ނަވާޒުގެ ދެފައި ހަރަކާތް ކުރެވުނު ކަމުގެ އިހުސާސް އޭނާއަކަށް ނުކުރެ އެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އޭނާއަށް ހުރެވުނީ އެ ކުއްޖާގެ ކުރިމަތީގަ އެވެ. ފުން ނަޒަރަކުން އޭނާއަށް ބަލައިލެވުނީ އެ މޫނަށެވެ. އެއީ ހިމަހިމަ ރީތި މޫނެކެވެ. މޫނުގެ ބައްޓަމަށް އެންމެ ފައްކާ ހިމަ ދިގު ނޭފަތެކެވެ. ކުރިއަށް އޫކޮށްލެވިފައިވާ ކާށި ހުނިކޮޅެއް ފަދަ ތުނިތުނި ތުންފަތެކެވެ. ނަވާޒަށް އޭނާގެ އަމިއްލަ ތުންފަތުގައި ދަތް އަޅައިލެވުނެވެ. ދަހި ގޮތަކަށެވެ. ހިތަށް ވެރިވި ސުވާލުތަކެއް ދުލާހަމައަށް ގެންނަން އޭނާ އުޅުނެވެ. ސުވާލު ކޮށްލަން އަނގަހުޅުވާލި އިރަށް އޭނާ ހުއްޓުވީ ވެސް އެ ކުއްޖާ އެވެ.
"އާން މީ ސަނީ. ތި ހީވީ ރަނގަޅަށް." އެ ކުއްޖާ ލަސްލަހުން ބުނެލި އެވެ.
ނަވާޒު ހިނިތުންވެލި އެވެ. އޭނާގެ ކުރިމަތީގައި ސަނިއްޔާ ހުރުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.
"ކީއްވެ އެކަނިވީ؟ ކީއްވެ ރޮނީ؟" ނަވާޒު ދެ ސުވާލު އެއްފައްޗަކަށް އަމުނައިލި އެވެ.

ޖަވާބު ދިނުމުގެ ބަދަލުގައި ސަނިއްޔާގެ ދެ އަތް ހިއްލައިލި އެވެ. ނަވާޒު ބޭއިހުތިޔާރުގައި އޭނާގެ އަތުގައި ހިފި އެވެ. އެ ހިމަހޯލި އިނގިލިތަކުގައި ހިފުމުން އޭނާއަށް ކުރެވުނީ މުޅީން ތަފާތު އިހުސާސެކެވެ. ހީވީ ކަރަންޓުގައި ޖެހުނުހެންނެވެ.
"ޢަމަލު ގިނަކުރޭ. އެއީ އެންމެ ސަޅި ގޮތް." ޖަޒުބާތީ ރާގެއްގައި ސަނިއްޔާ ބުނެލި އެވެ.
ނަވާޒު ގަނޑުވި ކަހަލަ އެވެ. ސަނިއްޔާގެ ފިނިފިނި ދެ އަތުން ނަވާޒުގެ ދެ އަތުގައި ހިފުމުންނެވެ. ނަވާޒަށް މަޑުމަޑުން ދެ ލޯ މަރައިލެވުނެވެ. އަތްތިލައިގެ ތެރެއަށް ދިރޭރަހަތަކެއް ފަދައިން ވަދެގެންދާ މަޑުފިނިކަމުގެ އިހުސާސް މުލައްދަނޑި ހުރަސްކޮށް އޭނާގެ މެއާހަމައަށް ފޯރި އެވެ. ފައިގެ ފުންނާބުން ދުއްވާގަތް ހީލިގަނޑު ކޮނޑާ ހަމައަށް ފޯރި އެވެ. ނަވާޒުގެ ގައިގައި ހުރި ލޯލިތައް ކޮޅަށް ޖެހުނެވެ.
ނަވާޒުގެ މޫނަށް ހޫނު ނޭވާއެއް އެޅެމުން ދިޔަ އެވެ. އެ ނޭވާގެ ހޫނުކަން އޭނާގެ ނޭފަތާއި ތުންފަތަށް އެޅެމުން ދިޔަ އެވެ. އެކަން އިތުރުވަމުން ދިޔަ އެވެ. އެއާއެކު އޭނާގެ އިހުސާސްތައް ބަދަލުވެ މީހާގެ ހިއްސުތަކަށް އެނގުންވެ ލޭ ހޫނުކަން އިތުރވާން ފެށި އެވެ.
