1 ނޮވެންބަރު 2023 - 10:45 0
މުހައްމަދު އުޝާމް
ސުޕްރީމް ކޯޓުގެ އިމާރާތް؛ އަންނަ ހޯމަ ދުވަހު އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ފަށަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
1 ނޮވެންބަރު 2023 - 10:45 0
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކުރި ޖަލްސާ ނުބޭއްވީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ފެށުމަށް ތާވަލުކޮށްފި އެވެ.
އެ އަޑުއެހުން އޮންނާނީ ހޯމަ ދުވަހު ހެނދުނު 9:45 ގަ އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން އެދިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ޖަލްސާ ބޭއްވޭނެ ކަމަށާއި އެ މާއްދާގެ ދަށުން ޖަލްސާ މިއަދު ނުބޭއްވީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑަައެޅުމަށެވެ.
ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އެ މަޖިލީހުގެ ރައީސް އުޒުރުވެރިވެއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރަކު، މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައި، އެ ދުވަހު ކޯޓަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގެ ނޯޓިހުގެ މުއްދަތު ހަމަވެ، އެ ގަރާރާ މެދު ގޮތް ނިންމުމުގެ ޖަލްސާ ބާއްވަން ޖެހޭ ފުރަތަމަ ދުވަހަކީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އާދީއްތަ ދުވަހާއި ހޯމަ ދުވަހު އަދި މިއަދު ވެސް މައްސަލަ އެޖެންޑާ ކުރުމަށް ފަހު ޖަލްސާ ކެންސަލްކުރީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުންނެވެ.
މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައެއް ނެތެވެ.
ނަމަވެސް އެމްޑީޕީން ދެކެނީ ނައިބު ރައީސް ފިޔަވައި އެހެން ބޭފުޅަކަށް ވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ. އެ ޕާޓީން ހަވާލާދެނީ ގަވާއިދުގެ 44 ވަނަ މާއްދާއަށެވެ. އެ މާއްދާގައިވަނީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްއަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާނެ ބޭފުޅުންތަކެއް ކަނޑައަޅާފައި ބެހެއްޓުމަށެވެ.
Comment