އާއެކެވެ. ހަނދާނުގެ ވާ ފަށުގައި ކުލަ ޖެހެމުން ދިޔަ އެވެ. އަހަންނަށް ކުރީގެ ހަނދާންތައް ލިބުނު ކަހަލަ އެވެ. ހޮސްޕިޓަލަށް ގެނެވުމުގެ ކުރިން ހިނގައި ދިޔަ ކަންކަން ސިފަވާން ފެށި އެވެ. ކަޅާއި ހުދުގެ މަންޒަރުތަކެއް ގޮތުގަ އެވެ. ސާފު ރީތި ތަސްވީރުތަކެއް ގޮތުގަ އެވެ. ކުލަ ނުވި ނަމަވެސް ހުރިހާ ކަމެއް އެންމެ ސާފުކޮށް ފެންނަ ގޮތަށެވެ.
އެތައް މަންޒަރުތަކެއް އެއްފަހަރާ ފެންނަމުން ދިޔަ އެވެ. ރިޔާޝާގެ ހަރަކާތްތަކެވެ. މޫދުގައި އޭނާއާއެކު ޖެހުނު ސަކަރާތްތަކެވެ. ފެންމާގަނޑު ދޫކޮށްލައިގެން ހޭދަކުރެވުނު މަސްހުނި ވަގުތުތަކެވެ. އެކި ތަނުގައި އެކި ގޮތަށް އުޅެވުނު އުފާވެރި ގޮތްތަކެވެ.
"މަށަށް ހީވަނީ ޔަނާލް މަދެކެ ފޫހިވީހެން މިހާރު. ބޭނުން ކެނޑުނީހެން."
ރިޔާޝާގެ އަޑު ފެވި ހަރުކަށިކަން އިތުރުވެފައިވާ އެ ޖުމުލަ އަހަރެންގެ ކަންފަތުގެ ތެރޭގައި ގުގުމައިލި އެވެ. އޭނާގެ އެ ޖުމުލައިގެ ފަހުން ދެން ކަންތައް ހިނގައިދިޔަ ހުރިހާ ގޮތެއް ސާފުވާން ފެށި އެވެ. އަރީފުއާ ކުރިމަތި ލެވުނު ހުތުރު ގޮތެވެ. އޭނާއާ ދިމާއަށް ގޮވާލެވުނު އެއްޗެއްސެވެ. ހަގީގަތުގައި އަރީފެކޭ އަހަރެންނެކޭ ތަފާތެއް ނެތެވެ. ހުރިހާ ކަމެއްގެ ދައުވަތު ދެނީ ރިޔާޝާ އެވެ.

އެންމެފަހުން އަހަރެންގެ އަސްލު ސައިޒު އަންގައިލަން ރިޔާޝާ ބުނެލި ޖުމުލަ ކަންފަތުގެ ހިނދުރީގައި ހަރުލި އެވެ. އެ އަޑު ތަކުރާރުވާން ފެށި އެވެ.
"ވަރަށް ޖޭ ވެއްޖެ ދޯ. ބަލަން ކެރެންޏާ މަޑުކޮށްލާ. އެހެން ނޫނީ ބައިވެރިވެލަން އާދޭ. ނޫނީ މިތަނުން ދާން އުޅޭ. މީސްމީހުންގެ ހުއްދަ ނުހޯދާ ގޭގެއަށް ވަންނަންޏާ ރީތި ގޮތަކަށް ބޭޒާރު ކޮށްލަފާނަން."
ރިޔާޝާ ވިހަ ލައިފައި ދޫކޮށްލި ވިހަ ޖުމުލަތައް އަހަރެންގެ ކަންފަތް ފަތަހަ ކުރަމުން ދިޔަ އެވެ. އެއާއެކު އޭނާގެ އިންޒާރުގެ ބަސްތައް ހަނދާންވާން ފެށި އެވެ. އެންމެފަހުން އެގެއިން ނުކުމެގެން ދިޔަ ހަނދާންވާން ފެށި އެވެ.
ހަޔާތުގެ ތޫފާނީ ވިލާގަނޑު އަހަރެންގެ ކުރިމައްޗަށް ދައްކައިލިއެވެ. މޫސުމީ ބަދަލުތަކާ އެކު އެކީގަ އެވެ. މާމުތުގެ ސަރުބަތާއެކު ބޮޑު ތިކި ވާރެއަށް ކުރެވުނު އިންތިޒާރާ ކުރިމަތިލީ ކަޅު ބަނަ ވިލާތަކެވެ. ލޫލާފަޅި ހޯލި އިނގިލިތަކުން ފިރުމި އިސްތަށިގަނޑާއި ކޯތާފަތަށް އަމާޒުވީ ސުންޕާކަމުގެ ވައިރޯޅިތަކެވެ. އެއްވެސް ރަހުމެއް ހަމްދަރުދީއެއްނެތި މުޅި ކާއިނާތު އަހަންނާ ދެކޮޅަށް ނުކުތް ކަހަލަ އެވެ.
