Advertisement


(ހަތް ވަނަ ބަޔާ ގުޅޭ)

ޝަފީއުގެ ހާލަތު ހަމައަކަށް އެޅުމުން ނަވާޒު ގެއަށް ދިޔަ އެވެ. އޭނާ ގެއަށް ގޮސް ވަން އިރަށް ފޯނު ރަނގަބީލުވާން ފެށި އެވެ. ފޯނުގެ ސްކުރީނަށް ބަލައިލި އެވެ. އެއީ ނުދަންނަ ނަންބަރެކެވެ. ނަގަން ނުނަގަން ހުރެ ފޯނު ނެގި އެވެ.

"ފިލައިގެން އުޅެވިދާނެ. ނަންބަރު ބްލޮކު ވެސް ކޮށްލެވިދާނެ. އެކަމަކު އަހަރެން އަތުގައި ހުރި ފޮޓޯތައް ބްލޮކު ކޮށްލެވޭނެ މީހަކު ނުހުންނާނެ." ވާހަކަދެއްކީ ސަނިއްޔާ އެވެ.

ސަނިއްޔާގެ އަޑުގައި ހުރީ ރުންކުރު ގޮތެކެވެ. ބަސްމަހު ހުރި ރާގުން ސަނިއްޔާ ހުރީ ހިތްހަމަ ނުޖެހިފައިކަން ސާފުކޮށް އެނގެ އެވެ.

"އަހަރެން.." އަމިއްލަ ދިފާއުގައި ބުނަންވީ ކީކޭ ކަމެއް ވެސް ނަވާޒަކަށް ނުވިސްނުނެވެ.

"ބަހަނާ ދައްކާނެ ކަމެއް ނެތް." ސަނިއްޔާ ހަޅޭއްލަވައިގަތެވެ.

"ބަހަނާ؟" ނަވާޒުގެ ސިކުނޑި ސުމަކަށް ދިޔަ އެވެ.

ނަވާޒު އުޅުނީ ފޯނު ކަނޑައިލާށެވެ. ވެރިވި ފޫހިކަމާއެކު އޭނާ މޫޑު އެއްކޮށް ބަދަލުވި އެވެ. ފާޑެއްގެ ރުޅިއެއް އާދެވި ދެ އަތް މުށްކަވާލި އެވެ.

"ކަނޑައިލާ، މި ނަންބަރު ވެސް ބްލޮކުކޮށްލާ، ނަންބަރު ވެސް ބަދަލުކޮށްލާ." ސަނިއްޔާ އެއް ފައްޗަކަށް އަމުނައިލީ ނަވާޒުގެ ހިތަށް އަރަމުން ދިޔަ ވާހަކަތަކެވެ.

އެހެންވެ ނަވާޒު ހައިރާންވެ އަންތަރީސްވި އެވެ. ކާށި ކިބައެއް ވަރަށް ދެ ލޯ ބޮޑުވި އެވެ. ސަނިއްޔާގެ ކުޅަދާނަކަމާ އެއްވަރަށް އޭނާގެ ދޫ ފަރިތަވީމަ އެވެ. ވިސްނުން ތޫނުވީމަ އެވެ.

"ދެން ރަށަށް ފުރަން ރާވާ. އެކަމަކު ނަވާޒަށް ނުވިސްނޭ ކަމަކީ އަހަރެންގެ ކިބައިން ނަވާޒު ބީކޮށްލި ކަމަކީ އަލުން އަނބުރާ އިއާދަކުރެވޭނެ ކަމެއް ނޫންކަން. އެއީ ބާޒާރުން ގަންނަން ލިބޭ އެއްޗަކަށް ނޫންކަން." ސަނިއްޔާ ބާރުބާރަށް ހަޅޭއްލަވަމުން ވާހަކަދެއްކި އެވެ.

"އަހަރެން އެހެން ބުނެފިތަ؟" ނަވާޒުގެ އަޑުގައި ތުރުތުރެއް ދުވެގަތެވެ.

"ދެން ބުނާނެ އޮޅުމަކުންނޭ. ސޮރީއޭ. ވީކަމެއް ނުވާކަމަކަށް ވާނެ ހެއްޔޭ؟ އެ ނިމިފަ އޮތް ކަމެކޭ." ސަނިއްޔާ ރާގު ބަދަލުވެ މަޑުމޮޅިވާން ފެށި އެވެ.

ނަވާޒު ފުން ނޭވާއެއް ބޭރުކޮށްލި އެވެ. އޭނާގެ ސިކުނޑިއަށް ތިލަވާ ކޮންމެ ލަފުޒެއް ދުލުން ބޭރުކޮށްލުމުގެ ކުރިން އެ ވާހަކައެއް ސަނިއްޔާ ގޮވާލާތީ އޭނާ އަނގަބަންދުވަމުން ދިޔަ އެވެ. ބަހެއް ނުބުނެ ހުރެއްޖެ ނަމަ ސަނިއްޔާ ގަބޫލުކުރާނީ ނަވާޒު ގަސްތުގައި ގޯސް ހެދީ ކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ.

"ދެން ކީކޭތަ ބުނަންވީ؟" ނަވާޒަށް ހުރިހާ މަގެއް ބެދުމުން ބުނެލި އެވެ. "އަހަރެން އެހާ ހާސްވެ ކަންބޮޑުވެ، ދެރަވެފައި ހުއްޓާ ހަމުދަރުދީ ވުމުގެ ބަދަލުގައި ކަން ކުރާންވީ ގޮތަކީ ތިއީތަ؟"

"އެ ވެސް ކަލޭގެ ނުލަފާކަމުން ދިމާވާ ކަންކަން. ފަސޭހައިން ޑީލަށް އެއްބަސްވިނަމަ މި ހުރިހާ ޑުރާމާއެއް ކުޅޭކަން ނުޖެހޭނެއްނު. އެކަން ވަރަށް ސާފުކޮށް ކަލޭއަށް އެނގޭނެ." ސަނިއްޔާ އަޑު މަޑުވެ މަޑުމޮޅިވި އެވެ.

"އަހަރެން ބުނިންދޯ އަހަރެން ބޭނުންވާ ގޮތް. ދިރިއުޅުމަށް ގެންނަންވީ މީހެއް އިހުތިޔާރު ކުރުމުގެ މިނިވަންކަމާއި ފުރިހަމަ ބާރު އެ މީހަކަށް އޮންނާނެ. އެއީ މަޖުބޫރުން ގަދަބަދަވި ކަމުން ކުރެވޭ ކަންކަމެއް ނޫން." ނަވާޒުގެ ވިސްނުން އޭނާ ބޭރުކޮށްލީ އެއް ނޭވާއިންނެވެ.

"ހަމަ އެގޮތަށް އެ މީހަކު ބޭނުން މީހެއް އިހުތިޔާރުކޮށް އެ މީހަކަށް އެކަން ހުށަހެޅުމުގެ މިނިވަންކަން ވެސް އޮންނަންވާނެދޯ." ސަނިއްޔާ ލަސްލަހުން ބުނެލި އެވެ.

"މައްސަލައަކީ ތިއެއް ނޫނެއްނު." ނަވާޒު ހިތްހަމަ ނުޖެހުނެވެ.

"މައްސަލަ. މައްސަލަ. ކޮބައިތަ މައްސަލައަކީ؟" ސަނިއްޔާ އަނެއްކާ ވެސް ބާރުބާރަށް ހަޅޭއްލަވައިގަތެވެ.

"އަހަރެން ނޫޅެން ޒުވާބުކުރާކަށް. އަހަންނަކަށް ނޭނގެ މި ފޯނުކޯލު ރެކޯޑުކޮށް މި ވާހަކަ ވެސް އެޑިޓުކޮށް ރަށު ތެރެއަށް، މީސްމީޑިއަށް ބަހައި ނުލާނެކަމެއް." ނަވާޒު ހިތްހަމަ ނުޖެހުނެވެ.

"ނަވާޒު ކީއްވެގެންތަ އެއްފަހަރު ވެސް އަހަރެން ބުނާގޮތް ނަހަދަނީ؟" ސަނިއްޔާ ގިސްލަމުން ވާހަކަދެއްކި އެވެ. "ކީއްވެގެންތަ އަހަންނާ މެދު ތިހާ ގޯސްކޮށް ވިސްނަނީ. އަހަރެން ކޮން ކުށެއް ކޮށްގެންތަ؟"

"އަހަންނަކަށް ނުވިސްނެ ސަނީ ބުނާ ގޮތް އަހަރެން ހަދަން ޖެހޭ ސަބަބެއް. އަހަންނާއި ސަނީއަކީ ރައްޓެހިންނެއް ނޫން. އަހަރެން ކިޔަވާ ކުލާހަކަށް ސަނީ ދިޔުމަކީ އަހަންނަށް އަޒާބު ލިބެން ޖެހޭނެ ސަބަބެއް ނޫން. އަހަންނަށް ވޭންދެނިވި ކުޅިވަރު ދައްކަން ޖެހޭ ސަބަބެއް ނޫން. އަހަރެން ފުރާނަ ދުއްވާލަން އުޅެން ޖެހޭ ސަބަބެއް ނޫން." ނަވާޒު ފަޅައިގެން ދިޔަ އެވެ.

ސަނިއްޔާ ފޯނު ކަނޑައިލި އެވެ. ސަނިއްޔާ އިނީ އޭނާގެ ކޮޓަރީގަ އެވެ. އެނދުމަތީގަ އެވެ. ފޯނު ކަނޑައިލުމަށް ފަހު އޭނާ ދަތްކުނޑި ވިކައިލި އެވެ. އެނދުގައި އޮތް ކުއިލްޓް ދުރަށް ހޫރައިލި އެވެ. އޭނާގެ އަތުގައި ޖެހުނީ ބާލީހެވެ. ސަނިއްޔާގެ ފުފިފައިވާ ދެ އަތުން އެ ބާލީސް ނަގައި ފަރުވާތެރިކަމާއެކު ބާލީހަށް ބަލައިލި އެވެ. އޭނާގެ ބެލުމުގައިވަނީ ރުޅިވެރިކަމެވެ. ދެ ލޯ ކުނާކޮށްލެވިފަ އެވެ. ކަޅިވަނީ ފޮރުވިފަ އެވެ. އިސްތަށިގަނޑުވަނީ ހާވާލައިފަ އެވެ. އޭނާގެ ދެ ތުންފަތް ހުރީ އަޅިކުލައިގަ އެވެ.

"ކަލޭއަކީ އަހަރެންގެ ކުރިމަތީގައި ކުޑަކުޑަ ހިންޏެއް. ކުޑަކުޑަ ހިންޏެއް. ނޫން ހިންޏެއް ވެސް ނޫން. ކަލޭއަކީ ކުޑަކުޑަ މަދިރިއެއް. ކަލޭއަށް ނޭނގި ނަމަވެސް އަހަރެންގެ ގަޔަށް ހަރައިލެވުނީ ވިހަ ގަދަ ކަށްޓެއް." ބާލީހަށް ބަލަހައްޓައިގެން އިނދެ އިޝާރާތްކުރަމުން ވާހަކަދައްކަމުން ދިޔަ އެވެ. "ދެރަކަމަކީ އެކަށި އަހަރެން ގަޔަށް ހަރައި ނުލެވުނުކަން."

އޭރު ސަނިއްޔާ ހީވަނީ ހަމަ ރަނގަޅަށް ވެސް މޮޔަވެފައި އިންހެންނެވެ. އޭނާގެ ގައިގައި އޮތް ގަޔަށްދޫ ހުދުކުލައިގެ އަތް ދިގު ގަމީހުގެ މޭމަތީގައި ހުރި ގޮށްތައް ނައްޓައިލަމުން އަތުގައި އޮތް ބާލީސް މެއާލައި ބޮނޑިކޮށްލި އެވެ.

"ބޭނުންވަނީ ޔާރާ. ތިޔަހެން ބަލައިލީމާ." ސަނިއްޔާ ރާގު އަޅުވައިލި އެވެ.

ސަނިއްޔާ ދެ ލޯ މަރައިލަމުން ބާލީސް މެއާލައި ބޮނޑިކޮށްލައި އެނދު މައްޗަށް ވެއްޓިގަތެވެ.

"ތިޔަހެން ބަސް އަހައިގެން އުޅެންވީ ކުއްޖެކޭ،" ސަނިއްޔާ ވާހަކަދައްކަމުން ދިޔައީ އޭނާގެ އަތުގައި އޮތް ހުދުކުލައިގެ ބާލީހަށެވެ. "ބަސްއަހާ ކުދިން ދެކެ އެންމެން ވެސް ލޯބިވާނެ. މީހުން ބަލައިގަންނާނެ. އެހެންވެޔޭ އަހަރެން ނަވާ ބޭނުންވަނީ."

ބާލީހުގެ އެއްކަނަށް ދޮނެއް ދެމުން ބާލީސް ގެންގޮސް އޭނާގެ މޭމަތީގައި ބާއްވާލި އެވެ. އެއަށްފަހު އޭނާ ފުން ނޭވާއެއް ބޭރުކޮށްލި އެވެ. އިރުކޮޅެއް ވަންދެން މައްޗަށް ބަލަން އޮތެވެ. އެހެން އޮވެ އޭނާ ހޭން ފެށި އެވެ. ބާރުބާރަށެވެ. ހެމުން ހެމުން ގޮސް މީހާ ހިނދޭ ވަރަށް ހެމުން ދިޔަ އެވެ.

"މޮޔަ. ގަމާރު. ސޭކު،" ސަނިއްޔާ ހެމުންހެމުން ވާހަކަދެއްކި އެވެ. "ހިއްސު ކެނޑިފަކަން ނޭނގެ. އާނ އެހެންޏަ. އެ ވަރުކަމެއް ކުރެވޭ އިރު ނޭނގުމަކީ އަޖައިބެއް."

ސަނިއްޔާ އެކި ތަނުން އެކި ވާހަކަ ނަގައިގެން އަމިއްލައަށް ވާހަކަދައްކަމުން އޮވެ ހެމުން ދިޔައެވެ. ބާރުބާރަށެވެ.

"ހަމަ ފައްކާ ފޮތުފަންޏެއް. އާނ، ބުކުވޯމެއް. ފައްކާ ބުކުވޯމެއް. އަންހެނެއްގެ މަޅީގައި ޖެހުނު ބޮޑު ފިނޑިއެއް،" ސަނިއްޔާ އެނދުން ތެދުވެ ގޮދަޑި މަތީގައި އިށީނދެލި އެވެ. "މާ މާތްވެގެން އުޅޭ ކޮންމެ މީހެއްގެ ނިމުން ހިތިގޮތަކަށް ނޫނީ ނުފެންނާނެ. އަހަރެން ގާތަށް ރުޅި އައީ މާ މާތްވެގެން އުޅެންފެށީމަ. އެންމެން މީނަވެގެން، މާ ނަވާ ވެގެން އުޅެގަތީމަ."

ސަނިއްޔާ ހިނގައިގަތެވެ. އޭނާ ދިޔައީ ރީތިވާ ސާމާނު ބަހައްޓާފައި ހުރި މޭޒު ކައިރިއަށެވެ. ނަން ހުސްކޮށް ސާމާނު ހުރި ތަނުން ވެސް އޭނާ ނެގީ އެންމެ ލިޕްސްޓިކެކެވެ. އެ ލިޕްސްޓިކު ނަގައި އޭނާގެ ތުންފަތުގައި ޖައްސައިލިއެވެ. ރީތިކޮށް ތުންފަތުގެ ބައްޓަމަށް ކުލަޖައްސާލަމުން ދެ ތުންފަތް ކައިރިކޮށްލި އެވެ.

"ނިޝާން. ޝައްކު. ގަމާރު. މޮޔަ ނަވާޒު." ސަނިއްޔާ ފާޑުފާޑުގެ އެއްޗެހި ހިތަށް އަރުވަމުން އެއިން ބައެއް ވާހަކަތައް ބޭރުކުރަމުން ދިޔަ އެވެ.

ސަނިއްޔާ ލޯގަނޑު ކުރިމައްޗަށް ގުދުވެލި އެވެ. އޭނާ ބަލައިލީ ލޯގަނޑުން ފެންނަމުން ދިޔަ އޭނާގެ ސޫރައަށެވެ. ސަނިއްޔާ ކަނާއަތް ނަގައި ޝަހާދަތް އިނގިލި ދިއްކޮށްލީ ލޯގަނޑުން ފެންނަމުން ދިޔަ އޭނާގެ އަމިއްލަ ސޫރައަށެވެ.

"ބަލަން ހުންނާތި، ކުޅިބައި އަތުރާލައި ގޮތުން ނޭނގޭނެ ރިޔަލެއް މަންތިރިއެއް މަނާފުކެއް. ސައި ކިޔާނީ ބޮނދުބުޑަށް. މިފަހަރު މި ނުކުންނަނީ ނުވަދިޔަ މިނެޓު ކުޅެ އިތުރު ވަގުތު ވެސް ކުޅެން ތައްޔާރު ވެގެން." ސަނިއްޔާ އަޒުމާއެކު ބުނެލި އެވެ.

ސަނިއްޔާ ހިންދެމި ލުމަށްފަހު އޭނާގެ ސޫރައަށް ބަލައިލި އެވެ. ސަނިއްޔާއަށް ވިސްނޭ ގޮތުގައި ލޯގަނޑުން ފެންނަނީ އޭނާގެ މަންމައެވެ. އަސްލު ސަނިއްޔާއެއް ނޫނެވެ. އެ ސަނިއްޔާއަކީ މަޑުމޮޅި ނިޔަނެތި ސަނިއްޔާއެކެވެ. އަބަދުވެސް މޫނުމަތީގައި ހިނިތުންވުމެއް ކުރަހައިގެން ހުންނަ ސަނިއްޔާއެކެވެ. މީހުންނާ ލޯބިން ވާހަކަދައްކާ މީހެއް ކަމެވެ.

"ހުންނާތި ބަލަން، ދެން މި ފެށުނީ ކުޅިވަރު. ކޮށައިލައިގެން ވެސް އިރައިލައިގެން ވެސް އަހަރެން ކުރިމަތިލީ ކަމެއް ކާމިޔާބު ނުވެއްޖެ ނަމަ މަގޭ ނަމަކަށް ސަނީއެއް ނުކިޔާނެ." ސަނިއްޔާ ދެއަތް ފުޅާކޮށްލަމުން ހިނިތުންވެލި އެވެ. (ނުނިމޭ)