23 ޖުލައި 2022 - 07:19 0
ސާއިފް ޝިޔާދު
23 ޖުލައި 2022 - 07:19 0
ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެކީގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ހަފްތާގަ އެވެ. އެއާއެކު ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
ހެއްކާ ބެހޭ ބިލު ތަސްދީގުކުރިއިރު، ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިވާ ގޮތަށް މާއްދާއެއް އެބަ އޮތެވެ. ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ގާނޫން ވަނީ ލިބިދީފަ އެވެ.
އެކަމާ ގުޅިގެން މިދިޔަ ހަފްތާގައި ނެރުނު ނޫސްބަޔާނެއްގައި އެމްޖޭއޭ އިން ބުނީ ރައީސް ސޯލިހު އެ ގާނޫނު ތަސްދީގު ކުރެއްވުން ކުށްވެރިކޮށްފަ އެވެ. ވަކިން ހާއްސަކޮށް 158 ނޫސްވެރިން ސޮއިކުރުމަށް ފަހު ރައީސަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް އޭގައިވާ ކަންބޮޑުވުންތަކަށް ފަރުވާލެއް ބަހައްޓާފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ. ބިލު ތަސްދީގު ކުރުމުން އެނގިގެން ދަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮ ނިޔަތް ނެތުން ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
މިކަމާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ގާނޫނު ދިފާއުކޮށް ބުނީ މައުލޫމާތުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމުގެ ހައްގު، މިނިވަން އަދި ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ހިފެހެއްޓިފައިވަނީ، އެ ހައްގުގެ މަގްސަދާއި އިމްތިޔާޒުތަކާއި، ހައްގު ހިފެހެއްޓުމުގެ މުހިއްމުކަން އަޅައިކިޔުމަށް ފަހުގައި ކަމަށެވެ.
ކޮވިޑުގެ ބަލިމަޑުކަމާއި ސަޕްލައި ދަށްވުމުގެ ސަބަބުން މުޅި ދުނިޔޭގައި އުފެދިފައިވާ އިންފްލޭޝަން މަތިވުމުގެ މައްސަލަ ހަމައަކަށް ނޭޅެނީސް ރާއްޖޭގައި ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) އާއި ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ބޮޑުކުރަން ނުފެންނަ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނީ މިދިޔަ ހަފްތާގަ އެވެ.
ހުޅުމާާލޭގެ ޚާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމްގެ މެއަށް ލިބިފައިވާ ޒަހަމްތައް އޭނާ ގޮވައިގެން އެމްބިއުލާންސްގައި ދަތުރުކުރި އެ ރެސްޓޯރަންޓުގައި މަސައްކަތް ކުރި މީހާއަށް ވެސް ނުފެންނަ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ބުނީ ނިމިދިޔަ ހަފްތާގަ އެވެ. ޚާންޖީ ރެސްޓޯރަންޓުގައި މަސައްކަތް ކުރާ ޔޫނުސް ބުުނި ގޮތުން ނަމަ އޭރު ވެސް ޝަމީމްގެ މުޅި ޓީޝާޓް އޮތީ ލެއިން ތަތްތެޅިފަ އެވެ. އެކަމަކު އޭނާއަށް ވެސް ފެނުނީ އެހެން މީހުނަށް ވެސް ފެނުނު ގޮތަށް މޫނުމަތީ ކޮށައިގެން ގޮސް ލިބިފައިވާ ޒަހަމް އެކަންޏެވެ.
ރ. މަޑުއްވަރީގައި މިދިޔަ އަހަރު، ޓީޗަރަކާއި އިތުރު ބަޔަކުވެގެން ސްކޫލު ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ރިވިއު ކުރަންޖެހޭ ސަބަބެއް އޮތްތޯ ބަލަމުން އަންނަ ކަމަށް އެ އޮފީހުން ބުނީ މިދިޔަ ހަފްތާގަ އެވެ. އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހުންނަށް ދައުވާކުރުމަށް ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން މައްސަލަ ފޮނުވާލުމުން އެ މައްސަލަ ފުލުހުން އޮތީ ފައިލްކޮށްފަ އެވެ. ނަމަވެސް އަނިޔާ ލިބުނު ކުއްޖާގެ އާއިލާގެ ފަރާތުން ވަނީ އެ މައްސަލަ އަލުން ރިވިއުކޮށްދިނުމަށް އެދިފަ އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖެ އާއި ރާއްޖޭން ބޭރުން ތައުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުސަތުތަކެއް ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ވެސް މިދިޔަ ހަފްތާގަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕްއާއި ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ސްކޮލާޝިޕް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދެވޭ ކަމަކަށް އޮތީ ތައުލީމީ ހުނަރުވެރި ޖީލެއް ބިނާ ކުރުން ކަމަށެވެ.
ވެރިކަންކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީއަށް ދައުލަތުން ދޫކުރާ ފައިސާގެ 60 ޕަސެންޓު، އެޕާޓީގެ އެކި ދާއިރާތަކާއި ގޮފިތަކަށް ދޫކުރަން ފާސްކުރީ މިދިޔަ ހަފްތާގަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން ނިމިދިޔަ ހަފްތާގައި ބޭއްވި ބައްދަލުމުގައި ފާސްކުރި ގަރާރުގައިވާ ގޮތުން ދާއިރާ ތަކަށް ދޫކުރާ ފައިސާގެ 25 ޕަސެންޓް ބަހާނީ ދާއިރާތަކަށް ހަމަހަމަކޮށެވެ. އަދި، ދާއިރާތަކަށް ދޫކުރާ ފައިސާގެ 20 ޕަސެންޓް ބަހައިލާނީ ދާއިރާގެ ރަށްތަކަށް ހަމަހަމަކޮށެވެ. އެކަމަކު ދާއިރާތަކަށް ދޫކުރާ ފައިސާގެ 45 ޕަސެންޓް ބަހާނީ ދާއިރާތަކުގައި މެމްބަރުން ތިބި ނިސްބަތުންނެވެ.
"އެމްޕްލޯއިމަންޓު އިން ޓޫރިސްޓް ރިސޯޓްސް"
މިއީ ރާއްޖޭގައި އޮޕަރޭޓު ކުރަމުންދާ ހުރިހާ ރިސޯޓެއްގައި ޓޫރިޒަމް މިނިސްޓްރީ އާ ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރި ދިރާސާއެކެވެ. މި ދިރާސާގައި ވަނީ ޓޫރިސްޓު ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާއި އެ މުވައްޒަފުންނާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ދެނެގަނެވިފަ އެވެ.
Comment