Advertisement


(އަށް ވަނަ ބަޔާ ގުޅޭ)

ޖެހިގެން އައި ދުވަހުގެ އިރު އޮއްސުނު ވަގުތެވެ. ހުޅުމާލެއަށް ދިޔުމަށް ޓަކައި ނަވާޒު މިސްރާބު ޖެހީ ބުރިޖާ ދިމާއަށެވެ. ލޮނުޒިޔާރަތްކޮޅު ޕާކާހަމައަށް ދެވުނީ ޓްރެފިކު ބައްތިއަށް ރަތްކުލަ އެރި އިރަށެވެ. އޭނާގެ އަތުގައި އޮތް ހެލްމެޓު ނަގައި ބޮލަށް ހެޔޮވަރުކޮށްލި އެވެ.

ނަވާޒު ވަށައިގެން ބަލައިލި އެވެ. ނަވާޒަށް ކަމެއް ޝައްކުވާން ފެށި އެވެ. އޭނާ ގެއިން ނުކުތީން ސުރެ ބަޔަކު އޭނާއަށް ފާރަލަމުންދާކަމެވެ. ކުރިންރޭ ޝަފީއުއަށް ހަމަލާދިން މީހުންގެ ތެރޭގައި ހިމެނޭ ދެތިން މީހުން ސައިކަލުތަކުގެ ފަހަތުގައި ތިބިތަން އޭނާއަށް ފެނުނެވެ. އެ މީހުން ކަޅި ޖަހައިނުލައި އޭނާއަށް ބަލަން ތިބި މަންޒަރު ފެނުނެވެ.

ނަވާޒުގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތައް މުގުރަމުން ދިޔަ އެވެ. މޭ ތުރުތުރު އަޅައިގަތެވެ. ހިތުގެ ހިނގުން ބާރުވެ މޭ ނަގާ ޖެހޭ މިންވަރު އިތުރުވި އެވެ. އޭނާގެ ވަށައިގެން ފިއްތަމުންދާކަމުގެ އިހުސާސްކުރެވެމުން ދިޔަ އެވެ.

އެންމެ ފަހުން ހެލްމެޓު ބޮލުން ނެގި އެވެ. އޭރު ޓުރެފިކް ބައްތި ފެހިކުލައިން ދިއްލެނީ އެވެ. ނަވާޒު މަގުގެ އެއްފަރާތަށް ޖެހިލި އެވެ. ފޯނު ނަގައި ކަންފަތާ ކައިރިކޮށްލަމުން މަގުމައްޗަށް ބަލަން އިނެވެ. ހަގީގަތުގައި އޭނާއަށް ފޯނެއް ނާދެ އެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސާލީ އޭނާ ކަމެއް ޔަގީންކުރާށެވެ. އޭނާއަށް ބަޔަކު ފާރަލަމުންދާކަން ކަށަވަރު ކުރާށެވެ.

ދުއްވާ އެއްޗެތީގެ ހަލަބޮލި ކަމުގެ ތެރެއިން ވެސް އޭނާގެ ލޮލުގައި އަޅައިގަތީ އޭނާގެ ފަހަތުން މުގޯލިއަޅަމުން އައި ކަމަށް ޝައްކުކުރެވުނު ގުރޫޕުގެ ހަރަކާތްތަކެވެ. އެ މީހުން ވެސް ދުއްވާ ތަކެތިން ނައްޓަމުން މަގުގެ އެއްފަރާތުގައި މަޑުކޮށްލި މަންޒަރު ފެނުނެވެ. ނަވާޒަށް ޔަގީން ކުރެވުނީ އޭނާގެ އެމީހުން އޭނާއަށް ގެއްލުމެއް ދޭން ރާވަމުންދާކަމެވެ. އެހެންވެ ނަވާޒުގެ ހިތުގައި އުފެދެމުން ދިޔަ ބިރުވެރި ރާޅުތަކުގެ ބާރުގަދަވާން ފެށި އެވެ. އޭނާއަށް އިހުސާސްކުރެވެމުން ދިޔައީ އޭނާ ވަށައިގެން ތޫފާނެއް އުފެދެމުންދާކަމެވެ. ބިޔަ ރާޅުތައް ހުޅި ނަގައި ކޮޅަށް ޖަހައިލަމުން އޭނާއާ ދިމާއަށް އަންނަ ކަމެވެ. އެ ތޫފާނުގެ އަސަރުތައް ލޮލަށް ސިފަވާން ފެށި ކަމެވެ.

ނަވާޒަށް ފުންކޮށް ވިސްނާން މަޖުބޫރުވި އެވެ. އޭނާ ގޮތެއް ނިންމި އެވެ. ސައިކަލް އިސްޓާޓުކޮށްލި އެވެ. އެންމެފަހުން އޭނާ މިސްރާބު ބަދަލުކޮށްލީ އަމީނީމަގަށެވެ. ބާރުބާރަށް ދުއްވަމުންދިޔަ އެވެ. ދޭތެރެދޭތެރެއިން ފަހަތް ބަލައިލަ އެވެ. އޭނާގެ ފަހަތުން އެ ގުރޫޕު އަންނަ މަންޒަރު ނަވާޒަށް ފެނެ އެވެ.

"ނޭނގެ. އަހަންނަށް ހީވަނީ އެރޭ އަހަރުމެންނަށް ހަމަލާދޭން އުޅުނު ގުރޫޕުހެން." ނަވާޒު ފޯނުން ވާހަކަދެއްކީ ޝަފީއުއާ އެވެ.

"ނަވާ ވަރަށް ބަލައިގެން އުޅޭތި." ނަސޭހަތުގެ ރާގުގައި ޝަފީއު ބުނެލި އެވެ.

"އަހަންނަށް މިހާރު ޔަގީން ވެއްޖެ. އެއީ އަހަންނާ ދިމާއަށް އައި ހަމަލާއެއްކަން. ދެރަކަމަކީ އޭގެ ޝިކާރައަކަށް ޝަފީއުވީކަން." ނަވާޒު ލަސްލަހުން ބުނެލި އެވެ.

"އެކަމާ ނުވިސްނާ. ކޮންމެ ކަމަކީ ވެސް އިމްތިހާނު. ކޮންމެ ކަމެއް ވެސް ތަދުބީރުކުރައްވަނީ އެކަލާނގެ ތަރުތީބުކުރައްވާފައިވާ ގޮތަށް. ކިތަންމެ މޮޅަށް ކަމެއް ރޭވި ނަމަވެސް، އެ ކަމަށް އިރާދަކުރައްވާ ގޮތަކަށް ނޫނީ އެއްވެސް ކަމެއް ނުހިނާގެނެ،" ޝަފީއު މަޑުމައިތިރިކަމާއެކު ނަވާޒަށް ވިސްނައިދިނެވެ. "ނަވާގެ ހެޔޮ ދުއާއާއި އެހީތެރިކަމުގެ ސަބަބުން ޑޮކުޓަރުން ލަފާކުރި ދުވަހަށް ވުރެ އަވަހަށް އަހަރެން މިދަނީ ރިކަވާ ވަމުން. އަހަންނަށް މިހާ އަވަހަށް ގެއަށް އާދެވުނީތީ އަހަރެން ވެސް ހައިރާންވޭ. ދެން އެހެން ދުވަހަކުން އަހަރެން ގާތަށް އަޔަސް ރަނގަޅުވާނެ."

"މިހާރު އަހަރެން ބޯގޮވާ ވަރު ވެއްޖެ. އަހަންނަށް މިގޮތަށް ހަމާލާ ދޭން ޖެހޭ ސަބަބެއް ނުވިސްނޭ." ނަވާޒު މާޔޫސީ ރާގެއްގައި ބުނެލި އެވެ.

"ތީ ހަމަ އެންމެ ކަމެއްގެ ސަބަބުން ދިމާވާ ކަންކަން. ކުރިން ވެސް ނަވާ އުޅުނީމެއްނު. މާލޭގައި އުޅޭތާ ވެސް ތިން އަހަރުވަނީ. އެއްވެސް ކަމެއް ދިމާ ނުވޭ. އެހެންވީމަ އަހަންނަށް ހުރިހާ ކަމެއް ގުޅުވާލެވެނީ ހަމަ އެއް ކަމަކާ." ޝަފީއުގެ އަޑުގައި ބަލި ގޮތެއް ހުއްޓަސް އޭނާގެ އަޑުގައި ޖޯޝް އެކުލެވިފައިވެ އެވެ.

