އާންމުވަމުންދާ ގޭމްބްލިން

އާންމުވަމުންދާ ގޭމްބްލިން

އަހަރެމެންގެ ވަށައިގެން އޮތީ ކަނޑެވެ. އެ ކަނޑުގައި އަހަރެމެންގެ ރިޒުގު އެތައް ބައިވަރެއް ވެއެވެ. ތަފާތު ބާވަތުގެ މަހުން ފެށިގެން ގޮސް އިންސާނުން ކައިބޮއިއުޅުމަށް ބޭނުންކުރާނެ މޫދުކާނާގެ އެންމެހާ ބާވަތެކެވެ. އަތުން ފައިން މަސައްކަތެއް ކުރުމަކާ ނުލައި ތިބިތާ ތިއްބައި، ބައެއް ރަށްރަށުގެ ފަޅަށް އައިނު އައިނަށް ބައިގަނޑުގަނޑަށް އެކި ބާވަތުގެ މަސް ވަންނަ ހާދިސާތަކަކީ ވަރަށް މަދުން ނޫނީ ނުއިވޭ ވާހަކަތަކެއް ނަމަވެސް އެއީ ހިނގާ ކަންކަމެވެ. ސުވާލަކީ، މޫދު ނުވަތަ ކަނޑުގައި ލެއްވި ރިޒުގު ހޯދުމަށް ހަމަ އެއްވެސް މަސައްކަތެއް ނުކޮށް، އެ ރިޒްގު އަމިއްލައަށް އެއްގަމަށް އެރުމުގެ ފުރުސަތު އޮތްތޯ ބަލަން އަތިރިމައްޗަށް ނުކުމެ ތިބުމަކީ ދީނީ ގޮތުން ކަންއޮތްގޮތް ބާއްވާފައި ބުއްދީގެ ހަމައިން ބަލާއިރު ކޮން ފަދަ ކަމެއްތޯއެވެ؟

އެހެން މިސާލެކެވެ. އަހަރެމެންގެ ރަށްތަކާއި މޫދާއި ދޮންވެލި ގޮނޑުދޮށްތަކުގެ ރީތިކަމަށްޓަކައި، ދުނިޔޭގެ އެތައް ބަޔަކު ހައިރާންވެ އަންތަރީސްވެއެވެ. އެބައިމީހުން އަހަރެމެންގެ މި ރީތި ރަށްތަކުގައި އެންމެ ދެތިން ރޭ ހޭދަކޮށްލުމަށް އެތައް ހާސް ޑޮލަރެއް ހޭދަކޮށްލަން އެތިބެނީ ތައްޔާރަށެވެ. އެކަމަކު ފަތުރުވެރިން ރާއްޖެ ގެންނަން މަސައްކަތެއް ނުކޮށް، އެކަން ނަސީބާ މަތިކޮށްގެން ތިބުމާމެދު ތިބާގެ ހިޔާލަކީ ކޮބާތޯއެވެ؟

ހަމަ ދަނޑުވެރިކަމުން ވެސް މި މިސާލު ނަންގަވާށެވެ. ދަނޑު ބިންތަކަށް ބަލަހައްޓައިގެން ތިބޭނީ އެވެ. ރަނގަޅު މޭވާތަކެއް އަޅާ ގަސްތަކެއް އެދަނޑުތަކުން ފޯދިއްޖެނަމަ އޭގެ އެއްބައި ކައިފައި، އަނެއްބައި ވިއްކާލާނީ އެވެ. ބަލަހައްޓައިގެން ތިއްބާ އެކަން ނުވެއްޖެނަމަ ދެން ތިބޭނީ އެވެ. މި ވިސްނުމާ ހިޔާލުގެ މޮޅުކަމާމެދު ތިބާގެ އައިޑިއާއަކީ ފަހެ ކޮބާތޯއެވެ؟

Advertisement

ވިސްނާފިކުރު ހިންގަވާށެވެ! މި މަހުގެ މުސާރައިގެ ގޮތުގައި ލިބުނީ ފަނަރަހާސް ރުފިޔާ އެވެ. އެއިން ގޭގެ ކުއްޔާއި ކަރަންޓް ބިލާއި ފެންބިލާއި އަދި އެހެނިހެން ހަރަދުތައްކޮށްފައި، ބާކީއެއް ނުވާނެ އެވެ. ވިއްޔާވާނީ މަދެވެ. އެކަމަކު އެ ހަރަދުތައް އިހަށް މަޑުޖައްސާލާފައި، ނަސީބު އަގުވަޒަންކޮށްލުމަށް ނަސީބުގެ ކުޅިވަރުތަކުން ކުޅިވަރެއްގައި ބައިވެރިވެލާ އެތަނުން ދިހަ ވަރަކަށް ހާސް ރުފިޔާ އިންވެސްޓްކޮށްލަމާ ހެއްޔެވެ؟ އޭރުން ފަހަރުގައި ނަސީބު އަތުގައި ހިފައިފިނަމަ، ސާޅީހަކަށް ހާސް ރުފިޔާވެސް ލިބިދާނެ ތޯއްޗެކެވެ. ނަސީބެއް ނެތްނަމަ، ދެން ވާނެ ގޮތެއް އިހަށް ނުވިސްނުމާމެދު ތިބާގެ ހިޔާލަކީ ކޮބާ ހެއްޔެވެ؟

އިސްލާމްދީން ތަރުހީބު ދެނީ ދުނިޔަވީ ސަބަބުތަކުގައި ހިފައިގެން ރިޒްގު ހޯދުމަށް މަސައްކަތްކުރުމަށެވެ. އިސްލާމްދީން ގޮވާލަނީ ކަންނެތްކަމާއި ފޮޑަރުކަން ދޫކޮށް ހީވާގިކަމާއި ހޭލުންތެރިކަމާއެކު ދުނިޔެއާ ކުރިމަތިލައި އެ ދުނިޔެ އާރާސްތުކުރުމަށެވެ. ނަސީބުގެ މައްޗަށް ބަރޯސާވެގެން ތިމާ މުއްސަނދިވެދާނެކަމަށް ބަލައިގެން ނަސީބު ވަޒަންކުރުމުގައި ވަގުތުތައް ހޭދަކުރުމަކީ، މި އުސޫލުތަކާ ދިމާ އިދިކީލި ކަންކަމެވެ. އަދި ނަސީބު ވަޒަންކުރުމަށް އަތުގައި ހުރި ފައިސާ ހޭދަކުރާނަމަ އެއީ ކަނޑައެޅިގެން ހުރި ހަރާންކަމެއްގެ ގޮތުގައި އިސްލާމްދީން ކަނޑައެޅީ ވެސް މިހެންވެގެންނެވެ.

އަހަރެމެންނަކީ އެ އިންސާނާ އެވެ. މީހެއްގެ ނުހަނު ބުރަ މަސައްކަތާއެކު އޭނާ މުއްސަނދި ވިޔަސް އަހަރެމެންގެ ގިނަ މީހުން އެމީހާއަށް ބަލަނީ ހަސަދަވެރިކަމުގެ ލޮލުންނެވެ. އެމީހާ މަރުވުމުން އޭނާގެ ދަރިންނަށް އެ މުއްސަނދިކަން ވާރުތަވެއްޖެނަމަ، އަހަރެމެން ބުނެއެވެ. ގައިމު އޭނާގެ ދަރިއަށް އެމުއްސަނދިކަން އެލިބުނީ ހައްދަވައިން ކުރި މަސައްކަތަކާ ނުލައެވެ. މިތަބީއަތުގެ އިންސާނާގެ އަތުގައި ހުރި ތަކެތި އެހެން މީހެއްގެ ނަސީބުން އެކަނި އެމީހަކަށް ލިބި އެ މީހަކު މުއްސަނދިވެއްޖެނަމަ، ހަސަދަވެރިކަން ކޮންފަދަވާނެތޯއެވެ؟ ރުޅިވެރިކަން ކިހާވަރެއް ވާނެތޯއެވެ؟

