Advertisement

އިންޑިއާ އައުޓް ކެމްޕޭނާއި މަޒުހަބީ ތައައްސުބު

31 ޑިސެންބަރު 2021 - 10:01 3

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ

އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ) / އަދަދު


އިންޑިއާ އައުޓް ކެމްޕޭނާއި މަޒުހަބީ ތައައްސުބު

31 ޑިސެންބަރު 2021 - 10:01 3

ދިވެހި އިސްލާމީ ތާރީހު ހެކިދޭ އެންމެ މުހިންމު އެއް ކަމަކީ، ދިވެހިން އިސްލާމްދީނަށް އުޅުމުގައި ތަބާވަމުން އައީ އެއް މަޒުހަބަކަށްކަމެވެ. ޒަމާންތަކެއް ވަންދެން ދިވެހިން ތަބާވަމުން އައީ ޝާފިއީ މަޒުހަބަށެވެ. މިހެން މިކަން އޮއްވައި، ވަކި މަޒުހަބަކަށް ތަބާވުމަކީ އޮވެގެންވާނެ ކަމެއް ނޫންކަމަށް އެކި ދިމާއިން ދީނީ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވައިގެން ވަޑައިގެންނެވި ވަރަށް ގިނަ ދަންނަބޭކަލުން ވަކާލާތުކުރައްވަން ފައްޓަވައިފި އެވެ. މިއަދު ރާއްޖޭގެ ގިނަ ދިވެހިން އެކަން ގަބޫލުކުރާ ކަމަށް އަޅުގަނޑަށް ފެނެ އެވެ. އަދި މިއަދުވެސް ދީނީ ނަސޭހަތް ދެއްވައި ގިނަ ބޭފުޅުން ގޮވާލައްވާ ގޮތުގައި ވަކި މަޒުހަބަކަށް ތަބާވުމަކީ އޮވެގެން ވާނެ ކަމެއް ނޫނެވެ. ތަބާވާންވީ ގުރުއާނާއި ސުންނަތުން ފެންނާން އޮތް ރަނގަޅު މަގަށެވެ.

އެކަމަކު މީގައި އަބަދުވެސް އާންމު މީހުންނަށް ބައެއް ފަހަރަށް ނަމަވެސް އޮޅުން އަރަނީ ގުރުއާނާއި ސުންނަތް މާނަކުރެއްވުމުގައި ނުވަތަ ގުރުއާނާއި ސުންނަތުން ދަލީލު ނެންގެވުމުގައި އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވާ ކަންކަމުގަ އެވެ. ގުރުއާނާއި ސުންނަތް މާނަކުރެއްވުމުގައި އަދި ދީނީގޮތުން ކަނޑައެޅިގެން ސާފު ހުކުމެއް ނެތް ކަންކަމުގައި އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުމަކީ އެކަން އޮންނާނެ ގޮތެވެ.

ރާއްޖޭގެ މުޖުތަމައުގައި އާންމުންގެ ސަމާލުކަން ހުއްޓޭ ގިނަ ކަންކަމުގައި ޖަމިއްޔަތު ސަލަފުގެ ރައުޔާއި އަދާލަތު ޕާޓީގެ ރައުޔު އެއްގޮތްވަނީ މަދު ފަހަރަކު އެވެ. ޖަމިއްޔަތުއްސަލަފުގައި ވެސް ތިއްބަވަނީ ދީނީ އިލްމުވެރިންނެވެ. އަދާލަތު ޕާޓީ އަކީ ދީނީ އިލްމުވެރިންގެ ބަހަށް އިސްކަންދޭ ގޮތަށް އަސާސީ ގަވާއިދު ފަރުމާކޮށްފައި އޮތް ސިޔާސީ ޕާޓީއެކެވެ. ސަލަފް ޖަމިއްޔާގައި ވެސް ނުހިމެނޭ އަދި އަދާލަތު ޕާޓީގައި ވެސް ނުހިމެނޭ ވަރަށް ގިނަ އިލްމުވެރިން ވެސް އުޅުއްވަ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން އާންމުންގެ ސަމާލުކަން ހުއްޓޭ މައްސަލަތަކުގައި ނެރުއްވާ ރައުޔުތައް މިދެންނެވުނު ދެ ޖަމާއަތުގެ ރައުޔާ ތަފާތުވަނީ މަދު ފަހަރަކު ނޫނެވެ. މިލިސްޓްގައި ރައީސް މައުމޫނާއި ޑރ. ޝަހީމްއާއި ޝޭޚް ޙުސައިން ރަޝީދުގެ ނަންފުޅު އަޅުގަނޑު ފާހަގަކޮށްލާނަމެވެ. އަދި ޖަމިއްޔަތުއްސަލަފަށް ނިސްބަތްނުވާ މަދީނާ ޔުނިވަރސިޓީން ވަޑައިގެންނެވި އިލްމުވެރިން ވެސް މިކެޓަގަރީގައި ހިމަނާނަމެވެ.

ހައިރާންވާންޖެހޭ އަނެއް ކަމަކީ ރާއްޖޭގައި ގާނޫނަކުން އުފަންކޮށްފައިވާ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހެއް ވެސް އޮވެ އެވެ. އާންމުންގެ ސަމާލުކަން ހުއްޓޭ ގިނަ ކަންކަމުގައި އެމަޖިލީހުން ބަސް ބުނާތީ ފެންނަނީ ވަރަށް މަދު ފަހަރަކު އެވެ. ގިނަ ފަހަރަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އަވައްޓެރި އިންޑިއާގެ ސިފައިންގެ ތެރެއިން ބަޔަކު، ދިވެހިރާއްޖޭގެ ސިފައިންނާއެކު ދިވެހިރާއްޖޭގައި ގާއިމުވެ ތިބޭތާ އެތައް އަހަރެއް ވެއްޖެ އެވެ. މިއަދު އެ މައްސަލަ މިއޮތީ ބޮޑު ގައުމީ މައްސަލައަކަށް ވެފަ އެވެ. ފިގުހީ ހުކުމެއް ނެރެންޖެހޭ މައްސަލައެއް ނޫން ނަމަވެސް، ދީނީ ދަންނަބޭކަލުންވެސް މި ބަހުސްގެ ތެރެއަށް ވަދެވަޑައިގެންފި އެވެ. އެ ބޭކަލެއްގެ ރައުޔު މިނިވަންކަމާއެކު އެ ގެންދަވަނީ ހާމަކުރައްވަމުންނެވެ.

އަޅުގަނޑުގެ މި މަޒުމޫނުގެ ބޭނުމަކީ އިންޑިއާ އައުޓް ކެމްޕޭނާމެދު ދީނީ ގޮތުން އެއްޗެއް ބުނުމެއް ނޫނެވެ. އަދި އެކަމުގައި ހިޔާލުފާޅުކުރެއްވި ދީނީ އިލްމުވެރިންގެ ރައުޔުތަކަށް ބަހުސްކުރުމެއް ވެސް ނޫނެވެ. އެކަމަކު އަޅުގަނޑު ސަމާލުކަން ހުއްޓޭ ނުކުތާއަކީ، މަޒުހަބުތަކުގެ ނުވަތަ ވިސްނުމުގެ ނަޒަރިއްޔާތުތަކުގެ ނުކުތާ އެވެ. ރާއްޖޭގައި އުޅެންވާނީ ޝާފިއީ މަޒުހަބަށް ކަމަށް ވަކާލާތުކުރާ މީހަކު މިހާރު ނުފެނެ އެވެ. އެކަމަކު މުޖުތަމައުން ފެންނަ ކަންކަމުގައި ދީނީ ހުކުމް ވިދާޅުވުމުގައި ދީނީ އިލްމުވެރިންގެ ހިޔާލު އެއްގޮތެއް ނޫނެވެ. ވިދާޅުވާ ބަސްފުޅު އެއްގޮތެއް ނޫނެވެ. އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކީ މަޒުހަބީ ނުވަތަ ވިސްނުމުގެ ތައައްސުބު ފެންނަމުންދިއުމެވެ.

ކަނޑައެޅިގެން ގުރުއާނާއި ސުންނަތުން ސާފު ދަލީލެއް ފެންނާން ނެތް ކަންކަމުގައި ވަކި ގޮތަކަށް ގަބޫލުކުރާކުރުން އެއީ އެމީހަކީ ގޯސް މީހެއްކަމަށް ބުނެ އާންމުކުރުން ހުއްދަވާނެ ސަބަބެއްގެ ގޮތުގައި ބެލުމަކީ މައްސަލައެކެވެ. އިޖުތިހާދުގެ މަގު ހުޅުވިފައި އޮތް ކަމެއްގައި ވަކި ޖަމާއަތަކުން ދީނީ އިލްމުވެރިންގެ ރައުޔުގެ މައްޗަށް ނިންމާ ނިންމުމަކާ ގުޅިގެން އެރައުޔަށް ތަބާވުން ދީނީގޮތުން ހަރާންވާނެ ކަމަށް ބުނުމަކީ ހަރާން ހަލާލަށް އަމަލުކުރުމުގައި އާންމު މީހުންނަށް ބޮޑެތި އޮޅުންތަކެއް އަރާނެ ކަމެކެވެ. އާންމުންގެ ކުރިމަތީގައި ތިބީ ހައްތާވެސް ދީނީ އިލްމުވެރިންނެވެ. އާންމުން ބޭނުންވަނީ އިސްލާމްދީނަށް އުޅޭށެވެ. އެދީނުގެ މަގު އެމީހުންނަށް ދައްކަން ތިބީ ދީނީ އިލްމުވެރިންނެވެ.

އަޅުގަނޑުގެ ހަނދާނަށް އަންނަނީ އިމާމް މާލިކް އެކަލޭގެފާނުގެ ފޮތް، އަލްމުވައްޠައު ބައްލަވާފައިވާ ހާރޫނުއްރަޝީދު ވިދާޅުވި ބަސްފުޅާ ގުޅިގެން އެކަލޭގެފާނު ވިދާޅުވި ބަސްފުޅެވެ. އަލްމުވައްޠައުއަކީ މާލިކީ މަޒުހަބުގެ އެންމެ މުހިންމު މަސްދަރެވެ. ހަލީފާ ހާރޫނުއްރަޝީދު އުޅުއްވީ އެފޮތުގައި ހުރި ގޮތަށް ހުރިހާ އެންމެން އަމަލުކުރުމަށް އަމުރު ބަސްފުޅުނެރުއްވުމަށެވެ. އެހިނދު އެކަން މަނާކުރެއްވީ މާލިކުގެފާނެވެ. އެކަލާގެފާނު ވިދާޅުވީ، އެގޮތަށް އެކަން ނުކުރެއްވުމަށެވެ. އަރިމަތީ މައްސަލަތަކުގައި މާތް ނަބިއްޔާގެ ސަހާބީންވެސް ހިޔާލު ތަފާތުވިކަމަށް އެކަލޭގެފާނު ހަލީފާއަށް ހަނދުމަފުޅުކޮށް އެރުވި އެވެ. އަދި އެކި ހިޔާލުގެ ސަހާބީން ދުނިޔޭގެ އެކި ދިމާއަށް ބެހިފައިވާކަމާއި އެއިން ކޮންމެ ބޭކަލެއް ވެސް ނެންގެވި މަގު ރަނގަޅުކަމުގައި މާލިކްގެފާނު ސިފަކުރެއްވި އެވެ. އެހިނދު ހަލީފާ އެހިޔާލުފުޅު ދޫކޮށްލެއްވި އެވެ.

މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުން އެނގޭ ގޮތުގައި، އިޖުތިހާދުކޮށްގެން މުޖުތަހިދުން ނެރޭ ހުކުމު ރަނގަޅު ނަމަ އެމީހަކަށް ދެފަހަރަށް ސަވާބުހުއްޓެވެ. އޭނާގެ އިޖުތިހާދުގެ ނަތީޖާ ރަނގަޅު ނުވެއްޖެނަމަވެސް އޭނާއަށް އެއިޖުތިހާދުކުރިމަށްޓަކައި ސަވާބުހުއްޓެވެ. އެހެންވީމާ އިލްމުވެރިން ހެޔޮ މަގު ހޯދުމަށް އިޖުތިހާދުކޮށްގެން ނެރޭ ފަތުވާތަކުގައި، ރަނގަޅު ރައުޔަކާ ހަމައަށް ވާސިލު ނުވެވޭ ފަހަރުތަކަކީ އެކަން ގޯސްކަމެއްގެ ގޮތުގައި ސިފަކުރުން މިހަދީސް ބަސްފުޅާ ފުށުއަރަ އެވެ.

އަހަރެމެންގެ އިހުތިބީން ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވި ތަފާތުވުން ސިފަކުރައްވާފައިވަނީ ރަހުމަތެއްގެ ގޮތުގަ އެވެ. އެހެންވީމާ ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވާ ކަންކަމަކީ ބައިބައިވުމަށް ކޮށޭ މަގެއް ގޮތަށް ހިފޭނަމަ ނުވަތަ އެނަތީޖާ ނުކުންނަ ގޮތަށް އަމަލުކުރެވޭނަމަ އަހަރެމެންނަށް މިހިފެނީ އިހުތިބީން ދެއްކެވި ރީތި ނަމޫނާގައެއް ނޫނެވެ.

މިއީ އިހުތިބީންނެވެ. ދެން ފަހުތިބީންގެ ތެރެއިން އިހަށް ދުވަހުގެ މާޒީއިން ސަފުހާއެކެވެ. ސައުދީ އަރަބިއްޔާގެ މަޝްހޫރު އިލްމުވެރިޔާ އިބްނު ބާޒް އާއި މިސްރުގެ މަޝްހޫރު ޢިލްމުވެރިޔާ އިމާމް މުހައްމަދުލްޣަޒާލީގެ ހަޔާތުން ހަމަ އެންމެ ސަފުހާއެކެވެ. އާންމުކޮށް ދީނީ މައްސަލަތަކުގައި ފަހުގެ އިލްމުވެރިން ހިޔާލު ތަފާތުވި އެއްވެސް ކަމެއްގައި މިދެބޭފުޅުންގެ ފިގުހީ ވިސްނުން އެއްގޮތްވެފައި ނުވެ އެވެ. މިޔުޒިކް މައްސަލައާއި މޫނު ބުރުގާގެ މައްސަލައަކީ އަރިމަތިން ނަގަންޏާ ކުޑަ މިސާލެކެވެ. ހާއްސަކޮށް ސުންނަތާ ބެހޭގޮތުން މުހައްމަދުލްޣަޒާލީ ލިޔުއްވި ފޮތުގައި ބަޔާންކުރާ ވަރަށް ގިނަ ކަންކަމާ އިބްނު ބާޒްގެ ރައުޔު ވަރަށް ބޮޑު ތަނުން ތަފާތެވެ. މިދެބޭފުޅުންގެ ހިޔާލު ތަފާތުކަން ވިސްނައިގަންނަން ބޭނުންފުޅު ނަމަ އާންމުކޮށް މިސްރުގެ އަޒުހަރު ޔުނިވަރސިޓީން ކިޔަވައިގެން ވަޑައިގަންނަވާ ދީނީ އިލްމުވެރިންނާއި ސައުދީ އަރަބިއްޔާއިން ކިޔަވައިގެން ވަޑައިގަންނަވާ ދީނީ އިލްމުވެރިންނަށް ބެއްލެވުމުން މިދަންނަވާ އެއްޗެއް ސާފުވާނެ އެވެ.

ފައިސަލް ރަސްގެފާނުގެ އެވޯޑާ ހަވާލުވުމަށް މުހައްމަދުލްޣަޒާލީ ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި އިބްނު ބާޒްގެ ގެކޮޅަށް މުހައްމަދުލްޣަޒާލީ ޒިޔާރަތްކުރެއްވީ އަމިއްލަ އިސްނެންގެވުމަށެވެ. ޣަޒާލީ ލިޔުއްވާފައިވާ ސުންނަތާބެހޭ ފޮތާ ގުޅިގެން އިބްނު ބާޒަށް ފާހަގަކުރެއްވުނު ކަންކަން އެބައްދަލުވުމުގައި އިބްނު ބާޒް ހާމަކޮށްދެއްވީ ނުހަނު އިހުތިރާމާއި ލޯތްބާއެކު އެވެ. ރުޅިވެރިކަމާއި ނަފުރަތާއެކުގައެއް ނޫނެވެ. އެބައްދަލުވުމުގެ ފަހުން ސައުދީ އަރަބިއްޔާގެ ނޫސްވެރިޔަކު މުހައްމަދުލްޣަޒާލީއާ ސުވާލުކުރެއްވުމުން އިބްނު ބާޒާ ބެހޭގޮތުން މުހައްމަދުލްޣަޒާލީ ވިދާޅުވެފައި ވެއެވެ. "އަހަރެންދެކޭ ގޮތުގައި އަބްދުލްއަޒީޒް ބުން ބާޒްއަކީ މިޒަމާނުގެ ބޮޑެތި އިލްމުވެރިންގެ ތެރެއިން ބޭކަލެކެވެ. އޭނާއަކީ އޭނާގެ މުޅި ހަޔާތް އިސްލާމްދީނުގެ ހިދުމަތުގައި ހޭދަކުރެއްވި ބޭކަލެކެވެ. އޭނާގެ ހަޔާތް ވޭތުކޮށްފައިވަނީ އީމާންކަމުގެ އޮށްތައް އިންދައި ހެއްދުމުގަ އެވެ. މުސްލިމުންނަށް ބޮޑުވާ ކަންކަމާއި ދުނިޔޭގެ އެންމެހާ މުސްލިމުންގެ މައްސަލަތަކަށް ހައްލުހޯދައިދިނުމަށް މަސައްކަތްކުރުމުގަ އެވެ." ފަހު ޒަމާނުގައި އުޅުއްވި އިލްމުވެރިންގެ ތެރެއިން ހިޔާލު ތަފާތުކަން އެންމެ ބޮޑު މިދެބޭފުޅުން ދެއްކެވި ނަމޫނާއަކީ މިއީ އެވެ.

ކުރިންވެސް ދެންނެވިހެން އަޅުގަނޑު ދަންނަވާންއުޅުނީ އިންޑިއާއައުޓް ކެމްޕޭނުގެ ދީނީ ހުކުމެއް ނޫނެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާމެދު ދީނީ އިލްމުވެރިން ހިޔާލުފާޅުކުރައްވަމުން ގެންދަވަންވީ އެވެ. އެކަމަކު ބައިބައިވުމާއި ނަފުރަތާއި ދީނީ ހިޔާލުތަކުގެ ތައައްސުބުން އެއްކިބާވެތިބެ، އާންމުންނަށް ނަމޫނާ ލިބިގެންދާނެ އާންމުންނަށް ހަގީގަތް ހާމަވެގެންދާނެ އުސޫލުތަކެއްގެ މަތީންނެވެ. 'އިންޑިއާ އައުޓް' ވާންޖެހޭކަމަށް ދެކޭ އިލްމުވެރިންގެ ނަޒަރުގައި، އެ ވިސްނުމާ ހިޔާލު ތަފާތު އިލްމުވެރިންނަކީ ޣައްދާރުން ކަމަށް ވީމާ އެގޮތެއް ކަމަކު ނުދެ އެވެ. އިލްމުވެރިން އިލްމުވެރިންގެ އަގުވައްޓާލީމާ، އާންމުގެ ކުރިމަތީގައި ދަށްވެގެން ދާނީ ދީނުގެ މަގާމެވެ.

އިސްލާމީ ހުކުމް ހިނގާ ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ވާޖިބުވަނީ، އަދާވާތްތެރިކަމާއެކު ހަނގުރާމަކުރުމަށް އަންނަ ބަޔަކު ނޫން އެންމެނަށް 'ސަލާމް ހުއްޓޭ' ބުނެ މަރުހަބާ ކިޔުމެވެ. ޝައްކާއި ވަހުމުގެ މައްޗަށް ބުރަވެތިބި ނެރޭ ހުކުމަކުން ބަޔަކު މީހުންނަކީ އަދާވާތްތެރިންގެ ގޮތުގައި ސިފަކުރުމާއި، އެގޮތަށް ވިސްނުވައިދޭން މަސައްކަތް ކުރުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. އެ ވިސްނުމާ ހިލާފް އެންމެންނަކީ ދީނާއި ގައުމަށް ލޯބި ނެތް ޣައްދާރުންގެ ގޮތުގައި ސިފަކުރުމަކީ އަމުދުން ދީނުގެ މަގެއް ނޫނެވެ. މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވާށި އެވެ.