މީގެ ޒަމާންތަކެއް ކުރިން މި ރަށަށް ޒިޔާރަތްކުރަން ޖެހުނެވެ. ރަށަށް ފައިބާން ޖެހުނު ހާލަތު ހަނދާނުގައި ތާ އަބަދަށް ހުންނާނެހެން ހަރުލެއްވީ، ރަށަށް ފައިބާންވެގެން ބޮއްކުރާގައި ދިޔައިރު ބާނި ލާފައި ނެގި ރާޅު ބައިގެ ދަށު ނުވެ އުފުލަން ޖެހުނު ތަކުލީފާއި، ގަތް ބިރެވެ. ދާދި ފަހަކާ ޖެހެންދެން ވެސް މިއީ މި ރަށުގެ ހާލަތެވެ.
މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) ނޫމަރާގެ ހާލަތު މި ލިޔުމުގައި ހިމަނާފައިވާ ފޮޓޯތަކުން ސިފަކުރެވި، އިހުސާސްކުރެވޭނެ އެވެ.

2011 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު ނޫމަރާ އަށް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނާއި ވަފުދުގެ ބޭފުޅުން ރަށަށް ބޭލުމަށް ރަށުގެ ރައްޔިތުން އުފުލި ތަކުލީފު. -- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ގިނަ ރަށްތަކާ ހިލާފަށް މި ރަށަކީ ގުދުރަތީ ފަޅެއް ނެތި، މާކަނޑުގެ ބިޔަ ރާޅުތަކަށް ހުޅުވިފައި އޮތް، މިހާރު 50 ހެކްޓަރުގެ ރަށެކެވެ. ގާމަތި މި ރަށަށް ލަފައި ފުރުމުގައި އިންތިހާއަށް އުނދަގޫ އުފުލަންޖެހި، ހިތާމަވެރި ހާދިސާތައް ހިނގާފައިވެ އެވެ. ރަށުގައި ހުރި ދަތި އުނދަގޫތަކުގެ ސަބަބުން މިނި އާލާނުވެ، އެތައް ފަހަރަކު މީހުން އެހެން ރަށްރަށަށް ބަދަލުވި އެވެ. ތުންތުން މަތިން އައިސްފައިވާ ވާހަކަތަކުން، ރަށުގައި މީހުން ހަރުލައި އާބާދުވާން ފެށީ ފަންޑިތަ ހަދައިގެންނެވެ. އެކަމަށްޓަކައި ބޭނުންކުރި ކަމަށް ބުނާ ހިރިގާ މިހާރު ވެސް އެރަށުގައި ފެންނަން އެބަ އޮތެވެ.

ނޫމަރާގައި މީހުން އާބާދުކުރަން ފަންޑިތަ ހަދާފައި އޮތް ގާ ކަމަށް ބުނާ ގާ. -- ފޮޓޯ: އަލީ ރަބީއު

އެ ބުނާ ފަންޑިތައެއް ހެދި ފަހުން ވެސް ނޫމަރާއިން ގިނަ އަދަދެއްގެ ބަޔަކު އެ އަތޮޅުގެ ވެރިކަންކުރާ ރަށް، ށ. ފުނަދުއަށް ބަދަލުވި އެވެ. އެއީ 2006 އެވެ. ފުނަދުއާ 40 ކިލޯމީޓަރު ދުރުގައި އަދި މާލެއާ 255 ކިލޯމީޓަރު ދުރުގައި އޮތް ނޫމަރާ އަކީ ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުން ކުޑަ ރަށަކެވެ. ނަމަވެސް ރަށަށް ދިމާވެފައިވާ މައްސަލަތައް ބޮޑެވެ. މި ފަހުގެ ތާރީހުގައި އެކަމަށް ހެދި އެންމެ ވަރުގަދަ "ފަންޑިތަ"އަކީ 2012 ވަނަ އަހަރުގެ ކުރީކޮޅު ފަޅު ކޮނެ ބަނދަރު ތައްޔާރުކުރުމެވެ. އެއާއެކު ލަފައިފުރުމުގައި ހުރި ދަތިތައް ހައްލުވި އެވެ. ނަމަވެސް މިހާރު ބަނދަރު ތިލަވެ، ދޯނި ފަހަރަށް ބަނދަރަށް ނުވަދެވެ އެވެ.
ނޫމަރާގެ ޖުމުލަ އާބާދީއަކީ 517 އެވެ. އެއީ 245 އެންހެނުންނާއި 272 ފިރިހެނުންނެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 447 އެވެ. އަދި 36 ބިދޭސީން ދިރިއުޅެ އެވެ. މިރަށަށް ދީފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ސީ-2 އެވެ.

ރަށުގެ ކައުންސިލް އިދާރާ: އާ އިމާރާތެއް އެދުމަށް މިހާރު ވަނީ އިއުލާނުކޮށްފައި -- ފޮޓޯ: އެފްބީ/ ށ. ނޫމަރާ ސޯޝަލް ޕޭޖް
ރަށުގެ އާންމު ވިޔަފާރިއަށް ބަލާއިރު ފަސް ފިހާރަ އާއި ތިން ކެފޭ އާއި ތެލާއި ގޭސް ވިއްކާ ދެ ތަނަކާއި ފާމަސީއެއް އެބަ ހުއްޓެވެ. ގާމަތި ރަށަކަށްވެފައި، ފަޅެއް ނެތުމުން އިގުތިސޯދީ ހަރަކާތްތަކެއް ނުހިނގަ އެވެ. ވަދު މަސްވެރިކަން އަދި ރަށުގައި ދަނޑުވެރިކަން ވެސް ކުރަނީ ރަށުގެ ރައްޔިތުންގެ ބޭނުމަށް ފުދޭ ވަރަށެވެ. މި ރަށުގައި ކުދި ދޯނިފަހަރު ވަރަށް ގިނަ އެވެ.
ކުރިން ބާކީވެފައި އޮތަސް މިހާރު މި ރަށަށް ވެސް ވަނީ ތަރައްގީ އަންނަން ފަށައިފަ އެވެ. މިހާރު ވެސް ހަތަރު ޕްރޮޖެކްޓެއް ކުރިއަށް އެބަދެ އެވެ. އެއީ ފުޓްސަލް ދަނޑާއި ފެނަކައިގެ އާ އިމާރާތާއި ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތާއި ސްކޫލްގެ ހަތަރު ކްލާސްރޫމް އިމާރާތްކުރުމެވެ. އަދި ބާވެ ހަލާކުވާން ކައިރިވެފައިވާ ކައުންސިލް އިމާރާތުގެ ބަދަލުގައި އާ އިމާރާތެއް ބިނާކުރަން ވަނީ އިއުލާނުކޮށްފަ އެވެ. އަދި މި ރަށުގެ އެކަހެރި ކަމަށް ފުރިހަމަ ނިމުމެއް ގެނުވާނެ ކަމަކީ ހައި ސްޕީޑް ފެރީ ނެޓްވޯކެވެ.

ނޫމަރާގެ ބަނދަރަށް ބޯޓެއް ބީހިފައި. ބަނދަރު ހެދި ނަމަވެސް، މިހާރު އެތަން ވަނީ ތިލަވެ ބޭނުން ނުކުރެވޭ ވަރުވެފައި. -- ފޮޓޯ: އަލީ ރަބީއު
ތަރައްގީ އަންނަމުން ދިޔަސް ރަށުގެ ރައްޔިތުންގެ މިހާރު އެންމެ މާޔޫސްކުރުވާފައި ވަނީ ބަނދަރެއް އޮވެ، ބަނދަރު ބޭނުން ނުކުރެވޭތީ އެވެ.
"ރަށަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ބަނދަރު ތިލަވުން. މިހާރު ވެސް އެތައް މަސް ދުވަހެއް ވެއްޖެ އެއްގޮތަކަށް ވެސް ބަނދަރު ބޭނުން ނުކުރެވޭތާ،" ނޫމަރާ ކައުންސިލްގެ ރައީސް އަލީ ރަބީއު ވިދާޅުވި އެވެ.
ދިރިއުޅެން އުނދަގޫ ރަށަކަށް ވެފައި، ހިތްވަރާއެކު ރަށް އާބާދުކުރި ރަށްވެހިން ވެގެންދާނީ ނުހުނު ހުނަރުވެރި، ހިތްވަރުގަދަ ބަޔަކަށެވެ. އެކަން މިހާރު ވެސް ފެންނަން އެބަ ހުއްޓެވެ، ނޫމަރާއަކީ ށ. އަތޮޅުގައި ވެސް ކިއްސަރު ވަޑާމަށް އެންމެ މަޝްހޫރު ރަށެވެ. ފުނަދުއަށް ގިނަ ވަޑިންތަކެއް ބަދަލުވި ނަމަވެސް، މިއަދު ވެސް އެރަށުގެ ވަޑިން ގެންދަނީ އެހެން ރަށްރަށަށް ގޮސް ދޯނިފަހަރު ބަނދެ ދެމުންނެވެ. އެރަށުން ފެންނަ ރީތި ކުދި ދޯނިތައް ވެސް ނުލާހިކު ޗާލެވެ. އަދި މި ރަށުގެ ރައްޔިތުންނަކީ ހިތްހެޔޮ މެހުމާނުދާރީ އަދާކުރުމުގައި ނަމޫނާ ބައެކެވެ.
titledesc










