އާސަންދައިން ބަލަމުންދާ މައްސަލައަކާ ގުޅިގެން، މައްސަލަ ބަލައި ނިމެންދެން އީވް ކްލިނިކް ސަސްޕެންޑުކޮށްފި އެވެ.
އާސަންދައިގެ އެމްޑީ އައިމިނަތު ޒީނިޔާ ވިދާޅުވީ އާސަންދަ ސްކީމް ތެރެއިން އީވް ކްލިނިކުން ހިދުމަތް ދިނުމުގައި ކަންތައްތަކެއް ފާހަގަކުރެވުމުން ތަހުގީގު ނިމެންދެން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
"ވަކި މުއްދަތަކަށް ސަސްޕެންޑު ކޮށްލާނެ އިންވެސްޓިގޭޝަން ނިމެންދެކަށް. އިތުރަށް އިންވެސްޓިގޭޓްކުރީމަ އިތުރަށް އެނގޭނީ އިޝޫތައް،" ޒީނިޔާ ވިދާޅުވި އެވެ.
އާސަންދައިން އީވް ކްލިނިކް ސަސްޕެންޑުކުރީ އޯގަސްޓް 12, ގަ އެވެ. އެއާއެކު އެ ކްލިނިކުން އާސަންދައިގެ އެއްވެސް ހިދުމަތެއް ސަސްޕެންޝަން އުވާލަންދެން ނުލިބޭނެ އެވެ.
ނުހޯދާ ހިދުމަތަކުން އާސަންދައަށް ބިލް ކުރި މައްސަަލަތަކެއްގައި މީގެ ކުރިން ވެސް އާސަންދައިން ވަނީ ބައެއް ކްލިނިކްތައް ސަސްޕެންޑުކޮށްފަ އެވެ.

އެގޮތުން މި އަހަރު ޖެނުއަރީ މަހު ޔޫރޯ މެޑިކަލް ކެއާ، ޑރ. ފިލް ފާމަސީ އަދި ސްޓެމް ސެންޓާ ވަނީ ސަސްޕެންޑުކޮށްފަ އެވެ.
މި އަހަރު ސަސްޕެންޑުކުރި ކްލިނިކްތަކުގެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.













