ޚަލީފާ މުޙައްމަދުލްމުޤްތަފީ ދިވެހިންނަށް ހާއްސަވަނީ ކީއްވެ؟

ޚަލީފާ މުޙައްމަދުލްމުޤްތަފީ ދިވެހިންނަށް ހާއްސަވަނީ ކީއްވެ؟

މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު އަހަރެމެން އެންމެންނަށްވެސް އެނގެ އެވެ. އެކަލޭގެފާނު ޚަލީފާކަމުގައި ވެގެންދިޔައީ މާތް ނަބިއްޔާ ސުވަރުގެވަޑައިގަތުމުން، މުސްލިމުންގެ ބޮޑެއްޗަށް ތިބި މީހުން އެކަލޭގެފާނަކީ ވެރިމީހާ ކަމަށް ބައިޢަތު ހިފުމުންނެވެ. އިސްލާމީ އުންމަތުގައި އެންމެންގެ މައްޗަށް ބަސްކިޔޭ ވެރިއެއްގެ ގޮތުގައި އޭރު ހުންނަވާނީ ޚަލީފާގެ މަގާމުގައި އެހުންނަވާ ބޭކަލެއް އެކަންޏެވެ. މިގޮތަށް އޮތް ނިޒާމު ނިމުމަކަށް އައީ މީލާދީން 1924 ވަނަ އަހަރުގައެވެ. ހިޖުރީ ސަނަތުން އެއީ 1342 އެވެ. އެފަހުން ދުނިޔެ ދެކެމުން މިދަނީ، ބިމުގެ ވަކި ސަރަހައްދަކުން އިން ކަނޑައެޅިފައި އޮންނަ ދައުލަތްތަކެކެވެ. ކޮންމެ ދައުލަތެއް ހިންގަނީ އަނެއް ދައުލަތާ ވަކިންނެވެ. ކޮންމެ ދައުލަތެއްގެ މީހުން ބޯލަނބަން ޖެހެނީ އެ ދައުލަތެއްގެ ވެރިންނަށެވެ.

ކޮންމެއަކަސް މީލާދީ ސަނަތުން 632 ވަނަ އަހަރުން ފެށިގެން 1924 އާ ދެމެދަށް ފާއިތުވީ، 1292 މީލާދީ އަހަރުގެ މުއްދަތުގައި، އިސްލާމީ އުންމަތުގައި ޚަލީފާއަކު ހުއްޓެވެ. އެއީ ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ތިބޭ ކޮންމެ މުސްލިމަކު ބޯލަންބަންޖެހޭ އެންމެ އިސްވެރިމީހާގެ ގޮތުގައެވެ.

އެއްދަރިކޮޅަކުން އެންމެ ދިގު މުއްދަތަކަށް އިސްލާމީ ޚިލާފަތެއްގެ ގޮތުގައި ރަސްކަމެއް ހިންގެވި އިސްލާމީ ދަރިކޮޅަކީ އައްބާސީ ދަރިކޮޅެވެ. އެހެންވެ އެއީ އައްބާސީ ހިލާފަތޭ ކިޔައެވެ. ނުވަތަ އައްބާސީ ދައުލަތޭ ކިޔައެވެ. މިނަން ނިސްބަތް މިވަނީ މާތް ނަބިއްޔާގެ ބޮޑު ބޭބޭފުޅެއްކަމުގައިވާ ޢައްބާސް ބިން ޢަބްދުލްމުއްޠަލިބަށެވެ. އައްބާސީންގެ އިސްލާމީ ހިލާފަތަކީ އެދަރިކޮޅުން އައި ބޭކަލުންކޮޅެއް އިސްވެ ތިއްބަވައިގެން ގާއިމުކުރެއްވި ރަސްކަމަކަށްވާތީ އެވެ.

