ބުނާ ގޮތް

27 އޮގަސްޓު 2024 - 10:01 1

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


'މާލީ ބަގާވާތަކުން' ސަރުކާރު ވައްޓާލަން ރޭވުމުގެ ތުހުމަތާއި، ގާނޫނު ބުނާ ގޮތް

27 އޮގަސްޓު 2024 - 10:01 1

ދައުލަތުގެ އެންމެ މަތީ ވެރިޔާ އެ އިއުލާނުކުރެއްވީ، ކާޑުގެ މައުލޫމާތު ހޯދަން ބޭންކް އޮފް މޯލްޑިވްސްއިން ނުގުޅާނެކަން ޔަގީންވިޔަސް، ބޭންކް އޮފް މޯލްޑިވްސްއިން ބަގާވާތެއް ނުކުރާނޭކަމުގެ ޔަގީންކަމެއް ނެތްކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ، ދިވެހިރާއްޖޭގެ ނަމުގައި ހުޅުވުނު ފުރަތަމަ ބޭންކެވެ. ދިވެހި ބޭންކު އުފެއްދުމުގައި ދިވެހިރާއްޖެއަށް އެހީތެރިވީ ބަންގްލަދޭޝްގެ ސަރުކާރުންނާއި، އެގައުމުގެ އިންޓަރނޭޝަނަލް ފިނޭންސް އެންޑް އިންވެސްޓްމަންޓް ކޮމްޕެނީންނެވެ. އޭރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާއި، ސަރުކާރުގެ ޑިރެކްޓަރ އޮފް ފައިނޭންސް އަލްމަރުހޫމް އިސްމާއީލް ފަތުހީގެ ބުރަ މަސައްކަތްޕުޅާއެކު ގައުމީ ބޭންކު ގާއިމުކޮށް ހުޅުވުނީ 1982 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހު އެވެ.

"މި ބޭންކު ހުޅުވުމުގެ ކުރިންވެސް މާލޭގައި ބައިނަލްއަގުވާމީ ތިން ބޭންކެއް ހިނގަމުން އައި. އެއީ 1974 ވަނަ އަހަރު ހުޅުވި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި، 1976 ވަނަ އަހަރު ހުޅުވި ހަބީބް ބޭންކާއި އަދި 1981 ވަނަ އަހަރު ހުޅުވި ބޭންކް އޮފް ސިލޯން. ނަމަވެސް، ރާއްޖޭގެ އާންމު ރައްޔިތުންނަށް ބޭންކެއްގެ ބޭނުންތެރިކަން ގަބޫލުކުރެވި، ބޭންކަކުން މުޖުތަމަޢަށް ލިބެންޖެހޭ ހަގީގީ މަންފާ ފެންނަން ފެށީ، މި ބޭންކު ހުޅުވުމަށްފަހު." ބޭންކް އޮފް މޯލްޑިވްސްއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވި އެވެ.

ބޭންކު އުފެދުނު ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ފަހުރުވެރިކަމާއެކު އޮތީ ދިވެހިންގެ ހިދުމަތުގަ އެވެ. ކޮންމެ މުއައްސަސާއެއްގައިވެސް ހުންނާނޭފަދަ މައްސަލަތައް ހުރުމާއި، ރާއްޖޭގައި ހުރި އެންމެ ބާރު ގަދަ، އަދި އެންމެން ބަރޯސާވާންޖެހޭ މާލީ އިދާރާއަށްވުމުން އޮންނާނޭ ނުފޫޒާއި ބާރުވެރިކަމުގެ ނުރަނގަޅު އަސަރު ބައެއް ފަހަރު ކުރިނަމަވެސް، ބޭންކާމެދު މިފަހަރު އެކުރެވުނު ކަހަލަ ތުހުމަތެއް މީގެ ކުރިއަކުން ކުރެވިފައެއް ނެތެވެ. އެއީ ބަގާވާތުގެ ތުހުމަތެވެ.

ސަރުކާރުން ތުހުމަތުކުރާ ގޮތުގައި، ބޭންކް އޮފް މޯލްޑިވްސްއިން އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީއާ ގުޅިގެން ރޭވީ ބަގާވާތެކެވެ. އެއީ ސަރުކާރު ވައްޓާލުމަށްޓަކައި ރޭވިގެން ހިންގި އަމަލެކެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުންވެސް ވަނީ މި މައްސަލަ ތަހުގީގުކުރަމުން ގެންދަވާކަމަށް ވިދާޅުވެފަ އެވެ.

ގާނޫނުގެ ބަސް

'ބަގާވާތް' މި ލަފުޒު އައިސްފައިވަނީ ރާއްޖޭގައި އަމަލުކުރާ ގާނޫނުތަކުގެ ތެރެއިން ތިން ގާނޫނެއްގަ އެވެ. އެއީ ސިފައިންގެ ގާނޫނާއި ފުލުހުންގެ ގާނޫނާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތެވެ. ސިފައިންގެ ގާނޫނާއި ފުލުހުންގެ ގާނޫނުގައި ބަގާވާތްކުރުންކަމަށް ބުނެފައި ވަނީ އެ ދެ މުއައްސަސާއަށް ނިސްބަތްވާ މުވައްޒަފުން، މުއައްސަސާގެ ވެރިންގެ އަމުރަށް ނުކިޔަމަންތެރިވުން ހިމެނޭ ގޮތުން ކުރާ އެފަދަ އަމަލުތަކަށެވެ.

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށްޓަކައި ކުރާ ބަގާވާތުގެ ވާހަކަ އަންނަނީ ގާނޫނުލްއުގޫބާތުގެ 610 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ އިބާރާތުގައި އޮންނަނީ؛ "ރަޔަޓްކުރުމާއި ނުވަތަ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ހިތްވަރު ދޭ މީހާއާއި، އެއިން ކަމަކަށް އެހީތެރިވެދޭ މީހާއާއި، އެއިން ކަމެއް ކުރާ މީހާ، އެކުރަނީ ކުށެކެވެ." މިހެންނެވެ. އޭގެ އިތުރަށް އެ ގާނޫނުގައި ބަގާވާތްކުރުމާ ގުޅޭ ދެ ކުށެއްގެ ވާހަކަ ގެނެސްދީފައި އޮވެއެވެ. އެއީ ބަގާވާތްކުރުމަށް ހިތްވަރުދިނުމާއި ބަގާވާތެއްގައި ބައިވެރިވުމެވެ.

ބަގާވާތްކުރުމަށް ހިތްވަރު ދިނުމަކީ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި 5 މީހުންނަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަކަށް ހިތްވަރު ދިނުން ނުވަތަ އަމުރުކުރުން ނުވަތަ އިރުޝާދު ދިނުން، ނުވަތަ ހަދަންވީގޮތް ބަޔާންކޮށްދިނުމެވެ. އެއީ ޖިނާޔާތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ 6 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. އަދަބު ބޮޑުވާ ހާލަތުތައް ހުރިނަމަ 15 އަހަރު ދުވަހަށް ޖަލަށް ލެވިދާނެ އެވެ.

ބަގާވާތެއްގައި ބައިވެރިވުމަކީ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމުގައި ބައިވެރިވުމެވެ. އެއީ ޖިނާޔާތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. އެކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ. އަދަބު ބޮޑުވާ ހާލަތުތައް ހުރިނަމަ އެންމެ ގިނަވެގެން 4 އަހަރެވެ.

ގާނޫނުލްއުގޫބާތުގެ މިމާއްދާގެ ބޭނުމަށްޓަކައި ބަގާވާތްކުރުމުގެ ކުށް ފުރިހަމަވާނީ ކުށުގެ މަގުސަދާއި އަމަލު ސާބިތުވާން އޮވެގެންނެވެ. އަމަލަކަށްވާން ޖެހޭނީ 5 މީހަކަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަކަށް އިރުޝާދު ދިނުމާއި، ހިތްވަރު ދިނުމެވެ. އެ އަމަލުގެ މަގުސަދަކަށް ވާންޖެހޭނީ ސަރުކާރު ވައްޓާލުމެވެ. މި ދެކަންތައް ސާބިތުވެގެން ނޫނީ ބަގާވާތްކޮށްފިކަން ސާބިތެއް ނުވާނެ އެވެ.

ދެން އޮތީ ގާނޫނުލްއުގޫބާތުގެ މި މާއްދާ، އެ ގާނޫނުގެ 80 ވަނަ މާއްދާއާ ގުޅުވާލުމެވެ. އެއީ މައި ކުށުގެ އަމަލު ފުރިހަމަ ނުކުރިނަމަވެސް، އެ ކުށް ކުރަން އުޅެފިކަން ސާބިތުކޮށްދިނުމެވެ. އެކަން ސާބިތުކޮށްދެވޭނީ ކުށުގެ އަމަލު ފުރިހަމަކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅެއް އަޅައިފިކަން ރަމްޒުކޮށްދޭފަދަ އަމަލެއް ގަސްތުގައި ކޮށްފިކަން ސާބިތުކޮށްދީގެންނެވެ.

ފުލުހުންގެ ތުހުމަތުގެ ސަބަބުތަކަކަށް ބަލައިލުމެއް

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރަން މަސައްކަތް ކުރިކަމުގެ ތުހުމަތަށް ބާރުދޭ ތިން ސަބަބެއް ފުލުހުންގެ ނޫސް ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ. އެ ސަބަބުތަކަކީ؛

  1. ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުން.
  2. ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ 'ބޮޓް އެކައުންޓް' ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި، އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލުން.
  3. މިކަމަކީ ގާނޫނީ ސަރުކާރެއް ގާނޫނާ ހިލާފަށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއްކަމަށް ބެލުމުގެ ޖާގަ އޮތުން. މި ސަބަބުތަކެވެ.

ފުލުހުންގެ ފުރަތަމަ ސަބަބު ބިނާކުރާ އަމަލުގައި ބަގާވާތަކަށް މަގުފަހިވާނޭ ޖިނާއީ ކުށެއްގެ ވާހަކައެއް ނެތެވެ. އަދި 'ސަރުކާރުގެ މާލީ ހާލަތު' ބަޔާންކޮށްދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ވާހަކައަކީވެސް ހަގީގަތާ ހިލާފު ވާހަކަ އެކެވެ. އިދިކޮޅު އެމްޑީޕީން ބޭއްވީ ދައުލަތުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެކެވެ. އެއީވެސް ދެކަމެކެވެ.

ފުލުހުން ފާހަގަކުރައްވާފައިވާ ފުރަތަމަ ސަބަބުގައި ހަގީގަތުގައި ޖިނާއީ ކުށެއްގެ ތުހުމަތު ކޮށްފައި އެއޮތީ ސަރުކާރަށެވެ. އެއީ އާންމު ކުންފުންޏަކަށް ގާނޫނާ ހިލާފަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތެވެ. ބޭންކް އޮފް މޯލްޑިވްސްގެ ނިންމުންތައް ނިންމާ ގުނަވަނަކީ އެ ބޭންކުގެ ބޯޑެވެ. ހިއްސާދާރެއްގެ ހައިސިއްޔަތުން ސަރުކާރުން ބުނާން ބޭނުންވާ ބަސް ބުނާނީ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ މެންބަރުން މެދުވެރިކޮށެވެ. ބޭންކުން ނިންމި ނިންމުމެއް ނިންމާފައި އޮތީ ބޭންކުގެ ބޯޑުންނެވެ.

ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި އޮންނަނީ ބޭންކު ހިންގާނެގޮތުގެ އުޞޫލުތަކާއި ސިޔާސަތު ކަނޑައަޅައި، ބޭންކުގެ މެނޭޖްމަންޓުން ބޭންކު ހިންގާގޮތް ބެލުމުގެ މަސްއޫލިއްޔަތު އަދާކުރާނީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ. އަދި ހަމަ އެމާއްދާގެ (ޅ) ގައި އޮންނަނީ "ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން މަސައްކަތްކުރަންވާނީ ނުބައި ނިޔަތެއްނެތި، ތެދުވެރިކަމާއެކު ބޭންކަށް އެންމެ ފައިދާހުރި ގޮތަކަށެވެ." އެހެންވީމާ، ބޭންކުގެ ނިންމުންތައް ނިންމަންވީގޮތުގެ ލަފާ ދިނުމުގެ ހައިސިއްޔަތެއް ރައީސުލްޖުމްހޫރިއްޔާއަށް ނެތްކަން މިމާއްދާތަކުން ސާފުވެ އެވެ. ގާނޫނުން ދީފައި ނެތް ބާރެއް ބޭނުންކޮށްގެން، ތިމާގެ މަސްލަހަތަށް މަންފާހުރި ގޮތަކަށް ކަމެއް ލަންބުވަން މަސައްކަތްކުރުމަކީ ނުފޫޒު ފޯރުވުމުގެ ޖިނާއީ އަމަލެވެ.

ފުލުހުން ފާހަގަކުރައްވާ ދެވަނަ ސަބަބުގައި އެއޮތީ ޖިނާއީ ކުށެއްގެ ވާހަކަ އެވެ. އެއީ އާންމު ހަމަޖެހުން ނަގާލަން ރޭވުމެވެ. އެއީ ވަކި ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގުކުރުމަށް 'ބޮޓް އެކައުންޓް' ތައް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްގެން އެ ތަހުގީގު ކުރިއަށް ގެންދަންވީ އެވެ.

ފުލުހުންގެ ތުހުމަތު ތަކުގެ އަސްލު ސަބަބު އެއޮތީ ތިންވަނަ އަށެވެ. އެ ޖުމުލައިގައި 'އޮޕަރޭޓިވް' ލަފުޒަކީ 'ބެލެވުމެވެ.' ފުލުހުން ހިންގާން އުޅެނީ ޖިނާއީ ތަހުގީގަކަށްވާއިރު، 'ބެލެވުމާއި' 'ހީވުމަކީ' ޖިނާއީ ތަހުގީގެއް ފެށުމަށް 'ފުރަތަމަ ނަޒަރުން ބަލާއިރު ފުދޭ ހެއްކަކަށް' ނުވާނެ އެވެ. މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާން ފެށުމަކީ އެމީހާ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ވެއްދުންކަމަށްވާއިރު، އެފަދަ އިޖުރާއަތެއް ފަށާންވާނީ އެކަށީގެންވާ އަސާސެއްގެ މައްޗަށެވެ. ބެލެވުމާއި ހީވުމަކީ އެފަދަ އަސާސަކަށް ނުވާނެ އެވެ.

ގާނޫނުލް އުގޫބާތު ފަރުމާކުރުމުގައި ފަންނީ އެހީތެރިކަން ދެއްވީ ޕޯލް.އެޗް.ރޮބިންސަން އެވެ. ފަންނީ އެހީތެރިކަން ދެއްވީ އެކަންޏެއް ނޫނެވެ. ޑްރާފްޓުކުރައްވައި، އެ މާއްދާތަކުގެ ކޮމެންޓްރީ ލިޔުއްވައި ޕަބްލިޝްވެސް ކުރެއްވީ އެވެ. އެކަން ކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮންނަތާ ދިހަ ވަރަކަށް އަހަރުވީފަހުން މަޖިލީހުން އެ ގާނޫނު ފާސްކުރީ އެ މަޖިލީހުން ކަންކުރާ އާދައިގެ މަތީން ހަމަ ކުއްލިއަކަށެވެ.

ރޮބިންސަންގެ ޑްރާފްޓްގައި އަދި ކޮމެންޓްރީގައި ކުށުގެ އަމަލު ބަޔާންކުރުމަށް ބޭނުންކޮށްފައި އޮންނަ ބަހަކީ 'ވަޔަލަންޓް އޯވަރތްރޯ އޮފް ދަ ގަވަރމަންޓް' އެވެ. އެއީ 'އަނިޔާވެރިކަމާއެކު ބާރުގެ ބޭނުންކޮށް' ސަރުކާރު ވައްޓާލުން ނުވަތަ ވައްޓާލުމަށް މަސައްކަތްކުރުމެވެ. އެވާހަކައާ ގުޅުވައި ގެންނަވާފައިވަނީ ރަޔަޓްކުރުމުގެ ވާހަކަ އެވެ. އަދި އެ ދެ ލަފުޒުން އުފެދޭ ކުށް މާނަކުރުމުގައި ވިދާޅުވެފައި ވަނީ އެއީ 'އެއްވެސް ބާވަތެއްގެ އަނިޔާވެރިކަން ނުވަތަ ހަތިޔާރު ބޭނުންކޮށްގެން އިންގިލާބީ ނަތީޖާއެއް ހާސިލުކުރުމަށް މަސައްކަތްކުރުން' ކަމަށެވެ. ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރު ނުވިއްކާނޭކަމަށް ބުނުމަކީ 'މާލީ އަނިޔާވެރިކަމެއް' ކަމަށް ވެދާނެ އެވެ. އެހެންނަމަވެސް އެ އަމަލުން 'މާލީ ބަގާވާތޭ' ކިޔޭ ކުށެއް އުފަންވެގެނެއް ނުދާނެ އެވެ.

ރޮބިންސަންގެ ޑްރާފްޓުގައި އަދި އަޅުގަނޑުމެން މި އަމަލުކުރާ ގާނޫނުލްއުގޫބާތުގައިވެސް އޮތީ ސުލްހަވެރި އެއްވުން އެމާއްދާއިން އިސްތިސްނާކޮށްފަ އެވެ. ސަރުކާރު ވައްޓާލުމަށް ނުވަތަ ބަދަލުކުރުމަށް ގަސްތުކޮށްގެން އެކަމުގެ މައްޗަށް އަމަލުކުރުމަކީ ކުށަކަށްވެސް ނުވަނީ އެވެ. ކުށަކަށްވަނީ އެ މަގުސަދު ހާސިލުކުރުމަށް، އަނިޔާވެރިކަމާއި ބާރުގެ ބޭނުންކުރުމުގެ އުންސުރު އޭގެތެރެއަށް ވަނުމުންނެވެ.

ރާއްޖޭގެ މާލީ ހާލަތު މިދަނީ ދުވަހުން ދުވަހަށް ގޯހުން ގޯހަށެވެ. މި ދަނޑިވަޅުގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށާއި، ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރަށް ބާރު އެޅުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށްވެސް އޮންނާނޭ ޒިންމާއެކެވެ. ސިޔާސީ ޕާޓީތަކުން އެކަމުގައި އިސްނަގާންވީ އެވެ. މަޝްވަރާއިންނާއި، ސުލްހަވެރި އެއްވުންތަކާއި މުޒާހަރާތަކުގެ ޒަރީއާއިން ގައުމަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރަންވީ އެވެ. އެ މަންޒަރު ދެކޭން ބޭނުންނުވާނަމަ ކުރިއަށް ދާން ރާވާފައިވާގޮތުގެ ޕްލޭނާއި، ރައްޔިތުން އަމަލުކުރަންވީ ގޮތުގެ ސާފު އިރުޝާދު ސަރުކާރުން ދެއްވާނެ އެވެ.