ހުސްފައިގައި ކޯރުތަކުގެ ތެރެއިން ފީނަމުން ކަހަލަ ގޮތަކަށް އަހަރެން މިސްރާބު ޖެހީ ދާނެ ވަކި މަންޒިލެއް އޮވެގެންނެއް ނޫނެވެ. ތަރުތީބެއް ނެތް ވިސްނުންތަކާއި އެކި ގޮތްގޮތަށް ސިކުނޑީގައި އުކެމުން، ދިޔަ ސުވާލުތަކާ އެކުގަ އެވެ. އެންމެފަހުން، އެ ތޫފާނުގެ ތެރެއަށް އަހަރެން ގެނބި މަރުވާން ހަށިގަނޑު ދޫކޮށްލެވުނީ އެވެ. ކުރިމަތިން ދުއްވާފައި އައި އުޅަނދެއްގައި ޖެހުނު ވަގުތާއި ގުގުރިއާއެކު ހޮނު އެޅި ވަގުތުވީ އެއް ވަގުތަކަށެވެ. މުޅިތަން އަލިވެ ހުދުވީ އެހެންވީމައެވެ. ލޮލަށް ކުޅަދަނާކަން ނުވާ މިންވަރަށް ހުދުއަލިކަން ފެނުނީމަ އެވެ.
މި ހުރިހާ ވާހަކައެއް އަހަންނަށް ކިޔައި މި ދެވުނީ ޔަލްވީ އަށެވެ. އޭނާގެ އެދުމަށެވެ. ލޮލުގައި އޮތް ބެންޑޭޖު ނައްޓައިލުމުގެ ކުރިން އޭނާ އެދުނު އެދުމަކީ އެއީ އެވެ. އޭގެ ކުރިން އަހަންނަށް އެ ފެނުނު ހުވަފެނުގެ ވާހަކަތައް ވެސް ޔަލްވީއަށް ކިޔައިދެވުނެވެ. އޭނާއަށް ހިއްސާކުރީމެވެ.
"އަހަންނަށް ވަރަށް ގިނަ މެސެޖު އެބަ ނެގޭ." ޔަލްވީ ބުނެލި އެވެ.
"ކޮބާ؟" އަހަންނަށް އެއް ނޭވާއިން އަމުނައިލެވުނެވެ.
"ރިޔާޝާ." ޔަލްވީ ހުއްޓައިލި އެވެ.
"ރިޔާޝާއާ ހުވަފެނާ ހުރީ ކޮން ގުޅުމެއް." އަނެއްކާ ވެސް އަހަންނަށް އަހައިލެވުނެވެ.
"އަހަންނަށް ހީވަނީ ފިލްމެއް ގޮތަށް ތިޔަ ފެނުނީ ޔަނާލްގެ ދިރިއުޅުމުގެ ފިލުމުހެން. މަގުމަތީގައި އެ އިން އަންހެން ކުއްޖަކީ ރިޔާޝާ ހެން. އޭނާގެ ވަށައިގެން އެކި މީހުން، މާބުރުގެ އުސޫލުން ފޮނިބޮމުންދާހެން. އޭނާގެ ރުހުމުގަ. އެކަމަކު ޔަނާލަށް އެ ގޮތް ކަމު ނުދިޔައީމަ، ރިޔާޝާގެ ހަޔާތުން ހަވާސާކޮށްލީހެން." ޔަލްވީ ތަފުސީލުކޮށް ކިޔައިދިނެވެ.
"ވެދާނެ. ހުވަފެނުގެ އެންމެ މުހިއްމު ހިސާބުން ޔަލްވީ ނުގޮވި ނަމަ..." އަހަންނަށް ބުނެލެވުނެވެ.
"ހަގީގަތް ސާފުވާނެ ދޯ!" ޔަލްވީ ހޭންފެށި އެވެ.
"އާނ."
"ކީއްކުރަންތަ ގޮވީ؟" އަހަންނަށް ބުނެލެވުނެވެ.
"ބެންޑޭޖު ނައްޓައިލަން ވެގެން. ޑޮކުޓަރު ވެސް އެބަ އިންނެވި."
އެތަނުގައި އިތުރު ބަޔަކު ތިބިކަން އަހަންނަށް އެނގުނީ އެހައި ހިސާބުންނެވެ.
"ކީއްވެ ކުރިން ނުބުނީ؟" ފާޑަކަށް ރަކިވާގޮތްވެވުނެވެ.
"ޕޭޝަންޓުގެ ކޮންމެ ވާހަކައަކީ ސިއްރު. ޑޮކުޓަރުންނަށް ކަން ސާފުވީމަ ފަރުވާ ދޭން އެނގޭނީ." ޑޮކުޓަރު އިނގިރޭސި ބަހުން ވާހަކަ ދައްކަމުން ދިޔަ އެވެ.
"އެހެންވެ ނުބުނީ." ޔަލްވީ ވެސް ލަސްލަހުން ބުނެލި އެވެ.
"ތަހުގީގަކަށް ދާކަށް ބޭނުމެއް ނޫން. މައްސަލައެއް ނެތް." އަހަރެން ބޭނުންވީ އެކަން އެހައި ހިސާބުން އޮއްބައިލާށެވެ.
އަހަރެންގެ ހަޔާތުގެ އުޅަނދު ކޮޅިގަނޑުގައި ޖެހި ތޫފާނުގެ ތެރެއަށް ހަލާކުވުމުގެ ކުރިން އަމާން އައްސޭރިއަކަށް ބަނދަރުކުރާށެވެ.
"ހިނގާ ލަސްނުކޮށް ބެންޑޭޖު ނަގަމާދޯ." ޑޮކުޓަރު ލަސްލަހުން ބުނެލި އެވެ.
ޑޮކުޓަރުގެ އިޝާރާތާއެކު އަހަރެންގެ ލޮލުގައި އަޅައިފައިވާ ބެންޑޭޖު ނެއްޓުމުގައި ޔަލްވީ އަވަދި ނެތި އުޅުނެވެ. ޔަލްވީގެ ކޮންމެ ބީހުމަކުން އަހަންނަށް ކުރެވެމުން ދިޔައީ ތަފާތު އިހުސާސެކެވެ. އެ ބީހުމުގައި އާދަޔާ ޚިލާފު ވިންދެއް ޖަހާކަމެވެ. އޭނާގެ ބަސްބުނުމުން ތަފާތު މިޔުޒިކެއް އިވޭކަމެވެ.
އަހަންނަށް މިހާރު އެންމެ އިންތިޒާރު ކުރެވެނީ ޔަކްލީ ހުންނަ ގޮތް ބަލައިލުމަށެވެ. ހިތުގައި ފެވުނު އޭނާގެ ސޫރައާއި އަސްލު ސޫރައާ ދިމާވޭތޯ ބެލުމެވެ.
"މަޑުމަޑުން ލޯ ހުޅުވާލާނީ އިނގޭ." ޑޮކުޓަރު ލަސްލަހުން ބުނެލި އެވެ.
އެންމެ ފަހުގެ ބެންޑޭޖުތައް ނައްޓައިލުމާއެކު އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ކުރިން ޔަލްވީ ބުނެފައިވާ ވާހަކައެއްގެ ހަނދާން އާވި އެވެ. އަހަރެންގެ ލޮލުގެ ނޫރަށް ބަދަލެއް އައި ކަމުގެ މެޑިކަލް އެއްވެސް ހެއްކެއް ނެތްކަމަށް ބުނި ބުނުމެވެ. ނަމަވެސް މި ހިނދު މި ކުރެވޭ ކަމަކުން މުޅި އުމުރަށް އެކަމުގެ ހިތި ތަހައްމަލު ކުރާން ޖެހިދާނެ ކަމަށް ބުނެދިން ވާހަކަތަކެވެ.
"ލަސްލަހުން، މަޑުމަޑުން ލޯ ހުޅުވާލާތި." ޔަލްވީގެ އަޑު އަހަރެން ކަންފަތުގައި ޖެހުނެވެ.
"އެއްވެސް ތަނެއް ނުފެނޭ." އަހަންނަށް ތެޅި ގަނެވުނެވެ.
ވަށައިގެންވާ މާހައުލުން އެއްވެސް ތަނެއް ނުފެންނާތީ އެވެ. މުޅި ތަން އަހަންނަށް ފެންނަނީ ކަޅު ކުލައިގައެވެ. އަނދިރި ތަނެއްގެ ގޮތުގަ އެވެ.
"ފުންކޮށް ބަލައިލަބަލަ. ހަމަ އެއްވެސް ތަނެއް ނުފެނޭތަ؟" ޑޮކުޓަރު ވެސް އޯގާތެރިކަމާއެކު ބުނެލި އެވެ.
"ޑޮކުޓަރ، އަހަންނާ މަޖާ ކޮށްލަނީތޯ؟" އަހަންނަށް ގަބޫލުކުރަން ދަތިވި އެވެ.
"ނޫނޭ... މަޑުމަޑުން މަންޒަރުތައް ފެންނަންވާނެ. ފުންކޮށް ވިސްނައިލައިފަ ކުރިމަތީގައި އެވާ ތަސްވީރަށް ބަލައިލަބަލަ." ޑޮކުޓަރު އިރުޝާދު ދިނެވެ.
"އަހަންނަށް ސިފަވަނީ ގަޔާ ދިމާއަށް ވެއްޓެމުން އައި ރުކެއް. އެ ރުކުގެ ކުރިގަނޑުގައި ވަނީ ހުޅު ހިފައިފަ. ރުއް އެ އަންނަނީ އަހަންނާ ދިމާއަށް." އަހަންނަށް ކިޔައިދެވުނީ އެ ރޭގެ ތޫފާނުގެ ތެރޭގައި ކުރިމަތިވި ހާދިސާ އެވެ.
އެންމެފަހުން އަހަންނަށް ފެނުނު މަންޒަރެވެ. އޭގެ ފަހުން ދުނިޔޭގެ އަލިކަން ނުފެނި އަހަންނަށް ތަޖުރިބާ ކުރާން މި ޖެހުނީ ލޮލަށް ނުފެންނަ މީހުންގެ އިހުސާސްތަކެވެ.
"ކުރިމަތީގައިވާ ތަސްވީރުން ފެހިކަން ގަދަ ގަހެއް އެބަ ފެނޭތަ؟" ޔަލްވީ އަހައިލި އެވެ.
"ނުފެނޭ." އަހަންނަށް އަވަސްއަވަހަށް ބުނެލެވުނެވެ.
"އެ ގަހުން ވެއްޓެމުން، ވަޔާ އެކު އެ އަންނަ ދޮން ފަތްތައް އެބަ ފެނޭތަ؟" ޔަލްވީ އަނެއްކާ ވެސް ބުނެލި އެވެ.
"ތި ބުނާ މަންޒަރު އެބަ ސިފަވޭ ސިކުނޑިއަށް. އެކަކަމު އެއްވެސް މަންޒަރެއް ނުފެނޭ." އަހަރެން ބުނެލީމެވެ.
ކުއްލިއަކަށް ސުވިޗެއް ޖެއްސި އަޑު އިވުނެވެ. އެއާއެކު ފަނޑު އަލިކަމަކުން ކޮޓަރި ދިއްލުނެވެ.
"ވަރަށް ފަނޑު އަލިކަމެއް ދޯ... ނޫނީ އަހަންނަށް ފެންނަ ގޮތަކީތަ؟" އަހަންނަށް އަހައިލެވުނެވެ.
"ކޮން ކުލައެއް ފެންނަނީ؟" ޑޮކުޓަރު އަހައިލި އެވެ.
"ފަނޑު ރީނދޫ ކުލަ،" އަހަރެން ބުނެލީމެވެ. "ފުސްކޮށް ފެންނަނީ."
"މިހާރު؟" މި ފަހަރު އަހައިލީ ޔަލްވީ އެވެ.
"މިހާރު އެކި ކުލަކުލައިގަ އެބަ ފެނޭ."
އަނެއްކާ ވެސް އިތުރު އަޑެއް އިވުނެވެ. އެއާއެކު މަންޒަރު ސާފުވިއެވެ. އަހަރެންގެ ކުރިމަތީގައި ހުރީ ރީތި މޫނެއްގެ ވެރިޔެކެވެ. ހީވަނީ ސާދަވިލޭރޭގެ ހަނދު ހެންނެވެ. އެ މޫނުގައި އައިބު އެއްވެސް ސިފައެއް ނެތެވެ. އުނިކަމެއް ނެތެވެ. އެހައި ވެސް ފުރިހަމަ ވެފައި މޫނުގެ އުޖާލާކަން ގަދަ އެވެ.
"އަހަންނަކީ ޔަލްވީ." ޔަލްވީގެ އަޑު އައީ އެއް ފަރާތަކުންނެވެ.
އަހަންނަށް އިސްޖަހައިލެވުނެވެ. އުއްމީދުކުރީ ކުރިމަތީގައި އެ ހުރީ ޔަލްވީ ކަމަށެވެ. އަހަންނަށް ކުރިން ސިފަކުރެވުނު ގޮތާ އެންމެ ގުޅެނީ ކުރިމަތިން އެ ފެންނަ ތަސްވީރުކަމަށް ވާތީ އެވެ. ނަމަވެސް، ޔަލްވީގެ އަޑު އެއް ފަރާތުން އައުމުން އަހަންނަށް ކުރެވުނީ ކުށް ހީއެއްކަން ސާބިތުވީ އެވެ. ހުވަފެންތައް ބިލާހަކަށް ވެގެން ނިމުނީ ކަމަށް ނިންމާން ޖެހުނެވެ. އެއާއެކު ހިތުގައި ސުވާލު އުފެދެން ފެށި އެވެ. (ނުނިމޭ)







