އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައާ، ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްސަލާގައި ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށް މިރޭ ހުށަހަޅައިފި އެވެ.
ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ކޮމިޓީއަށް އެ މައްސަލަ ހުށަހެޅީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާ ދެ މައްސަލައިގެ އަޑުއެހުމުގެ ތާވަލަށް ބަދަލުތަކެއް ގެނެސް، ކުރިއަށް އޮތް ހަތަރު މަހުގެ ތެރޭގައި ހުކުމަކާއި ހަމައަށް ވާސިލްވުމަށް އިއްޔެ ކްރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެންނެވެ. އަދި މަހުލޫފުގެ މައްޗަށް އުފުލި ދައުވާގެ އަޑުއެހުންތައް ކޮވިޑަށްފަހު ފެށުމަށް ލަސްކުރުމާއި އެކު ވެސް މެ އެވެ.
ޔާމީންގެ މައްސަލަ މިއަހަރުގެ ނޮވެމްބަރު މަހަށް ނިންމަން ތާވަލްކޮށްފައި ވީނަމަވެސް، މިއަހަރުގެ ޖޫން 30 ވަނަ ދުވަހަށް ދެ މައްސަލަ ނިންމާ ހުކުމް ކުރުމަށް ތާވަލްކޮށް، އަވަސްކުރީ ސަރުކާރުގެ ނުފޫޒުން ކަމަށް ޝިޔާމް މަޖިލީހަށް ފޮނުވި ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ. އަދި އެ މައްސަލަ ބަލާދިނުމަށް އޭނާ އެދިވަޑައިގަތެވެ.
"ކޯޓުތަކުން ކުރާ ޝަރީއަތަކީ ހުރިހާ ފަރާތްތަކަކަށްވެސް އަދުލުވެރިކަމާއި އިންސާފުވެރި ކަމާއެކު ކުރެވޭ ޝަރީއަތްތަކަކަށް ވާންޖެހެ އެވެ. ނަމަވެސް މިހާރު ފެނިގެން މިދަނީ ސަރުކާރުން ކޯޓުތަކުގެ ތެރެއަށް އަތްބާނާ، ރައީސް ޔާމީންގެ ހައްގުތަކަށް އަރައިގަނެ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނާ ހަމަހަމަކަމުގެ ހައްގު ނިގުޅައިގަންނަމުން ދާ ތަނެވެ،" ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީގައި ޝިޔާމް ލިޔުއްވާފައި ވެއެވެ.
"އެހެންކަމުން ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފުގެ ކޮރަޕްޝަންގެ މައްސަލަ ކުރިއަށް ނުގެންގޮސް، ރައީސް ޔާމީނުގެ މައްޗަށް ސިޔާސީ ދައުވާ އުފުލާ، ޝަރީއަތަށް އަތްބާނާ، ޖޭއެސްސީ ހައިޖެކްކޮށްގެން އުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބައްލަވާ ދެއްވުން އެދެމެވެ."

މައްސަލަތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލަނީ އެ މައްސަލައެއް ބައްލަވާ ގާޒީ އެކެވެ. ރައީސް ޔާމީންގެ ދެ މައްސަލަވެސް ކްރިމިނަލް ކޯޓުގައި ބައްލަވަނީ އެ ކޯޓުގެ އިޒް ގާޒީ އަހްމަދު ޝަކީލް އެވެ. މަހުލޫފްގެ މައްސަލަ ހަވާލުކޮށްފައި ވަނީ ގާޒީ މުހައްމަދު މިސްބާހު އަށެވެ.
ރ. ފުއްގިރިއާއި، ވ. އާރަށް ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ދައުލަތުން ކުރާއިރު، އެ ދެމައްސަލާގައި ޖުމްލަ ހަތަރު ދައުވާއެއް ޔާމީންގެ މައްޗަށް އުފުލާފައި ވެއެވެ.
މަހުލޫފަށް ދައުވާ ކުރަނީ މެމްބަރުކަމުގައި ހުންނަވައި އެސްއީޒެޑް ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން އޭނާއަށް ދިން 33,000 ރުފިޔާގެ ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތުކޮށެވެ.











