ހދ. ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުން އިންވެސްޓް ކުރުމުން ފާޑުކިއުންތައް އަމާޒުވި ކަމަށާއި ނަމަވެސް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކޮންމެހެން ބޭނުންތެރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ, މިއަދު ފެނިގެން މިދަނީ 32 އަހަރު ވަންދެން ބޮޑު ތިލަދުންމަތީގެ ރައްޔިތުން ކުރި އުއްމީދު ކަމަށެވެ.
"އެހެން ސަރަަހައްދުތަކުގައި ޓޫރިޒަމް ފައްކާމެ ފުޅާވެގެންދާއިރު މިހާ ދުވަސްވީއިރު އުތުރުގެ ރީތި ރަށްތައް ހުރިއިރު ކީއްވެތޯ ޓުއަރިޒަމް ފައްކާވެ ނުދަނީ. އެއީ އެ ހިސާބަށް ފަތުރުވެެރިން ގެންނާނެ ގޮތެއް ނެތުން،" ފައްޔާޒް ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް
އަގު: 136 މިލިއަން ޑޮލަރު
ކެޕޭސިޓީ: އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ

ރަންވޭ: 2،46 ކިލޯމީޓަރު
ފައްޔާޒް ވިދާޅުވީ ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓްކޮށްގެން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމުމުން އެއީ ހަމަ ބޭނުންތެރިކަމެއްތޯ ސުވާލު އުފައްދާ, ފާޑުކިއުން އަމާޒުވި ކަމަށެވެ. ނަމަވެސް ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރުމަށް ސަރުކާރުން ރިސްކު ނަގަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި, ރިސޯޓު ހަދަން ރަށްތައް ނަގައިގެން ތިބި ވިޔަފާރިވެރިން މަޑުކޮށްގެން ތިބީ މިފަދަ ބޮޑު މަޝްރޫއަކަށް އިންވެސްޓު ކުރުމަށް ސަރުކާރުން ރިސްކެއް ނަގަންދެން ކަމަށެވެ. އަދި އެ ވިޔަފާރިވެރިންގެ އުއްމީދުގައި ވެސް އެއާޕޯޓުގެ ސަބަބުން ކުލަޖެހިގެން ހިނގާފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.












