Advertisement

ދިފާއުގައި ވަޒީރު ވިދާޅުވަނީ ފޯޅަވަހި މައްސަލާގައި ޖޭޕީގެ ވަކި ސްޓޭންޑެއް ނެތް ކަމަށް

13 މޭ 2023 - 12:17 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޖޭޕީގެ ސްލޮޓްގައި ވަޒީރު ކަމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން (ކ) އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (ވ): ޖުމްހޫރީ ޕާޓީގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ވަޒީރު ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް -


ދިފާއުގައި ވަޒީރު ވިދާޅުވަނީ ފޯޅަވަހި މައްސަލާގައި ޖޭޕީގެ ވަކި ސްޓޭންޑެއް ނެތް ކަމަށް

13 މޭ 2023 - 12:17 1

ފޯޅަވައްސާއި އައްޑޫއާ ދެމެދު އޮތް ކަނޑުގެ އިގުތިސޯދީ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި ޖުމްހޫރީ ޕާޓީގެ ސްޓޭންޑަކީ އިޓްލޮސްގެ ނިންމުމުގެ ސަބަބުން މަސް ކަނޑުން ދިވެހިންނަށް ލިބެން އޮތް ބަޔެއް ގެއްލިއްޖެ ކަމަށެވެ. ހުކުމުގެ ކުރިއަށް އިޓްލޮސްއަށް އެ ޕާޓީގެ ފަރާތުން ފޮނުވި ސިޓީ އާއި، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު ގާސިމް އިބްރާހީމް ކުރެއްވި ޓްވީޓްގައި ބަޔާންކޮށްފައި ވަނީ އެހެނެވެ.

ނަމަވެސް, ސަރުކާރުގެ ކެބިނެޓުގައި ތިއްބަވާ ޖުމްހޫރީ ޕާޓީގެ ދެ ވަޒީރަކު ވަނީ އިޓްލޮސްގެ ނިންމުމާއެކު ސަރުކާރަށް މަރުހަބާ ވިދާޅުވެ ޓްވީޓެއް ކުރައްވައިފަ އެވެ. އެއީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

ސަރުކާރު ކެބިނެޓުން ބޭއްވި ޕްރެސް ކޮންފެރެންސްގައި، ކެބިނެޓުގައި ޖުމްހޫރީ ޕާޓީ ތަމްސީލްކުރައްވާ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ވަނީ ސަރުކާރުގެ ސްޓޭންޑް ދިފާއުކޮށް ވާހަކަ ވެސް ދައްކަވައިފަ އެވެ.

މަސްވެރިކަން ކުރުމަށް ފަހު އެނބުރި ދާ ބަޔަކު ހިފަހައްޓަން އެންމެ ދުރަށް ވެސް އޭރު ދެވޭނީ އޭނާ ވިދާޅުވި ގޮތުގައި އިތުރު 12 މޭލަށް ކަމަށާއި، އެއަށް ވުރެ ބޭރަށް ދިއުމުން ހިފެހެއްޓޭނެ ގާނޫނީ ބާރު ނޯންނަ ކަމަށް ވެސް އޭނާ އެ ދުވަހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޮތީ އީއީޒެޑް ކްލެއިމްކޮށްފައި. އެކަމަކު އެ ކްލެއިމަކީ ސައްހަ ގޮތުގައި މިއަދާ ހަަމައަށް ހަމަޖެހިގެން ދިޔަ ތަނަކަށް ނުވާތީ އެހެން އެކަން ވަނީ. އެހެންވީމާ ރާއްޖޭގެ އެ ސަރަހައްދު ބެލެހެއްޓުން އޮތީ އުނދަގުލަކަށް ވެފައި،" ޕްރެސް ކޮންފެރެންސްގައި ވަޒީރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ސްޓޭންޑާ ހިލާފަށް ހިޔާލު ހުންނެވި އިރު އަދިވެސް ޕާޓީގައި ހުންނެވުމަކީ ސިޔާސީ ގޮތުން ހިފަހައްޓަން ޖެހޭ "އެތިކްސް"އާ ހިލާފު ކަމެއް ނޫންތޯ "އަދަދު" ނޫހުން ސުވާލު ކުރުމުން ވަޒީރު ވިދާޅުވީ އެ ކަމުގައި ޖޭޕީގެ ކައުންސިލުން އަދި ލީޑަރު ވެސް ވަކި ގޮތެއް އަންގަވާފައި ނެތް ކަމަށެވެ.

"ޖޭޕީގެ ރަސްމީ ޕޮޒިޝަނެއް ތި ކަމުގައި ނެތް، ކައުންސިލަށް ގެނެސް ތި ކަމުގައި ބަހުސެއް ވެސް ނެތް ކޮށްފައި، ޖޭޕީގެ ލީޑަރު ދެކޭ ގޮތެއް އެބަ އޮތް، އޭގައި ވެސް އޮތީ ރާއްޖޭން ކަނޑުގެ ސަރަހައްދުން ބައެއް ނުގެއްލެން، އެއީ ސަރުކާރު އަދި އަޅުގަނޑު ވެސް އެދޭ ގޮތް،" ޑރ. ހުސައިން ރަޝީދު ވިދާޅުވި އެވެ.

ޕްރެސް ކޮންފެރެންސްގައި މިނިސްޓަރު ދެއްކެވި ވާހަކަތަކަކީ އޭނާ ދެކޭ ގޮތް ކަމަށް މިއަދު ވެސް ވިދާޅުވި އެވެ.

"ރައްޔިތުންނަށް، ދިވެހި މަސްވެރިންނަށް، ގެއްލުމެއްވާ ގޮތަށް، އިޓްލޮސް އިން ނިންމާފައިވާ ކަމަކަށް އަޅުގަނޑު ނުދެކެން، ޕްރެސް ކޮންފެރެންސްގައި އަޅުގަނޑު އެ ވަނީ އެ މައްސަލާގައި އަޅުގަނޑު ދެކޭ ގޮތް ވަރަށް ސާފުކޮށް ބުނެދީފައި،" އޭނާ ވިދާޅުވި އެވެ.

އިމުގެ މައްސަލާގައި ޖުމްހޫރީ ޕާޓީގެ "ރަސްމީ ސްޓޭންޑް" އެއް ނެތް ކަމަށް މިނިސްޓަރު ޑރ. ހުސައިން ވިދާޅުވި ނަމަވެސް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވެސް މިއަދު "އަދަދު" ނޫހަށް ވަނީ ގާސިމް ކުރެއްވި ޓްވީޓަކީ ޕާޓީގެ ސްޓޭންޑް ކަމަށް ވިދާޅުވެފަ އެވެ.

"އިޓްލޮސްއަށް ފޮނުވި ސިޓީ، އަދި ޕާޓީގެ ލީޑަރު ކުރެއްވި ޓްވީޓް، އެއީ ތިޔަ މައްސަލާގައި ޕާޓީގެ ސްޓޭންޑް، ދެން ޕާޓީއަށް ނިސްބަތްވާ މި ސަރުކާރުގެ ވަޒީރުން އެ ދައްކާ ވާހަކައިގައި އަޅުގަނޑު އަދި ޕާޓީގެ އިދާރާއިން ބުނާނެ ވަކި އެއްޗެއް ނޭނގެ،" އާރިފު ވިދާޅުވި އެވެ.

އިން ވަކިކުރި މައްސަލަ ރާއްޖެ ބޭނުންވި ގޮތަށް ނިމުނަސް، އެއީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުން ކަމަށް ބުނެ ވާދަވެރި ސިޔާސީ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމައިފަ އެވެ. "ފޯޅަވަހި ކޯލިޝަން" ގައި ޖުމްހޫރީ ޕާޓީގެ އިތުރުން، އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނާއި، އެމްއެންޕީ އަދި އެމްޑީޕީގެ އެތެރޭގައި ހިމެނޭ "ފިކުރެއްގެ ދިރުން" ފެކްޝަން ވެސް ހިމެނެ އެވެ.

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. އިޓްލޮސް އިން ނިންމީ އެއިން ރާއްޖެއަށް 47،232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ސަރަަހައްދެއް ލިބޭ ގޮތަށެވެ.

އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި މޮރިޝަސްއަށް ލިބުނު 45،331 އަކަކިލޯމީޓަރަކީ ރާއްޖެއަށް ލިބުމަށް ދިވެހި ސަރުކާރުން ވަކާލާތު ކުރަން ޖެހޭނެ ކަމެކެވެ. އަދި, ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުގައިވާ ބައެއް މާއްދާތަކާ ހަވާލާދީ، އެއީ ކުރެވިދާނެ ކަމެއް ގޮތުގައި ސަރުކާރާ ބަހުސް ކުރަމުން ދެ އެވެ.