ެރިސޯޓު ކުލި ކުޑަކުރަން އެމްއެމްއޭގެ ތާއީދެއް ނެތް؛ ބައި ބިލިއަން ރުފިޔާ ގެއްލޭނެ

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީގެ ބައްދަލުވުމުގައި ގަވަރުނަރު އަލީ ހާޝިމް އާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް. -- ފޮޓޯ: މަޖިލީހުގެ އިދާރާ

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީގެ ބައްދަލުވުމުގައި ގަވަރުނަރު އަލީ ހާޝިމް އާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ މި ދަނޑިވަޅުގައި ބުއްދިވެރި ކަމެއް ނޫން ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ދިރާސާކުރަމުންދާ އިގުތިސޯދީ ކޮމިޓީގެ ބައްދަލުވުމެއްގައި ގަވަރުނަރު މިކަން ހާމަކުރެއްވީ މި ބިލާ މެދު މަރުކަޒީ ބޭންކުގެ ލަފާ ހިއްސާކުރައްވަމުންނެވެ.

އެގޮތުން ގަވަރުނަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ހާލަތު މިހާރު ހުރި ގޮތުން އާމްދަނީއަށް އަސަރުކުރާނެ ފިޔަވަޅުތަކެއް އެޅުން ރަނގަޅު ނޫނެވެ. އަދި ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސޯދީ ކާރިސާގެ ފަހަތުގައިވާ ކަންކަމުން މިސާލު ނަގަނީނަމަ، އާމްދަނީ ހީނަރުވާނެ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރެވެނިޔު ދަށްވާ ކަހަލަ އެކްޝަންތަކެއް ނެގުން ބުއްދިވެރިއެއް ނޫން،" ހާޝިމް ވިދާޅުވި އެވެ.

ސަރުކާރުން ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މިހާރު ހިންގަމުންދާ ރިސޯޓުތަކުގެ ކުލި ކުޑަކުރާށާއި، ތ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުރި ރިސޯޓުތަކުގެ ކުލި ކުޑަކުރާށެވެ. ސަރުކާރުން ބޭނުންވާ ގޮތަށް އިސްލާހު ފާސްކޮށްފިނަމަ މި ހުރިހާ އަތޮޅެއްގައި ހުރި ހުރިހާ ރިސޯޓުތަކެއް ކުލި ކުޑަވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ދައުލަތުގެ އެހެން އިދާރާތަކުން ލިބެންހުރި މައުލޫމާތުގެ އަލީގައި "އަދަދު" ނޫހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި 158 ރިސޯޓެއްގެ ކުލި ކުޑަވާނެ އެވެ. އެއީ "ނ.-ދ." ކެޓެގަރީގައިހިމެނޭ 146 ރިސޯޓަކާއި "ތ.-ގދ." ކެޓެގަރީގައި ހިމެނޭ 12 ރިސޯޓެކެވެ.

މިއީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ 166 ރިސޯޓުގެ 93 ޕަސެންޓެވެ.

ނަމަވެސް ސަރުކާރުން މަޖިލިހާ މިހާތަނަށް ހިއްސާކުރި މައުލޫމާތުން ނުވަތަ އެހެން ވެސް ގޮތަކުން ލިބެން ހުރި މައުލޫމާތުން މި އަދަދުތަކާއި، އާމްދަނީއަށް ކުރާނެ އަސަރު ކަށަވަރެއް ނޫނެވެ.

އެ އަދަދުތައް ނުހިމަނާތީ އެމްއެމްއޭ އަދި މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ)އިން ވެސް އެކަން ކޮމިޓީގައި ފާހަގަކުރި އެވެ. ދެ އިދާރާގެ ފަރާތުން ބައިވެރިވި ބޭފުޅުން ވެސް ވިދާޅުވީ ދައުލަތުގެ އާމްދަނީއަށް އަސަރުކުރާ ކަންކަމުގައި "އެނަލިސިސް" އެއް އޮންނަން ވާނެ ކަމަށެވެ.

ސީދާ އަދަދެއް ނޭނގުނު ކަމުގައިވީ ނަމަވެސް، މި ބައްދަލުވުމުގައި މީރާއިން ބައިވެރިވި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީއު ވިދާޅުވީ، "ރަފް" ނުވަތަ ވަގުތީ އަންދާޒާތަކުން ދައްކާ ގޮތުގައި މި ބަދަލުގެ ސަބަބުން ދައުލަތުގެ އާމްދަނީން ގާތްގަނޑަކަށް 590 މިލިއަން ރުފިޔާ ގެއްލޭނެ އެވެ.

އެއީ ކޮންމެ އަހަރަކު ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލިން ލިބޭ 1.6 ބިލިއަން ރުފިޔާއަށް ބަލާނަމަ 36.8 ޕަސެންޓުގެ ދަށްވުމެކެވެ.

މި އިސްލާހުގެ ސަބަބުން ގެއްލުންވި ނަމަވެސް ސަރުކާރުން ބުނަނީ މިއީ ޓެކްސް އާމްދަނީ އިތުރުވާނެ ފިޔަވަަޅެއް ކަމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވެސް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ދެއްކެވީ އެ ވާހަކަތަކެވެ.

އަދި ވިދާޅުވީ، މިއީ ޓޫރިޒަމް އިންވެސްޓްމަންޓުތަކަށް ފަހިކޮށްދޭން ސަރުކާރުން ގެންނަ ބަދަލެއް ކަމަށެވެ.

ކޮމިޓީގައި މިހެން ވިދާޅުވި ނަމަވެސް، މިހާރު މަޖިލިހަށް ހުށަހަޅާފައިވާ ބިލުގައި، ބިމު ކުލި ކުޑަކުރަން ހުށަހަޅާ މަގުސަދުގެ ގޮތުގައި ވަނީ މިނިމަމް ވޭޖާ ގުޅިގެން ޓޫރިޒަމް ވިޔަފާރިތަކަށް ކުރާ އަސަރު ކުޑަކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސްގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމެވެ. 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މި ދުވުން އޮންނާނީ 20 ނޮވެމްބަރު 2026 ގައި ހުޅުމާލޭގައެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބާއްވާ މި ހަރަކާތުގައި ހާފް މެރަތަން އާއި އެކި ކިލޯމީޓަރުތަކުގެ ދުވުންތައް ހިމެނެއެވެ.

އެސްޖޭ ދިހެރެޔާ ރެސިޑެންސްގެ އެޕާޓްމަންޓް ބުކިންއަށް ހުޅުވާލައިފި

އެސްޖޭ ގްރޫޕުން ހުޅުމާލޭ ފޭސް 1 ގައި ތަރައްގީކުރާ 'އެސްޖޭ ދިހެރެޔާ ރެސިޑެންސް' ގެ އެޕާޓްމަންޓްތައް 3.6 މިލިއަން ރުފިޔާއިން ފެށޭ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް އަމާޒުކޮށްފައިވާ މި ކޮންޑޮމީނިއަމްގައި އިންފިނިޓީ ޕޫލާއި، ޖިމް އަދި ޕާކިން ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭއިރު، މިއީ ހުރިހާ ޚިދުމަތްތަކެއް ކައިރިން ލިބޭނެ ހިތްގައިމު ސަރަހައްދެއްގައި ބިނާކުރާ އިމާރާތެކެވެ.

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

Newsletter

Get the latest news delivered straight to your inbox