Advertisement

ދަގަނޑޭ އަށް ނުކުޅެވުނީ ބަލިވެ އުޅޭތީ: ޝާޒް

15 އޮގަސްޓު 2021 - 23:22 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އީގަލްސް ޕްރެކްޓިހެއްގެ ތެރެއިން ދަގަނޑޭ: ދަގަނޑޭ އަށް މިރޭ ބެންގަލޫރާ ދެކޮޅަށް ނުކުޅެވުނީ ބަލިވެ އުޅޭތީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ދަގަނޑޭ އަށް ނުކުޅެވުނީ ބަލިވެ އުޅޭތީ: ޝާޒް

15 އޮގަސްޓު 2021 - 23:22 1

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ ޕްލޭއޮފް މެޗުގައި މިރޭ އިންޑިއާގެ ބެންގަލޫރު އަތުން 1-0 އިން ބަލިިވި މެޗުގައި އީގަލްސް ޓީމުގައި ހިމެނޭ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް ނުކުޅެވުނީ ބަލިވެ އުޅޭތީ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

އީގަލްސް އިން މިރޭ ބެންގަލޫރާ ދެކޮޅަށް ނެރޭ ފުރަތަަމަ އެގާރަ ކަމަށް މީޑިއާ އަށް އާންމުކުރި ފުރަތަމަ ޝީޓުގައި ދަގަނޑޭގެ ނަން ހިމެނުނެވެ. އެކަމަކު، ފަހުން ޝީޓަށް ބަދަލު ގެނައުމަށް ފަހު ދެން ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނީ ދަގަނޑޭގެ ބަދަލުގައި އިސްމާއިލް އީސަ (މެސީ) އެވެ. އަނިޔާގެ ސަބަބުން ދަގަނޑޭ އަށް އީގަލްސްގެ ގިނަ ޕްރެކްޓިސްތަކެއް ވެސް ގެއްލުނެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝާޒް ބުނީ ބެންގަލޫރާ ދެކޮޅަށް ކުޅެން ޖެހެނީ ވަރުގަދަ މެޗެއްކަން އެނގޭތީ ހުރިހާ ކަމެއް ރޭވީ ދަގަނޑޭ ލައިގެން ކަމަށާއި ފަހު ވަގުތު އޭނާ އަށް ނުކުޅެވުމުން އުނދަގޫތަކެއް ދިމާވި ކަމަށެވެ.

"ދެން ޕްލޭޔަރުންގެ ވިސްނުން ހުރީ އެހެން ވިޔަސް އެކަން ކުރެވޭތޯ (މޮޅުވެވޭތޯ). ތަންކޮޅެއް ކުރިން ވެސް އެ ސިގްނަލް އެބައިން (ދަގަނޑޭ އަށް ނުކުޅެވިދާނެ ކަމަށް ބެލެވުނު). އެ އަށް ތައްޔާރުވެފައި ތިބީ ހަގީގަތުގައި ބަދަލުތައް އެ ފެނުނީ ވެސް އޭގެ ސަބަބުން،" ޝާޒް ބުންޏެވެ.

"(ދަގަނޑޭ އަށް ކުޅެވޭތޯ) ވަރަށް ފަހާ ޖެހެންދެން މަސައްކަތް ކުރިން. ރޭގައި ވެސް ވަރަށް ތައްޔާރުވި ކުޅެން. އެހެން ނަމަވެސް އެރޭވަރު ނުވީ. އަޝްފާގަކީ ވަރަށް ހިތްވަރުގަދަ ކުޅުންތެރިއެއް. ކިރިޔާ ވެސް ކުޅެވެންޏާމު މީގެ ކުރިން ވެސް އެބަހުރި ވަރަށް ހިތްވަރުކޮށްފައި ކުޅެފައި ވެސް. ދެން މި ފަހަރު ވީ ގޮތް މިއީ،" ޝާޒް ބުންޏެވެ.

ޓީސީގައި ވެސް ދަގަނޑޭޭ، 35، އަށް ކޯޗުކޮށްދިން ޝާޒް ބުނީ ދަގަނޑޭ ނުކުޅުނީ ކޮވިޑްގެ ސަބަބުން ނޫން ކަމަށާއި އޭނާ އީގަލްސް ޓީމާ އެކު ދެ ފަހަރު ޓެސްޓްކުރި ކަމަށް ބުނެފަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޝާޒް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


އީގަލްސް އިން ބެންގަލޫރާ ދެކޮޅަށް ޖުމްލަކޮށް ބަލާއިރު ރަނގަޅަށް ކުޅެ، ލަނޑު ޖަހަން ފުރުސަތު ވެސް ތަނަވަސްކުރި އެވެ. ޝާޒް ބުނީ ތަފާތަކަށްވީ ބެންގަލޫރުން ގޯލެއް ޖެހުން ކަމަށާއި މަސައްކަތަށް ބަލާއިރު ހިތްހަމަ ޖެހޭ ކަންތައްތަކެއް ފާހަަގަ ކުރެވުނު ކަމަށެވެ.

"ބެންގަލޫރުގެ އެ ގޯލު ވެސް ބީޓްކޮށްފައި ދެވޭ ވަރުގެ ފުރުސަތު ވެސް ލިބުނު. ބަލިވުން ދެން ކަމަކު ނުދޭ. ހިތްހަމައެއް ނުޖެހޭ. އަނެއްހެން ބަލާއިރު ބަލިވުން އެހާ ހިތްގައިމެއް ވެސް ނޫން،" ޝާޒް ބުންޏެވެ.

އޭއެފްސީ ކަޕުގައި މިރޭ ކުޅުނު އީގަލްސް ސްކޮޑުގައި ހިމެނުނު ބިދޭސީ ދެ ކުޅުންތެރިންނަކީ ލެބަނަންގެ ގޯލްކީޕަރު މުހައްމަދު ތޯހާ އާއި މިސްރުގެ ޑިފެންޑަރު އެލްސައީދު އެވެ. އެކަމަކު، އީގަލްސް އިން މިރޭގެ މުޅި މެޗުގައި އެއްކޮށް ކުޅުނީ ސައްތަ އިން ސައްތަ ދިވެހި ކުޅުންތެރިންނާ އެކު އެވެ. ބަދަލު ކުޅުންތެރިންގެ ގޮތުގައި ވެސް ބިދޭސީ ކުޅުންތެރިއަކު ބޭނުމެއް ނުކުރެ އެވެ. އާންމު ގޮތެއްގައި ދިވެހި ޓީމުތަކުން އޭއެފްސީ ކަޕްގައި ނަތީޖާ ނެރެފައި ހުރީ ބިދޭސީ ކުޅުންތެރިންގެ ބޮޑު ދައުރަކާ އެކީގަ އެވެ.

ބިދޭސީ ކުޅުންތެރިންނާ އެކު އީގަލްސް އަށް މި މެޗުން މޮޅުވެވިދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޝާޒް ބުނީ އެއީ ވެދާނެ ކަމެއް ކަމަށާއި އެކަމަކު އެހެންވި ނަމައޭ މެޗުގެ ތެރެއިން ހިތަށްނާރާ ކަމަށެވެ.

"ވަރަށް ކްލާސް މޮޅު ފޮރިން ޕްލޭޔަރުން ހުރި ނަމަ ތަފާތު ދެއްކުނިސް. އެކަމަކު އެއީ ނަަމަ އެއް. ޓީމުގެ ކުޅުންތެރިން ކުޅުއިރު އެ ކަހަލަ ފީލެއް ނާދޭ. ބޭރު ކުޅުންތެރިން ހުރި ނަަމައެކޭ. އެ އަށް ވުރެ މާ ރަނގަޅަށް (އީގަލްސް) ކުުޅުންތެރިން ކުޅުނު. އެކަމަކު މިހެން ބުންޏަސް (ބިދޭސީ ކުޅުންތެރިންގެ) އެ ތަފާތު ދައްކާނެ މި ކަހަލަ މުބާރާތެއްގައި،" ޝާޒް ބުންޏެވެ.

އީގަލްސް އަށް ކަންކަން ދިޔަ ގޮތުން ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ހޯދުން އެހާ ފަސޭހައެއް ނޫން ކަމަށް ޝާޒް ވަނީ ބުނެފަ އެވެ. އެއީ އޭއެފްސީ ކަޕަށް ތައްޔާރުވާން ލިބުނު ވަގުތާއި ރާއްޖޭގައި ކޮވިޑްގެ ކަންތައްތައް އޮތް ގޮތުން ކަމަށް އޭނާ ބުންޏެވެ. އެހެންވެ، އީގަލްސް އިން ވިސްނީ ދިވެހި ސީނިއާ ކުޅުންތެރިންނާ އެކު ކުރިއަށް ދިއުމަށެވެ.

މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ފެނުނު މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއިލް އީސަ (މެސީ) ވަނީ މިރޭ އީގަލްސްގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.

އީގަލްސް އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ނުލިބި ކެޓުމުން މި ފަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖެ ތަމްސީލްކުރާނީ މާޒިޔާ އެވެ. މި މަހު 18-24 އަށް މާލޭގައި ކުރިއަށްދާ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މާޒިޔާއާ ވާދަކުރާނީ ބެންގަލޫރުގެ އިތުރުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ.