ޒަކާތު ފައިސާ އިންވެސްޓްކުރުން ހުއްދަތަ؟

ޒަކާތު ފައިސާ އިންވެސްޓްކުރުން ހުއްދަތަ؟

މުދަލު ޒަކާތުން ހައްގުވާ މީހަކަށް ޒަކާތުގެ ގޮތުގައި އެއްޗެއް ލިބުމަށްފަހު އެއެއްޗެއް ލިބޭ މީހާ އެއެއްޗެއް އިންވެސްޓްކުރުމަކީ އެމީހެއްގެ އަމިއްލަ މުދާ އިންވެސްޓްކުރުން ފަދަ ކަމެކެވެ. ނަމަވެސް މުދަލު ޒަކާތުގެ ގޮތުގައި ސަރުކާރަށް ނުވަތަ ޒަކާތު ފަންޑަށް ނުވަތަ ޒަކާތު ހައުސްއަށް ނެގޭ ފައިސާއިން ބައެއް އޭގެ ހައްގުވެރިންނަށް ދިނުމުގެ ކުރިން އިންވެސްޓްކުރުން ހުއްދަވާނެތޯ ނުވަތަ ނޫންތޯ މިއީ އިލްމުވެރިންގެ މެދުގައި މާ ލުއިކޮށް އޮތްކަމެއް ނޫނެވެ.

މުދަލު ޒަކާތަކީ ކޮބާތޯ؟ މުދަލު ޒަކާތަކީ ވަކި ހާއްސަ ބާވަތެއްގެ މުދަލަކުން ވަކި ހާއްސަ ވަގުތެއް ޖެހުމާއެކު ވަކި ހާއްސަ ބަޔަކަށް މުދަލުން އަދާކޮށްދޭންޖެހޭ ހައްގެކެވެ. ވިޔަފާރި މުދަލުން ޒަކާތް ވާޖިބުވެ ނެރޭ މިންވަރު އަނެއްކާ ބެހުމުގެ ކުރިން އެޔާ ހަވާލުވާ މީހުން ނުވަތަ އެ ބެހުމުގެ ޒިންމާ އޮތް ފަރާތުން އިންވެސްޓްކުރުމާއި، މުއްސަންޖަކު ދެތިން އަހަރަށް ޒަކާތް ފަސްކޮށްލާފައި، އެ ދެތިން އަހަރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އިންވެސްޓްކުރުމާ ތަފާތެއް ހުރެދާނެހެއްޔެވެ؟ ދެ ހާލަތުގައި ވެސް ޒަކާތުގެ ހައްގުވެރިންނަށް ލިބެންޖެހޭ ޝަރުއީ ހައްގު ލިބުން ލަސްވެގެންދާނެއެވެ.

ޒަކާތުގެ ހައްގު އޭގެ ހައްގުވެރިންނަށް އަދާވެގެންދިއުން ލަސްވުމަކީ އިހުގެ އިލްމުވެރިންގެ މެދުގައިވެސް ވާހަކަދެކެވިފައިވާ ކަމެކެވެ. އިހުގެ އިލްމުވެރިން ބަހުސްކޮށްފައިވަނީ މުދަލު ޒަކާތް ވާޖިބުވެގެންވަނީ ވަގުތުން އަދާކުރަންޖެހޭ ކަމެއްގެ ގޮތުގައިތޯ ނުވަތަ މުދަލު ޒަކާތް ދެއްކުން ފަސްކުރުމަކީ ހުއްދަވެގެންވާ ކަމެއްތޯ ނޫންތޯއެވެ؟

އިލްމުވެރިންކުރެ ޖަމާއަތެއްގެ ބޭކަލުން ދެކެވަޑައިގެންނެވި ގޮތުގައި މުދަލު ޒަކާތް ދިނުން ލަސްކުރުމަކީ ހުއްދަވެގެންވާ ކަމެކެވެ. ނަމަވެސް ގިނަ އިލްމުވެރިންގެ ރައުޔުކަމަށް ގިނަ ފޮތްފޮތުން ފެންނާންހުރީ، މުދަލު ޒަކާތް ވާޖިބުވުމަށްފަހު ޒަކާތް ނެރުން ލަސްކުރުން ހުއްދަވެގެން ނުވާނެ ކަމަށެވެ. ސަބަބަކީ އެއީ ޒަކާތް ހައްގުވެފައިވާ އެޔަށް ބޭނުންޖެހިފައިވާ މީހުންނަށް ގެއްލުންވާނެ ކަމެއްކަމުގައިވާތީއެވެ. އަދި ޒަކާތުގެ މަގުސަދު އެކަމުގެ ސަބަބުން ގެއްލިގެން ހިނގައިދާނެތީއެވެ.

