Advertisement

ފޮއްތެޔޮ ފަޅަށް އިންވެސްޓު ކުރަނީ ދުނިޔޭގެ އެންމެ ލަގްޒަރީ އަމަން ބްރޭންޑު

30 ޖުލައި 2023 - 08:31 5

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ފޮއްތެޔޮ ފަޅަށް އިންވެސްޓު ކުރަނީ ދުނިޔޭގެ އެންމެ ލަގްޒަރީ އަމަން ބްރޭންޑު

30 ޖުލައި 2023 - 08:31 5

"ވައްކަމެއް"، "ޖަރީމާއެއް"، "ހިޔާނާތެއް"

ވ. ފޮއްތެޔޮ ފަޅު ނުވަތަ ދިއްގަރު ފަޅު ދިގު މުއްދަތަށް ކުއްޔަށް ދޭން ސަރުކާރުން ނިންމުމާ ގުޅުވާ އެންމެ އާންމު ބަސްބަހަކީ މިއީ އެވެ.

މި ފަޅު އޮންނަ ވ. އަތޮޅު ކައުންސިލުން މިކަން ސިފަކުރަނީ އެ މީހުންގެ ރުހުން ނެތި ސަރުކާރުން "ގާނޫނާ ހިލާފަށް ހިންގާ ބޮޑު ޖަރީމާއެއް" ގޮތަށެވެ. ސަރުކާރާ ދެކޮޅު ފަރާތްތަކުން ތުހުމަތުކުރަނީ މިއީ ބޯމަތިވެފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފައިސާ ހޯދަން ސަރުކާރުން ހިންގި ބޮޑު ވައްކަމެއް ކަމަށެވެ.

އެކަމަކު ސަރުކާރުގެ ވާހަކަތައް ވަރަށް ތަފާތެވެ.

މިހާތަނަށް ރަސްމީކޮށް މި މުއާމަލާތް ހިނގާކަން ކަށަވަރު ކޮށްދީފައި ނުވީ ނަމަވެސް، ސަރުކާރުން ބުނަނީ މިއީ ޓޫރިޒަމްގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. މިކަން ހާމަކުރެއްވި ދުވަހު، ވަކި ތަނެއްގެ ނަންނުގަނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވީދާޅުވި ވެސް އެހެންނެވެ.

"ރާއްޖޭގައި ދެން ހިންގާ [ޓޫރިޒަމްގެ]އެންމެ ބޮޑު އެއް މަޝްރޫއު ލަސްތަކެއް ނުވެ މި އަތޮޅުގައި ފެށިގެން ދާނެ، ލަސްތަކެއް ނުވެ ތަފްސީލް ހާމަކުރާނަން،" ރައީސް ވިދާޅުވި އެވެ.

ފޮއްތެޔޮ ބޮޑުފުށި/ފޮއްތެޔޮ ފަޅުގެ މާޒީ

ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ އެންމެ އިރުން އޮންނަ ރަށަކީ 13.32 ހެކްޓަރުގެ ވ. ފޮއްތެޔޮ ބޮޑުފުއްޓެވެ. އެ ރަށް އޮންނަ 8,564 ހެކްޓަރުގެ މާސިންގާ ވ. ދިއްގަރު ފަޅަކީ ރާއްޖޭގެ އެންމެ ބޮޑު ފަޅެވެ.

އަޖައިބުކުރަނިވި ފަދަ ސިފަތަކެއް ލިބިފައިވާ މި ފަޅު އެއްވެސް ބޭނުމަކަށް ދޫކޮށްފައި ނުވި ނަމަވެސް ޕަބްލިކް ރެކޯޑުތަކުން އެނގޭ ގޮތުގައި އެ ފަޅު ތެރޭގައި އޮންނަ ފޮއްތެޔޮ ބޮޑުފުއްޓަކީ 2011 އިން ފެށިގެން ރިސޯޓެއް ތަރައްގީކުރަން އެމްޓީސީސީއަށް ދޫކޮށްފައިވާ ރަށެކެވެ.

އެމްޓީސީސީއަށް ރަށް ދިނީ އޭރުގެ ސަރުކާރުގެ ދަތުރުފަތުރުގެ ސިޔާސަތު ތަންފީޒުކުރުމުގެ މުގާބިލުގައި ކޮރޮސް ސަބްސިޑީއަށެވެ. ސަބްލީސް އެއްބަސްވުމެއްގެ ދަށުން އެ ކުންފުނިން އެ ރަށް ތަރައްގީކުރަން ހަވާލުކުރީ އަކުއާ ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. އެކަމަކު އަކުއާ ސަންއަކަށް ވެސް އެ ރަށުގައި ރިސޯޓެއް ތަރައްގީއެއް ނުކުރެވުނެވެ.

އެ ރަށް ތަރައްގީ ނުކުރެވި ދިގުލައިގެން ދިޔުމާ ގުޅިގެން އެމްޓީސީސީ އަތުން ރަށް އަތުލުމަށް ޓޫރިޒަމް މިނިސްޓްރީން އޮގަސްޓު 10, 2014 ގައި ރައީސް އޮފީހުގެ ލަފަޔަކަށް އެދިފައިވެ އެވެ. އޭގެ ތިން ދުވަސް ފަހުން ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އަނެއްކާ ވެސް ޓޫރިޒަމް މިނިސްޓްރީއާ ފޮއްތެޔޮ ހަވާލުކުރި އެވެ.

އަމަން ރިސޯޓްސްއާ އެކު ލަގްޒަރީ ބްރޭންޑުގެ މުޅިން އާ ސަފްހާއެއް

ފޮއްތެޔޮ ފަޅުގެ މަލަމަތި ބަދަލުކޮށްލުމުގެ ބިޔަ ޕްރޮޖެކްޓު ކުރިއަށްގެންދާނީ ސްވިޓްޒަލޭންޑުގައި ބޭސްވެފައިވާ ދުނިޔޭގެ އެންމެ އެކްސްކްލޫސިވް އެއް ހޮސްޕިޓާލިޓީ ބްރޭންޑް ކަމަށްވާ އަމަން ރިސޯޓްސް އިންކަން މި ރިޕޯޓަށް އެއްކުރި މައުލޫމާތުން ވަނީ ޔަގީން ކުރެވިފަ އެވެ.

ތައިލޭންޑުގެ ފުކެޓުގައި ޗުއްޓީއަށް ދިޔުމަށް ގެއެއް ބިނާކުރަން އިންޑޮނޭޝިއާގެ ހޮޓެލިއާ އެޑްރިއަން ޒޭކާ 1998 ގައި ފެށި ދަތުރުގައި އުފަންވި މި ކުންފުނީގެ ހިޔާވަހިކަމުގައި ދުނިޔޭގެ 20 ގައުމެއްގައި 34 ޕްރޮޕަޓީއެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ. އޭގެ ތެރެއިން 15 ޕްރޮޕަޓީއެއް ހުންނަނީ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ތެރޭ ނުވަތަ ސައިޓެއްގެ ކައިރީގަ އެވެ.

ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރުގެ އަގުހުރި މި ކުންފުނި މިހާރު ހިންގަމުން އަންނަނީ ރަޝިއާގެ ބިލިއަނަރު ވްލަޑިސްލަވް ޑްރޮނިން އެވެ. ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓު ފަންޑާއި އިނގިރޭސިވިލާތުގެ ކެއިން އިންޓަނޭޝަނަލްއިން ވަނީ އަމަން ރިސޯޓްސްއަށް 900 މިލިއަން ޑޮލަރު (13.87 ބިލިއަން ރުފިޔާ) ފަންޑިން އިންޖެކްޓު ކޮށްފަ އެވެ.

