ވަޓްފޯޑް (އޮކްޓޫބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ރޮބާޓޯ ފިރްމީނޯގެ ހެޓްރިކާ އެކު 5-0 އިން ރަށުންބޭރުގައި ވަޓްފޯޑް ބަލިކޮށްފި އެވެ.
މިއީ ކުރިން ޗެލްސީ އާއި ލެސްޓާ ސިޓީ އަށް ކޯޗުކޮށްދިން އިޓަލީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ހަވާލުވި ފަހުން ވަޓްފޯޑް ކުޅުނު ފުރަތަމަ މެޗެވެ. މިއީ އިނގިރޭސި ފުޓްބޯޅައިގައި ރަނިއޭރީ ކޯޗުކޮށްދިން ޓީމެއް ބަލިވި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.
ލިވަޕޫލް ވަނީ މި މޮޅާ އެކު ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ އަށް މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ހަތް މެޗުން 16 ޕޮއިންޓް ހޯދާފައިވާ ޗެލްސީ އެވެ. މިރޭ ބްރެންޓްފޯޑް ދަނޑުގައި މޮޅުވެގެން ޗެލްސީ އަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ. އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑް އޮތީ ހަތް މެޗުން 12 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
ވަޓްފޯޑްގެ ވިކަރޭޖް ސްޓޭޑިއަމްގައި ލިވަޕޫލުން މިރޭގެ މެޗަށް ނުކުތީ ބްރެޒިލްގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ފަހު ޓީމާ ފަހުން ގުޅެން ނިންމާފައިވާ ގޯލްކީޕަރު އެލިސަން ބެކާ އާއި މިޑްފީލްޑަރު ފަބީނިއޯ ޓަވަރޭސް ނުލަ އެވެ.
މެޗު ފަށައިގެން ނުވަ ވަަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިިދިނީ ސަޑިއޯ މާނޭ އެވެ. މުހައްމަދު ސަލާހު ދިން ބޯޅައަކުން މާނޭ ޖެހި މި ގޯލަކީ ލީގުގައި އޭނާ ޖެހި 100 ވަަަނަ ގޯލެވެ. އޭނާ އަކީ ޕްރިމިއާ ލީގުގައި 100 ގޯލު ހަމަކުރި އެފްރިކާ އަށް ނިސްބަތްވާ ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން 100 ގޯލު ޖެހީ ސަލާހާއި ޗެލްސީގެ ކުރީގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާ އެވެ.

ލަނޑު ޖެހުމަށް ފަހު ސަލާހު އުފާފާޅުކުރަނީ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 37 ވަނަ މިނިޓްގައި ލިވަޕޫލުގެ ލީޑުފުޅާކޮށްދިނީ ޖޭމްސް މިލްނާ ދިން ބޯޅައަކުން ފިރްމީނޯ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 52 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ފިރްމީނޯ ވަނީ އޭނާގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.
ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖެހީ 54 ވަނަ މިނިޓްގައި ސަލާހު އެވެ. މި ވަގުތު އާދަޔާހިލާފު ފޯމެއްގައި ހުރި ސަލާހު މި ގޯލު ޖެހީ ވަޓްފޯޑް ތިން ޑިފެންޑަރުންގެ ތެރެއިން ދެމިގަތުމަށް ފަހު އެވެ. އޭގެ ފަހުން މާނޭ އާއި ނަބީ ކެއިޓާ އަށް ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
އިތުރު ވަގުތުގައި ފިރްމީނޯ އޭނާގެ ހެޓްރިކް ފުރިހަމަކުރި ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނިކޯ ވިލިއަމްސް ދިން ބޯޅައަކުންނެވެ. މިއީ ލީގުގައި ފިރްމީނޯގެ ދެ ވަނަ ހެޓްރިކް އެވެ. އޭނާ ފުރަތަމަ ހެޓްރިކް ހެދީ 2018 ވަނަ އަހަރު ޑިސެމްބަރު މަހު އާސެނަލް ކޮޅަށެވެ.