ޖުވާގެ ކުޅިވަރު ބާވަތްތަކަށާއި އަހަރެމެން އިންސާނުންގެ ނަފުސުގެ ތަބީއަތަށް ނަޒަރެއް ދެއްވާށެވެ. ޖުވާއިން ނުވަތަ ނަސީބުގެ ކުޅިވަރަކަށް ފައިސާ ހޭދަކޮށްގެން ކާމިޔާބުވާހިނދު ކާމިޔާބުވަނީ ހަގީގީ އުފެއްދުންތެރިކަމަކާ ނުލައެވެ. އަނެކާގެ އަތުގައި އޮންނަ އެއްޗެއް ތިމާއަށް ލިބެނީ ބަދަލުކުރެވޭ މަންފާއެއް ނެތިއެވެ. ވުމާއެކު ޖުވާއަކީ އެކަކަށް ކިތަންމެ ބޮޑު ފައިދާއެއް ވިޔަސް އެ ފައިދާއާ އެއްވަރުގެ ގެއްލުމެއް އަނެކާއަށް ނުލިބި ނުދާނެ ގޮތަށް އޮންނަ ކުޅިވަރެކެވެ. އެކަކަށް އިންތިހާއަށް އެއިން ކާމިޔާބު ލިބުނު ނަމަ، އެނިސްބަތަށް ގެއްލުންވީ މީހުން އެޔަށްވުރެ އިންތިހާއަށް ގިނަވާނެއެވެ. ޖަމާއީ ސިފައެއްގައި ބައެއްގެ އިގުތިސާދީ ހާލަތަށް މިއަށްވުރެ ބޮޑު އެހެން ކާރިސާއެއް އަންނާނެތޯ އެވެ. އަދި ބައެއްގެ މެދުގައި ހަސަދަވެރިކަމާއި ރުޅިވެރިކަން ބޮޑުވާން މިއަށްވުރެ އެކަށީގެންވާ އެހެން ސަބަބެއް އުފަންވެދާނެތޯ އެވެ.

ގެއްލުންވީ ފަރާތަށް ގެއްލުން ވަނީ އޭނާއަށް ހެދުނު ގޯހެއް ނެތި ހަމައެކަނި އޭނާގެ ބަދުނަސީބުން ކަމަށް ގަބޫލުކުރެވުމުގެ ނަތީޖާއަކީ، ސަބަބެއް ނެތި ލިބުނު ގެއްލުމުގެ ބަދަލު ސަބަބެއް ނެތި ލިބުމަށް އުންމީދުކުރެވުމެވެ. އާދޭހެވެ! ބަނގުރޫޓުވެ ދަރާވިކެންދެން ނަސީބުގެ ކުޅިވަރުތަކުގައި ދެވިހިފައިގެން މީހުން އުޅެނީ އެހެންވެގެންނެވެ. އޭގެ ނަތީޖާއިން ބިކަވެދަނީ އެތައް އާއިލާއެކެވެ. ނެތިދަނީ އެތައް ބަޔެއްގެ ގެދޮރެވެ. އުފުރިދަނީ އެތައް ބައެއްގެ ހަމަވިސްނުމާއި ސިކުނޑިއެވެ.

އަލްމާއިދާ ސޫރަތުގެ 90 ވަނަ އާޔަތުގައި މާތް ﷲ މިއެންމެހާ ކަމެއް ކުރު ޖުމުލައަކުން ބަޔާންކުރައްވާފައިވާ ގޮތުގެ ފުރިހަމަކަމާއެވެ! "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިތާނާގެ އަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ކާމިޔާބުވުމަށްޓަކައެވެ."

ބުނާ މީހުން ބުނެއެވެ. ބައެއް ގައުމުތަކުގައި ކެސިނޯގެ ސަބަބުން އެބައި މީހުންގެ އިގުތިސާދަށް މުއްސަނދިކަން ލިބެމުންދެ އެވެ. އަދި އެއީ ވަޒީފާގެ އިތުރު އެތައް ހާސް ފުރުސަތެއް ހުޅުވޭ ދާއިރާއެއްކަމުގައިވުމުން ވަޒީފާ ނެތް އެތައް ބަޔަކަށް ވަޒީފާ ހަމަޖެހިގެންދެއެވެ. އަދި އޭގެ އިތުރުން އެއީ ކުޅިވަރެއް ކަމުގައިވާތީ އިންސާނުން ހިތްހަމަޖެހިގެން ތިބުމުގެ ސަބަބުން ނުކުންނަ އެދެވޭ ނަތީޖާތަކާއި، ގުޅުންތައް ވަރުގަދަވުންފަދަ ރަނގަޅު ނަތީޖާތައް އެކަމުގައި ހިމެނޭކަމަށް ޖުވާގެ އަހުލުވެރިން ބުނެއެވެ. އެއީ ތެދެއް ނޫންކަން އެނގެނީ އެއީ ތެދެއްނަމަ ކެސިނޯ ނޫން އެއްޗެއް އެއްވެސް ތަނެއްގައި އަޅާނެކަމެއް ނެތީމައެވެ. އުފެއްދުންތެރިކަމެއް ނުވާ ބަދަލުކުރެވޭ މަންފާއަކާ ނުލައި، އެކެއްގެ އަތުން އަނެއްކެއްގެ އަތަށް ފައިސާ ނަގުލުވުމުގައި، ކޮންމެވެސް އެކެއްގެ ނުވަތަ އެހެންޏާ ކޮންމެވެސް އެއްބައެއްގެ ފަގީރުކަމާއި ބިކަވެދިއުން އޭގައި ނުހިމެނޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެތީއެވެ.

މިދިޔަ ހަފުތާގައި އެކަނި ތަފާތު އެކި ނަންނަމުގައި ހުރި ޕްލެޓް ފޯމުތަކާ ގުޅިގެން ދިހަވަރަކަށް ފަރާތުން މިވެނި ގޭމިން ޕްލެޓްފޯމަކީ ޖުވާތޯ ނުވަތަ އޭގައި ބައިވެރިވުން ހަރާންތޯ އަޅުގަނޑާ ސުވާލުކޮށްފައިވެ އެވެ. ނަމަވެސް ދިވެހި ޒުވާނުން އާންމުކޮށް ބައިވެރިވަމުންދާ ބައެއް ބާވަތުގެ ގޭމިން ޕްލެޓްފޯމުތަކަކީ ހަރާންވެގެންވާ ޖުވާކަމުގައި ބުނުމަށް ފުދޭވަރުގެ ދިރާސާއެއް އަޅުގަނޑަށް އަދިކުރެވިފައެއް ނެތެވެ. އެހެން ނަމަވެސް މިކަމުން އެނގެނީ މިއީ ދިވެހި ޒުވާނުންގެ މެދުގައި އާދަޔާ ހިލާފަށް މިހާރު އާންމުވެފައިވާ އައު ބާވަތަކުގެ ކަމެއް ކަމެވެ. އަދި މިކަމަކީ ގާނޫނަކުން އުފަންކޮށްފައިވާ ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުގެ ގާނޫނީ އަދި ދީނީ ދައުރު އެކަމުގައި އޮތް އެމަޖިލީހުން އެކަށީގެންވާ ދިރާސާއަކަށްފަހު އަވަސް ފަތުވާތަކާއި އެމައްޗަށް ދައުލަތުގެ އަވަސް ފިޔަވަޅުތަކެއް ބޭނުންވެފައިވާ މައްސަލައެއްކަމެވެ.

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox