އަލީ ވަހީދު، ރޭގެ ވަގުތެއްގައި ރައީސް ސޯލިހާ ބައްދަލު ކުރައްވަން މުލިއާގެ އަށް ވަންނަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުން، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވަން ނިންމަވައިފި އެވެ.
އެ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ރައީސް ސޯލިހާއި މުލިއާގޭގައި އިއްޔެ ވަނީ ބައްދަލު ކުރައްވައިފަ އެވެ.
"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހު ބައްދަލު ކުރެއްވީ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު މެމްބަރު ރިޔާޒު ރަޝީދާއި، ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި، ގާސިމްގެ ކެމްޕޭނު އެޖެންޓު އަދި މި ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުއާ އެވެ.
"ޖޭޕީގެ އިސް ސަފުގައި ތިއްބެވި އެހެން ބައެއް ބޭފުޅުން ވެސް ނިންމަވައިގެން ތިއްބެވީ ރައީސް ސޯލިހަށް ތާއިދު ކުރަން. ސަބަބަކީ މި ފަސް އަހަރުގެ އަމާންކަމާއި ސުލުހަ،" ޖޭޕީގެ ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ އާންމު މެމްބަރުން ވެސް ސޯޝަލް މީޑިއާގައި ރައީސް ސޯލިހަށް ތާއިދު ކުރައްވާކަން ގެންދަނީ ހާމަ ކުރައްވަމުންނެވެ. އަދި އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މުއިއްޒަށް ވެސް ތާއިދު ކުރައްވަ އެވެ.
އެ ޕާޓީގެ މެމްބަރުން ކެންޑިޑޭޓުންނަށް ތާއިދު ކުރައްވަން ފެއްޓެވީ، ސެޕްޓެމްބަރު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ރަސްމީކޮށް އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރާން ނިންމުމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment