ދިގު ވާހަކަ: ތޫފާން

ދިގު ވާހަކަ: ތޫފާން

(ނުވަ ވަނަ ބަޔާ ގުޅޭ)

ބަލައިބެލުމަށް ފުރިހަމަ ރީތި އަންހެކެވެ. ފުންނާބަށް އުސް ފައިވާނުގައި ހުރި އިރު އޭނާގެ އަންހެން ވަންތަކަމަށް އިތުރު ފުރިހަމަ ކަމެއް ގެނުވައިދެ އެވެ. އެ އޮމާން ކަށިމަތީގެ އޮފުކަމުން ލޯތައް ވައްކަން ކުރަމުން ދިޔަ އެވެ. ލައިގެން ހުރި ކަޅުކުލައިގެ އަތްދިގު ހެދުން ކަކުލާހަމައަށް ވުމުން އޭނާގެ ތަސްވީރު އިތުރަށް ފުރިހަމަވެގެން ދެ އެވެ. ހާމައަށް ދޫކޮށްލެވިފައިވާ އޭނާގެ އިސްތަށިގަނޑަށް ވައިރޯޅިތައް ބޮސްދެމުން ދިޔަ އެވެ. އަތުގައި އޮތީ ކަޅުކުލައިގެ އާދައިގެ ކުޑައެކެވެ. އެ ކުޑަ ވަނީ ބޮލާހަމައަށް ހިއްލައިލާފަ އެވެ. އޭނާގެ ތަސްވީރު ފެނުމާއެކު އުޑުން ރީތި ވިދުވަރުތަކެއް ފޮނުވާލަމުން ދާކަހަލަ އެވެ. އެސްފިޔަ ނުޖަހަން ހުއްޓަސް އެސްފިޔަ ޖަހަން ވެސް މަޖުބޫރުކުރުވަ އެވެ.

އެކި ފަހަރު އެކި ގޮތްގޮތަށް އޭނާ ހުއްޓެމުން ދިޔަ އެވެ. އެއް އަރިއަކަށެވެ. މެދަށެވެ. ބޮލާއި ދުރަށް ކުޑަ ޖައްސައިލަފާނެ އެވެ. އިރުއިރު ކޮޅުން އޭނާއާ ދިމާއަށް ވާރޭ ކަނި ޖަހައިލަފާނެ އެވެ. އަޖައިބަކަށްވަނީ އަހަރެންގެ ގަޔަށް އެއިން އެންމެ ވާރޭ ކަންޏެއް ވެސް އަމާޒު ނުވާތީ އެވެ.

Advertisement

އޭނާގެ ވަށައިގެން ތިން ދިމާއަކުން ތިން މީހުން ހަރަކާތްކުރަމުން ދާ މަންޒަރު ފެނެ އެވެ. އެކި ގޮތްގޮތަށެވެ. އެއީ ފިރިހެނުން ތަކެކެވެ. ކަކުލާހަމައަށް އަރާވަރުގެ ދިގު ކޯޓުތަކެއް ލައިގެން ތިބި ބަޔެކެވެ. މޭމަތި އޮތީ ހާމައަށެވެ. އިސްތަށިގަނޑު ދިގެވެ. ކޮންމެ މީހެއްގެ ބޮލުގައި ކަޅު ކުލައިގެ ތޮތްޕެއް އޮތެވެ. އެ މީހުން ހަރަކާތްތައް ހުރީ އެއް ވަޒަނަކަށެވެ. އެއް ގޮތަކަށެވެ. އެމީހުން އަންހެން ކުއްޖާއާ ކައިރިވަމުން ދިޔަ އެވެ. އެމީހުން ލައިގެން ތިބި ކޯޓު ކޮނޑާ ހަމައަށް ތިރިކޮށްލާ އޮމާން މޭމަތިތައް ހާމަކޮށްލަމުން ކޯޓުތައް ދުރަށް ހޫރައިލި އެވެ. ތިން މީހުން ވެސް ހުސްގަޔަށް ހަދައިލި އެވެ. އެއީ ފުރިހަމަ ހަށިގަނޑުތަކެކެވެ. ބަނޑުގެ ގޮޅިތައް ފެނުމުން މާވަޑިއެއްގެ މަސައްކަތޭ ހިތަށް އަރަ އެވެ. އެއާއެކު އަންހެން ކުއްޖާ ބިރުން އުޅޭ މަންޒަރު ފެންނާން ފެށި އެވެ. އެ މީހުންގެ ކިބައިން ސަލާމަތްވާން ބޭނުންވާކަން ދައްކަމުން ދިޔަ އެވެ.

އޭގެތެރެއިން އެކަކު އަންހެން ކުއްޖާއާ ކުރިމަތިލި އެވެ. އޭނާ އަތް ދިއްކޮށްލީ އަންހެން ކުއްޖާއާ ދިމާއަށެވެ. އެހައި ހިސާބުން އަންހެން ކުއްޖާ ބަލައިލީ ބާކީ ތިބި ދެމީހުންނާ ދިމާއަށެވެ. އެ ދެ މީހުންގެ ހަރަކާތްތައް ހުރީ މުޅިން ތަފާތު ކޮށްނެވެ. އުނަގަނޑާ ދިމާއިން ތަޅުވަމުން އަތުން ހަރަކާތްތަކެއް ކުރަމުން ދިޔަ އެވެ. ލެނބި ގުދުވުންތަކުގައި އޮމާންކަން ހުއްޓެވެ. އެހީ ފަހެލި ހަރަކާތްތަކެކެވެ. ހީވަނީ ހަށިގަނޑުގައި ރާޅެއް ދުވެލާހެންނެވެ.

އެހައި ހިސާބުން އަންހެން ކުއްޖާ ބިރުގަންނާން ފެށި އެވެ. އެތަނުގައި ތިބި ދެމީހުން ޖައްސަމުންދާ ވައްތަރާއެކު އޭނާއާ ދިމާއަށް އެ ދެމީހުން ގާތްވަމުން ދިޔުމުންނެވެ. އެންމެ ފަހުން އޭނާއަށް އަތްދިއްކޮށްލައިގެން ހުރި މީހާއަށް ބަލައިލި އެވެ. އެ މީހާ ހިނިތުންވެލި އެވެ. އަންހެން ކުއްޖާގެ ތުންފަތުގައި ވެސް ލުއި ހިނިތުންވުމެއް ދުވެލި އެވެ. އޭނާ އަތް ހިއްލައިލަމުން މަޑުމަޑުން އޭނާއާ ދިމާއަށް ދިއްކޮށްލެވިފައިވާ އަތުގައި ހިފައިލި އެވެ.

އެ އަތުގައި ހިފައިލެވުމާއެކު ގަދަ އަލިކަމެއް މުޅިތަނަށް ވެރިވި އެވެ. ލޯ ތަރަތަރަ ޖަހައިލާ ފަދަ ވިދުވަރެކެވެ. އެއާއެކު އެތަނުގައި ތިބި ދެމީހުން ބިންމައްޗަށް ވެއްޓުނެވެ. އަންހެން ކުއްޖާގެ އަތުގައި އޮތް ކުޑަ އަތުން ދޫވި އެވެ. އޭނާގެ އަތުގައި ހިފި މީހާއާ ގައިގޯޅިވަމުން ދިޔަ އެވެ. ދެ މީހުން ފިތި ބާރުވަމުން ދިޔަ އެވެ. ކުއްލިއަކަށް އެމީހުންގެ ގަޔަށް ބޮޑު ތިކި ވާރޭ އޮހިގަތެވެ.

އަހަންނަށް އޭރު ވެސް ހުރެވުނީ އެ މަންޒަރު ބަލާށެވެ. ވެގެން އުޅޭ ގޮތް ސާފު ނުވެފަ އެވެ. ވަމުންދަނީ ކީއްކަން ވެސް ނޭނގިފަ އެވެ. ފާޑަކަށް އަޖައިބުވެފަ އެވެ. އަހަރެންގެ ގަޔަށް ކެރީގެ އެއްވެސް އަސަރެއް ނުކުރި އެވެ. ނަމަވެސް ކުރިމަތިން ފެންނަމުން ދިޔަ ދެ މީހުން ތެމި ފޯވަމުން ދިޔަ އެވެ. އެ ދެމީހުންގެ މަސްހުނި ގައިގޯޅިވުންތަކަށް އެކަމުން ފުރިހަމަ ކަން ގެނުވަމުން ދިޔަ އެވެ.

ކުއްލިއަކަށް ވަޔާއެކު އެމީހުންނާ ހަމައަށް އައީ ކަޅުކުލައިގެ ކުޑައެކެވެ. އެ ކުޑަ ނަގަމުން ފިރިހެން މީހާގެ ތުންފަތް އަންހެން މީހާގެ ކޮލުގައި ޖައްސާލި އެވެ. އެއަށްފަހު އަހަރުމެން ތިބި ދިމާއަށް ކުޑަ އަރިކޮށްލި އެވެ. ވަށައިގެން ތިބި އެންމެން ހޯބޯ ލަވަން ފެށި އެވެ. ފާޑުފާޑުގެ އަޑުތައް ލައްވަން ފެށި އެވެ. އިރުކޮޅެއް ފަހެވެ. ކުޑަ ހިއްލައިލެވުނެވެ. އަންހެން ކުއްޖާގެ ހާލަތު ހުރީ މުޅީން ބަދަލުވެފަ އެވެ. ބަލައިބެލުމަށް އޭނާ ނޭވާ ކުރުވަމުންދާ ހެން ހީވަމުން ދިޔަ އެވެ. ވަރުބަލިވަމުން ދިޔަހެން ވެސް ހީވަމުން ދިޔަ އެވެ. ކުރިން ތަރުތީބުކޮށްފައިވާ އިސްތަށިގަނޑު ވެސް އޮތީ ހޭވިފަ އެވެ. އޭނާ ފައި ހިއްލައިލެވޭތޯ އުޅުނެވެ. ނުހިއްލުނެވެ. ބަރުހެލި މަންޒަރެކެވެ. އަހަންނަށް ބަލައިލެވުނީ އޭނާގެ ބަނޑަށެވެ. ކުރިން ފާހަގަ ނުކުރެވޭ އިތުރު ކަމެއް އަހަންނަށް ފާހަގަކުރެވުނެވެ. އޭނާގެ ބަނޑު އާދަޔާ ޚިލާފަށް ބޮޑުކަމެވެ. އޭނާ މާބަނޑުވީ ހެއްޔެވެ؟ އެއީ ކުރިން ވެސް މާބަނޑު މީހަކީ ހެއްޔެވެ؟ އެ ފިރިހެން ކުއްޖާ ކޮބައި ހެއްޔެވެ؟

ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކާއެކު ނޭވާ ހިފަހައްޓައިލައިގެން އަހަންނަށް ވެސް ހުރެވުނީ އެވެ. އެ އަންހެން ކުއްޖާ ވަށައިގެން ހޯދަމުން ދިޔަ އެވެ. އޭނާގެ ވަށައިގެން އެކަކު ވެސް ނެތެވެ. ކުރިން އޭނާއާއެކު އުޅުނު ފިރިހެން މީހާ ވެސް ނެތެވެ. އޭނާ މަޑުމަޑުން ކަކޫ މައްޗަށް ތިރިވަން ފެށި އެވެ. ރޮމުން ގިސްލަމުންނެވެ. ބަނޑުގައި ދެ އަތުން ހިފަހައްޓައިގެންނެވެ.

އޭނާ ހަޅޭއްލަވަން ފެށި އެވެ. ބާރުބާރަށެވެ. އޭނާ ގޮވަމުން ދިޔައީ ކޮންމެ ވެސް މީހެއްގެ ނަމުންނެވެ. އަހަންނަށް ސަމާލުކަން ދެވުނެވެ. އޭނާ ގޮވަމުންދާ ނަމާ މެދުގައެވެ. ނަމަވެސް ސާފުވާ ގޮތެއް ނުވި އެވެ.

ކުއްލިއަކަށް އޭނާއާ ދިމާއަށް ދުއްވާފައި އަންނަ ކާރެއް ފެނުނެވެ. އެ ކާރުގެ އަލިގަނޑު އޭނާގެ މޫނަށް އެޅުނެވެ. އެއީ ރީތި އަންހެން ކުއްޖެއްކަން އަހަންނަށް އިހުސާސްކުރެވުނީ އެހައި ހިސާބުންނެވެ. ނަމަވެސް އޭނާގެ ތުންފަތްވަނީ ހިކިފައެވެ. މޫނުމަތިވަނީ މިލައި މޯޅިވެފަ އެވެ.

ކާރު އާ ބާރުމިނުގައި އައިސް އޭނާގެ ގައިގައިގާ ޖެހުނެވެ. އޭނާ ވިއްސައިގެން ދިޔަ އެވެ. ދިހަވަރަކަށް ފޫޓަށެވެ. އަހަންނަށް ކެތެއް ނުކުރެވުނެވެ. އޭނާއާ ދިމާއަށް ދުއްވާގަނެވުނެވެ. ވަށައިގެން ހޯދައިލަމުންނެވެ. އެއްވެސް މީހަކު އޭނާއާ ދިމާއަށް ނުދާތީ ހައިރާންވެ ހުރެ އެވެ. އަހަރެންގެ އަވަސްވެފައިވާ ހަރަކާތްތަކާއެކު ގޮސް އޭނާގެ ގާތަށް ތިރިވެވުނެވެ. އޭނާ އޮތް ހާލަތު ފެނިފައެވެ. އޭނާއަށް އެހީވާން ބޭނުންވެފަ އެވެ.

"ކަޓް، ކަޓް." ފަހަތުން ދެތިން މީހަކު ގޮވާލި އަޑު އިވުނެވެ.

އަހަންނަށް ބަލައިލެވުނެވެ. ދެ ތިން މީހަކު އަހަންނާ ދިމާއަށް އަންނަ މަންޒަރު ފެނުނެވެ. އެ މީހުން ތިބީ ހިނި އައިސްފަ އެވެ. ވަށައިގެން ތިބި އެންމެންގެ މޫނަށް ވެސް ބަލައިލެވުނެވެ. އޭރު ވެސް ވަށައިގެން އެތައް ބަޔަކު ތިބި މަންޒަރު އަހަންނަށް ފެނުނެވެ. ދިގު ކޯޓު ލައިގެން ކުޑަ ބޮލަށް ނަގައިގެންނެވެ.

އަންހެން ކުއްޖަކަށް އެ ވަރުގެ އަނިޔާއެއް ލިބުނީމާ ވެސް އެންމެން ހެވިފައި ބަލަން ތިބީތީ އަހަރެން ވެސް ހައިރާންވި އެވެ. ސުވާލުތަކުން ސިކުނޑި ބަރުވަމުން ދިޔަ އެވެ. އަހަންނާ ދިމާއަށް އައި ދެ މީހުން އައިގޮތަށް އައިސް އަހަރެން ނެގި އެވެ. އެ މީހުން އަހަރެން ނަގައި އިނގިލިން އިޝާރާތްކޮށްލި އެވެ. އެ މީހުން އިނގިލި ދިއްކޮށްލި ދިމާއަށް އަހަރެން ބަލައިލީމެވެ. އެހައި ހިސާބުން ވެގެން އުޅޭ ގޮތް ސާފުވި އެވެ. އަހަންނަށް ވެސް ފާޑަކަށް ހީނގަނެވުނެވެ. ލަދު ވެސް ގަންނަ ގޮތްވާން ފެށިއެވެ. އިސް ޖަހައިލެވުނެވެ.

"އިޓްސް އޯކޭ. ނޯ ވޮރީ ޑިއަރ." އެ ދެ މީހުން އަހަރެންގެ ކޮނޑުގައި އަތް ބާއްވާލި އެވެ.

އަހަންނަށް ބަލައިލެވުނީ ބިންމަތީގައި ވެއްޓިފައި އޮތް އަންހެން ކުއްޖާއަށެވެ. ލެއިން ތަތްތެޅިފައި އޮތް އެ ކުއްޖާ އެ އޮތް ގޮތަށް އޮތީ އެވެ. ސީދާ އަހަންނާ ދިމާ ބަލާށެވެ. އޭނާ ވެސް އަހަންނަށް ހިނިތުންވެލި އެވެ.

އާއެކެވެ. މި ހުރިހާ އިރު އަހަންނަށް ބަލަން މި ހުރެވުނީ އަސްލު މަންޒަރުތަކެއް ނޫނެވެ. އެއީ ކުޅެވެމުން ދިޔަ މަންޒަރުތަކެކެވެ. މަންޒަރުތަކުގެ ތަރުތީބުކަމާއި އޮމާންކަމުން ހީވީ ހަމަ ހަގީގީ މަންޒަރުތަކެއް ހެންނެވެ. އަހަންނަށް އިސް ޖަހައިލެވުނީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ. ބަޔަކު ޝޫޓް ކުރަމުން ދިޔަ ފިލްމެއްގެ މަންޒަރުތަކުގެ ތެރެއަށް ވަދެވުނީތީ އެވެ.

ދެވަނަ ސިކުންތުގައި ހިތަށް އެރި އެވެ. މަގުމަތީގައި މި ފަދަ މަންޒަރުތަކެއް ނަގަމުންދާއިރު ފިލްމެއް ޝޫޓްކުރާކަން އެނގޭނެ ކޮންމެ ވެސް ގޮތެއް ވަކި ހިސާބެއްގައި ހުންނަންވާނެ އެވެ. މަގު ބަންދުކުރާ ބޯޑު ޖަހައި ބީދައިން މަގުގެ ވަކި ހިސާބެއްގައި ފިލްމެއްގެ ޝޫޓިން ކުރިއަށްދާކަން އަންގައިދޭ ކޮންމެ ވެސް ނިޝާނެއް ފެންނާނެ ގޮތް ހުންނާންވާނެ އެވެ. އެހެން ނޫނީ އަހަންނަށް ކުރިމަތިވި ކަހަލަ އެތައް ކަމެއް އެހެން މީހުންނަށް ކުރިމަތިވާނެ އެވެ.

އަހަރެން ލަސް ފިޔަވަޅުތަކެއް އަޅަމުން ކުރިއަށް ދިޔައީމެވެ. އިސް ޖަހައިލައިގެން ހުރެ އެވެ.

"ޔަނާލް." ފަހަތުން އިވުނީ އެއްކަލަ އަންހެން ކުއްޖާގެ އަޑެވެ.

އަހަންނަށް ބަލައިލެވުނެވެ.

"ޔަނާލް." އަނެއްކާ ވެސް އޭނާ ގޮވާލި އެވެ.

ނަމަވެސް އޭނާ އޮތް ގޮތަށް އޮތީ އެވެ. އަހަންނާ ދިމާއަށް ބަލައިގެންނެވެ. އަހަންނަށް ހީވި ގޮތެއް ކަމަށް ހީކޮށް ކުރިއަށް ހިނގައިގަތީމެވެ.

