ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުންދާ ރަސްމާލެއިން އެއްބައި ޔޫއޭއީގެ އީގަލް ހިސްލްއަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް (ރެފަރެންޑަމަކަށް) ދާން ނުޖެހޭނެ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އައިބީ ވިދާޅުވީ ރެފަރެންޑަމަކަށް ދާންޖެހޭ ހާލަތްތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، އެފަދަ ކަމެއް މި ދަނޑިވަޅުގައި ރާއްޖޭގައި ހިނގަމުން ނުދާ ކަމަށެވެ.
"ރާއްޖޭގެ ގާނޫނުއަސާސީގައި އެބަ އޮތް ވަރަށް ސާފުކޮށް ރާއްޖޭގެ ރިފަރެންޑަމަކަށް ދާންޖެހޭނީ ކޮންކޮން މައްސަލަތަކުގައި ކޮންކޮން ކަންތައްތަކެއްގައިތޯ. އެހެންވީމަ އެބާވަތެއްގެ ކަމެއްގައިވިއްޔާ ރެފަރެންޑަމަކަށް ދާންވެސް ޖެހޭނެ. މިހާރަކު ރާއްޖެއަކު އެކަހަލަ ކަމެއް އަދި ހިނގާކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" އައިބީ ވިދާޅުވި އެވެ.
ރަސްމާލެ ޑީލާ ގުޅިގެން ރެފަރެންޑަމަކަށް ދާންޖެހޭ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މިއަދު މަޖިލީހުގައި ގޮވާލި އެވެ. އޭގެ ތެރޭގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ހިމެނިވަޑައިގަންނަވަ އެވެ.
އީގަލް ހިލްސްއަށް ރަސްމާލެ ދިނުމުގެ ކުރިން ރިފަރެންޑަމަކަށް ދާން އެމްޑީޕީ މެންބަރުން ގޮވާލައިފި
ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ގޮވާލައިފި.
އީގަލް ހިލްސް އާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ހާމަކުރުމަށް ގޮވާލައި މަޖިލީހަށް މިއަދު ހުށަހެޅި ގަރާރު ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ވަނީ ބޭރުކޮށްލައިފަ އެވެ.

ރަސްމާލެއިން އެއްބައި އީގަލް ހިލްސްއަށް ދިނުމާމެދު ރެެފަރެންޑަމަކަށް ދާން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގޮވާލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ ބޮޑު ނިންމުމެއް ނިންމާއިރު ރައްޔިތުންގެ ބަހެއް ސަރުކާރުން ހޯދަންޖެހޭ ކަމަށެވެ.
ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ ގާނޫނުތައް ހުއްދަ ކުރާ ކަމަކަށް ނުވާތީ ސަރުކާރުން އުޅެނީ އެ ޕްރޮޖެކްޓަށް ފަހިކުރަން ގާނޫނުތަކެއް ހަދާށެވެ. އަދި ނޮވެމްބަރު 11، ގައި އެގްރިމެންޓުގައި ދާއިމީ އެގްރިމެންޓުގައި ސޮއި ކުރެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ސަރުކާރުން ބުނަނީ ރަސްމާލެއަށް އީގަލް ހިލްސް އިން 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށެވެ. އެކަމަކު އީގަލް ހިލްސް އިން ބުނަނީ އެ ކުންފުނިން އިންވެސްޓު ކުރާނީ 12 ބިލިއަން ޑޮލަރު ކަމަށެވެ. އަލައްބާރު ފަހުން ވިދާޅުވީ 20 ބިލިއަން ޑޮލަރަކީ އެތަނުގެ މަސައްކަތް ނިމުމުން ތަނުގެ އަގު ހުންނާނެ މިންވަރު ކަމަށެވެ.













