Advertisement

ދިގުވާހަކަ: ކުށްހީ

7 އޮކްޓޯބަރު 2021 - 11:40 2

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގުވާހަކަ: ކުށްހީ

7 އޮކްޓޯބަރު 2021 - 11:40 2

އެތައް ފަހަރަކު އެ މެސެޖު ކިޔައިލެވިއްޖެ އެވެ. އަހަންނަށް ކުރެވުނީ ހަމަ އެއް މާނައެކެވެ. ދޭހަވީ އެއްކަމެކެވެ. އިތުރު މާނައެއް ނުކުރެވުނެވެ. އިތުރު ހިޔާލެއް ވެސް ނަ އެވެ. ތަކުރާރުކޮށް ކިޔުމުން ވެސް ވީ ހަމަ އެއްގޮތެވެ. ހަލި އަސްތަކެއް ފަދައިން ހިޔާލުތައް އެއްދިމާއަކަށް ގޮސް ހުއްޓެނީ އެވެ. އުއްމީދުގެ ހުޅުކޮޅު ވަށައިގެން ނަށަމުން ދިޔަ ޕަރުވާނާތައް ވެސް ވަޔަށް ބުރަބުރައިގެން ދަނީ އެވެ. އެންމެފަހުން ނާރުތަކަށް ވާންވެ، މީހާ ފުފި ރުޅި ގަދަވީ އެވެ. ހިތުގައި ވަހުމު އުފެދި ހިޔާލުތަކާއި ޖަޒުބާތުތައް ގަޑުބަޑުވީ އެވެ. ބޮލުގެ އެއް ފަޅީގައި ފާޑަކަށް ވިއްދައިގަތެވެ. އެ ތަދު ގަދަވަމުން ގަދަވަމުން ގޮސް ކަނާއަތްފަޅީގެ ކަންފަތާ ދިމާއިން ތިރިވާން ފެށި އެވެ.

ބޮލުގައި އަތް އަޅައިލެވުނެވެ. ދެ އަތުން ބާރަށް ހިފަހައްޓައިލެވުނެވެ. ސިކުނޑި ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ. ނޭވާ ހީވަނީ އުފުރިގަންނަން އުޅޭ ހެންނެވެ. މުޅި ހަށިގަނޑުގައި ނޭނގޭ ތުރުތުރެއް އަޅަމުން ދިޔަ އެވެ. އަތްފައި ފިނިވެ ގަނޑުވާ ވަރުވި އެވެ. ބޮލުގެ ފުށްކިބައިގައި އަމިއްލަ އަތުން ދެ ފަހަރަކު ޖަހައިލެވުނެވެ. ހައްލެއް ލިބޭތޯ އެވެ. ނަމަވެސް، ބަދަލެއް ނަ އެވެ. އެ ތަދު އިރުއިރުކޮޅާ ވިއްދާލަ އެވެ. ހީވަނީ ފާޑެއްގެ ޖެއްސުމެއް ކޮށްލާހެންނެވެ.

މާ ބޮޑަށް ރުޅި އިސްކުރެވެނީއޭ ހިތަށް އެރި އެވެ. އަމިއްލަ ނަފުސަށް އޮންނަ އިތުބާރު މިހާ ކުޑަކޮށްލާކަށް ނުވާނޭ ހިތްބުނެލި އެވެ. މީހުންނަށް ޝައްކުގެ އިނގިލި ދިއްކޮށްގެން ވާނެ މޮޅެއް ނޯންނާނެކަމަށް ވިސްނުނެވެ. ޝައްކަކީ ބަލިތަކުގެ އަސްލެއްކަމަށް މީހުން ކިޔަނީ ކަމެއްވީމަ ތާ އެވެ. އަމުދުން ލޯތްބަކީ ކޮން އެއްޗެއްކަން ދަސްކޮށްދިން މީހާއަށް ޝައްކު ކުރާކަށް ނުވާނެ އެވެ. މާޔޫސްވެ ދެރަވެފައިވާ ހިތް އުފަލުން ހެއްވާލަދިން މީހާ އެ މޭރުމުން ވިސްނާން ހެޔޮނުވާނެ އެވެ. އަހަރެންގެ މާގިނަ ބަޔަކު ނުތިބޭނެ އެވެ. ލޮލަކަސް ބޮލަކަސް ލޯބިވާން ވެސް ލޯބި ދޭން ވެސް ހުރީ އޭނާ އެވެ. ހަމައެކަނި އޭނާ އެވެ. އެއީ އަހަރެންގެ ހަލާލު ފިރިމީހާ އެވެ.

ފޯނު ނަގައި ނަންބަރުތައް ހޭވީމެވެ. ބޭނުންވެގެން އުޅޭ މީހާގެ ނަންބަރެއް ނެތެވެ. ނުފެނުނެވެ. ފޯނުގައި ލޯ ހިއްޕާލައިގެން އިނދެ އަނެއްކާ ވެސް އެ ނަންބަރު ފެނޭތޯ ބެލީމެވެ. އިނގިލި ކުރިންނާއި ދެ ލޮލުން އަތްފުނާއެޅީމެވެ. ނަންބަރަކުން ނަންބަރަކުން ބެލީމެވެ. ނުވިތާކަށް ފޭސްބުކު ހޭވީމެވެ. ނުފެނުނެވެ. ދެން ހަދާނެ ގޮތެއް ނުވިސްނުނެވެ. ކުރާނެ ކަމެއް ސިކުނޑިއަކަށް ނަ އެވެ.

ދެ ވިސްނުމަކަށް ގެނބިފައި އިނދެ މެސެންޖަރ އަށް ފުންމައިލެވުނީ މޮޅު ހިޔާލެއް ބޮލަށް ވެރިވީމަ އެވެ. ކަޅިއެއް އެއްލީމެވެ. ބޭނުންވެގެން އުޅޭ މީހާ އޮންލައިންގައި ކަމަށްކަށް ނުދައްކަ އެވެ. އޮންލައިންގައި ނެތަސް ބުނަން ބޭނުންވާ ވާހަކަ ބުނެވިދާނޭ ހިތަށް އެރި އެވެ. އޭރު ވެސް އަތްފައިގައި ފިނިކަން ހުރީ ކުރިން ހުރި ގޮތަށެވެ. އެހެންވެ އިރު އިރުކޮޅާ އަތް ތުރުތުރުއަޅަ އެވެ. މޭ ގުޑިލަ އެވެ. ހީނބިހިގަނޑެއް ކަނދުރާމަތިން ދުވެލަ އެވެ. މުޅި މީހާގެ ހަށިގަނޑުން އެކަން ފެތުރިލަ އެވެ.

ހިތުގެ އުދާސްތައް ފޯނުގައި ދެ ފަހަރަކު ލިޔެލީމެވެ. ކޮންމެ ފަހަރަކު ވެސް ފޮހެލެވެނީ އެވެ. ހިޔާލުތައް ކަފިކަފިވަނީ އެވެ. މެސެޖު ލިޔެ ނިންމައިލުމަށްފަހު ކިޔައިލެވޭ އިރަށް ވިސްނުން ބަދަލުވަނީ އެވެ. ދެކެވޭގޮތް އޮޅުންބޮޅުންވަނީ އެވެ. ވިސްނޭ ގޮތް ވެސް ބަދަލުވަނީ އެވެ. ފިރިމީހާގެ އަގު ވެއްޓި އޭނާގެ ގަދަރު ކުޑަވެދާނޭ ހިތްބުނަނީ އެވެ.

އެކަމަކު ކެތް ކުރެވިއްޖެއެވެ. ގޮތްދޫކޮށްގެން ހަތިޔާރު ވެސް ބަހައްޓައިފީމެވެ. އެއް ފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. ވީކަމެއް ނެތެވެ. މޫނުމަތީގައި ހިނިތުންވުމެއް ކުރަހައިގެން ލައްކަ ދުވަހު ކެތްކޮށްފީމެވެ. ކުރާން ބޭނުން ނޫން އެތައް ކަމެއް ކޮށްފީމެވެ. ފޭސްބުކަށް ފޮޓޯއަޅާ ލޯބިވާކަން ބުނެދީފީމެވެ. އެކަން ރަހުމަތްތެރިން ފާހަގަ ވެސް ކުރިއެވެ. ފާޑުކިޔުންތައް އަމާޒު ވެސް ވިއެވެ. އެކަމާ ފާޑުކިޔާމީހުން ގިނަ ނަމަވެސް މަދު ބަޔަކު ތައުރީފު ވެސް ކުރިއެވެ. ލޯބީގެ މައިދާނުގައި ނަމޫނާއެއް ކަމަށް ބުނެ އެވެ.

ހަގީގަތަކީ ކޮބައިކަމެއް އެކަކަށް ވެސް ނޭނގެ އެވެ. އަހަންނަށް ދިއްކޮށްލާ ކޮންމެ ރަތް ފިނިފެންމަލެއްގެ ވަހުން އަހަރެންގެ ޟަމީރު ބަލިކަށިވާވަރެއް އެކަކަށް ވެސް ނޭނގޭނެ އެވެ. ފޮޓޯއިން ރަތް ފިނިފެން މަލެއް ފެންނަނީ އެހެން މީހުންނަށެވެ. އަހަންނަށް އެއިން ކޮންމެ މަލެއް ފެންނަނީ ވިހަ ގަދަ ހަރުފައެއްގެ ގޮތުގަ އެވެ. އަނދުން ކުލައިގެ ކަޅު މަލެއް ގޮތުގަ އެވެ. އެ ސިފައިގަ އެވެ.

އެންމެ ފަހުން ގޮތެއް ނިންމީމެވެ. ވާ ގޮތެއް އެނގޭނީ މައިދާނަށް ނިކުތީމާ ތާއޭ ހިތަށް އެރި އެވެ. ކޮޓަރީގެ އެއް ކަނަށް ވަދެ ފިލައި އޮތަސް ކާމިޔާބެއް ނުލިބޭނެއޭ ހިތަށް އެރި އެވެ. އެންމެ ފަހުން ގޮތެއް ނިންމީމެވެ. މެސެޖު ފޮނުވާލީމެވެ.

"ތަހާނީއަކީ ކާކުކަން ބުނެދެވިދާނެތަ؟" ފޮނުވާލެވުނު މެސެޖު ދެފަހަރަކު ކިޔައިލީމެވެ.

ފިރިމީގޭ ގާތް އެކުވެރިއެއް ކަމަށްވާ އަރީޝް އޮންލައިންގައި އިންކަން އެނގުމުން މެސެންޖަރއިންނެވެ. އަހަރެންގެ ސުވާލުގެ ޖަވާބު އޭނާ ލިޔަމުންދާކަމަށް ފެންނަމުން ދިޔަ އެވެ.

"ރީތި ބިޓެއް. ވަރަށް ލޯބި ކުއްޖެއް. ފެންނަ ކޮންމެ މީހަކު ވެސް ގަޔާވާހަކަ މަންޖެއެއް،" އަރީޝްގެ ޖަވާބުގައި ހުރީ ލާނެތް ގޮތެކެވެ. "އަނެއްކާ މީހަކު ބުނެގެން ސެޓުކުރާންތަ؟"

އަހަންނަށް ރުޅި އިސްކުރެވުނެވެ. މީހާ ފުފިގަތެވެ. ވިސްނައިލުމެއް ބަލައިލުމެއް ނެތި މެސެޖެއް ފޮނުވާލެވުނެވެ.

"އާނ. އެހެންވީމަތާ ކަތުރުފަނި ހެދިގެން އެ އުޅެނީ ދޯ. ތި ހަމަ ފިރިހެނުންގެ ވައްތަރު."

"އޭ! ހާދަމަތީގަ. ކިހިނެއްތޯވީ އަނެއްކާ؟" އަރީޝްގެ ލަފުޒުތަކުގައި ހުރީ ގާތް ގޮތެކެވެ.

އަހަރެންގެ ފިރިމީހާ، ހަބީބާއި އަރީޝަކީ އެއް ދާއިރާއެއްގައި މަސައްކަތްކުރާ ދެމީހުންނެވެ. އަރީޝްއާއި ހަބީބު ބައްދަލުވީ އޮފީސް ދަތުރެއްގައި އަރީޝް މި ރަށަށް އައި ފަހަރެއްގަ އެވެ. އެއީ މީގެ ދިހަވަރަކަށް އަހަރު ކުރި އެވެ. ބަލައިބެލުމަށް އަރީޝަކީ ހަރުދަނާ މީހެކެވެ. ހިތްހެޔޮ އޯގާތެރި މީހެކެވެ. މީހުންނާ ގުޅޭ ސަކަ މިޒާޖެއްގެ ވެރިއެކެވެ. ދޭތެރެ ދޭތެރެއިން އަރީޝް ވެސް ހަބީބަށް ގުޅައިލާ ހާލު ބަލައިލަ އެވެ. އޮފީސް މަސައްކަތުގެ ވާހަކަތައް ދައްކާ އުޅެ އެވެ. އެ ދެމީހުންގެ މެދުގައި އޮތް ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވަމުން ދިޔަކަން ހަބީބުގެ ވާހަކަތަކުން ވެސް އެނގެ އެވެ. އެ ދެ މީހުން އާއްމުކޮށް ވާހަކަ ދައްކާފައި ހުންނަނީ މެސެންޖަރއިންނެވެ. އެކަން އަހަންނަށް އެނގެނީ ހަބީބުގެ ފޯނު ބެލޭތީ އެވެ. އެ މީހުންގެ ޗެޓް ލޮގުތައް އަހަރެން ވެސް ކިޔައިލަމެވެ.

އާއްމުކޮށް ހަބީބު ފޯނުގެ ޗެޓްލޮގުތައް ފޮހެނުލަ އެވެ. އެއީ އަހަރެންގެ ޝަކުވާ ބޮޑުކަމުންނެވެ. އަހަންނަށް ވިސްނޭ ގޮތުގައި ޗެޓް ލޮގުތައް ފޮހެލާނީ ކަމެއް ފޮރުވާށެވެ. ފޮރުވާނީ ސިއްރުން ކުރާ ކަންކަމެވެ. އެހެން ނޫންނަމަ ޗެޓް ލޮގުތައް ފޮހެލުމުގެ ބޭނުމެއް ނޯންނާނެ އެވެ. އަހަރެންގެ ވިސްނުން ހަބީބު ގަބޫލެއް ނުކުރެ އެވެ. ނަމަވެސް އޭނާ ގޮތް ދޫކުރަނީ އެވެ. ޗެޓު ލޮގުތައް ބަހައްޓަނީ އެހެންވީމަ އެވެ. އެ ހުރިހާ ވާހަކައެއް އަހަރެން ކިޔާކަން އޭނާއަށް ވެސް އެނގޭނެ އެވެ. އެއީ މައްސަލައަކަށް ވެސް އޭނާ ނުހަދަ އެވެ.

މިރޭ ހިތުގެ ޝަކުވާ ބޮޑުވެގެން މި އުޅެނީ އަހަރެންގެ ވިސްނުމާ ހަބީބު ހިލާފުވީމަ އެވެ. އަރީޝްއާ ދެމީހުން ދައްކާފައިވާ ވާހަކަތަކުން ބައެއް މަދުވީމަ އެވެ. އަހަރެންގެ އަތްފައި ފިނި މިވަނީ އެހެންވީމަ އެވެ. ހިތާއި މޭ ތުރުތުރު މި އަޅަނީ ވެސް އެހެންވީމަ އެވެ. ހަބީބު ދެކެ ރުޅި އިސްކުރެވިގެން މި އުޅެވެނީ ވެސް އެހެންވެ އެވެ.

އަހަންނާއި އަރީޝަކީ އެއް އިރެއްގައި ވެސް ރަހުމަތްތެރިންނެއް ނޫނެވެ. ނަމަވެސް އަރީޝަކީ ދުރު މީހެއް ނޫނެވެ. ހަބީބުގެ އަނތްބަކަށް އަހަރެން ވުމަކީ އަރީޝްގެ ހިތުގައި އަހަންނަށް ގާތްކަމެއް އޮންނަ ހަމައެކަނި ސަބަބެވެ. ދޭތެރެއަކުން ހާލުބަލައިލުމަށް މެސެޖެއް ކޮށްލުން ފިޔަވައި އަރީޝް ވެސް މާގިނަ ވާހަކައެއް ނުދައްކާނެ އެވެ. ދުވަހަކު ވެސް އަހަންނަކާ ނުގުޅާނެ އެވެ. އަހަރެން ވެސް އޭނާއާ އިސްވެ ވާހަކައެއް ނުދައްކަމެވެ. އޮންލައިންގައި އިނަސް ގޮވައި ވެސް ނުލަމެވެ. އޭނާ ހިއްސާކުރާ ފޮޓޯއަކަށް ލައިކެއްހާ ހިސާބު ވެސް ނުކޮށްލަމެވެ.

"ނުބުނާނެ. ނުވެސް އެނގޭނެ. އެނގޭ ކަމަކަށް ވެސް ނުހަދާނެ. އާނ، އަހަންނެއް ނޫންތާ ރަހުމަތްތެރިއަކީ ދޯ! ރަހުމަތްތެރިޔާގެ ދިފާއުގައި ނަމަވެސް ވަކާލާތު ކުރަންވާނެ." އަހަރެންގެ ރުޅިގަނޑު މައިތިރި ނުވި އެވެ.

"އަސްތާ! ކިހިނެއްތޯވީ؟ އެކުވެރިޔާގެ އަނބިކަނބަލުން ނުތަނަވަސްވާ ކަހަލަ ވާހަކައެއް ނަންގަނެވުނީތޯ؟" އަރީޝްގެ ރާގު ބަދަލުވެ ރަސްމީ ގޮތް އިސްކުރި އެވެ.

"ނޫނޭ. އެއްވެސް ކަމެއް ނުވޭ. ދެން އަޅައިނުލާ. އެ ނިމުނީ އެކަން." އަހަރެން ބޭނުންވީ އެ ވާހަކަ ހުއްޓައިލާށެވެ.

"ތިޔަހެން ނުހައްދަވާ! ގޯހެއް ހެދުނަސް، ކުށެއް ކުރެވުނަސް ސާފުކޮށް ބުނެދެއްވާ."

އަރީޝްގެ ބަސްމަގު ފެނިފައި އަހަރެންގެ ރުޅިގަނޑު އިތުރުވަމުން ދިޔަ އެވެ. އަހަންނަށް ވިސްނުނީ އަރީޝް ގަސްތުގައި އަލިފާންގަނޑު ބޮޑުކުރަނީ ކަމަށެވެ. އޭނާ އަލިފާންގަނޑަށް ކަރާސީން އަޅައިލިފަދަ އެވެ. ގަސްތުގައި އޭނާ އެގޮތަށް ވާހަކަތައް ބައްޓަން ކުރަނީ އެހެންވީމަ އެވެ. އަރީޝްގެ ލަފުޒުތައް ފެނިފައި އެއްފަހަރުން ހުރިހާ ވާހަކައެއް ގޮވާލަންވީއޭ ހިތަށް އަރަމުން ދިޔަ އެވެ. އެތައް ވާހަކައެއް އެއްފަހަރާ އޭނާއާ ދިމާއަށް އުކާލަންވީއޭ ވެސް ހިތްބުނެލި އެވެ. ނަމަވެސް ފުން ނޭވާއެއް ބޭރުކޮށްލައި ހަމަޖެހިލީމެވެ. ފުންކޮށް ވިސްނައިލެވުނެވެ.