Advertisement

ސުރުހީގައި އަޅުގަނޑު ދަންނަވާފައިވާ ޚަލީފާ މުޙައްމަދުލްމުޤްތަފީއަކީ މިދަރިކޮޅުން ވަޑައިގެންނެވި ޚަލީފާއެކެވެ. އެއީ އިސްލާމީ އުންމަތުގެ 56 ވަނަ ޚަލީފާއެވެ. ޚަލީފާ ކަމަށް ބައިޢަތު ހިފެވުނީ ހިޖުރައިން 530 ވަނަ އަހަރުގަ އެވެ. އެއީ މީލާދީން 1136 ވަނަ އަހަރުގަ އެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅުން 40 އެވެ. ޚަލީފާކަން ލިބިވަޑައިގެންނެވިއިރު، ސިޔާސީ ގޮތުން އެތެރޭގެ ހަނގުރާމަތައް ބާރެވެ. ނަމަވެސް ހިކުމަތްތެރިކަމާއި ޖެހިލުން ކުޑަކަމަށް މަޝްހޫރު މި ޚަލީފާ އެކަންކަމުގައި ކާމިޔާބު ހޯއްދެވި އެވެ. އަދާވާތްތެރިންގެ މައްޗަށް ނަސްރު ހޯއްދަވައި، އިސްލާމީ އުންމަތް އަދި އައްބާސީ ދައުލަތް އެކަތިގަނޑަކަށް ހައްދަވައި ވެރިކަމުގެ ހައިބަތު ނެގެހެއްޓިވިކަމުގައި އިމާމް ސުޔޫޠީ މި ޚަލީފާއާ ބެހޭ ގޮތުން ވިދާޅުވެފައިވެ އެވެ. ތާރީހު އިލްމުވެރިން މި ޚަލީފާ ސިފަކުރައްވާފައި ވަނީ، އުޅުން ރިވެތި، ބުއްދިވެރި އަދި ސިޔާސީ ގޮތުން ކުޅަދާނަ ލީޑަރެއްގެ ގޮތުގަ އެވެ. ހިޖުރައިން 555 ވަނަ އަހަރު، މީލާދީ ސަނަތުން 1160 ވަނަ އަހަރު އަވަހާރަވުމާ ހަމައަށް މި ޚަލީފާ މަގާމުގައި ހުންނެވި އެވެ. އަދި އެއީ އިސްލާމީ މުޅި އުންމަތަށް ޚަލީފާއެއްގެ ގޮތުގަ އެވެ.

އާދޭހެވެ! އެއީ އަމީރުލްމުއުމިނީން އަދި ޚަލީފަތުލްމުސްލިމީން އަބޫ ޢަބްދުﷲ މުޙައްމަދުލްމުޤްތަފީ ލިއަމްރިﷲ ނަމަކަށް ކިޔުނު ޚަލީފާ އެވެ. މި ޚަލީފާ ދިވެހިންނަށް ހާއްސަ ވަނީ މި ޚަލީފާ އިސްލާމީ އުންމަތުގެ ޚަލީފާކަން ކުރެއްވި ދުވަސްވަރުގެ ސަބަބުންނެވެ. ހިޖުރައިން 548 ވަނައަހަރު، މީލާދީ ސަނަތުން 1153 ވަނަ އަހަރު، ރާއްޖެ އިސްލާމްވިއިރު، އިސްލާމީ އުންމަތުގެ ޚަލީފާކަމުގައި ހުންނެވީ މިކަލޭގެފާނެވެ.

ޚަލީފާ މުޙައްމަދުލްމުޤްތަފީގެ ޚަލީފާކަމުގެ ދަރުބާރު އޮތީ ބަޣްދާދުގަ އެވެ. އޭރު އިސްލާމީ ދުނިޔޭގައި ވަކި ވަކި އިސްލާމީ އެހެން ދައުލަތްތައް ވެސްވެ އެވެ. އެހެންވީމާ މިމައުލޫގައި އެފަދަ ބައެއް ދައުލަތްތަކާއި އެދައުލަތްތަކުގެ ޚަލީފާއިންގެ ގޮތުގައި ތިއްބެވި ބޭކަލުން ފާހަގަކޮށްލުމަކީ ވެސް މުހިންމު ކަމެއްކަމުގައި ފެނެ އެވެ.

ރާއްޖެ އިސްލާމްވިއިރު، އައްބާސީ ދައުލަތުގެ އިތުރުން، އިސްލާމީ ވެރިކަން ހިނގާ ދައުލަތްތަކުގެ ގޮތުގައި، މިސްރުގައި ފާތިމީ ދައުލަތް އޮތެވެ. އަދި މަޣްރިބް ކަރައިގެ ރަށްތަކުގައި ގައި އޮތް އަލްމުވައްޙިދޫން ގެ ދައުލަތް އޮތެވެ. މި ދެ ވެރިކަމުގައި ވެސް އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭކަލުންގެ މަގާމުގެ ނަމަކީ ހަމަ ޚަލީފާއެވެ. އޭރު މިސްރުގައި އޮތް ފާތިމީ ދައުލަތަކީ ޝިޔަޢީ މަޒުހަބުގެ ދައުލަތެކެވެ. އައްބާސީ ދައުލަތާ މުޅިން ވަކިން މުސްތަގިއްލުކޮށް އޮތް ދައުލަތެކެވެ.

މަޣްރިބު ކަރައިގެ ސަރަހައްދުގައި އޭރު ފުޅާވަމުންދިޔަ އަލްމުވައްޙިދޫންގެ ދައުލަތުގެ ވެރިއެއްގެ ގޮތުގައި ހުންނެވީ ޚަލީފާ ޢަބްދުލްމުއުމިން ބިން ޢަލިއްޔުލްކޫމީއެވެ. ރާއްޖެ އިސްލާމްވި އަހަރުކަމަށްވާ 1153 ވަނަ އަހަރަކީ މިދައުލަތުގެ މީހުން އަލްޖީރިޔާ ފަތަހަކުރި އަހަރެވެ.

ރާއްޖެ އިސްލާމްވީ ބަރްބަރީގެފާނުގެ އަތްމައްޗަށްތޯ ނުވަތަ ތަބްރޭޒީގެފާނުގެ އަތްމައްޗަށްތޯ ކުރެވޭ ބަހުސްގައި އަޅުގަނޑު ހިތުން މަޣްރިބް ކަރައިގައި އޭރު އޮތް އަލްމުވައްޙިދިއްޔާ ދައުލަތް ދިރާސާކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ އިސްލާމީ ދައުވަތު ދިން ބޭބޭކަލުން ޚަލީފާއަކީ ކޮބައިކަން އުގަންނައިދިނުމަކީ، ވަރަށް އަސާސީ ގޮތެއްގައި ކުރަމުން އައި ކަމަކަށްވާތީ އެވެ. އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ ނިސްބަތްވާ މަޣްރިބް ކަރައިގައި އޭރު އޮތީ، އިސްލާމީ މައި ޚިލާފަތުން ވަކިވެ މުސްތަގިއްލުކޮށް އޮތް ވަކި ދައުލަތެކެވެ. އަބުއްރިކާބް ޔޫސުފުއްތަބްރޭޒީ ނިސްބަތްވާ އިރާންގައި އޮތީ ޢައްބާސީ ޚިލާފަތުގެ ވެރިކަމެވެ.

ފަހުގެ ޚަބަރު

ސިޓީބިޓީ: އިހުތިރާމާ ގުޅޭ ގޮތުން ރައީސް މުއިއްޒަށް ސުވާލެއް!

ރައީސް ޑރ. މުއިއްޒު "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހު ކުރެއްވި ނަމަވެސް، އެ މަޝްރޫއުގެ ތަފްސީލާއި އިހުތިރާމުގެ މާނަ ސާފުކޮށްދެއްވާފައި ނުވާތީ މި ލިޔުމުގައި ވަނީ ފާޑުކިޔާފައެވެ. އަދި މުޅި ގައުމަށް ނަސޭހަތް ދެއްވުމުގެ ކުރިން، ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން އެ ބޭފުޅުންނަށް އިހުތިރާމް ކުރަން ދަސްކޮށްދެއްވާފައިވޭތޯ ލިޔުމުގައި ސުވާލު އުފައްދާފައިވެއެވެ.

ރިންގު ހުސްވަންދެން ދިހަ ބާރަފަހަރަށް ގުޅުމުގެ ދީނީ ހުކުމް

ތިމާގެ އެކުވެރިޔާގެ ހާލަތްތަކާއި އުޒުރުތަކެއް ހުރެދާނެކަމަށް ބެލުމެއް ނެތި އެކުވެރިޔާއަށް އުނދަގޫވާނެހެން ދިހަބާރަ ފަހަރަށް ރިންގު ހުސްވަންދެން ފޯނުކޮށްކޮށް ހުރުމަކީ އެކުވެރިޔާގެ ޑިޖިޓަލް ޕާރސަނަލް ސްޕޭސްއަށާއި ބައުންޑަރީއަށް އަރައިގަތުމެވެ. އެކަމަކީ ދީނީގޮތުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

ތަދުވަނީތަ ހިތަށް؟ ތިއީ ދެން ކޮންކަމެއް؟

މި ލިޔުމަކީ ފަރެސް އާމިރުގެ ޅެންތަކުގެ ތެރެއިން، 'ހުސްވަތެއް ދުޅައަށް ގުނުން މަކަރަށް ވެދާށި' މި ޅެމުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ބަލާލާފައިވަނީ އެ ޅެމުގެ ވަކިވަކި ބައިތުތަކުގެ މާނައަށެވެ.

އަހަރެން ވެސް ތަރައްގީ ދެކެން ބޭނުން... އެކަމަކު

1977 ވަނަ އަހަރު ސޮވިއެޓް ޔޫނިއަނުން އައްޑޫ ގަން ކުއްޔަށް ހިފަން ހުށަހެޅި ބޮޑު އަގު، ރާއްޖޭގެ މިނިވަންކަމާއި ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ދެމެހެއްޓުމަށްޓަކައި ރައީސް ނާސިރު ދޫކޮށްލެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލައި، ގައުމީ މަސްލަހަތަށް އިސްކަންދެއްވައިގެން މުހިންމު ފިޔަވަޅުތަކެއް އެމަނިކުފާނު އެޅުއްވިއެވެ.

ސިންގަޕޫރާއި ދެކުނު ކޮރެއާގެ ފޮރިން އިންވެސްޓްމަންޓާ އަޅާކިޔުން

ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް މުހިންމު ނަމަވެސް، ބިން ދޫކުރުމުގައި ދައުލަތަށް ލިބޭ ދާއިމީ ފައިދާއާއި ނުރައްކަލަށް ވިސްނަންޖެހެއެވެ. ސިންގަޕޫރު ފަދަ ގައުމުތަކުގައި ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރަނީ ހާމަކަންބޮޑު ބީލަމުގެ ނިޒާމެއްގެ ތެރެއިން، ވަކި މުއްދަތަކަށް ކުއްޔަށް ކަމަށްވާއިރު، ބިމުގެ މިލްކިއްޔާތާއި ބަނދަރު ފަދަ މުހިންމު ވަސީލަތްތައް ބާއްވަނީ ދައުލަތުގެ ބާރުގެ ދަށުގައެވެ. އެހެންކަމުން ރާއްޖޭގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު މިފަދަ ކާމިޔާބު ނަމޫނާތަކަށް ބަލައި، ދައުލަތުގެ މަންފާ އިސްކުރުން މުހިންމެވެ.

އީގަލް ހިލްސްއާ ނުލައި ވެސް ރަސްމާލެއިން ދާއިމީ ނަފާ ހޯދިދާނެ

ރަސްމާލެ ޓޫރިޒަމަށް އީގަލް ހިލްސްއަށް ދޫކޮށްލައިގެން ނުވާނެ. އޭގެ ބަދަލުގައި، ދިވެހިންގެ ފުރިހަމަ މިލްކުވެރިކަން އޮންނަ "ރަސްމާލެ ހިއްސާ" ކުންފުނިން ބިމުގެ ކޮންޓްރޯލް ހިފަހައްޓައި، ދައުލަތް އެންމެ ލޯނެއް ވެސް ނުނަގައި، ވަޒީފާތަކަށް އަމާޒުކޮށް އަމިއްލަ ހަރަދު އަމިއްލައަށް ބަލަހައްޓާ ދިރުންހުރި ސިޓީއެއް ބިނާކުރަންވީ.

ރައްޔިތުންގެ 'އިހުތިރާމު އަތުލުމުގެ' މަޝްރޫއު

ރާއްޖޭގައި އަހުލާގާއި އިހުތިރާމު ކުރުމުގެ ސިފަ އާލާކުރުމަށްޓަކައި، ރައީސް މުއިއްޒު ވަނީ ފަސް އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެއް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ. މި ކެމްޕޭނަކީ ދުނިޔޭގެ ބައެއް ޑިކްޓޭޓަރުން ރައްޔިތުންގެ އަހުލާގު ބައްޓަންކުރަން ހިންގި ފަދަ ހަރަކާތްތަކާ އެއްގޮތް ކަމެއް.

Newsletter

Get the latest news delivered straight to your inbox