މުދަލު ޒަކާތް ނަގައިގެން އެ ބެހުމުގެ ކުރިން ޒަކާތާ ހަވާލުވާ ފަރާތުން އިންވެސްޓްކުރުން ހުއްދަވެދާނެތޯ ނުވަތަ ނޫންތޯ މިއީ ޒަމާނީ ފިޤުހީ މައްސަލައެކެވެ. މި މައްސަލައަށް ވަރަށް ފުޅާދާއިރާއެއްގައި ފަހުގެ އިލްމުވެރިންގެ މެދުގައި ބަހުސް ހިނގާފައިވެއެވެ. ޖަމާއަތެއްގެ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި މުދަލު ޒަކާތް ބެހުމުގެ ބަދަލުގައި އިންވެސްޓްކުރުން ހުއްދަވެގެން ނުވެއެވެ. މުސްލިމް ވޯލްޑް ލީގްގެ އިސްލާމިކް ފިޤުހު އެކަޑަމީގެ ރައުޔަކީ ވެސް މިއެވެ. އެއެކަޑަމީގެ ކަމާބެހޭ ޤަރާރުގައި އޮންނަނީ "މުދަލު ޒަކާތް ނެރުން ވާޖިބުވެގެންވަނީ ވަގުތުންނެވެ. އެއީ ވާޖިބުވާ ވަގުތު އޭގެ ހައްގުވެރިންނަށް އެ މިލްކުކޮށްދީގެންނެވެ." ސުޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމިޓީންވެސް ތާއީދުކުރަނީ މި ރައުޔަށެވެ. އަދި ސުޢޫދީގެ މިފަހުގެ އިލްމުވެރިންގެ ތެރެއިން އައްޝައިޚް މުޙައްމަދު ބިން ޢުޘައިމީންގެ ރައުޔަކީ ވެސް މިއެވެ.

ޒަކާތު މުދާބެހުމުގެ ކުރިޔަށް އެ މުދަލާ ހަވާލުވާ ފަރާތުން އިންވެސްޓްކުރުން ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިން ވެސް އެބަ ތިއްބެވިއެވެ. އަދި ފިޤުހު އެކަޑަމީތައް ވެސް އެބަހުއްޓެވެ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ފިޤުހު އެކަޑަމީގެ ރައުޔަކީ ޒަކާތު ފައިސާ ބެހުމުގެ ކުރިން އެފައިސާއިން އިންވެސްޓްކުރުން ހުއްދަކަމަށެވެ. ކުވައިތުގެ ޒަކާތުގެ ހައުސްގެ ވިސްނުމަކީ ވެސް އެއީއެވެ. ފަހުގެ ނަންމަޝްހޫރު އިލްމުވެރިން ކުރެ އައްޝައިޚް މުޞްޠަފާ އައްޒަރްޤާ އަދި ވަހުބަތުއްޒުޙައިލީ ދެކެވަޑައިގަންނަވާ ގޮތުގައިވެސް އެއީ ވަކި ޝަރުތުތަކާއެކު ހުއްދަކަމެކެވެ.

އޯއައިސީގެ ފިޤުހު އެކަޑަމީގެ ޤަރާރުގައި އޮންނަނީ، "ޒަކާތު ޙައްޤުވާ މީހުންނަށް އާޚިރުގައި އެ ހައްގުތައް މިލްކުކޮށްދެވޭނެ ގޮތެއްގެ މަތީން ނުވަތަ ޝަރުޢީގޮތުން ޒަކާތާ ހަވާލުވެ ބެހުމުގެ ޒިންމާ އޮތް ފަރާތުގެ ބެލުމުގެ ދަށުން މަޝްރޫޢުތަކަށް އިންވެސްޓްކުރުމުގައި ޒަކާތު މުދާ ބޭނުންކުރުމަކީ އުސޫލެއްގެ ގޮތުން ހުއްދަ ކަމެކެވެ. ނަމަވެސް ޒަކާތް ހައްގުވެފައިވާ ފަރާތްތަކަށް ކޮންމެހެން އެވަގުތަށް ބޭނުންޖެހިފައިވާ ހާޖަތްތައް ފުއްދުމަށްފަހުގައެވެ. އަދި އެ އިންވެސްޓްމަންޓްތައް ނާކާމިޔާބުވުމާ ދުރަށް އެޅޭނެ އެންމެހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށްފަހުގައެވެ."

ޒަކާތުގެ ހުކުމްތަކާ ބެހޭގޮތުން މިފަހު ޒަމާނުގެ އިލްމުވެރިންކުރެ ޒަމާނީ ވިޔަފާރިތަކާ ވެސް ހަވާލާދެއްވައި ދިރާސީ ނަޒަރަކުން އެންމެ ރަނގަޅު ފޮތެއް ލިޔުއްވި ބޭފުޅަކީ އަލްޢައްލާމާ އައްޝައިޚް ޔޫސުފުލް ޤަރަޟާވީއެވެ. އެހެންކަމުން މި ލިޔުން ނިންމާލަން ގަސްދުކުރަނީ މި މައުލޫގައި ޤަރަޟާވީ ދެއްވާފައިވާ ފަތުވާގެ ބައެއް ތަންކޮޅުކޮޅު ވެސް ގެނެސްދިނުމަށްފަހުގައެވެ.

