ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއު އާއި ނ. އަތޮޅުގައި ތަރައްގީކުރާ އައިލާ ޓައުންޝިޕް މަޝްރޫއު ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށައެޅުއްވި މި ގަރާރަށް ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ ނ. އަތޮޅުން ކުރިން ރިސޯޓެއް ހަދަން ދޫކުރި ބިމެއް ބޭރު މީހުން ދިރިއުޅޭ ޓައުންޝިޕަކަށް ބަދަލުކުރުމަކީ ސަރުކާރުން ހެދި ބޮޑު ގޯހެއް ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް އެނގެން އެބަޖެހޭ މިހާރު ވެސް މިފަދަ މަޝްރޫއެއް ނ. އަތޮޅުގައި ވެސް އެބަ ހިނގާކަން. އެ މަޝްރޫއު ވެސް މިއާއެކު އެބަ ހުއްޓެން ޖެހޭ. އެއީ ރިސޯޓެއް ހަދަން ދިން ތަނެއް. އަނބުރާ އެތަން އެބަޖެހޭ ރިސޯޓަކަށް ބަދަލުކުރަން." ޝަމްހީދު ވިދާޅުވި އެވެ.
މީގެ އިތުރުން ދައުލަތުގެ ބަޖެޓުން 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިއްކާ ބިމެއް ބޭރުގެ ބަޔަކަށް ހިލޭ ދޭން ނިންމިއިރު، އެ ފައިސާ އަނބުރާ ލިބޭނެ ގޮތެއް އެއްބަސްވުމުގައި ނެތްކަން ޝަމްހީދު ފާހަގަކުރެއްވި އެވެ.
"500 މިލިއަން ޑޮލަރު ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ހިއްކާއިރު ދިވެހި ތާރީހަށް ބެލިއަސް މިހާތަނަށް ބޭރުގެ ބަޔަކަށްވެސް ދިވެއްސަކަށްވެސް ނޯންނާނެ ބިމެއް ދީފަކަ ހިލެއެއް، އެ އެއްބަސްވުމުގައި ހުރީ ހުސް "ޔޯލަޔޯލަ" ވާހަކަ." އޭނާ ވިދާޅުވި އެވެ.

ޝަމްހީދު އިތުރަށް ވިދާޅުވީ ރަސްމާލެ މަޝްރޫއުއާ ރައްޔިތުން ދެކޮޅު ހަދަނީ ދިވެހި ފަސްގަނޑުން ބެއެއް ފޮތިފޮތިކޮށް ބޭރު ބަޔަކަށް ދާއިމަށް ދޭން ބޭނުންނުވާތީ ކަމަށެވެ. އަދި ރާއްޖޭގެ ރިއަލް އެސްޓޭޓް ޕްރޮޕަޓީތައް ގަނެގެން ރާއްޖެއިން ރެޒިޑެންސީ ލިބޭގޮތަށް ސަރުކާރުން ތައާރަފުކުރި "ޕާލް ރެޒިޑެންސީ" ވިސާ ޕްރޮގްރާމަކީ ގައުމީ ސަލާމަތަށާއި ދައުލަތުގެ ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިގޮތުން އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް މީގެ ކުރިން ވެސް ޝަމްހީދު ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީއެންސީގެ މެންބަރުންގެ ވޯޓުން މި ގަރާރު ވަނީ ބޭރުކޮށްލާފަ އެވެ.













