Advertisement


(ނުވަ ވަނަ ބަޔާ ގުޅޭ)

"އަވަހަށް ބުނަމާ." ނަވާޒު އަވަސް އަވަހަށް ބުނެލި އެވެ.

ސަނިއްޔާ ބުނަން އުޅުނު ވާހަކަ ނުބުނެ ގަސްތުގައި ވާހަކަ ބަދަލުކޮށްލަން ބޭނުންވި އެވެ. އޭނާ ބޭނުންވަނީ އޭނާ ބުޅީގައި އެޅުވި އެންކޮޅަށް ނަވާޒު ދަހިކޮށްލާށެވެ. އެންކޮޅުގެ ރަހަ ދައްކަމުން ދައްކަމުން ގެންގޮސް ކަރުބުޑާ ހަމައަށް ބުޅި ބާނައިލާށެވެ. އެތެރެ ބަނޑަށް ކާންދީގެން ނަމަވެސް ސަލާމަތް ނުވެވޭވަރުކުރާށެވެ.

"އެހާ ފަސޭހައިން ނުބުނެވޭނެދޯ." ސަނިއްޔާ ތުއިވެލި އެވެ.

"ޑޭޓަކަށް ދައުވަތުދޭންވީތަ؟" ނަވާޒު ހިނިގަނޑެއް ޖަހައިލި އެވެ.

"ބޭނުމަކީ ކޮބާ؟" ސަނިއްޔާ ގަސްތުގައި ނޭނގޭ ކަމަށް ހެދި އެވެ.

"ނެތް. މި ބުނީ އެއްވެސް ބޭނުމެއް ނެތޭ. ހަމަ ވައިކަން ފިލުވައިލަން." ނަވާޒު ވެސް ރާގު ބަދަލުވެ ޖަޒުބާތީ ރާޅުތަކުގެ ދަށުވަމުން ދިޔަ އެވެ.

"މާނައަކީ އަހަންނަކީ ހުސްކަން ކަނޑުވަން ހެޔޮވަރު މީހެކޭތަ؟ އަހަންނަކީ އެކަހަލަ އަގެއް ނެތް މީހެކޭތަ؟" ސަނިއްޔާ ރުންކުރުވި އެވެ.

"ކާކު ތިހެން ބުނީ؟" ނަވާޒު ހީނލި އެވެ.

"ނަވާޒެއްނު ތިބުނީ އެހެން. ބަލަ އަހަރެން ބޮލުގައި އިސްތަށި ހުންނަނީ ހަމައެކަނި ފުނާ އަޅާކަށް ނޫނޭ." ސަނިއްޔާ ޖެއްސުމުގެ ރާގުގައި ބުނެލި އެވެ.

"އެހެން ބުނީ ވެސް ހަމަ ސަނީއެއްނު. ތި ކިޔާ ހުރިހާ އެއްޗެއް ތި ކިޔަނީ ވެސް ސަނީ،" ނަވާޒު ފުން ނޭވާއެއް ބޭރުކޮށްލި އެވެ. "ދެން މާ ވާހަކަ ގިނަ ނުކޮށް ދިހަ މިނެޓު ތެރޭ ބޭރަށްނުކުމޭ. އަހަރެން މިދަނީ ސަނީ ނަގަން."

"އެންމެ ދިހަ މިނެޓު. ކަލަރ ކޯޑު؟" ސަނިއްޔާ ނޫން ކަމަށް ހެދެމުން ބުނެލި އެވެ.

"ޔުއަރ ޗޮއިސް." ނަވާޒު ފޯނު ކަނޑައިލި އެވެ.

ފޯނު ބޭއްވުމަށްފަހު ދެ އަތްތިލައަށް ބަލައިލި އެވެ. މަޑުމަޑުން އިނގިލިތަކަށް ބާރުކޮށްލާ އިނގިލިތައް ބުޅިކޮށްލި އެވެ. ހުރިހާ އިނގިއްޔެ ބުޅިކޮށްލުމާއެކު އަތަށް ފާޑެއްގެ ބާރުތަކެއް އަރުވާލި އެވެ. އެއަށްފަހު މަޑުމަޑުން އޭނާގެ އަތް މައްޗަށް ހިއްލައިލި އެވެ. އޭރު އޭނާގެ މުލައްދަނޑިއާ ހަމައަށް އެ ބާރުގަނޑު ދަތުރުކުރަމުން ދިޔަ އެވެ. މުޅި މީހާގެ ހަށިގަނޑު ވެސް ތުރުތުރާއެކު ތެޅެމުން ދިޔަ އެވެ.

ނަވާޒު ބޮލުގެ އިސްތަށިގަނޑުގައި ހިފާ ދަމާލި އެވެ. އެއާއެކު އޭނާގެ އަނގައިން ފާޑެއްގެ އަޑެއް ނުކުތެވެ. ހީވަނީ ކުރާން ބޭނުން ނުވާ ކަމެއް ކުރާން ޖެހިގެން އެކަމުގެ ރުޅިވެރިކަން އަމިއްލަ ނަފުސަށް އޮއްސާލަމުން ދިޔަހެންނެވެ.

"އާން ތި ހީވީ ހަމަ ރަނގަޅަށް. އަހަރެން އެކަން ކުރާކަށް ބޭނުމެއް ނޫން. ބޭނުމެއް ނޫން." ނަވާޒު ބާރުބާރަށް ހަޅޭއްލަވާގަތެވެ.

އޭނާ ވާހަކަދައްކަމުން ދިޔައީ އަމިއްލަ ނަފުސާ މުހާތަބުކޮށެވެ. ހީވަނީ މޮޔައެއްހެންނެވެ. ގައިގައި އޮތް ގަމީހުގެ ގޮށްފަތީގައި ހިފައި ދަމާލުމާއެކު ރާން ކިޔައިފައި އިވުނު އަޑާއެކު ގޮށްތައް ބުރަބުރައިގެން ދިޔަ އެވެ. އެވަރުން ވެސް އޭނާއަށް ކުރެވެމުން ދިޔަކަންކަން ރޭކައިނުލަ އެވެ. އުޅެވޭ ނޫޅެވޭ ގޮތެއް ވެސް ނޭނގެ އެވެ. އެގޮތް މިގޮތަށް އުޅެމުން ގޮސް އޭނާއަށް ޖަހައިލެވުނީ ފާރުގަ އެވެ. މުށްކަވާފައި ބާރުބާރަށް ފާރުގައި ދެ އަތުން ތަޅަން ފެށި އެވެ. އެވަރުން ނުވެގެން އޭނާގެ ނިތްކުރިން ވެސް ފާރުގައި ދެތިން ފަހަރަކު ޖަހައިލި އެވެ. އެންމެ ފަހުން އޭނާއަށް ތަދު އިހުސާސްވާން ފެށި އެވެ.

"އަހަރެންގެ ދިރިއުޅުމަށް ވިހަލާން ތައްޔާރަށް އޮތް ހަރުފައަކަށް ރަން އިލޮށިން ކަދުރު ކާންދޭނީ ކިހިނެއް؟ ކިހިނެއް؟" ނަވާޒަށް ފާރުގައި ލެނގިލެވުނެވެ.

އޭނާ މަޑުމަޑުން ފާރު ކައިރިއަށް ތިރިވި އެވެ. ފާޑަކަށް ގިސްލަމުން ގިސްލަމުންނެވެ. ލޮލުން ކަރުނަ ނުފޭބި ނަމަވެސް އޭނާގެ ހިތް ރޯވަރު އެނގޭނީ ހަމަ އޭނާ އަށެވެ. ހިތުގެ ކެކުޅުންތަކާއި ހިތަށް ވެރިވަމުން ދިޔަ ތޫފާންތަކުން ބުރަބުރައިގެންދާ އެތިކޮޅުކޮޅުން އޭނާގެ ހަޔާތަށް ގިނަވަމުން ދިޔަ ކަޅުފުސް ވިލާތަކުން ވެހެންމުން ދިޔަ ކަޅުވާރޭގެ ތަދު އިހުސާސްކުރާން ޖެހޭނީ އޭނާ އަށެވެ. އޭނާއަށް އެކަންޏެވެ. އެކަނިމާ އެކަންޏެވެ.

"އެކަމަކު އަހަންނަށް މި ނޫން ގޮތެއް ނެތް. މި ނޫން މަގެއް ނެތް. އަހަންނަށް އޮތީ ހަމައެކަނި މިގޮތް. ހަމައެކަނި މި ގޮތް." ނަވާޒު ބާރުބާރަށް ރޮއިގަތެވެ.

އެގޮތުގައި އެތައް އިރެއް ވަންދެން ނަވާޒު އިނެވެ. ގިސްލުމާއި ރުއިމުގެ ކޯރެއްގެ ތެރެއަށް ގެނބި މަރުވެފަ އެވެ. ހިތާމައާއި ކެކުޅުމުގެ ރުމާލަކުން ދެ ލޯ ފޮހެލަފޮހެލަ އެވެ. ވޭނާއި ތަދުން ފުރިފައިވާ ހަނދާންތަކެއްގެ މަންޒަރުން ފެންނަ ޖަޒުބާތީ ޝަބްނަމުގެ ހިތިކަން ވަޒަންކުރާށެވެ.

"ކަލޭއަށް ވެސް މިހެން ވެދާނެ. މިހެންވީމަ ގޮތް ހުސްވެ މާޔޫސްވާނެ. ކުރާނެ ކަމެއް ނޭނގި ދާނެ ދިމާއެއް ނޭނގި ފިޔަ ބިނދިފައިވާ ދޫންޏެއްހެން ވައިގެ ތެރޭގައި އެގޮތް މިގޮތް ވެދާނެ." ނަވާޒު އިނގިލި ދިމާކޮށްލީ މުށިގަނޑުމަތިން ދުވެފައި ދިޔަ ކަޅުކުލައިގެ ހިންޏަކާ ދިމާއަށެވެ.

އޭނާ މަޑުމަޑުން ތިރިވެލި އެވެ. މޫނުގެ ކަނާއަތްފަޅި މުށިގަނޑުގައި ޖައްސާލި އެވެ. އޭނާ ނަޒަރު ހުއްޓައިލައިގެން އޮތީ މުށިގަނޑުގައި ދުވަމުން ދިޔަ ކުޑަކުޑަ ދެ ހިންޏަށެވެ. ފަރުވާތެރިކަމާއެކު ބަލަން އޮތީ އެ ސޮރުމެންގެ ހަރަކާތްތަކަށެވެ. އެއް ހިނީގެ ފަހަތުން އަނެއް ހިނި ދުވެފައި ދިޔައީ ތަރުތީބު ކަމަށެވެ. އެ ސޮރުމެންގެ ވަޒަންހަމަ ލުއި ހަރަކާތްތަކަށެވެ.

"ކަލޭއަށް ވެސް މަގު ގެއްލުނީމަ ދެން ދާންވީ ގޮތެއް ނޭނގޭނެ." ނަވާޒު ޝަހާދަތް އިނގިލި ޖައްސާލީ ހިނީ ދަތުރު ކުރަމުން ދިޔަ މަގުގަ އެވެ.

އެހާ ހިސާބުން ހިނީގެ ހަރަކާތްތައް ހުއްޓުނެވެ. އެ ސޮރަށް ހަދާންވީ ގޮތެއް ނޭނގި އެ ގޮތުގައި އޮވެވުނީ އެވެ. ދާންވީ މިސްރާބު އޮޅުނީ އެވެ. އެ ސޮރުގެ ފަހަތުން އައި ހިނި ވެސް އިރުކޮޅަކަށް ހުއްޓުނެވެ. އެންމެ ފަހުން ފަހަތުގައި އޮތް ހިނި ކުރިއަށް އެރި އެވެ. ކުޑަ ތަންކޮޅަކަށް ދިޔުމަށްފަހު ފަސްއެނބުރި ބަލައިލި އެވެ. ފަހަތުގައި އޮތް ހިނި ހިނގައިގަތެވެ. އެ ސޮރު ކުރިއަރަންދެން ކުރީގައި އޮތް ހިނި މަޑުކޮށްލައިގެން އޮތީ އެވެ. އެ ސޮރާ އަރާ ހަމަކުރަމުން ފަހަތުގައި އޮތް ހިނި ހަރަކާތެއް ކޮށްލި އެވެ. އެންމެފަހުން، ދެ ސޮރުން އެކީގައި ގޮސް ގެއްލުނެވެ.

ނަވާޒު ތެދުވެ އިށީނދެލިއެވެ. އޭނާ ފުން ނޭވާއެއް ބޭރުކޮށްލި އެވެ. ފުންކޮށް ވިސްނައިލަމުން ބޮލުގެ އިސްތަށިގަނޑުގައި ކަނާއަތުން ފުނާ އަޅައިލި އެވެ.

"މާނަފުން ހަރަކާތްތަކެއް. ރީތި މިސާލެއް. ވިސްނައިފި މީހަކަށް އެތައް ހާސް ފިލާވަޅެއް." ނަވާޒު މަޑުމަޑުން ބުނެލި އެވެ.

އެންމެ ފަހުން ނަވާޒު ކޮޅަށް ތެދުވި އެވެ. ގައިގައި އޮތް ގަމީސް ބޭލުމަށްފަހު އެނދު މައްޗަށް ހޫރައިލި އެވެ. އޭނާގެ މޫނުމަތީގައި ކުރެހިފައިވާ ކަޅު މަންޒަރު މަޑުމަޑުން ބަދަލުވަމުން ދިޔަ އެވެ.

ކުއްލިއަކަށް ސިހިފައި ނަވާޒު އަރިއަޅައި ނުލީ ކިރިޔާ އެވެ. އޭނާގެ ފޯނުގެ ގަދަފަދަ ރަނގަބީލުގެ އަޑުންނެވެ. އޭނާއަށް ބަލައިލެވުނީ ސްކުރީނަށެވެ. ގުޅަނީ ސަނިއްޔާ އެވެ. ނަވާޒު ފޯނު އެނދުމައްޗަށް އެއްލައިލި އެވެ. ސަނިއްޔާގެ ފޯނަށް ޖަވާބު ނުދިނުމުން ފޯނު ކެނޑުނެވެ. އެ މަންޒަރު ބަލަން ނަވާޒަށް ހުރެވުނީ އެވެ. ބުދެއް ފަދައިންނެވެ. ހަރަކާތެއް ނެތި ގަނޑުވެފަ އެވެ.

އަނެއްކާ ވެސް ފޯނު ރަނގަބީލުވާން ފެށި އެވެ. ނަވާޒު ބޯ ހޫރައިލަމުން މަޑުމަޑުން ފޯނާ ދިމާއަށް ގުދުވެލި އެވެ. ސްކުރީނަށް އަރާފައި އޮތް ނަން ކިޔައިލީ ހިތުންނެވެ. އޭނާ ލަސްލަހުން މަޑުމަޑުން ފޯނަށް ޖަވާބުދޭން މަސައްކަތްކުރި އެވެ.

"ހަލޯ." ނަވާޒުގެ އަޑު ނުކުތީ ކުރެހިގެންނެވެ.

"މިހާރު ކިހާއިރެއް ގުޅައިތާ؟ ގުޅައިތޯ ހުރެހުރެ ނުގުޅީމަ ވިހި މިނެޓު ފަހުން މި ގުޅީ ވެސް. މަގުމަތީގައި ތާށިވީކަމަށް ހީކޮށް." އެކޮޅުން ވާހަކަދެއްކީ ސަނިއްޔާ އެވެ.

"އާން ވަރަށް ބާރުބޮޑު. އެހާ އަވަހަކަށް ނުދެވޭނެ. ހުރިހާ މަގެއް ބަންދުވެފައި. ބަންދު ބޯޑު ފެންނަން ހުއްޓާ އެ މަގުތަކަށް ވަންނާކަށް ނުވާނެއްނު ދޯ؟. މަގު ބަންދުކުރީމަ ވެސް ގެއްލުންވަނީ ހަމަ އަހަރުމެންނަށް. ބަންދު ނުކުރިޔަސް ގެއްލުން ވާނީ ހަމަ އަހަރުމެންނަށް. މަށަކަށް ނުވިސްނޭ. ބޯޑު ބަހައްޓައިގެން މި ޖަހާ ސަކަރާތެއް. ކޮންމެ މީހަކު ވެސް ހޮޅި ވާހަކަދައްކާނެ ކަމެއް ނުވާއިރު. ބާރެއް ނުލިބޭއިރު. އާރާއި ބާރުތައް މުށުދަށުވީމަ އާދައިގެ މީހާގެ ލެޔަކީ އެއްޗެއް ނޫން." ނަވާޒު ގަދަކަމުން ކަހަލަ ގޮތަކަށް އޭނާގެ ރާގު ބަދަލުކޮށްލި އެވެ.