އަލްޢައްލާމާ ޤަރަޟާވީ ވިދާޅުވެފައިވެއެވެ. "ޒަކާތް ފަރުލުކުރެއްވިފައިވަނީ ވަގުތުން ފުއްދަންޖެހޭ ކަންތައްތަކެއް ފުއްދުމަށެވެ. އަދި އަވަސް މަގުސަދުތަކެއް ހާސިލުކުރުމަށެވެ. އެހެންވެ ދީނުގައި ޒަކާތް ބެހުން ވާޖިބުވެފައިވަނީ ވަގުތުންނެވެ. އަދި އެކަމުގައި އުޒުރަކާ ނުލައި ލަސްކުރުން ހުއްދަވެގެން ނުވެއެވެ. އެއީ ފަގީރުންނާއި މިސްކީނުންގެ ބޭނުންތައް ފުއްދުމަށެވެ..."

އަދި މިމޭރުމުން ޒަކާތް ވާޖިބުކުރެއްވި ގޮތާއި ހިކުމަތަށް އަލިއަޅުއްވާލެއްވުމަށްފަހު ވިދާޅުވެފައިވެއެވެ. "އެހެންކަމުން އަހަރެމެން ދެކެނީ މުދަލު ޒަކާތް އިންވެސްޓްކުރުމަކީ އޭގެ ހައްގުވެރިންނަށް އެތަކެތި ފޯރުން ލަސްވެގެންދާ ކަމެއްކަމަށެވެ. އަދި އޭގެ ފައިދާ ވަގުތުން ލިބިގަތުމުން މަހްރޫމްވެގެންދާ ކަމެއް ގޮތަށެވެ. އަދި އެކަމުގެ ސަބަބުން މުދަލު ޒަކާތް އެއީ އޭގެ އަސްލު ސާބިތުވެފައި އޮންނަ އަދި ފައިދާ ފޯރުކޮށްދެވޭ ވަގުފު މުދަލަކަށް ވެގެންދެއެވެ. މިއީ ހަމަ ޔަގީނުން ހުއްދަވާނެ ކަމެއް ނޫނެވެ. އެހެނީ އަހަރެމެންނަށް ޒަކާތުގެ ގޮތުގައި ލިބުނީ އެއްހާސް ދީނާރުކަމަށްވާނަމަ ބަހަންޖެހޭނީ ވެސް އެއްހާސް ދީނާރެވެ." (އެބަހީ އޭގެ ޕަސެންޓެއް އަހަރެއް ފަހުން ދޭގޮތަށް އެއްހާހުގެ ބަދަލުގައި ސަތޭކަ ބެހުން ހުއްދައެއް ނުވާނެއެވެ.) މި ކަމުގެ ތަފުސީލު ދެއްވަމުން ވިދާޅުވެފައިވަނީ އިންވެސްޓްމަންޓްތަކުގެ ތަބީއަތަކީ އޭގެ ފައިދާ އަހަރެއްގެ ފަހުން ނަގާއިރުވެސް އެއްހާސް ދީނާރު އިންވެސްޓްކޮށްފައިވާނަމަ އޭގެ ދިހަވަރަކަށް ނުވަތަ އެ އަދަދުގެ ކޮންމެވެސް ޕަސެންޓެއް ނޫނީ ނެގޭނެ ގޮތް ނުވުމެވެ. އެއްހާސް ދީނާރު ޒަކާތުގެ ގޮތުގައި ލިބިފައި އެ އިންވެސްޓްކޮށްފައި އަހަރެއްގެ ފަހުން ސަތޭކަ ދީނާރު ބެހީމާ އެއިން ފަގީރުންނަށް ވަނީ ގެއްލުމެވެ.

ހަމަ މި ފަތުވާގައި ބައެއް ހާއްސަ ހާލަތްތަކުގައި މުދަލު ޒަކާތް އިންވެސްޓްކުރުން ހުއްދަވެދާނެކަމަށް ބަޔާންކުރައްވާފައިވެއެވެ. އެއީ ވަރަށް ބޮޑެތި އަދަދުތަކުން މިލިޔަނުން ޒަކާތުގެ ފައިސާ ބަލައިގަނެވޭ ހާލަތްތަކުގައި އެންމެ ކައިރީ ތިބި ފަގީރުންގެ ހާޖަތްތައް ފުއްދުމަށްފަހު އެހެން ގައުމުތަކުގައި ތިބި ހައްގުވެރިންނަށް އެ ފޯރުކޮށްދިނުމަށް އެކަށީގެންވާ މުއްދަތެއް ނަގަންޖެހިދާނެ ފަދަ ހާލަތްތައްކަމަށް ބަޔާންކުރައްވާފައިވެއެވެ. އެހާލަތުގައި ވެސް ރަނގަޅީ ވަރަށް ކުރު މުއްދަތުގެ އިންވެސްޓްމަންޓްތަކަށް ބޭނުންކުރުންކަމަށް ވެސް އައްލާމާ ބަޔާންކުރައްވާފައިވެއެވެ.