މުޅި ބްރޭންޑު ބިނާވެފައިވާ އެއް ތަނބަކީ ރިސޯޓު ހޮޓާތައް ތަރައްގީކުރާ ލޮކޭޝަން ނުވަތަ ސަރަހައްދެވެ. އެހެން ކުންފުނިތަކުން ރިސޯޓު ނަހަދާ ގުދުރަތީ ރީތިކަން ލިބިފައިވާ ތަންތަނުގައި އަމަންގެ ރިސޯޓުތައް ވަނީ ތަރައްގީކޮށްފަ އެވެ. އަދި, އެއީ ބޮޑެތި ސިޓީތަކުން ފަސޭހައިން ދެވެން ހުންނަ ފަދަ ލޮކޭޝަންތަކެވެ.

ހަމައެހެންމެ, އަމަން ރިސޯޓްސްއިން އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެނީ ގެސްޓުންގެ ޕްރައިވެސީއަށެވެ. އަމަންގެ ޕްރޮޕަޓީތައް ފަރުމާކޮށްފައި ވަނީ ވަށައިގެންވާ މާހައުލުގެ ޗާލޫކަން ނުގެއްލޭ ގޮތަށް ގެސްޓުންނަށް ވީހާވެސް ހަމަހިމޭން ތަޖުރިބާއެއް ކުރެވޭނެ ގޮތަށެވެ. މިއީ ސެލްބްރިޓީންނާއި މަހުޖަނުންނަށް އަމަން ރިސޯޓްސް ކަމުދާ މައިގަނޑު އެއް ސަބަބެވެ.

އަމަން ބްރޭންޑުގެ ޕްރޮޕަޓީތަކުން 2021 ގައި 2.4 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރި ކަމަށް ތަފާސްހިސާބުތަކުން އެނގެ އެވެ. އެހެން ބުޓީކް ޕްރޮޕަޓީތަކާ ހިލާފަށް އަމަންގެ ގިނަ ރިސޯޓުތަކުގައި ހުންނަނީ އެންމެ 40 ކޮޓަރި އެވެ. ވިލާއެއްގެ އަގު 1,500 ޑޮލަރުން ފެށިގެން 50,000 ޑޮލަރަށް އަރަ އެވެ.

ކޮންމެ ގެސްޓަކަށް ހައެއް ނުވަތަ އަށް މުވައްޒަފުން ތިބޭ ޕްރޮޕަޓީތައް ވެސް އެ ކުންފުނިން ދަނީ އޮޕަރޭޓް ކުރަމުންނެވެ. އެހެން ގެސްޓެއްގެ ޕްރައިވެސީ ނުގެއްލޭ އަދި ގާނޫނާ ހިލާފު ނުވާ ކޮންމެ ކަމެއް އަމަންގެ ރިސޯޓުތަކުގެ މުވައްޒަފުން ގެސްޓުންނަށްޓަކައި ކޮށްދޭނެ އެވެ.

ރާއްޖޭގެ އިރުން އޮތް އެންމެ ބޮޑު ފަޅުގައި އިންވެސްޓު ކުރަން އެ ކުންފުނިން ނިންމީ މިފަދަ ސަބަބުތަކަކާ ގުޅިގެން ކަމަށް ބެލެވެ އެވެ. ގުދުރަތީ މުއްސަދިކަމުން ފުރިހަމަވެފައިވާ ޖަޒީރާ ރާއްޖޭގައި ގެސްޓުންނަށް އާދަޔާ ހިލާފު ޕްރައިވެސީއެއް ކަށަވަރު ކުރެވޭނެ ލޮކޭޝަނަކަށް ވުމުންނެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން ދޫކުރާ އެންމެ އަގުބޮޑު 400 ހެކްޓަރު

ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ތަރައްގީގެ ބޮޑު ޕްރޮޖެކްޓުތައް ހުއްޓުމެއް ނެތި ކުރިއަށްގެންދިޔުމަށާއި, ފެރީ ހިދުމަތް ދޭށާއި ސަރުކާރު ކުންފުނިތަކުގެ ވިޔަފާރި ހަރަދުތައް ފޫބައްދަން އެކި ސަރުކާރުތަކުން އެކިގޮތަށް ގެންގުޅެފައިވާ ސިޔާސަތެކެވެ. އެގޮތަށް, ހަވާލުކުރާ ރަށްތަކާ ގުޅިގެން ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއް ކުރިން ނޯވެ އެވެ.

ރަށްރަށާއި ފަޅުފަޅުން ހެކްޓަރަކަށް ނަގާ ރޭޓާއި ބޮޑެތި ރަށްތަކުން ނަގާ ސައިޒް ޕްރިމިއަމް ވެސް ގިންތިކޮށްފައިވަނީ އެކި ސަރަހައްދުތަކުގެ ޓޫރިޒަމަށް ބިނާކޮށް މަދުން ރިސޯޓު ހުންނަ އަތޮޅުތަކަށް ކުޑަކޮށް، ގިނައިން ރިސޯޓު ހުންނަ ރަށްރަށަށް ބޮޑުކޮށެވެ. އެ ފޯމިއިލާ ޓޫރިޒަމް މިނިސްޓްރީން ވަނީ ގެޒެޓުގައި ސެޕްޓެމްބަރު 19, 2022 ގައި ޝާއިއުކޮށްފަ އެވެ.

ކްރޮސް ސަބްސިޑީއަށް ރަށް ދޫކުރާ ފޯމިއުލާ


ފަޅުތަކުގެ ލީޒް އެކުއިޒިޝަން ކޮސްޓު ފޯމިއުލާ = ބޭސް ރޭޓު + (މަލްޓިޕްލަޔާ x ފަޅުގެ ތިލަ ސަރަހައްދު x 30 ޕަސެންޓު) ރަށްތަކުގެ ލީޒް އެކުއިޒިޝަން ކޮސްޓު ފޯމިއުލާ = ބޭސް ރޭޓު + (ކޮންމެ ހެކްޓަރަކަށް ނަގާ ރޭޓު x ބިމުގެ ބޮޑުމިން) + ސައިޒް ޕްރިމިއަމް

މި ފޯމިއުލާގައި ބަޔާންކޮށްފައިވާ ފަޅުގެ ތިލަ ސަރަހައްދު ކަމަށް ބަލާނީ ބެތިމެޓްރިކް ސާވޭ ހެދުމަށް ފަހު 1.5 މީޓަރަށް ވުރެ ފުން ނުވާ ސަރަހައްދެވެ. އަދި, ވ. އަތޮޅުގެ ފަޅުތައް ދޫކުރުމުގެ ބޭސް ރޭޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1.5 މިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) އެވެ.

މިއީ 400 ހެކްޓަރުގެ ތިލަ ސަރަހައްދެއް ކަމަށްވީ ނަމަވެސް އެ ގަވާއިދުގެ ދަށުން ހިއްކޭނީ 30 ޕަސެންޓެވެ. އެހެންކަމުން, އަމަން ރިސޯޓްސްގެ މި ޕްރޮޖެކްޓަށް ހިއްކޭނީ 120 ހެކްޓަރެވެ.

ފޮއްތެޔޮ ފަޅުން 400 ހެކްޓަރު ދޫކުރާ އަގު


ލީޒް އެކުއިޒިޝަން ކޮސްޓު ފޯމިއުލާ: 1,500,000 + (150,000 * 400 * 30) = 19,500,000 (ނަވާރަ މިލިއަން ފަސް ލައްކަ އެމެރިކާ ޑޮލަރު)

މި ރިޕޯޓަށް މައުލޫމާތު އެއްކުރިއިރު ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ފޮއްތެޔޮ ފަޅުން 400 ހެކްޓަރު 99 އަހަރަށް އަމަން ރިސޯޓްްސް އިން ކުއްޔަށް ނަގަން ނިންމީ 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) ދެއްކުމަށް ފަހު އެވެ.

މިއީ ލިޔެ ހާމަކޮށްފައި އޮތް އުސޫލުގައި ބަޔާންކޮށްފައިވާ ފޯމިއުލާއިން އެ ފަޅު ދޫކުރާނަމަ ސަރުކާރަށް ލިބޭ އާމްދަނީގެ އަދަދަށް ވުރެ 17.5 މިލިއަން ޑޮލަރު (269.85 މިލިއަން ރުފިޔާ) އިތުރު އަދަދެކެވެ. މިއީ ސީދާ ދައުލަތުގެ ބަޖެޓަށް ވަދެގެންދާނެ ފައިސާ އެވެ.

އެމްއެމްޕީއާރުސީން ފަޅުތައް ދޫކުރީ ބިލިއަނުން ގެއްލުމުގައި

ފޮއްތެޔޮ ފަޅަކީ ރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ ހިޔާނާތުގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތާ ވެސް ގުޅުން އޮތް ފަޅެކެވެ. ފޮއްތެޔޮ ފަޅުގައި އޮންނަ 14 ހެކްޓަރުގެ ފޮއްތެޔޮ ބޮޑުފުއްޓަކީ އޮންގް ބެންގް ސެންގްއަށް ފަސް މިލިއަން ޑޮލަރަށް ވިއްކާފައި އޮތް ރަށެކެވެ. ހެކްޓަރެއް ޖެހެނީ 2.8 މިލިއަން ޑޮލަރަށެވެ. އެ ރަށް މިހާރު އަމަން ރިސޯޓްސް އިން ވަނީ އޮންގް އަތުން ގަނެފަ އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން ރާއްޖޭގެ ރަށްތައް ސޭލް އަޅުވައި ވިއްކާލިއިރު މާލެ އަތޮޅުން އެކަނި 12 ފަޅެއް ދޫކުރި އެވެ. ތަހުގީގު ރިޕޯޓުން އެނގޭ ގޮތުގައި 11 ފަޅެއްގެ އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދައުލަތަށް ލިބުނީ އެންމެ 14.2 މިލިއަން ޑޮލަރު (218.9 މިލިއަން ރުފިޔާ) އެވެ.

މިހާރު ފަޅުތައް ދޫކުރަން ކަނޑައަޅާފައިވާ ފޯމިއުލާގައި މާލެ އަތޮޅުގެ ފަޅުގެ ބޭސް ރޭޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2.5 މިލިއަން ޑޮލަރެވެ. އެހެންކަމުން, އެ 12 ފަޅު މިހާރު ދޫކުރާނަމަ އެންމެ މަދުވެގެން 30 މިލިއަން ޑޮލަރު (462.6 މިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ.

ހަމައެހެންމެ, މިހާރު ބޭނުންކުރާ ފޯމިއުލާއިން ހިސާބުތައް ހަދާ ކަމަށްވާނަމަ އެ 12 ފަޅުގެ އަގުގެ ގޮތުގައި ދައުލަތަށް 206 މިލިއަން ޑޮލަރު (3.17 ބިލިއަން ރުފިޔާ) ލިބެން ޖެހޭނެ އެވެ. ނުއަގުގައި ވިއްކާލި ދިވެހި ފަޅުފަޅާއި ރަށްރަށުން ދައުލަތަށް ގެއްލުންވި ކަމަށް ރެކޯޑު ކުރެވިފައި ވަނީ އެންމެ 72 މިލިއަން ޑޮލަރެވެ. އަސްލު ހަގީގަތުގައި ދައުލަތަށް ގެއްލިގެންދިޔަ އާމްދަނީ އަންދާޒާ ކުރަން ވެސް ދައްޗެވެ.