"ދެން އަހަރެން ކިހިނެއް ހަދަންވީ؟" ނަވާޒު ގޮތް ހުސްވި އެވެ.

"ތީގައި އަހަންނަށް ދެވެން އޮތް ލަފާ އޮންނާނީ ނަވާއަށް ހިއްސާކޮށްފަ. ދެން އެހެން ނޫނީ ނަވާ ބޭނުންގޮތަށް ކަންތައް ކުރުން. އިތުރު ގޮތެއް ނެތް." ޝަފީއު ލަސްލަހުން ބުނެލި އެވެ.

ފޯނު ބޭއްވުމަށްފަހު ނަވާޒު އެނދުގައި އޮށޯވެލި އެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ހަމަޖެހިލި އެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔަ ޝަކުވާތަކާއި އިހުސާސްތަކުގެ މައްޗަށް ބާރުފޯރުވެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. އޭނާ ލޯ މަރައިލި އެވެ. ރޯލު އަވަސްވެފައިވާ މަންޒަރުތަކެއް ގޮތަށް ސިފަވަމުން ދިޔައީ ފާއިތުވެ ދިޔަ ދުވަސްކޮޅުގެ ތެރޭގައި އޭނާ ކުރިމަތިލާން ޖެހުނު ކަންކަމުގެ ތަސްވީރުތަކެވެ.

ނަވާޒަށް ހީވީ އެ ރޭ ދަންވަރުގެ ވަގުތުގައި ސަނިއްޔާ ކުރި ފޯނު ކޯލުގެ އަޑު އޭނާގެ ކަންފަތުގައި ހަރުލައިފައި ހުރިހެންނެވެ. އެ ދަންވަރު އޭނާ ސަނިއްޔާގެ ކޮޓަރިއަށް ވަން ސިއްރުވެރި ގޮތް ސިފަވާހެންނެވެ. އޭނާއަށް އެނދުގައި އޮށޯވެލެވުނުކަމުގެ އިހުސާސް ކުރެވުނެވެ. އެއާއެކު ނިދުނު ގޮތާއި ހޭލުވުނު އިރު ހާލަތު ބަދަލުވެފައިވާ ގޮތް ސިފަވާން ފެށި އެވެ. އެކަމާ ގުޅިގެން އޭނާއަށް ކުރިމަތިވި ހުރިހާ ކަމެއް ފަހަރަކު ކަމެއް ތަސްވީރެއްގެ ގޮތުގައި ކުލަވެއްޓެމުން ދިޔަ އެވެ. އެންމެފަހުން، ޝަފީއުއަށް ދެވުނު ހަމަލާ ވެސް ސިފަވާން ފެށި އެވެ. އެ ބިރުވެރި މަންޒަރު ވެސް އޭނާއަށް ގުޅުވާލެވުނީ އެ ކަމާއެވެ. ސަނިއްޔާއާ އެވެ.

"ބައެއް ކަންކަމަކީ ހިތާ ދެކޮޅަށް ވެސް ނިންމަން ޖެހޭ ކަންކަން،" ނަވާޒުގެ އަމިއްލަ ނަފުސަށް ވިސްނައިދިނުމަށް އޭނާއަށް މަޑުމަޑުން ބުނެލެވުނެވެ. "ދެން އިތުރު ގޮތެއް ނެތް. ކުރިއަށް ދެވެން އޮތީ އެންމެ ގޮތަކަށް. އެގޮތަށް ކަންތައް ކުރާންވީ."

ނަވާޒު ފުން ނޭވާއެއް ދޫކޮށްލި އެވެ. އޭނާ ހަމަޖެހިލަމުން ފޯނަށް ބަލައިލި އެވެ. ފޯނުން ބްލޮކު ކޮށްލައިފައިވާ ނަންބަރުތައް އަން ބްލޮކުކޮށްލި އެވެ.

ސަނިއްޔާގެ ނަންބަރަށް ގުޅައިލި އެވެ. ދެ ފަހަރު ރަނގަބީލުވާއިރަށް ސަނިއްޔާ ފޯނު ނެގި އެވެ.

"އޮޅިގެންތަ ނޫނީ ގަސްތުގައި ގުޅީތަ؟" ސަނިއްޔާ ފުރަތަމަ ވެސް ކޮށްލީ ޝަކުވާއެކެވެ.

"ނޫނޭ. ހަމަ ގުޅައިލީ." ނަވާޒު ހިތާ ދެކޮޅަށް ވާހަކަދައްކާން ފެށި އެވެ.

"އަނެއްކާ ނުބައި ކޮޅަކަށް އިރު އޮއްސުނު ރެއެއްތަ؟" ނަވާޒުގެ ޖަވާބު ނުނިމެނީސް ސަނިއްޔާ ޖެއްސުމުގެ ރާގުގައި ބުނެލި އެވެ.

"ނޫން. އަބަދަކު އެއްގޮތަކަށް ކަންކަމެއް ނުހިނގާނެދޯ. ކަންކަން އަބަދުވެސް ބަދަލުވަމުންދާނެ." ނަވާޒުގެ ވާހަކައިގެ މިސްރާބު ހުރީ އެހެން ދިމާއަކަށެވެ.

"މަށަށް ހީވަނީ ނަވާޒަށް ނުބައި ނަންބަރަކަށް ގުޅިގެން އުޅޭހެން. އަހަރެންމީ އެއްކަލަ ނުލަފާ، ގޮތެއް ނެތް ސަނީއޭ، އާ އަހަންނަކީ ސަނިއްޔާ އީސާ. ހަމަ އެ ސަނީ. އެއްވެސް ބަދަލެއް ނާންނަ، ދެގޮތެއް ނުވާ ސަނީ." ސަނިއްޔާ ޖެއްސުމުގެ ރާގުގައި ވާހަކަ ބައްޓަން ކުރި އެވެ.

ސަނިއްޔާގެ ބޭނުންވަނީ ނަވާޒު ރުޅި އަރުވާލާށެވެ. ނަވާޒުގެ ހިތުގައި ސަނިއްޔާއަށް އޮތް އެއްޗެއް ގަދަކަމުން ނަމަވެސް ނެރޭށެވެ. އޭނާއަށް ޔަގީންވާ ކަމަކީ ނަވާޒު ހިތުން ރުހުމުން އޭނާއަށް ނުގުޅާނެކަމެވެ.

"ބުނީމެއްނު ބޭރަށް ދާން އުޅޭ ވާހަކަ. ކޮން ދުވަހަކުން ބޭރަށް ދަނީ. މި ބުނީ ރާއްޖެއިން ބޭރަށް ދާ ވާހަކަ." ދައްކާނެ ވާހަކައެއް ބޮލަށް ނައުމުން ނަވާޒު އަމިއްލައަށް ވާހަކައެއް ހަދައިލި އެވެ.

"މިހާރު މަށަށް ޔަގީން ވެއްޖެ ނުބައި ނަންބަރަކަށް ގުޅިގެން އުޅޭކަން." ސަނިއްޔާ ހިތްހަމަ ނުޖެހިގެން ބުނެލި އެވެ.

"ސަނީއަށޭ ގުޅައިގެން މިއުޅެނީ. ސަނީއެއްނު ބުނީ އެއްކަލަ ރޭ ވަރަށް އަވަހަށް ބޭރަށް ދާން އުޅޭ ވާހަކަ. ހަނދާންކޮށްބަލަ." ނަވާޒު މަޑުމޮޅި ރާގެއްގައި ބުނެލި އެވެ.

"އޯކޭ މާތް ސާހިބާ. ކީއްކުރައްވަންތޯ ތިޔަ ގުޅުއްވީ؟" ސަނިއްޔާގެ ރާގު ބަދަލުވަމުން ދިޔަ އެވެ.

"ހަމަ ގުޅައިލީ، ގުޅައިގެން ވެސް ނުވާނެތަ؟" ނަވާޒު ވާހަކަދެއްކީ ވަރަށް ލޯބިންނެވެ.

"ނަވާއެއްނު މާ ނޫން ކަމަށް ހެދިގެން ދުރުދުރުން އުޅެނީ." ސަނިއްޔާގެ ރާގު ވެސް ބަދަލުވާން ފެށި އެވެ.

ނަވާޒު ވެސް މަޑުމަޑުން އޭނާ ބޭނުންވާ ދިމާއަށް މިސްރާބު ބަދަލުކުރަމުން ދިޔަ އެވެ. އެންމެފަހުން ދެމީހުންގެ ރާގު ބަދަލުވެ ވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް ދީލައިލި އެވެ. ފަނަރަވަރަށް މިނެޓު ވާހަކައިގައި ދެމީހުން ހޭދަކުރި އެވެ.

"ބައެއް ފަހަރު ސިކުނޑި ބުނާ ވާހަކައާއި ހިތް ބުނާ ވާހަކައާ ތަފާތުވާނެ." ދެ މާނަ އެކުލެވޭ މާނަ ފުން ވާހަކައެއް ނަވާޒު ބުނެލި އެވެ.

"އަބަދުވެސް ހިތް ބުނާނީ ރަނގަޅަށް." ސަނިއްޔާގެ އަޑުގައި ހުރީ އުފާވެރި ރާގެކެވެ.

"އާނ. އަހަންނަށް ކުރިން ވިސްނިފައި އޮތީ ހިތްބުނާ ގޮތަށް އުޅެފި ނަމަ ދުނިޔެއިން ގެއްލުނީއޭ. އެހެންނޫނީ އަބަދުވެސް އުޅޭން ޖެހޭނީ ދަތި ހާލުގައޭ." ސަނިއްޔާގެ ބަސްމަގުން ނަވާޒު ވާހަކަ މިސްރާބުކޮށްލީ މުޅިން ތަފާތު ދިމާއަކަށެވެ.

"އަހަރެން މިއަދު ވަރަށް އުފާވެއްޖެ، ނަވާއަށް ވިސްނުނީތީ. ނަވާއަށް ހެޔޮ ވިސްނުން ލިބުނީތީ." ސަނިއްޔާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލި އެވެ.

"ބައެއް ފަހަރު ވިސްނޭނީ ބޮޑެތި ކަންކަމާ ކުރިމަތިވީމަދޯ. އަނެއްބައި ފަހަރު ވިސްނޭނީ ތަޖުރިބާތަކެއް ލިބުނީމަ." ނަވާޒު ދެ މާނަ އެކުލެވޭ ގޮތަކަށް ވާހަކަ ބައްޓަން ކުރި އެވެ.

"ނަވާޒުގެ ވާހަކަތަކުން އަހަންނަށް ދޭހަވަނީ އަހަންނާ ހިތްހެޔޮކަމާއެކު ވާހަކަދައްކާލަން ވެސް ޖެހިލުންވާކަން. މިހާރު ތިޔަ ރާގުގައި، ތިޔަ މޭރުމުން ވާހަކަ ވެސް ތި ދައްކަނީ މަޖުބޫރުވެގެންކަން. އެނޫން ގޮތެއް ނެތިގެންކަން." ސަނިއްޔާ ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް ބޭރުކޮށްލި އެވެ.

"ނޫނޭ. ހަމަ ކުށްހީއެއް. އަހަންނަށް އޭރު ނުވިސްނުނީ. އަމިއްލަ ކުށް ގަބޫލުކުރާން ބޭނުން ނުވީ. ނޭނގެދެން. އެ ވާހަކަތައް ނުދައްކަމާދޯ. އަބަދުވެސް ވިސްނަންވާނީ ކުރިއަކަށްނު. ސަނީއެއްނު އަހަންނަށް އެކަން ވިސްނައިދިނީ." ނަވާޒު ބޭނުންވީ އެ ވާހަކަ ހުއްޓުވާށެވެ.

"އަހަރެން އެބަ އޮތް ބޮޑު ވާހަކައެއް ބުނެލަން." ސަނިއްޔާ އަބުއި ރާގެއްގައި ބުނެލި އެވެ. (ނުނިމޭ)