ރާއްޖޭގައި ވެސް މުދަލު ޒަކާތް އެ އޮންނަ އިންތިޒާމެއްގެ ތެރެއިން ނެގެމުން އެބަދެއެވެ. އަދި ބެހެމުން ވެސް އެބަދެއެވެ. ރާއްޖޭގައި މުދަލު ޒަކާތުން އިންވެސްޓްކުރުމުގެ ހުކުމާމެދު ދިވެހިރާއްޖޭގެ ފަތުވާ ކޮމިޓީން ދިރާސާކޮށް ބަސްފުޅެއް ވިދާޅުވާންޖެހޭނެއެވެ. އެއީ ރާއްޖޭގައި އެބާވަތުގެ ފައިސާ އިންވެސްޓްކުރުމާއި އިންވެސްޓްމަންޓްތަކުގެ ތަބީއަތް ހުރި ނެތްގޮތަކާއި އޭގެ އެކޮޅު މިކޮޅު ފައިނޭންޝަލް ބޭބޭފުޅުންގެ ބަސްފުޅުތަކުން އެނގެން ހުރި ގޮތްތަކެއްވެސް ބެލުމަށްފަހުގައެވެ. އަދި ބަޔާންވެދިޔަ އިލްމުވެރިންގެ ރައުޔުތަކަށް ބަލާއިރު، ރާއްޖޭގެ ހާލަތާ އެންމެ ބައްދަލު ގޮތަކީ ކޮބައިތޯ ދިރާސާކުރުމަށް ފަހުގައެވެ. ޒަކާތުގެ ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް މިވަގުތު ވެސް ހުށަހެޅިފައި އެބައޮތެވެ. އެބިލުގައި ޒަކާތު ފައިސާ އިންވެސްޓްކުރުން ހުއްދަކޮށްފައިވެއެވެ.

ފަހުގެ ޚަބަރު

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

ނެސްލޭ ޑެއިރީ ވައިޓްނާ ސިއްހަތަށް ނުރައްކާތެރި ކަމަށް ބުނެފި

ނެސްލޭގެ "ލޯ ފެޓް ޑެއިރީ ވައިޓްނާ" އަކީ ސިއްހަތަށް ނުރައްކާތެރި ފެންވަރު ދަށް އެއްޗެއް ކަމަށް އިންޑިއާގެ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ އިދާރާއިން ކަނޑައަޅައި، އެ ވިއްކުން ހުއްޓާލުމަށް އަންގައިފިއެވެ. ނަމަވެސް ނެސްލޭ ކުންފުނިން މިކަން ދޮގުކޮށް ބުނެފައިވަނީ އެ އުފެއްދުމަކީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ރައްކާތެރި އެއްޗެއް ކަމަށެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ޚަލީފާ އަބޫޖަޢުފަރުލް މަންޞޫރަށް މުޤާތިލް ދެއްވި ނަސޭހަތް

މިވާހަކައިން އިޝާރާތްކުރަނީ، ތިމާގެ ދަރިފަސްކޮޅުގައި ބަރަކާތްލެވި އެބައިމީހުންގެ މުދާވެރިކަމާއި މުއްސަނދިކަން އިތުރުވެ ވެރިންގެ ދަރިންގެ މުސްތަގުބަލު އުޖާލާކުރެއްވުން ގުޅިފައި އޮތީ، އަދުލުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންގެ ފައިސާއަށް ރައްކާތެރިވެގެން ވެރިކަން ކުރެވުނު މިންވަރެއްގެ މައްޗަށްކަމެވެ.

ވާހަކައަކުން ކިޔާ މީ އީދު ތަހުނިޔާ

ހަމަކަށަވަރުން ނަރަކައިގައި ޖާޑިތަކެއް ފަދަ ހަރުފަތަކަކާއި ބަޣަލްތަކެއް ފަދަ ނަގުލަންދާށިތަކެއް ލެއްވިފައިވެއެވެ. އެތަކެތި ވިހަލައި ކަށިޖަހައި އުޅެނީ ރައްޔިތުންނަށް އަދުލުވެރި ނުވާ ވެރިންގެ ގަޔަށެވެ.

Newsletter

Get the latest news delivered straight to your inbox