"ޔަނާލް." މި ފަހަރު އަޑު އައީ ކުރިމަތިން ހެން ހީވި އެވެ.

އަހަރެން ވަށައިގެން ހޯދައިލީމެވެ. އަންހެން ކުއްޖަކު ނެތެވެ.

"ޔަނާލް. ލޯ ހުޅުވާލައިލަ ބަލަ." މި ފަހަރު އަޑު އިވުނީ ސީދާ ކަންފަތާ ދިމާއިންނެވެ.

އަހަރެން ބަލައިލީ ފަހަތަށެވެ. އޭރު ވެސް ވެއްޓިފައި އޮތް އަންހެން ކުއްޖާ އެ އޮތްގޮތަށް އޮތެވެ. އޭނާ އިތުރަށް ގޮވާލާތޯ އަހަރެން އިންތިޒާރު ކުރީމެވެ. ނަމަވެސް އޭނާގެ ތުންފަތެއް ހަރަކާތެއް ނުކުރި އެވެ.

"ޔަނާލް." އޭނާއާ ދިމާ ބަލަން ހުއްޓާ އަނެއްކާ ވެސް އެ އަޑުން ގޮވާލި އެވެ.

އަހަންނަށް ޔަގީންކުރެވުނެވެ. އަހަންނަށް ގޮވަނީ އޭނާ ނޫންކަމެވެ.

"ޔަނާލް ހިތްވަރުކޮށްލައިފަ ލޯ ހުޅުވާލަބަލަ." އޯގާތެރި ރާގެއްގައި އެހެން ބުނުމާއެކު އަހަރެން މަސައްކަތް ކުރަމުން ދިޔައީ ލޯ ހުޅުވާލެވޭތޯ އެވެ.

ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެން ލޯ ހުޅުވާލީމެވެ. އޭރު އަހަންނަށް އެއްވެސް ތަނެއް ނުފެނެ އެވެ. އެއްވެސް އިތުރު އެއްޗެއް ނުފެނެ އެވެ. ފެންނަމުން ދިޔައީ ކަޅު ކުލައެވެ. އަނދިރިކަމެވެ.

"އަދި މަޑުކޮށްލާ އިނގޭ،" އަނެއްކާ ވެސް އެ ކުއްޖާ ބުނެލި އެވެ. "ލޯ ހުޅުވާލާނީ އަހަރެން ބުނީމަ."

"އަހަރެން މި އޮތީ ނިދައިފަ ދޯ." އަހަންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

"ނޫނޭ. ޔަނާލް ތި އޮތީ ހޭލައި." އެ ނިޔަނެތި އަޑު އިވުނެވެ.

"ތި ކާކު؟" އަހަންނަށް އަހައިލެވުނެވެ.

"އަހަންނަކީ ޔަލްވީ. މިތަނުގައި މަސައްކަތް ކުރާ ނަރުހެއް. ތިޔައީ މުޙައްމަދު ޔަނާލް. ޔަނާލް ތި އޮތީ ހޮސްޕިޓަލުގައި." އޭނާ ލޯތްބާއެކު ބުނެލި އެވެ.

އަހަރެންގެ ހިތުގައި ސުވާލުތައް އުދުހެން ފެށި އެވެ. އަހަރެން ހޮސްޕިޓަލުގައި އޮންނަން ޖެހުނީމަ އެވެ. އަހަންނަކީ ޔަނާލް އޭ ކިޔަނީ ކީއްވެތޯ އެވެ. އެއީ ކޮން ޔަލްވީއެއް ހެއްޔެވެ؟ ދެތިން ފަހަރަކު ވިސްނައިލެވުނެވެ. ފުންކޮށް ނޭވާ ބޭރުކޮށްލަމުން ސުވާލުތަކަށް ޖަވާބެއް ލިބޭތޯ އެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox