މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން، ސަރުކާރުން އަބަދު ކުރާ ހަމައެކަނި ކަމަކީ އުނބަށް ޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ބަހުސްގައި, މި ބިލަށް ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ, ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުންގެ ހިދުމަތުން ޖީއެސްޓީ ނަގާ ގޮތަށް ކުރިން ގެނައި ބަދަލު އުވާލަން ހުށަހެޅުމަށްފަހު މިއަދު އެކަން އެކުރަނީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ކަމަށް ބުނާ ބުނުން ހަމަނުޖެހޭ ކަމަށެވެ.
"އިއްޔެ ރަނގަޅުވި ކަމެއް މިއަދު ގޯސްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ވިދާޅުވާތީ. މަޖިލިސް މެންބަރުންނަށް ރައީސް އަންގަވާ ގޮތް ނޫން ގޮތަކަށް ވާހަކަ ނުދެއްކެވޭ. ކިތަންމެ ހިތްވަރެއް ހުއްޓަސް އޮރެންޖެއް ފެލައިގެން އަންނާރު ދިޔައެއް ނުނިކުންނާނެ،" ޒިޔާދު ވިދާޅުވި އެވެ.
"މި މަޖިލީހަކުން ރައީސް މުއިއްޒުގެ ތެތް ފޮށާ އުފުލުން ނޫން ކަމެއް ދެން ނުކުރާނެ."
މީގެ އިތުރުން, ކޮލަމާފުށީގެ ނަރުދަމާ ނުނިމި އޮންނަތާ ދެ އަހަރު ވެފައިވާއިރު، ކެމްޕޭނަށް ފެށި ބިން ހިއްކުމުގެ މަސައްކަތް ވެސް ހުއްޓި، އަދި އާރްޑީސީގެ އެތައް މުވައްޒަފުންނަކަށް މުސާރަދީފައި އަހަރަކަށް ވުރެ ގިނަ ދުވަހު ބައިތިއްބާފައި ތިބިއިރު، މިފަދަ ހަގީގީ ވާހަކަތައް މަޖިލީހުގައި ނުދެއްކޭ މެންބަރުންނަކީ "ބޮޓުން" ގެ ގޮތުގައި ސިފަކުރެވޭ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ ކަމެއް ބަދަލުކުރުމަކީ މައްސަލައެއް ނޫން ނަމަވެސް، ތާއަބަދަށް ކުރާ ކަމަކީ އުނބަށް ޖެހުން ކަމަށްވާނަމަ އެއީ މައްސަލައެއް ކަމަށެވެ. މި ގޮތުން, ޓެކްސްއަށް ގެންނަ ބަދަލުތަކުން ރައްޔިތުންނަށް އަސަރެއް ނުކުރާނެ ކަމަށް ސަރުކާރުން ބުންޏަސް، ހުރިހާ ގެއްލުމެއް ވަމުންދަނީ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެ މޫސުން ބެދޭއިރު ވައި ބަދަލުވާހެން ގާނޫނުތައް ބަދަލުވާނަމަ ރައްޔިތުންގެ އިތުބާރެއް ނުލިބޭނެ. މި ސަރުކާރަށް ރައްޔިތުން އިތުބާރު ނުކުރަނީ އެހެންވެގެން." ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ, ސަރުކާރުން ފޮނުވާ ޓޯކިންގ ޕޮއިންޓްސްތައް މެންބަރުންނަށް ފަސޭހަކަމާއެކު ކިޔާލެވުނު ނަމަވެސް، މިފަދަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް އިތުބާރު މުޅިން ގެއްލިގެންދާނެ ކަމަށެވެ.
ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓެކްސް ނެގޭ ގޮތަށް ގާނޫނު ބަދަލުކުރީ، މި ބަދަލާ މެދު މުޅި އިންޑަސްޓްރީން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އޭރު އެއްވެސް ބަޔަކު ދެއްކި ވާހަކައަކަށް އިޖާބަނުދީ ސަރުކާރުން ވަނީ އެ ބަދަލު ގެނެސްފަ އެވެ.
އެންމެ ފަހުން މި މައްސަލައިގައި ސަރުކާރުން ގޮތް ދޫކުރަން މަޖުބޫރުވީ، ރާއްޖޭގެ ހުރިހާ ޓޮޕް މާކެޓުތަކުގެ ޓްރެވަލް ޖަމިއްޔާތަކުން މި ކަމާ ކަންބޮޑުވުން ފާޅުކޮށް، ދެކޮޅު ހެދި ފަހުންނެވެ. ބައެއް ބޮޑެތި ކުންފުނިތަކުން ވަނީ ރާއްޖެ ވިއްކުމާއި އިޝްތިހާރުކުރުން ހުއްޓާލާފަ އެވެ.












