Advertisement


(ހަ ވަނަ ބަޔާ ގުޅޭ)

ދެ މީހުންގެ ހިޔާލު ކަފިކަފިވެގެން ގޮސް ވާހަކަ ދައްކަމުން ދިޔަ މައުޟޫއު ވެސް ހަނދާން ނެތޭ ވަރުވި އެވެ. އެއީ އެ ދެމީހުންގެ އާދަ އެވެ. ޝަފީއުގެގެ ވިސްނުން ނަވާޒުގެ ވިސްނުމާ ކޮންމެ ވެސް ވަރަކަށް ތަފާތުވެ އެވެ. ނަމަވެސް ދެ މީހުން ދެ މީހުންނަށް ކުރާ އިހުތިރާމާއި ގަދަރުގެ ސަބަބުން ދެ މީހުންގެ ގުޅުމަކަށް ބަދަލެއް ނާދެ އެވެ. ބަހުސްތަކުގައި ކިތައްމެ ދެ ކޮޅުހެދިޔަސް ބަހުސް ނިމޭއިރަށް އެ ހަނދާންތައް އެކުގައި ފޮހެލަ އެވެ. އެހެންވެ ދެމީހުން ވެސް ގަބޫލުކުރަނީ އެއީ ނުފުންނަށް އެއް ނިބޫ ދެބެން ކަމުގަ އެވެ. އެމީހުން ހިތުގައި ޖަހަނީ ވެސް އެ ވިންދެވެ.

ޝަފީއު އޮފީހުގެ މަސައްކަތަކަށް އެނބުރި ދާން ޖެހުމުން ބޭރަށް ނުކުންނަށް ހިނގައިގަތެވެ. ބިލު ދެއްކުމަށްފަހު ޝަފީއު އެނބުރިލީ ނަވާޒާ ދިމާއަށެވެ.

"ފަހަރެއްގަ ވެދާނެ އެންމެފަހު ސައި ކަމަށް." ޝަފީއު ހިނިތުންވެލި އެވެ.

"އެހެންވީމަ އަދި މަގޭ ފަރާތުން ފެއާވެލް އޮންނަންވާނެތާ ދޯ." ނަވާޒު ހިނިތުންވެލި އެވެ.

"ކޮފީއަކުން ނިންމާލީނީ ދޯ." ޝަފީއު ހިފައިލީ ނަވާޒުގެ ދެ ކޮނޑުގަ އެވެ.

ކަޅު އަނދިރިކަމުގެ ތެރެއިން ފާޅުވަމުންދަނީ މަސްނޫއީ ކުލަބޮކިތަކުން ޖަރީކުރުވި ކުޑަކުދިން ޕާކެވެ. ޕާކުގެ ފަހަތުން ބޮޑުތަކުރުފާނު މަގުގެ ހަލަބޮލިކަމާއެކު ދުއްވާ ތަކެތީގެ ހޭލަމޭލަވުންތަކާއި އަލިކަމެވެ. ތަނަށް ވަދެ ނުކުމެ އުޅޭ މީހުންގެ އަޑާއި އެ މީހުންގެ ހަރަކާތްތައް ލުއި ގޮތަކަށް ނަމަވެސް ފެންނަމުން ދިޔަ އެވެ.

ދެމީހުން ވެސް ސައިކަލު ޕާކު ކުރި ސަރަހައްދާ ދިމާއަށް ހިނގައިގަތެވެ. ދެ މީހުންގެ ސައިކަލް ވެސް ބެހެއްޓީ ކާނިވަލުގެ ސްޓޭޖު ކައިރީގަ އެވެ. އެހެންވެ، އެ ދިމާއަށް ހިނގައި ގަތް އިރަށް، ފަހަތުން ބާރު އަޑެއް އިވުނެވެ. އެއީ ޒުވާން ގުރޫޕެއްގެ ހަޅޭއްކުގެ އަޑު ކަމަށް ނިންމައި ދެމީހުން ވެސް ހިނގައިގަތެވެ.

ނަވާޒަށް ބާރަށް ދުއްވާގަނެވުނެވެ. ޝަފީއުއަށް ވެސް އިހުތިޔާރުން ބޭރުގައި ނަވާޒުގެ ފަހަތުން ދުއްވާގަނެވުނެވެ. ދެ މީހުންގެ ފަހަތުން އެ ގުރޫޕު ވެސް ދުއްވާގަތެވެ. އެ ގުރޫޕުގައި ދިހަ ވަރަކަށް މީހުން ތިބޭނެ ކަމަށް ލަފާކުރެވެ އެވެ. ހުރިހާ އެންމެން ވެސް ތިބީ ކަޅުކުލައިގަ އެވެ. ގަޔަށް ބާރު ހެދުމުގަ އެވެ. އެމީހުންގެ ބޮލާއެކު މަހައިފައިވާ މާސްކުން ފެންނަނީ ލޯ އެކަންޏެވެ. ބައެއް މީހުންގެ އިސްތަށި ގަނޑުގައިވަނީ ހުޅި ޖަހައިލައިފަ އެވެ. އަނެއް ބަޔަކު އިސްތަށިގަނޑު ވަޔާ ހޫރެމުން ދިޔަ އެވެ. ބައެއް އިސްތަށިގަނޑުތަކެކޭ ހުޅުވާލައިފައިވާ ހަތައެއް ފަދަ އެވެ.

އެއިން ކޮންމެ މީހެއްގެ އަތުގައި ލަކުޑި ފަތިގަނޑުގަނޑެއް ނުވަތަ ފަލަ ދަގަނޑު ބުރިބުރިއެއް އޮތެވެ. އެ މީހުންގެ ބަހުރުވައިން އެއީ ކޮން ކަހަލަ ގުރޫޕެއްކަން ސާފުވެ އެވެ. އަނގައިގައި ވަރުނެތި ވާހަކަ ދެއްކުމުން އަޑުތައް ނުކުންނަ ގޮތަށް އެކަކު އަނެއްކަކަށް ބާރުބާރަށް ވާހަކަދައްކާ އަޑު އިވެމުން ދިޔަ އެވެ.

"ފުނޑައިލާ. ޓީޝާޓު ލައިގެން އެ ހުރި ގޮލާ އެއީ. ފުނޑައިލާ. ފުނޑައިލާ." ތަން ކޮޅެއް ދުރުގައި ހުރި މީހަކު އެ ގުރޫޕަށް އަމުރު ކޮށްލި އެވެ.

ބެލެވޭ ގޮތުގައި އެއީ އެ މީހުންގެ ވެރިޔާ އެވެ. އޭނާގެ އަމުރަށް އެމީހުން ޢަމަލު ކުރަނީ އެހެންވެ ނިންމުނެވެ. އެ އޯޑަރާއެކު އެ ގުރޫޕު މިސްރާބު ޖެހީ ޝަފީއުއާ ދިމާއަށެވެ. ޝަފީއު ވެސް ސަލާމަތްވާން ދުވަމުން ދިޔަ އެވެ. ނަވާޒުގެ ފަހަތުންނެވެ. ނަވާޒު އިރުކޮޅުކޮޅާ ފަހަތަށް ބަލައިލަ އެވެ. އެ ދެމެދުގައި ވިއްސަކަށް ފޫޓު ވެސް ނުހުންނާނެ އެވެ.

ނަވާޒު ބާރުބާރަށް ޝަފީއުއަށް ގޮވާލަ އެވެ. ބާރަށް އަންނާށޭ ބުނެ ހަޅޭއްލަވާ ގަނެ އެވެ. ޝަފީއު ވެސް ހަޅޭއްލަވަމުން ދުވަމުން ދިޔަ އެވެ. ސަލާމަތަށް އެދި އާދޭސްކުރަމުންނެވެ.

"މަރަނީ... މަރަނީ... ސަލާމަތްކުރޭ... ސަލާމަތްކުރޭ..." ޝަފީއު އަޑުގެ ނެތްތަނަށް ހަޅޭއްލަވާގަތެވެ.

ޝަފީއުއަށް ނުކުމެވުނީ ބޮޑުތަކުރުފާނު މަގުގެ ދުވާރު މައްޗަށެވެ. ޝަފީއުގެ އަޑު އިވުމުން ތަނުގައި ހޭލަމޭލަވަމުން ދިޔަ މީހުންނަށް ހުއްޓެމުން ދިޔަ އެވެ. ދުއްވާ އެއްޗެހީގެ ހަރަކާތްތައް މަޑުޖެހެމުން ދިޔަ އެވެ.

ޝަފީއު އެ ގުރޫޕުގެ އަތްދަށުވީ އެވެ. އެންމެ ފުރަތަމަ ހަމަލާ ވެސް އަމާޒުވީ އޭނާގެ ބުރަކަށްޓަށެވެ. އެތަނުން އެކަކު އަތުގައި އޮތް ލަޓިބުރިން ޖެހޭނެ ވަރަކަށް ޝަފީއުގެ ގައިގައި ޖެހި އެވެ. އެއާއެކު ޝަފީއު ބިންމައްޗަށް ވެއްޓުނެވެ. ފަހަތުން ދުވެފައި އައި ގުރޫޕުގެ އެންމެން އޭނާ ވަށައިލި އެވެ. އެ މީހަކަށް ފަސޭހައިން ތެޅުނު ގޮތަކަށް ޝަފީއުގެ ގައިގެ އެތަން މި ތަނުގައި ތަޅަމުން ދިޔަ އެވެ. ކޮޅުފައިންނެވެ. އަތުގައި ހުރި ލަޓިބުރި ތަކުންނެވެ.

ނަވާޒަށް އެ މަންޒަރު ފެނުނެވެ. ކޮންމެ ހާލެއްގައި ވެސް އޭނާ ބޭނުންވީ ޝަފީއު ސަލާމަތްކުރާށެވެ. އެހެންވެ އޭނާ ދުއްވާގަތީ އެ ދިމާއަށެވެ. އޭރު މުޅި ސަރަހައްދުން އިވެމުން ދިޔައީ ޝަފީއުގެ ރުއިމާ ގިސްލުމުގެ އަޑެވެ. އަނިޔާ ނުކުރުމަށް ގޮވާ އަޑެވެ. ސަލާމަތަށް އެދި އާދޭސްކުރަމުންދާ އަޑެވެ. މަގު ހިނގާ މީހުންނާއި އެ ސަރަހައްދުގައި ތިބި މީހުން ތިބީ ބިރުން ރޫރޫއަރާ ހާލުގަ އެވެ. ޝަފީއުގެ އާދޭސްތަކަށް އިޖާބަދޭން ބޭނުންވި ނަމަވެސް އަމިއްލަ ފުރާނަ ނުރައްކަލަކަށް އެއްލައިލަން ނުކެރިފަ އެވެ. ޖެހިލުންވެ ހާސްވެފަ އެވެ. ކަންބޮޑުވެ ބިރާހުން ހިތްތައް ރޫރޫ އަޅާ ހާލުގަ އެވެ.

"ބަޗާ. ބަޗާ.. އަވަސް.. އަވަސް.. ކޮޕުން. ކޮޕުން." ތަންކޮޅެއް ދުރުގައި ހުރި އެ މީހުންގެ ކޮމާންޑަރަކަށް ހުރި މީހާގެ އަޑަށް އެންމެން އެކި ދިމަދިމާއަށް ދުއްވާގަތެވެ.

އޭރު އެމީހުންގެ ގުރޫޕުގެ އެހެން ބަޔަކު ސައިކަލުތަކުގައި އައިސް އެ ދިމާއަށް ކައިރިކޮށްލަނީ އެވެ. ކޮންމެ ސައިކަލަކަށް ތިން މީހުން އެރި އެވެ. ފުލުހުންގެ ވެހިކަލްގެ އަޑު ދުރުން ކައިރިއަށް އަންނަމުން ދިޔަ އަޑުއިވެމުން ދިޔަ އެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި މުޅި މަންޒަފު ސާފުވި އެވެ. ޝަފީއުއަށް ހަމާލާދިން ގުރޫޕު އެންމެން އެކުގައި އެތަނުން ފިލައިފި އެވެ.

ނަވާޒަށް ވެސް އެހައި ހިސާބަށް އާދެވުނު އިރު، އެއިން އެކަކު ވެސް އެތަނަކު ނެތެވެ. އޭނާ ގޮސް ޝަފީއުއާ ދިމާއަށް ތިރިވެލި އެވެ. ޝަފީއު އޮތީ ބިންމަތީގަ އެވެ. ތެޅިފޮޅެނީ އެވެ. ނޭވާ ހާސްވެގެންނެވެ. ނޭވާ ބޭރު ނުކުރެވިގެންނެވެ. ޝަފީއުގެ އަނގަ ހުރީ ފާޑަކަށް ހުޅުވިފަ އެވެ. ދޫވަނީ ބޭރަށް ނުކުމެފަ އެވެ. އޭނާގެ ދެ ލޯ ވަނީ ބޮޑުވެފަ އެވެ. ދެ ކަޅި ހުރީ ހުއްޓުން އަރާފަ އެވެ. ޝަފީއުގެ އަތްފައި ތުރުތުރު އަޅަމުންދިޔަ އެވެ. އެ ތުރުތުރުގެ އަސަރު މުޅި މީހާގެ ހަށިގަނޑަށް ފޯރަމުން ދިޔަ އެވެ.

ހީވަނީ މަރަށް ތެޅެމުން ދިޔަހެންނެވެ. ނޭވާ ނުލެވިގެން އުޅޭހެންނެވެ. ޝަފީއުގެ ގައިގައި އޮތް ހުދުކުލައިގެ ކުރުތާ ވަނީ ލެއިން ކަޅިވެފަ އެވެ. އޭނާގެ މޫނުމަތީގައި ވެސް ހުރީ ހުސް ލެޔެވެ. ދުވާރުމަތީގައި ވެސް ހުސް ލެޔެވެ. އެއީ ޝަފީއުގެ ގައިން އޮހެމުން ދިޔަ ލޭތަކެވެ.

ނަވާޒުގެ ލޮލުގައި އަޅައިގަތީ ޝަފީއުގެ ނިތްކުރި އެވެ. ޝަފީއުގެ ނިތްކުރީގައިވާ ފުން ޒަހަމުތަކަކުން ލޭ އަންނަ މަންޒަރު އޭނާއަށް ފެނުނެވެ. ނަވާޒު އަވަސް އަވަހަށް ގައިގައި އޮތް ޓީޝަޓު ބޮލުން ދަމައިގަނެ ޝަފީއުގެ ނިތްމަތީގައި އޮޅައިލާ ބާރުކޮށްލި އެވެ. އެއަށްފަހު ޝަފީއު ނަގައި ނަވާޒުގެ އުނގަށްލި އެވެ. ނަވާޒުގެ މުޅި ގައިގައި ވެސް ލޭ އުނގުޅެމުން ދިޔަ އެވެ.

"މީހެކޭ... މީހެކޭ... ސަލާމަތްކުރޭ." ނަވާޒު އަޑުގެ ނެތްތަނަށް ހަޅޭއްލަވާންފެށި އެވެ.

އޭރު މަންޒަރުބަލަން ދުރުގައި ތިބި މީހުން ވެސް ކައިރިއަށް ޖަމާވަމުން ދިޔަ އެވެ. ޓެކުސީއަށް ގޮވާމީހުންނާއި ޕިކަޕެއް ހޯދަން އުޅޭ މީހުންނާއެކު މުޅިތަން ހޭލަމޭލަވާން ފެށި އެވެ. މަންޒަރު ދުށް މީހުން މީޑިއާ ތަކަށް މައުލޫމާތު ހިއްސާކުރަމުން ދިޔަ އެވެ. ފުލުހުންނަށް އެތަނަށް އާދެވުނީ އެ ވަގުތު އެވެ. ފުލުހުންގެ ވެހިކަލަށް ޝަފީއު އެރުވި އެވެ. ނަވާޒު ވެސް އެ ވެހިކަލަށް އެރި އެވެ. އޭނާ ބޭނުންވީ ޝަފީއުއާއެކު ދާށެވެ. ކޮންމެ ހާލެއްގައި ވެސް ޝަފީއުއަށް އެހީތެރިވާށެވެ. އޭނާއަށް އަޅައިލާށެވެ.

އޭރު ނަވާޒުގެ ލޮލުން ކަރުނަތައް އޮހެމުން ދިޔަ އެވެ. އޭރު ވެސް ފުލުހުންގެ ވެހިކަލް ތެރޭގައި ވެސް ޝަފީއުއަށް އަވަސްފަރުވާ ދިނުމުގައި ދެ ފުލުހަކު ހަރަކާތްތެރިވަމުން ދިޔަ އެވެ. ނަވާޒަށް އިންނަން ޖެހުނީ ތަންކޮޅެއް ދުރުގަ އެވެ. އޭނާގެ ގައިގައި ހުރި ލޭތައް ޓިޝޫއަކުން ފޮހެލި އެވެ. އަދި ފުލުން ދިން ޓީޝާޓެއް ލިއެވެ.

ނަވާޒަށް ސިފަވަމުން ދިޔައީ ކުޑައިރުކޮޅެއް ކުރިން ފެނުނު މަންޒަރުތަކެވެ. ފިލްމެއްގެ މަންޒަރުތައް ފަދައިން އެ މަންޒަރުތައް ތަކުރާރުވަމުން ދިޔަ އެވެ. އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ސަލާމަތަށް އެދި ޝަފީއު ކުރި އާދޭސްތަކެވެ. ނަވާޒަށް ޔަގީންވާ ކަމަކީ ޝަފީއުއަށް ވަރަށް އަނިޔާކޮށްލައިފައި އޮތްކަމެވެ. ޝަފީއުގެ ލެއިން ނަވާއު ވެސް ކަޅިވިކަމެވެ. ޝަފީއުގެ ގައިން ހަކަތަ ހުސްވެ މީހާ ދެމިގެން ދިޔައީ ނަވާޒުގެ އަތްދަނޑި މައްޗަށް ކަމެވެ. އޭނާ އުނގަށްލައިގެން އިންދަ އެވެ. ނަވާޒުގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައީ އެ މަންޒަރުތަކެވެ. ވޭނީ އެ އިހުސާސްތަކެވެ.

ނަވާޒުގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ޝަފީއު އެންމެ ފަހުން ބުނި ލަފުޒެވެ. އޭނާ ބުނަން އުޅުނީ ކޮން ވާހަކައެއް ކަމެއް ނަވާޒަކަށް ނޭނގުނެވެ. ނަމަވެސް އޭނާއަށް ޔަގީންވަނީ ޝަފީއު ބުނަން އުޅުނީ ސަނިއްޔާއާ ގުޅުން ހުރި ވާހަކައެއް ކަމެވެ.

"ވަރަށް ކްރިޓިކަލް ހާލަތެއްގައި އޮތީ. ހަށިގަނޑުގެ އެތަން މިތަނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވޭ. ފުން ޒަހަމުތަކެއް ވެސް އެބަހުރި. ބުރަކަށިން ދެ ތަނަކަށް ވަޅި ހަރައިފަ އެބަހުރި،" ނަވާޒަށް ހިތްވަރު ދެމުން ޑޮކުޓަރު އޮޅުންފިލުވައިދިނެވެ. "އަވަހަށް އެޓެންޑު ނުވެނުނު ނަމަ ޕޭޝަންޓް ނުލިބުނީސް. އަޅުގަނޑުމެން މިދަނީ ފަރުވާދެމުން. އިންޝާﷲ ރަނގަޅުވާނެ."

ނަވާޒުގެ ދެ ލޮލަށް ޖަމާވި ކަރުނަތައް އޮހިގަތެވެ. އޭނާގެ ކޮނޑުގައި މީހަކު ހިފައިލި އެވެ. ނަވާޒަށް ބަލައިލެވުނެވެ. އެއީ ފުލުހުންގެ އޮފިސަރެކެވެ. އޮފިސަރު ތުންފަތަށް ވާންކޮށްލަމުން ބޯ ހަރަކާތްކޮށްލި އެވެ. ހިތްވަރުކުރާށޭ ބުނާފަދަ ބީދައަކުންނެވެ. ނަވާޒަށް ކޮންޓްރޯލެއް ނުކުރެވެ އެވެ. އޭނާގެ ދެ ލޮލުން ހޯސްލައިފައި ކަރުނަތައް އޮހެމުން ދިޔަ އެވެ.

ނަވާޒުގެ ބޮލުގެ އިސްތަށިގަނޑުގައި ދެ އަތުން ހިފައި ބާރުކޮށްލި އެވެ. ދެ އަތަށް ބާރުކޮށްލި އެވެ. މަޑުމަޑުން އެ އަތް މޫނާ ދިމާއަށް ތިރިކޮށްލި އެވެ.

"ކީއްވެ؟ ކީއްވެ؟ ކޮން ބައެއް؟ ކޮން ބައެއް؟" ނަވާޒަށް ބާރުބާރަށް ބުނެލެވުނެވެ.

އޭނާގެ ސުވާލުތަކަށް ޖަވާބު ދޭނެ މީހަކު ވެސް އެތަނަކު ނެތެވެ.

"ޕޭޝަންޓްގެ ފެމެލީއަށް އިންފޯމް ކޮށްލަންވާނެ،" ނަވާޒުގެ ގާތުގައި ހުރި އޮފިސަރު ނަވާޒުގެ ދެ ކޮނޑުގައި ހިފައިލި އެވެ. "ލިބިދާނެތަ ފެމެލީ މެންބަރަކަށް ގުޅޭނެ ނަންބަރެއް."

"ދޮންބެ އެކަނި މި ކޮޅުގައި ހުންނާނީ." ނަވާޒުގެ އަޑު ހުރީ ކުރެހިފަ އެވެ.

"ނަންބަރު ލިބިދާނެތަ؟" އޮފިސަރު އޯގާތެރިކަމާއެކު އަހައިލި އެވެ.

ނަވާޒު ފޯނު ނަގައި ޝަފީއުގެ ދޮންބެ، ރިޔާޒުގެ ނަންބަރު ހޯދައިލަމުން އޮފިސަރަށް އޭނާގެ ފޯނުގެ ސްކުރީނު ދައްކައިލިއެވެ. އޮފިސަރު ނަވާޒުގެ ފޯނަށް ބަލައިލަމުން އެ ނަންބަރަށް ގުޅައިލި އެވެ. ދެ ފަހަރަކު ރިންގުވި އިރަށް ފޯނުނެގި އެވެ. އޮފިސަރު އަމިއްލަ ތައާރަފެއް ދިނުމަށްފަހު އަހައިލި އެވެ.

"ކިހިނެއްތޯ؟" އޮފިސަރު ވާހަކަދައްކަން ފެށީ ވަރަށް ހިކުމަތްތެރިކަމާއެކުގަ އެވެ.

"ރަނގަޅު." ރިޔާޒުގެ އަޑު ސްކުރީނުން އިވޭގޮތް ހަދައިލި އެވެ.

"ދޮންބޭ. މި ނަވާޒު،" ނަވާޒާ ދިމާއަށް ފޯނު ދިއްކޮށްލުމުން ނަވާޒު ވާހަކަ ދައްކަން ފެށި އެވެ. "ވަރަށް އަވަހަށް ހޮސްޕިޓަލަށް އާދެވިދާނެތަ؟ ޝަފީއުއަށް ކަމެއް ދިމާވެގެން."

ނަވާޒު ވަރަށް ހިތްވަރުކޮށްފައި ބުނެލި އެވެ. ރިޔާޒު ވެސް ކުރު ޖަވާބެއް ދެމުން ފޯނު ބޭއްވި އެވެ. (ނުނިމޭ)