"ދެން ކިހިނެއް ހަދަންވީ؟" ސަނިއްޔާ ކަރު އެލުނު ކަހަލަ އެވެ.

"ސަނީ އިހަށް ގޭގައި މަޑުކޮށްލާ. ގެ ކައިރިއަށް ގޮސް އެބަ ގުޅަން." ނަވާޒު އަވަސް އަވަހަށް އަލަމާރި ހުޅުވާލި އެވެ.

އެންމެ ފަހުން ގަތް ގަމީހާއި ޖީންސް ނަގައިގެން އެ ހުރިގޮތަށް ކޮޓަރިން ބޭރަށް މިސްރާބު ޖެހި އެވެ. އޭނާ ދިޔައީ އިސްތިރިކުރާ މޭޒާ ދިމާއަށެވެ.

ސަނިއްޔާ ފޯނު ބޭއްވުމަށްފަހު އޭނާ ގެއަށް ވަންނަން އެނބުރިލި އިރަށް މީހަކު އޭނާގެ އަތުގައި ހިފި އެވެ. ސަނިއްޔާއަށް ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ. ނަމަވެސް އޭނާގެ އަޑެއް ބޭރެއް ނުވި އެވެ. އޭނާގެ އަނގަމަތީގައި މީހަކު އަތްއެޅީ އެވެ. އެއާއެކު އެ ބާރުގަދަ ދެ އަތުން އޭނާ ދަމައިފައި ގެންގޮސް އެ މީހާގެ މޭގެ ތެރޭގައި ބޮނޑިކޮށްލި އެވެ.

ސަނިއްޔާއަށް އެތެރެއަށް ނޭވާ ދަމައިލެވުނެވެ. ހިނދުރީގެ ތެރެއިން ސިކުނޑިއާ ހަމަށް ފޯރި މީރުވަހުން އޭނާގެ ދެ ލޯ މަރައިލެވުނެވެ. އެ ހިތްގައިމު ވަހާއެކު އެ މީގެ ހޫނު ނޭވާތައް ސަނިއްޔާގެ ނޭފަތަށް އެޅުމާއެކު ގައިން ހީނބިހި ނަގައިގަތެވެ. އެ ނޭވާއިން ވެސް އޭނާއަށް ދުވަނީ ފިރިހެންވަންތަ ހިތްގައިމު ވަހެކެވެ. ސަނިއްޔާއަށް އެ މީހާއާ ދުރަށް ދިޔުމުގެ ވިސްނުމެއް ނެތް ކަހަލައެވެ. އޭނާ ބޭނުންވީ އެ ތަނަވަސް ކަށި މޭމަތީގައި މޫނު ޖައްސާލައިގެން އެ ބާރުގަދަ މުލައްދަނޑީގެ ނިވަލުގައި އެތައް އިރެއް ވަންދެން ހުންނާށެވެ. އޭނާގެ ލޭގެ ހިނގުމާއެކު ޖަހަމުންދާ ވިންދުތަކުން އުފައްދާ މިޔުޒިކީ ރާގު އަޑުއަހާށެވެ. އޭނާގެ މޫނަށް ހެރެމުން ދިޔަ ތޫނު ކަށިތަކުން ލިބެމުން ދިޔަ އަރާމުގެ ފޮނިމީރުކަން ތަކުރާރުވާށެވެ. އެ ހިތްގައިމު އިހުސާސްތަކުން އޭނާގެ ޖިސްމަށް އުފާތައް ހޯދައިދޭށެވެ. ސަނިއްޔާ އިސް އުފުލާ ބަލައިލި އެވެ.

ރަތްކަން ގަދަ ތުންފަތެކެވެ. ތުންފަތުގެ ފަހަތުން ގުޅި ލާމެހިފައިވާ ފިރިހެންވަންތަ ބޯ ތުނބުޅިއެކެވެ. ފަތާ ދިގު ނޭފަތެކެވެ. ބާޒުގެ ދެ ލޮލެވެ. އެއީ ހަމަ އޭނާއެވެ. ސަނިއްޔާއަށް މަޑުމަޑުން އޭނާގެ ނަން ކިޔައިލެވުނެވެ. (ނުނިމޭ)