އަލިފާންކޮކާ

އަލިފާންކޮކާ

(ދެވަނަ ބައި)

"ރަޔާން ކޮކާ!" އާމިރާ ޖެއްސުމުގެ ރާގުގައި ބުނެލި އެވެ.

ދޮންބެދައްތަ މައިގެ ތެރޭގެ ބޮކީގެ ސްވިޗު ޖެއްސި އެވެ. އެއާއެކު މުޅިތަން އަލިވި އެވެ. ކޮކާތަކުގެ ވިދުންކަނިތައް ގެއްލުނެވެ. އޭގެ ރީތިކަން ގެއްލުނެވެ.

"އަހާނ! ކިހިނެއް އެވީ؟ ކީއްވެ ކުލަތައް ގެއްލުނީ؟" އާމިރާ ހައިރާންވެ ދެ ލޯ ބޮޑުކޮށްލި އެވެ.

"ތީ އަލިފާންކޮކާ! އަލިފާން ކޮކާލަކީ އަނދިރި ތަންތަނުގައި ދިއްލޭ ކޮކާލެއް. ތި ކޮކާތަކުން ފެންނަ ރެނދަން ކުލަތައް އަލިގަދަ ތަންތަނުގައި ނުފެންނާނެ." ދޮންބެދައްތަ ހިނިތުންވެލަމުން ބުނެލި އެވެ.

"އެހެންތަ! އަޅެ ބޮކި ނިވާލަބަލަ." އާމިރާ ހައިރާންވެ ބުނެލި އެވެ.

އެ މައުލޫމާތު ވެގެން ދިޔައީ އޭނާއަށް ވަރަށް ތަފާތު އާ މައުލޫމާތަކަށެވެ. އާ ތަޖުރިބާއަކަށެވެ. ދޮންބެދައްތަ ބޮކި ނިވާލި އެވެ. އެއާއެކު މުޅިތަން އަނިދިރިވި އެވެ. މުޅިތަނުން ރެނދަން ފާޅުވާން ފެށި އެވެ. ފާރުންނެވެ. ޓީވީ ރެކުގައި ހުރި މާގަސްތަކުންނެވެ. ކުޑަދޮރުގައި އެލުވާފައިވާ ފޮތިގަނޑުންނެވެ. ޔަގީންކުރެވުނީ އެއިން ކޮންމެ އަލިކޮޅަކީ އަހަރުމެން ދޫކޮށްލި ކޮކާތަކުން ކޮކާލެއް ކަމެވެ.

"ވަރަށް ސަޅި! އަހަންނަށް އަދި އަލަށް މި ފެނުނީ!" އާމިރާ ބުނެލި އެވެ. "ވަރަށް ސަޕްރައިޒް ވެއްޖެ އަސްލު ވެސް."

"އާނ! މި ދޮންބެދައްތަގެ އައިޑިއާއެއް." އަހަރެން ބުނެލީމެވެ.

"އަހަރުމެން ލަންކާއަށް ދިޔައިރު ތިބި ހޮޓާ ކައިރީ އޮންނަ ހޭޅިގަނޑުގައި މި ކަހަލަ ކޮކާ ވަރަށް އުޅޭނެ. އަހަންނަށް ވެސް މީގެ ކޮކާ ފުރަތަމަ ފެނުނީ އެ ތަނުން. ދެން ކޮންމެ ރެޔަކު އެ ތަނަށް ދޮންބެއާ ދެ މީހުން ގޮސް ތިބެން މި ސޮރުމެން އުދުހޭ މަންޒަރުބަލަން." ދޮންބެދައްތަ ކިޔައިދިނެވެ.

"އަސްލު ވެސް ވަރަށް ހިތްގައިމު." އާމިރާ ހިނިތުންވެލި އެވެ.

"ދޮންބެއާއެކު ދިޔަ މޫސައަށް މިކަން އެނގިގެން އެ މީހުން އަހަރުމެންނާ ދިމާކުރުމުގެ ތެރެއިން މި ހިޔާލު އައީ." ޝައުގުވެރިކަމާއެކު ދޮންބެދައްތަ ބުނެލި އެވެ.

"އެ؟" އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.

"މީގެ ކޮކާ ރާއްޖެއަށް ގެނައުން. އެ މީހުން މީގެ ކޮކާގެ ބިސް ގެނެސް ރާއްޖޭގައި އާލާކުރީ. ދެން އޭގެ ވިޔަފާރިއެއް ފެށީ. މި ބުނާ މޫސައަކީ ދޫންޏާއި މަސް ކަހަލަ އެއްޗެހީގެ ވިޔަފާރި ކުރާ މީހެއް." ދޮންބެދައްތަ އޮޅުންފިލުވައިދިނެވެ.

"އޭނާގެ ފިހާރައިން މި ކޮކާތައް ގެނައީ! ވަރަށް ފަހުން އެ މީހުން މި ވިޔަފާރި ފެށީ." އަހަރެން ވެސް ބައިވެރިވެލީމެވެ.

"ސަޅި ކަމެއް. އެހެންވީމަ ބިޒްނަސްއެއް ހިންގަން ބޭނުން ކޮންމެ މީހަކަށް ވަރަށް ސަޅި ބިޒްނަސްތައް އެބަ ހިންގެޔެއްނު ދޯ. މި ކިހާ ޔުނިކްކަމެއް. މީހުން ކިހާ ލައިކްވާނެ މިކަހަލަ ސަޅި އެއްޗެއްސަށް. އެހެންވެ އަހަރެން ބުނަނީ އަސްލު ބިޒްނަސްއަށް ބޭނުންވަނީ އުފެއްދުންތެރި މޮޅެތި ހިޔާލުތަކޭ." އާމިރާ ޝައުގުވެރިކަމާއެކު ބުނެލި އެވެ.

"އަހަންނަށް ހީވަނީ އާމި ވާންވީ ނަރުހަކަށް ނޫންހެން. ނޫންތަ ދޮންބެދައްތާ!" ދޮންބެދައްތައަށް ދޯ ދެމުން އަހަރެން ބުނެލީމެވެ.

"އަސްލު ވެސް. އެ ކިހާ ބުރަ މަސައްކަތެއް. އެކި ޑިއުޓީތަކަށް ގޮސް މީހާ ހުންނާނީ ގަޑުބަޑުވެފަ،" ދޮންބެދައްތަ ވެސް އަހަންނާ ބައިވެރިވެލި އެވެ. "ޝިފްޓް ޑިއުޓީ އަދާކުރުމަކީ އަސްލު ވަރަށް ވޭން ހުންނަ ކަމެއް."

"އިންސާނީ ހިދުމަތެއް ކުރުމަކީ ދެ ދުނިޔޭގައި ވެސް އެއިން ފައިދާވާނެ ކަމެއް. ގިނަ ފަހަރު އަމިއްލަ ވިޔަފާރިއެއް ކުރާނަމަ ހެދޭނީ ގޯސް. ނޭނގި ވެސް ކުރެވޭނީ ފާފަ. މި ބުނީ ވިޔާފާރީގެ ކަންކަމުގައި އަބަދަވެސް ބަލާނީ ކުރިއަށްދާން. އެހެންވީމަ ދެން ހެދޭނީ ގޯހޭ." އާމިރާ ބުނެލި އެވެ.

އާމިރާގެ އެ ޖުމުލަ އިވިފައި އަހަންނަށް ފަހުރުވެރިކަމުގެ އިހުސާސްކުރެވުނެވެ. އަނތްބެއްގެ ގޮތުގައި އާމިރާ ކަހަލަ ދުރުވިސްނޭ ކަންކަމާ މެދު އީޖާބީ ގޮތަކަށް ދެކޭ މީހުން މި ޒަމާނުގައި ވަރަށް މަދުވާނޭ ހިތަށް އެރި އެވެ. އަމުދުން ވިޔަފާރިއެއް ފެށި އެ ވިޔަފާރީގެ ސަބަބުން މުޅި ރާއްޖެއަށް މަގުބޫލުކަން ލިބެމުން އަންނަ މީހެއްގެ އެފަދަ ވިސްނުމެއް ނުހުންނާނޭ ހިތްބުނެލި އެވެ.

"އަސްލު ވެސް ދޯ." ދޮންވެދައްތަ ބޮކި ދިއްލައިލި އެވެ.

"އާމި އާ މެދު އަހަރެން ފަހުރުވެރިވަނީ ތިހެންވީމަ." އާމިރާގެ ކޮނޑަށް އަތްވައްޓައިލަމުން އަހަރެންނާ ގާތްކޮށްލީމެވެ.

"ދެން ހަމަ ފޮނިވާހަކަ ދައްކަން ތިބޭނީތަ؟ ސަޕްރައިޒްތައް އަދި ނުނިމެޔޭ." ދޮންބެދައްތަ ބުނެލި އެވެ.

ދޮންބެދައްތަ ހިނގައިގަތީ މޭޒާ ދިމާއަށެވެ. އޭނާ ގޮސް ތަށިތައް ގުޑުވާން ފެށި އެވެ.

"ވަރަށް ތައްޔާރުވެލައިފިން ދޯ!" އާމިރާ ބަލައިލީ އަހަރެންގެ މޫނަށެވެ.

"އާން ދެން ޖެހޭނެތާ ދޯ! އަހަރުމެންގެ އާއިލާގެ ނަން ވިދުވާދީ އަހަރުމެންނަށް އުފާވެރިކަން ގެނެސްދިން މީހަކީ ތި އެއްނު. އަހަރުމެންނަކީ ދުނިޔޭގައި އުޅޭ ބަޔެއްކަން އެހެން މީހުންނަށް އިހުސާސްވީ އާމިގެ ސަބަބުން ވިއްޔާ! އެހެން ނޫނަސް ދޮންބެދައްތައަށް ވެސް މިހާރު އެބަ ކަންކަން ދަސްވެ ދުނިޔެއަށް ލޯ ހުޅުވޭ އެބަ." ދޮންބެދައްތަ ތަށިތައް ތަރުތީބު ކުރަމުން ބުނެލި އެވެ.

"ތޭންކިޔޫ ދޮންބެދައްތާ! ޔޫރ ސޯ ސްވީޓް ސިސް." އާމިރާ ގޮސް ދޮންބެދައްތަ ގައިގައި އޮޅުލައިގަތެވެ.

އާމިރާގެ ފަހަތުން އަހަރެން ވެސް ހިނގައިގަތީ މެވެ. މޭޒާ ދިމާ އަށެވެ. އޭރު ދޮންބެދައްތަ ހުރީ ހުރިހާ އެއްޗެއް ތަރުތީބުކޮށްފަ އެވެ.

"ދޮންބެ ކޮބާ؟" އާމިރާ އަހައިލި އެވެ.

"އަހަރުމެން ވަރަށް ބެލިން އެ ކުއްޖާ ވެސް ގެނެވޭތޯ! އެކަމަކު ތިލަފުށްޓަށް ދިޔަ މީހާ އެ ތަނުގައި ތަންހަރު ވެއްޖެ. ދެން ކިހިނެއް ގެންނާނީ." ދޮންބެދައްތަ މަޖާ ރާގެއްގައި ބުނެލި އެވެ.

"ކުޅުދިޔާވާން ފަށައިފި. އަހަންނަށް އެންމެ މީރު ހުރިހާ އެއްޗެއް. ދޮންބެދައްތަ އަވަސްވެފައި ކުޅަދާނައީ ދޯ." އާމިރާ އިށީނެވެ.

"އާނ! އަހަންނަށްވުރެ ކުރިން ދޮންބެދައްތަ ހުރީ މި ހުރިހާ ކަމެއް ތައްޔާރުކޮށްފަ. އަސްލު މީ ދޮންބެދައްތަގެ ސަޕްރައިޒެއް އިނގޭ." އަހަރެން ބުނެލީމެވެ.

އެކި ވާހަކައިގައި ތިބެ ކެއުމަށް އިންސާފުކުރަމުން ދިޔައީމެވެ. ހެމުން ސަކަރާތްޖަހަމުންނެވެ. ދޮންބެދައްތަގެ ރަސްމީ ހިނިގަނޑުގެ ސަބަބުން މުޅި ގޭތެރެއަށް އުފާވެރިކަން ގެނުވައިދެ އެވެ. މުޅިތަނުގެ ހިތްގައިމުކަން އިތުރުކޮށްދެމުން ދެ އެވެ.

ކުއްލިއަކަށް ފޯނުމަތިން ހަނދާންވި އެވެ. އަހަރެން ފޯނު ނިއްވާލެވުނު ހަނދާންވި އެވެ.

"ފޯނު ނިވައިލައިގެނޭ ދޯ މި އުޅެވެނީ ހުރިހާ އިރު." ފޯނަށް ބަލައިލަމުން އަހަންނަށް ބުނެލެވުނެވެ.

"މަށަށް ލަނޑުދޭކަށްނު." އާމިރާ ވެސް ބުނެލި އެވެ.

ފޯނު ހުޅުވާލީމެވެ. އިސާހިތަކު ފުލުފުލުގައި މެސެޖުތައް އަންނާން ފެށި އެވެ. ނޮޓިފިކޭޝަންތަކާ އެކު ރާސްލައިފައި މުޅި ތަން އެއް އަޑު ކިޔައިލީ ރިންގުޓޯނުގެ އަޑުންނެވެ.

"ސުއްބުނާ!" އާމިރާ ހޭންފެށި އެވެ.

"އޮށް ގޯނި އޮއްސާލީތަ؟" ދޮންބެދައްތަ ވެސް ސަކަ ރާގެއްގައި ބުނެލި އެވެ.

"ނޭނގެ. ވަރަށް ގުޅައިފަ އެބަ އޮތް މީހަކު. މެސެޖެއް ވެސް އެބަ އޮތް." އަހަންނަށް ހީނލެވުނެވެ.

"މަށަކަށް ނޫނެއްނު ލަނޑު ދެވުނީ." އާމިރާ ހީނލި އެވެ.

ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ މެސެޖެއް ކިޔައިލެވުމާ އެކު އަހަރެންގެ ދެ ލޯ ބޮޑުވި އެވެ. އަނގަހުޅުވުނެވެ. ނޭވާ އަވަސްވެ ދެ ލޯ ބޮޑުކޮށްލެވުނެވެ.

"ނޫން! ނޫން! ނުވާނެ." ބޭއިހުތިޔާރުގައި ދެ ލޯ ބޮޑުކޮށްލެވުނެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox