ބުރު ބަލިކޮށް ޓީސީން ސެމީގެ އުންމީދު ދަމަހައްޓައިފި

Apr 15, 2023, 6:59 PM
ޓީސީ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު

ޓީސީ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ބުރު ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއްގެ އުންމީދު ދަމަހައްޓައިފި އެވެ.

ގްރޫޕް ބީގައި ޓީސީ ކުޅުނު ފުރަތަމަ މެޗުން ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 2-0 އިން ބަލިވެފަ އެވެ. އެހެންކަމުން ތިން ޓީމު ވާދަކުރާ މި ގްރޫޕުން ސެމީ އަށް ދާ ދެ ޓީމުގެ ތެރޭގައި ހިމެނުމަށް މި މެޗުން އޮތީ ޓީސީ އަށް މޮޅުވުން މަޖުބޫރުވެފަ އެވެ. މި ގްރޫޕުން ސެމީގެ ޖާގަ ލިބޭ ދެ ޓީމެއް ޔަގީންވާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ މާޒިޔާ އާއި ބުރު ކުޅޭ މެޗުންނެވެ. ސެމީގެ ޖާގައެއް ބޭނުންނަމަ ބުރު އެ މެޗުން މޮޅުވާން ޖެހޭނެ އެވެ.

މިއީ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، ކޮލިފިކޭޝަނެއް ކުޅެގެން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ބުރުން ރާއްޖޭގެ އެއް ވަނަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ބުރުގެ ކޯޗަކަށް ހުރީ ޓީސީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމުގެ އިތުރުން އެ ކްލަބަށް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

މިދިޔަ ސީޒަނުގައި ވެސް ޓީސީގެ ކޯޗަކަށް ހުރި ނިޒާމްބެގެ އިރުޝާދުގެ ދަށުން މިރޭ ބުރުން ނެރުނު ފުރަތަމަ އެގާރައިގައި ކުރިން ޓީސީ އަށް ކުޅުނު އަލީ އިޝްފާގު ހަސަން މަޖީދު (އިސްޕަ) އާއި މުހައްމަދު ސާމިރު ހިމެނެ އެވެ. ބުރުގެ ފުރަތަމަ އެގާރަ އަށް ބަލާއިރު، ހުރިހާ ކުޅުންތެރިންނަކީ ވެސް ކުރިން ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ކުޅުނު ކުޅުންތެރިންނެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި ވަނީ ފުރަތަމަ ހާފުގައި ލިބުނު އެންމެ ހުސް ފުރުސަތު ޓީސީ އަށް ލިބިފަ އެވެ. ޓީސީގެ އަބްދުލް ވާހިދު އިބްރާހިމް (ވާޑު) މަތިމަތިން އޭރިއާތެރެއަށް ނެގި ބޯޅަ މެއިން ކޮންޓްރޯލް ކުރުމަށް ފަހު، ޓީސީގެ ފޯވާޑް މުހައްމަދު މުސްލިހު (މުއްޓި) ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މެޗުގެ ފުރަތަމަ 20 ވަރަކަށް މިނިޓަށް ފަހު، ބުރުން ރަނގަޅަށް ގޭމްގެ ތެރެއަށް ވަދެވޭތޯ ބޯޅަ ހިފަހައްޓައިގެން ކޮންމެ ވެސް ވަރަކަށް ކުޅެން ފެށި އެވެ. އެ ގޮތުން ބުުރުގެ މުހައްމަދު ތަޝްމީން (ތައްތި) އާއި މުހައްމަދު ނާއިމް އަށް އެޓޭކުގައި ބޯޅަތައް ލިބުނަސް ޓީސީ ޑިފެންޑަރުންގެ ތެރެއިން ޖާގައެއް ނުލިބޭތީ ރަނގަޅު އެޓޭކެއް ކުރެވޭ ގޮތެއްނުވި އެވެ. ޓީސީގެ ކީޕަރު ސްރީ ލަންކާގެ ސުޖަން ޕެރޭރާ އަށް ފުރަތަމަ ހާފުގައި މާ ބޮޑު ޕްރެޝަރެއް ކުރިމަތިވެފައިނުވެ އެވެ.

ދެ ވަނަ ހާފް ފެށިގެން ބުރުން ކުރިއަށް ޖެހިގެން ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރަނިކޮށް، ޓީސީން އަވަސްކޮށް ކުރިއަށް ކުޅުނު ބޯޅައެއްގައި ގޯލު ޖެހި އެވެ. އެ ޓީމުން ލަނޑު ޖެހީ ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި އައިހަމް ހަމްދޫން (ސްކީ) އެވެ. ބުރުގެ ޑިފެންސް ތެރެއިން ދޫވި ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، އައިހަމް ވަނީ ހަމަޖެހިލައިފައި ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ޓީސީ އަށް ދެ ވަނަ ލަނޑެއް ޖަހައިދީ ލީޑުފުޅާކޮށްދޭން މެޗުގެ 60 ވަނަ މިނިޓްގައި އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަފްކޮ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ގޯލަށް ޖަހަން މަސައްކަތް ކުރި ބޯޅަ ބުރުގެ ކީޕަރު ޝައިހާން އަލީ ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ ޓީސީގެ އެހެން ކުޅުންތެރިއަކަށް ދީގެން ޖެހުމުގެ ފުރުސަތު ވެސް އޮތެވެ.

އޭގެ ތިން މިނިޓް ފަހުން، ބުރަށް އެއްވަރުކޮށްދޭން ހުސް ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ މުހައްމަދު ނާއިމް އޭރިއާތެރެއިން ޖެހި ބޯޅަ ޓީސީ ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ. މެޗުގެ 75 މިނިޓްގައި ބުރުގެ ތައްތި ޖެހި ބޯޅަ ވެސް ވަނީ ކީޕަރު ސުޖަން ވަނީ ހުއްޓުވައިފަ އެވެ.

މެޗުގެ ފަހު ވަގުތުގައި ބުރުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނެވެ. އެކަމަކު، ގޯލެއް ޖެހޭގޮތެއްނުވި އެވެ.

އަހުސަން ރަޝީދު (ޗޭ) ބުނީ ފުރަތަމަ މެޗުގައި މާޒިޔާއާ ކުޅުނު ގޮތަށް މި މެޗުގައި ކުޅެން ނުޖެހޭނެކަން އެނގޭ ކަމަށާއި އެހެންވެ، ތައްޔާރުވީ ވެސް މޮޅުވާން ލިބޭ ފުރުސަތުގެ ބޭނުންހިފައި އެކަން ކުރުމަށް ކަމަށެވެ. އަދި ޓީސީގެ ކޮންމެ ކުޅުންތެރިއަކު ވެސް ވަރަށް ރަނގަޅަށް ކުޅުނުކަމަށާއި މި ދެ މެޗަށް ބަލާއިރު، އެންމެ ސަޕްރައިޒިން ކުޅުމެއް ޓީސީން ދެއްކީ ފުލްބެކް، އަހުމަދު މާއިޝް ރަޝީދު (މާއި) ކަމަށް ޗޭ ވަނީ ބުނެފަ އެވެ.

ބުރުގެ ކޯޗު ނިޒާމްބެ ބުނީ ބަލިވީ ހެދުނު އެންމެ ގޯހެއްގެ ސަބަބުން ފަހަތަށް އައި ބޯޅައެއް ކޮޅަށް ވަދެގެން ކަމަށާއި ފުރަތަމަ މެޗާ އަޅާބަލާއިރު ރަނގަޅު ކަންތައްތަކެއް ފެނިގެންދިޔަ ކަމަށެވެ. އިދިކޮޅުގައި އޮތް ޓީސީއާ ބެހޭގޮތުން ނިޒާމްބެ ބުނީ އެ ޓީމުން ދެއްކީ ވަރަށް އޮގަނައިޒް ކުޅުމެއް ކަމަށާއި ބޭނުންވި ކަންތައް ހާސިލްކުރީ މަސައްކަތް ވެސް ކޮށްގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox