Advertisement

އެމްއޭސީއެލްއިން ބުނަނީ ސީޕްލޭން އޮޕަރޭޝަންސް ބަދަލު ކުރާނެ ވަކި ރަށެއް އަދި ނުނިންމާ ކަމަށް

6 ޖަނަވަރީ 2024 - 12:51 2

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރައީސް އޮފީހުން ދައްކާލި ކުރެހުމުގައި ޝެރަޓަންއަށް ސީޕްލޭން ޓާމިނަލް ބަދަލުކޮށްފައި: މިހާރު ބުނަނީ ޝެރަޓަންއަށް ބަދަލުކުރަން ނުނިންމާ ކަމަށް -- ފޮޓޯ: އިޔާން/އަދަދު


އެމްއޭސީއެލްއިން ބުނަނީ ސީޕްލޭން އޮޕަރޭޝަންސް ބަދަލު ކުރާނެ ވަކި ރަށެއް އަދި ނުނިންމާ ކަމަށް

6 ޖަނަވަރީ 2024 - 12:51 2

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަދި އެސްއީޒެޑް ޒޯން ޕްރޮޖެކްޓުގެ 20 އަހަރުގެ މާސްޓާ ޕްލޭންގެ ދަށުން، ނޫވިލު ސީޕްލޭން ޓާމިނަލްގައި ދެމުން އަންނަ ސީޕްލޭންގެ ހުރިހާ ހިދުމަތްތައް ބަދަލު ކުރަން ނިންމި ނަމަވެސް ބަދަލު ކުރާނެ ވަކި ރަށެއް އަދި ނުނިންމާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ ތިން ވަނަ ފިޔަވަހި އިފުތިތާހު ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުން ބުނީ، ސީޕްލޭން ޓާމިނަލާއެކު ސީޕްލޭން އޮޕަރޭޝަންސް، ހުޅުލޭ ކައިރީ އޮންނަ ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު އެންޑް ސްޕާ ހިންގާ ފުރަނަފުއްޓަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖަރު ޝަމްއާން ޝާކިރު މިއަދު 'އަދަދު' އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބަދަލު ކުރަން ނިންމާފައި ވަނީ ސީޕްލޭން ޓާމިނަލް ނޫން ކަމަށާއި ބަދަލު ކުރާނީ ޓާމިނަލްގެ އޮޕަރޭޝަންސްތައް ކަމަށެވެ. އަދި އެ އޮޕަރޭޝަންސްތައް ބަދަލު ކުރާނެ ވަކި ރަށެއް ނިންމާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސީޕްލޭން އޮޕްރޭޝަންސް ބަދަލުކުރާނެ ތަނެއްގެ ފައިނަލް ޑިސިޝަންއެއް ނުނަގާ. ރައީސް އިއުލާން ކުރެއްވި ކޮންސެޕްޓްގެ ދަށުން ސީޕްލޭން އޮޕަރޭޝަން ބަދަލުކުރާނެ. އެއާއިއެކު މިހާރުގެ ސީޕްލޭން ޓާމިނަލް ބަދަލުވެގެންދާނީ އެހެން ހިދުމަތެއްދޭ ތަނަކަށް،" ޝަމްއާން ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެ އެންމެ މުހިންމު އެއް ބަޔަކީ ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލު ކުރުން ކަމަށެވެ.

"އެހެންވީމާ، މި ހުރިހާ ކަމެއް އެކުއެކީގައި ކުރިއަށް ގެންދެވޭ ނަމަ، އަޅުގަނޑުމެންނަށް ހާސިލުކުރެވޭ ހިސާބުގައި ހުރި ކަންކަން މިއީ. އެހެންވީމާ، މި އަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މި ޕްލޭންގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މި މަސައްކަތް ކުރުމުގައި ކޮންމެހެން ފުރަތަމަ ފަށަންޖެހޭ މަސައްކަތްތައް ފެށިގެންދާނެ. އެއީ، ސީ ޕްލޭން ޓާމިނަލް، އެ ބަދަލުކުރަންޖެހޭ ބަދަލުކުރުން. ސީ ޕްލޭން ޓާމިނަލް އެހެން ތާކަށް ބަދަލުކުރުމުގެ މަގުފަހިކުރެވިގެން ދިޔައިމަ، އަޅުގަނޑުމެންނަށް މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނެ،" ރައީސް ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހު ސަރުކާރުން ބުނީ، އެ ޕްރޮޖެކްޓުގެ ދަށުން ނޫވިލު ސީޕްލޭން ޓާމިނަލް ބަދަލުކުރަން ނިންމާފައިވަނީ މިހާރު "ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ" ހިންގާ ފުރަނަފުށި އަށް ކަމަށެވެ. އެ ރަށުގައި ތަރައްގީކުރަން ނިންމާފައިވާ ސީޕްލޭން ޓާމިނަލުގައި ތިން ވޯޓާ ރަންވޭ އަދި ފަސް ސީޕްލޭން އޮޕަރޭޓަރުންނަށް އޮޕަރޭޓްކުރެވޭ ފެންވަރަށް ކެޕޭސިޓީ އިތުރުކުރާނެ އެވެ.

ނޫވިލު ސީޕްލޭން ޓާމިނަލަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލް އެވެ. އެގޮތުން ޓާމިނަލްގެ ބޮޑުމިނުގައި 28،000 އަކަމީޓަރު ހުންނައިރު، ޓާމިނަލުގައި ހުންނަ އެމްއާރުއޯ ފެސިލިޓީގެ ބޮޑުމިނަކީ 8،836 އަކަމީޓަރެވެ.

އެ ސީޕްލޭން ޓާމިނަލްގައި 100 އަކަމީޓަރުގެ ވީވީއައިޕީ ސެކްޝަނެއް ވެސް ހުރެ އެވެ. މީގެ އިތުރުން ނޫވިލު ސީޕްލޭން ޓާމިނަލްގައި ޖުމްލަ 42 ލައުންޖު ހުންނައިރު، މީގެތެރެއިން 40 ލައުންޖު ވަނީ ރިސޯޓްތަކަށް ކުއްޔަށް ދީފަ އެވެ. ކުއްޔަށް ދޫނުކުރާ ދެ ލައުންޖު ހިންގަނީ އެމްއޭސީއެލް އިންނެވެ. އެމްއޭސީއެލްގެ "ވިލު" ބިޒްނަސް ލައުންޖުގައި 235 ގޮނޑި އަދި "ނީރޫ" ލައުންޖުގައި 315 ގޮނޑި ހިމެނެ އެވެ.

ނޫވިލު ސީޕްލޭން ޓާމިނަލްގެ ތަރައްގީގެ މަޝްރޫއުގެ އަގަކީ 55 މިލިއަން ޑޮލަރެވެ. އެ ސީޕްލޭން ޓާމިނަލްގެ ފަރުމާއަށް ވަނީ 2022 ވަނަ އަހަރު ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އެވޯޑް ފޯ އިންޖިއަރިން (އީއެންއާރު) އެވޯޑު ވެސް ލިބިފަ އެވެ.