އަރީޝަކީ ކާކުތޯ އަމިއްލަ ޟަމީރު ވެސް އަހަންނާ ސުވާލުކޮށްލި އެވެ. ދިރިއުޅުމުގެ ނައު ދުވަމުންދާ ގޮތް ހިއްސާކުރާން އެއީ ކާކުހޭ ހިތަށް އެރި އެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. މިހާރު މިއޮތީ ސުރުހީ އެޅިފަ އެވެ. ދެން އޮތީ އެންމެ ގޮތެކެވެ. އަރީޝް އެ ވާހަކަ ހުއްޓައިލުމެވެ. ނޫނީ އަހަރެން އެ ވާހަކައިން ބޭރަށް ނިކުތުމެވެ. ނުބައި މީހަކަށް މެސެޖު ކުރެވުނީ ކަމަށް ބުނެ ވާހަކައެއް ހަދައިލަންވީއޭ ހިތަށް އެރި އެވެ. އޭރުން ވެސް އަރީޝްގެ ކިބައިން ސަލާމަތް ވާނެތާ އެވެ. ކަންތައްވީ ހިތުގައި ލިޔެވުނު ގޮތަކަށް ނޫނެވެ.

"ފަހަރެއްގައި އޮޅުމަކުން ގޯސް މެސެޖެއް ނެގިދާނެ. އަޅުގަނޑަށް ހީވަނީ އެކުވެރިޔާގެ އަނބިކަނބަލުންނަށް ގޯސްކޮށް ވިސްނިގެން އުޅުއްވާހެން،" އަރީޝްގެ މެސެޖެއް ލިބުނެވެ. "އަޅުގަނޑު، ގުޅައިލަންތޯ، ތި ކޮޅުގެ ނަންބަރު ލިބިދާނެތޯ."

އަރީޝްގެ މެސެޖުގެ ފަހުބައި ކިޔައިލެވުމާއެކު ތެޅި ގަނެވުނެވެ. ވަށައިގެން ހޯދައިލެވުނެވެ. އޭރު ހަބީބު ނިދީގެ މީރުކަން ވަޒަންކުރަމުންދަނީ އެވެ. މީހެއްގެ އަޑު ކިރިޔާ އިވުނަސް ހަބީބަށް ހޭލެވޭނެ އެވެ. އެހައި ވެސް އޭނާ ނިދި މަޑުވާނެ އެވެ. ކޮޓަރީގައި އޮވެ އަހަންނަށް ފޯނުން ވާހަކައެއް ނުދެއްކޭނެ އެވެ. އެހެން ނޫނަސް އަހަރެން މި އުޅެނީ ފޯނުކޮށްގެން މައްސަލައެއް ހައްލުކުރާކަށް ނޫނެވެ. ކަމެއް ސާބިތުކުރާކަށް ނޫނެވެ. ތަހުގީގު ހިންގައިގެން މީހަކަށް ނުކުރާ ކުށަކަށް އަދަބެއް ދޭކަށް ވެސް ނޫނެވެ.

އަރީޝް އަތުގައި އަހަރެންގެ ނަންބަރު ނެތްކަން އެއީ ނަސީބެކޭ ހިތަށް އެރި އެވެ. ނަމަވެސް، ހަބީބުގެ ނަންބަރަށް ގުޅައިގެން އަހަރެންގެ ނަންބަރު ފަސޭހައިން އޭނާއަށް ހޯދިދާނޭ ހިތަށް އެރި އެވެ. އެއަށްވުރެ ފަސޭހައިން ވެސް އަހަރެންގެ ނަންބަރު އޭނާއަށް ހޯދިދާނެ އެވެ. އަރީޝްގެ ރަހުމަތްތެރިން މި ރަށުގައި މަދެއް ނުވާނެ އެވެ. އޭނާ ދަންނަ އެތައް ބަޔަކު މި ރަށުގައި އުޅޭނެ އެވެ. އެހެންވީމަ ޗެޓު ކޮށްގެން ވާހަކަ ދެއްކުން ހުއްޓައިލައިގެން މިކަމުން ސަލާމަތްވާނެކަމަށް ވިސްނުމަކީ ގޯހެކޭ ހިތަށް އެރި އެވެ.

"މިގަޑީ ގުޅައިގެން ވާހަކަ ނުދެއްކޭނެ. ޗެޓުކޮށްލެވިދާނެ." އަހަރެން ލިޔެލީމެވެ.

"ތަހާނީގެ ފޮޓޯއެއް އަޅުގަނޑު ވެސް ހަބީބަށް ފޮނުވިން. އެއީ އަޅުގަނޑުމެން ޖެއްސުމަށް ކޮށް އުޅުނު ކަމެއް. ބަދަލުގައި ހަބީބު ވެސް ތަހާނީގެ ފޮޓޯއެއް އިންސްޓަރއަށް އަޕްލޯޑްކޮށްލާއިރަށް އަޅުގަނޑަށް ފޮނުވާނެ. އަޅުގަނޑަކީ އިންސްޓަރގައި އުޅޭ މީހެއް ނޫން. އެހެންވީމަ،" އަރީޝް އޮޅުންފިލުވައިދެމުން ދިޔަ އެވެ. "ދެން ހަބީބު ވެސް ތަހާނީގެ ފޮޓޯ ފޮނުވަނީ ތިޔަ ހީކުރާ ކަހަލަ ކަމެއްގައެއް ނޫން ކަންނޭނގެ. އެއީ ވަރަށް ޅަ ކުއްޖެއް."

"ފިރިހެނުން ހަރުވާ ވަރަކަށް ބޭނުންވަނީ ޅަ ކުދިންނޭ." އަހަރެން ލިޔެލީމެވެ.

އަރީޝަށް ނޭނގި ނަމަވެސް ޖެހުނީ މޮހޮރުގެ ބޮލުގައެވެ. އެހެންވެ ފުރުސަތުގެ ބޭނުންކޮށްލީ އެވެ.

"ދެން އަހަރުމެންނަކީ އެ ޒާތަށް އުޅޭ ބައެއް ވެސް ނޫނެއްނު. ހަރުވިޔަސް މަޑުވިޔަސް." އަރީޝް އުޅުނީ ހަބީބު ދިފާއުކުރާށެވެ.

"އާނ! ނޫޅޭނެ. މީހުންގެ ގޮތް އެނގޭނީ އެއް އޮޑިއަކުން ދަތުރުކޮށްލީމަ. އަރީޝްމެންނެއްނު ކިޔައިދެނީ ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިޔަސް ތެދެއް ނުވާނޭ. ހިތިކަނޑޫ ވެލެއްގެ ބުޑަށް ފެން ކަމުގައި މާމުއި އެޅިޔަސް އޭގައި އަޅާ އެއްޗެހި ފޮންޏެއް ނުވާނޭ." އަހަރެންގެ ބަސްމަގު އެގޮތަށް ބައްޓަންކުރީ އަރީޝަށް އެއްޗެއް ވިސްނައިދެވޭތޯ އެވެ. (ނުނިމޭ)