ނަވާޒު ލޯ މަރައިގެން ހުއްޓަސް އޭނާގެ ކުރިމަތިން ތަމުސީލުވަމުންދަނީ ކޮން މަންޒަރެއްކަން އޭނާއަށް ޔަގީންކުރެވެމުން ދިޔަ އެވެ. ދެ ވަނަ ސިކުންތުގައި އޭނާގެ ހިތް އޭނާގެ މައްޗަށް ބާރުފޯރުވާން ފެށި އެވެ. އޭނާގެ ޟަމީރު ހޭލައިގެން އޭނާ ވަށައި އެނބުރެން ފެށި އެވެ. ހިތާއި ސިކުނޑިއަށް ވިސްނައިދޭން މަސައްކަތްކުރި އެވެ.
"ނަވާޒު. ކަލޭ އަނެއްކާ ވެސް އެއްގޯސްވީތަ؟ ޅަ އިހަލުން އަޅަނީތަ؟ ދުނިޔޭގެ ކުލަތަކަށް ހެއްލެން ފެށީތަ؟" ނަވާޒުގެ ޟަމީރު އޭނާއަށް ވިސްނައިދެމުން ދިޔަ އެވެ. "ނޫނެކޭ ބުނަންވީ ކޮންމެ ތަނެއްގައި ނޫނެކޭ ބުނަންވާނެ. ކަމެއް ކޮށް ނިމުމުން އެކަން ކުރެވުނީތީ ކަންބޮޑުވާ ކަމަކީ ނުވަތަ ދެރަވެ މާޔޫސްވާ ކަމަކީ ގޯސްކަމެއްކަން ވިސްނެންވާނެ."
ނަވާޒުގެ ޟަމީރު އޭނާއަށް ވިސްނައިދެމުން ދިޔަ ވާހަކަތަކާ މެދު ފުންކޮށް ވިސްނައިލި އެވެ. އޭރު އޭނާގެ ތުންފަތަށް ހޫނު ނޭވާއެއްގެ އިހުސާސްކޮށްލެވުނެވެ. ނަވާޒު ކުއްލިއަކަށް މޫނު އަނބުރައިލި އެވެ. ފަހަތަށް ޖެހިލަން އޭނާ ހަރަކާތްކޮށްލި އެވެ. ނަމަވެސް އޭނާއަށް ފަހަތަށް ޖެހިލެވޭނެ ގޮތެއް ނުވި އެވެ.
ނަވާޒުގެ އަތުގެ ތެރެއިން ސަނިއްޔާގެ އަތް ދަމައިގަތެވެ. ހީވީ ހިތްހަމަނުޖެހުނީ ހެންނެވެ. ނަވާޒަށް ލޯ ހުޅުވާލެވުނެވެ. އޭނާ އެސްފިޔަ ޖަހައިލި އެވެ. އޭރު ސަނިއްޔާ ހުރީ އިސްޖަހައިގެންނެވެ. އިސްތަށިގަނޑުވަނީ މޫނު މައްޗަށް ތިރިކޮށްލެވިފަ އެވެ.
"ސޮރީ." ނަވާޒު ލަސްލަހުން ބުނެލި އެވެ.
ސަނިއްޔާ އިސް އުފުލައިލި އެވެ. ނަވާޒުގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ. ސަނިއްޔާގެ މޫނު ފެނުމުން އޭނާ ފަހަތަށް އެއްލުނެވެ. ހުރިހާ އިރު ސަނިއްޔާ ކަމަށް ހީކޮށްގެން ހުރީ ސަނިއްޔާ ނޫންކަން ޔަގީންވި އެވެ. ކުރިން އޭނާއަށް ފެނުނު އޮމާން މޫނުގެ ބަދަލުގައި މިހާރު އޭނާއަށް ފެންނަނީ އަނދާ ހަލާކުވެފައިވާ ކަޅުކުލައިގެ މޫނެކެވެ. އޭނާއަށް އެ މޫނު ސިފަކުރެވުނީ ނިވިފައިވާ އަލިފާންގަނޑެއް ގޮތަށެވެ.
ޒަމާނީ ގޮތަކަށް ރަތްކޮށްލައިފައިވާ އިސްތަށިގަނޑުވަނީ ހުދުކުލައަށް ބަދަލުވެ ކިސުޅިވެފަ އެވެ. އޭނާ ލައިގެން ހުރި ރަތްކުލައިގެ ހެދުމުގެ އެކި ތަންކޮޅުކޮޅުންވަނީ ވީދިފަ އެވެ. ހެދުމުގެ އެކި ތަނުން އެކި ވަރަށް ބައިގަނޑުގަނޑު ފެންނަން ހުއްޓެވެ.
"ކާކު؟" ނަވާޒަށް އަހައިލެވުނެވެ.
ބަދަލުގައި ސަނިއްޔާގެ ސޫރައިގައި ކުރިން ފެނުނު މީހާ އެއްޗެއް ނުބުނެ އެވެ. އޭނާ ބަލައިލީ ސީދާ ނަވާޒުގެ މޫނަށެވެ.
"ތި ކާކު؟" ނަވާޒު ދެވަނަ ފަހަރަށް ސުވާލު ތަކުރާރުކޮށްލި އެވެ.
ސަނިއްޔާ ހޭންފެށި އެވެ. ބާރުބާރަށެވެ. ސަނިއްޔާގެ ހުނުމުގެ އަޑު އެކިފަހަރު އެކި ތަނުން އިވެމުން ދިޔަ އެވެ. ބައެއް ފަހަރު ކަންފަތް ބުޑުން އިވެ އެވެ. އަނެއްބައި ފަހަރު ތަންކޮޅެއް ދުރުން އެ އަޑު އަންނަހެން ހީވި އެވެ. ބައެއް ފަހަރު ދެ އަޑު އެކުވެފައި އިވޭހެން ވެސް ހީވެ އެވެ. އަނެއްބައި ފަހަރު އެއީ ފިރިހެނެއްގެ އަޑެއްހެން ވެސް ހީވަމުން ދިޔަ އެވެ.
"ވިދާހާ އެއްޗަކީ ރަން ކަމަށް ހީވުމަކީ ހެދޭ އެންމެ ބޮޑު ގޯސް." ސަނިއްޔާގެ ހުނުމުގެ އަޑުގެ ތެރެއިން އިތުރު އަޑެއް އިވުނެވެ.
ނަވާޒަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ސަނިއްޔާ ނޫނަސް އެހެން މީހަކު ވެސް އެތަނުގައި ހުރި ކަމުގެ އިހުސާސް ކުރެވުމުންނެވެ. އެހެންވެ ނަވާޒަށް ބަލައިލެވުނީ ވަށައިގެންވާ މާހައުލަށެވެ. އޭނާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. މުޅި ތަނުން އޭނާއަށް ފެންނަނީ އެއް ސޫރައެކެވެ. އެކި ސިފަސިފައިގައި އެކި ގޮތްގޮތަށެވެ. މުޅި ތަން ފުރިބާރުވެފައިވަނީ ސަނިއްޔާގެ ގޮތުގައި ސިފަވަމުންދާ މީހުންގެ ސޫރައިންނެވެ.
"ކަލޭއަށް އޮތީ އެންމެ މަގެއް." އެހެން ދިމާއަކުން އަޑު އިވުމުން ނަވާޒު ބަލައިލި އެވެ.
"ކޮން ބައެއް؟ ކީއްވެ އަހަރެން؟" ނަވާޒަށް ލަސްލަހުން ބުނެލެވުނެވެ.
"ހުރަސްއެޅުން. އަހަރެންގެ މަގަށް ހުރަސް އަޅާ ކޮންމެ މީހަކަށް އޮތީ މި ގޮތް." މި ފަހަރު އަޑު އިވުނީ ނަވާޒުގެ ފުރަގަހުންނެވެ.
ނަވާޒު އެނބުރިލި އެވެ. އޭނާ ބަލައިލީ ސީދާ އަޑު އިވުނު ދިމާއަށެވެ. ނަވާޒު ބާރުބާރަށް ހަޅޭއްލަވާގަތެވެ. އޭނާއަށް ފެނުނު މަންޒަރުންނެވެ. ސަނިއްޔާގެ ސޫރައިގައި މުޑުދާރު ގޮތަކަށް ހުރި މީހާ ވަޅިއެއް ނަވާޒާ ދިމާއަށް އެއްލި އެވެ. ވަޅިން ސަލާމަތް ވެވުނީ ހަމަ ކިރިޔާ އެވެ. މުޅި ތަނުގައި އަޑު ގަދަވި އެވެ. ކަންފަތަށް އުނދަގޫވާ ވަރަށެވެ. ނަވާޒަށް ބަލައިލެވުނީ ވަށައިގެންވާ މާހައުލަށެވެ. ހޯބޯލެވުމުގެ އަޑާއެކު ސަނިއްޔާގެ ސޫރައިގައި ފެންނަމުން ދިޔަ އެތައް ހާސްމީހުން ވަޅި މަޅައިލަނީ އެވެ. އޭނާގެ ވަށައިގެން ތިބި އެންމެން އޭނާއާ ދިމާއަށް ވަޅި އުކާންފެށި އެވެ.
ނަވާޒު ބާރުބާރަށް ހަޅޭއްލަވަމުން ދިޔަ އެވެ. ދެފަރާތަށް ބޯ ހޫރަމުން ނޫނެކޭ ކިޔަމުން ދިޔަ އެވެ.
"ތިހެން ނުހަދާ. އަހަރެން ދޫކޮށްލާ." ބާރުބާރަށް ނަވާޒަށް ވާހަކަދެއްކުނެވެ.
އޭނާއަށް ތެދުވެ އިށީނދެވުނެވެ. ދެފައި ދަމައިލަމުން ލޯ އުނގުޅައިލެވުނެވެ. ފެނުނީ ހުވަފެނެއްކަން ޔަގީންކުރެވުނެވެ. އޭނާގެ ސިކުނޑީގައި ހަރުލައިފައި ހުރީ ހުވަފެނުން ފެނުނު މަންޒަރުތަކެވެ. ސަނިއްޔާގެ ސޫރަ ބަދަލުވެފައިވާ ގޮތެވެ. ބިރުވެރި ސިފަސިފައިގައި ސަނިއްޔާ އޭނާއާ ކުރިމަތިލީ ގޮތްތަކެވެ. ވަޅިން އޭނާއަށް ހަމަލާދިން ގޮތެވެ.
"އަހަންނަށް ހީވަނީ ނުރައްކަލެއްގެ ރަނގަބީލެއްހެން." ނަވާޒުގެ އެކުވެރި ޝަފީއު ބުނެލި އެވެ.
އެ ދެމީހުން ތިބީ ސިޓްރަންގެ ތިރީބައިގައި ކޮފީއަކަށް އިންސާފުކުރާށެވެ. ހުޅުލެއިން ފެންނަމުންދާ މަންޒަރުތަކަށް ބަލައިގެންނެވެ. ނަމަވެސް ދެކެވެމުން ދިޔައީ މުޅީން ތަފާތު ވާހަކައެކެވެ.
"ކީއްވެ އަހަރެން؟" ނަވާޒު ބަލައިލީ ޝަފީއުގެ މޫނަށެވެ.
"ތިޔަ ދެއްކި ވާހަކަތަކުން ދޭހަވަނީ ނަވާޒު ބްލެކުމެއިލް ކުރުމަށް ސަނީ ވިސްނައިފަ ހުރިކަން." ޝަފީއުގެ މޫނަށް ގޮތެއް ހަދައިލަމުން ބުނެލި އެވެ.
"އެ ކިހިނެއް؟" ނަވާޒަށް ގަބޫލުނުކުރެވިގެން އަހައިލާ ފަދަ ގޮތަކަށް ބުނެލި އެވެ.
"ތިޔަ ބުނަނީތާ ނަވާއަށް އެކަހަލަ އިހުސާސެއް ނުކުރެވެޔޭ. ޔަގީނުން ވެސް ނިދީގައި ވެސް ކަމެއް ކުރެވޭނީ ވަކި ހިސާބަކަށް. ހުރިހާ ކަމެއް ނިމޭއިރު ކޮންމެ ވެސް އިހުސާސެއް ފިރިހެނެއް ވެއްޖެނަމަ ކުރެވޭނެތާ." ޝަފީއު ލާނެތް ގޮތަކަށް ހިނިތުންވެލި އެވެ.
"އަހަންނަށް ޖޯކު ޖަހަނީތަ؟ މި ހަމަ ވަރަށް ސީރިއަސް ވާހަކައެއް. ބީ ސީރިއަސް އިނގޭ." ނަވާޒުގެ މޫނުމަތިން ފެންނަނީ އަބުއި ކަމުގެ ކުލަވަރެވެ.
"ދެން ޖޯކެއް ނޫން. ނަވާޒަކީ ހޭއްބުއްދި ފިލައި ދާވަރު ކުޑަކުއްޖެއް ނޫނެއްނު. މަސްތުވެ ފަތްބޯ މީހެއް ނޫނެއްނު. މަގޭ ސުވާލަކީ ސަނީ އެ ބުނާ ކަހަލަ ބޮޑު ކަމެއް ހިނގައިފައިވާނަމަ ނަވާއަށް ނޭނގުނީ ކީއްވެހޭ؟ އެ އިހުސާސް ނުކުރެވުނީ ކީއްވެހޭ؟" ޝަފީއު ނަވާޒުގެ ދެ ލޮލަށް ބަލައިލި އެވެ.
"ދެން ނިޝާންތަކޯ." ނަވާޒު ދެ ދަތްޕިލަ ފިއްތައިލަމުން ބާރުކޮށްލި އެވެ.
"އެ ދެން ވަރަށް ސިންޕަލް ކަމެއް. ލިޕްސްޓިކްގެ އަސަރު. ނަވާއަށް އަތުން ފޮހެވުނުތަ؟ ނޫނީ ނުފިލާ އެބަހުރިތަ؟" ޝަފީއު ހިނިތުންވެލި އެވެ.
"ބައެއް ތަންތަން ފިލައިފި." ނަވާޒު އިސްޖަހައިލި އެވެ.
"ކޮންތަނެއް ނުފިލަނީ؟" ޝަފީއުގެ ޝައުގުވެރިކަން އިތުރުވި ކަހަލަ އެވެ.
ޓީޝާޓުގެ ގިރުވާނުގައި ހިފައި ކަނދުރާއާ ދިމާ ހާމަކޮށްލަމުން ނަވާޒުގެ ކަނދުރާމަތި ޝަފީއުއަށް ދައްކައިލިއެވެ. ޝަފީއު ޝައުގުވެރިކަމާއެކު ނަވާޒުގެ ކަނދުރާއަށް ބަލައިލި އެވެ.
"ވަރަށް ތާޒާކޮށް ތި ހުރީ. އެހެން ކޮންތަނަކު؟" ޝަފީއު ދެ ލޮލަށް ގޮތެއް ހަދައިލި އެވެ.
"މޭމަތީގައި ވެސް ހުރި. އެކަމަކު އެ ފިލައިފި." ނަވާޒު ލަސްލަހުން ހިންދިރުވާލި އެވެ.
"އަދިވެސް އަހަންނަށް ހަމަ ޝައްކު. ހީވަނީ އޭނާ ހަމަ އެޑްވާންޓޭޖެއް ނަގަނީހެން." ފުންކޮށް ވިސްނައިލަމުން ޝަފީއު ބުނެލި އެވެ.
"އެކަމަކު މި ހުރީ ހެކިތަކެއްނު." ނަވާޒު އިސްތަށިގަނޑުގައި ހިފައިލަމުން އޭނާގެ އެއް އަތުން މޫނުގައި ފިރުމައިލި އެވެ.
"ކަނދުރާމަތީގައި ނިޝާނެއް ޖެހިދާނެ. ނިދިފަ އޮންނަ މީހަކަށް އިހުސާސް ނުވާހެން މަޑުމަޑުން އެކަން ކުރެވިދާނެ. އެއީ ހަމަ ވަރަށް ޕޮސިބަލް ކަމެއް. އަނެއްހެން އެއީ މާ ބޮޑު މައްސަލައެއް ވެސް ނޫން." ޝަފީއު ކަނާއަތު ބޮޑުވާ އިނގިލީފައި ދަތްދޮޅި އަޅުވާލަމުން ބުނެލި އެވެ.
"މައްސަލައެއް ނޫނޭ." ނަވާޒު ހިތްހަމަ ނުޖެހުނެވެ.
"މި ބުނީ އެއީ ކުރެވިދާނެ ކަމެކޭ. ދެން އޮތް ސުވާލަކީ ކީއްވެހޭ ކަނދުރާއާ ދިމާގައި؟" ޝަފީއު ބޯ ތަޅުވައިލި އެވެ. "ޔޭސް، ހަމަ ތިއީ ވަރަށް މަކަރުވެރި ރޭވުމެއް. އަހަންނަށް ޔަގީން ވެއްޖެ."
"ތިބުނީ؟" ނަވާޒު އަހައިލި އެވެ.
"މީހުންނަށް ފެންނަ ހިސާބު ބަލައިފަ ސީދާ ބާނައިލަން ކޮށްފަ ހުރި ކަމެއް. ނަވާ ކަހަލަ ހަންގަނޑު އަލި މީހެއްގެ ކަނދުރާގައި ތިކަހަލަ ހިކޭއެއް ޖަހައިލީމަ ފާހަގަވާނެކަން އޭނާއަށް ޔަގީންވާތީ އެކަން ކޮށްފަ ތިއޮތީ. އަދި މީހުންނަށް ފެންނަ ހިސާބުގައި ޖެހީމަ ދެން އެންމެންނަށް ވެސް އެނގޭނެދޯ ނަވާ އެކަހަލަ ކަމެއް ކޮށްފިއޭ." ޝަފީއުއަށް ވިސްނޭ ކަންކަން އޭނާ ތިލަ ކުރަމުން ދިޔަ އެވެ.
"ކީއްވެ ބާނައިލަން؟" ނަވާޒަށް ނުވިސްނިގެން އަހައިލާ ކަހަލަ ގޮތަކަށް އަހައިލި އެވެ.
"އޭނާ ޖަހައިލާނީ ޓައްކެއް. ދެން އެކަމުގެ ނިޝާންތައް ތި ހުރީ ނަވާގެ ގައިގައި." ޝަފީއު ބުނެލި އެވެ.
"ކޮން ޓައްކެއް؟" ނަވާޒަށް ނުވިސްނިގެން އަހައިލި އެވެ.
"މި ބުނީ މިއަދު ސަނީ ބޭނުން ނޫން ގޮތަކަށް ކަމެއްކޮށްލާ އިރަށް ނަވާ ފަޟީހަތްކޮށްލުމުގެ ބާރު އޭނާ ހޯދައިގަތީއޭ." ޝަފީއު، ނަވާޒަށް ވިސްނައިދިނެވެ.
"އެހައި ފަސޭހައިން އެހެންވޭތަ؟" ނަވާޒަށް ގަބޫލުކުރަން އުނދަގޫވި އެވެ.
"ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ހުރި ގޮތުން އެއީ ވަރަށް ފަހިކަމެއް. އަންހެނަކު ބޭނުން ނަމަ ކުށެއް ނެތް މީހެއްގެ މުޅި ދިރިއުޅުން ހަފުސްކޮށްލެވިދާނެ. ފުރައްސާރައޭ، ގޯނާއޭ ކިޔައިފަ. މިހާރު ވެސް އެ މަންޒަރު އެބަ ފެނެއެއްނު." ޝަފީއު ދައްކަމުން ދިޔައީ ބޮޑެތި މައްސަލަތަކުގެ ވާހަކަތަކެވެ.
"މަށަކަށް ތިއެއް ނޭނގެ. މަށަށް އެނގެނީ ކުށެއް ނުކުރަނީސް އަދަބެއް ނުލިބޭނެކަން." ނަވާޒަށް އެއްބަހެއް ނުވެވުނެވެ.
"ތިއޭ ނަވާގެ މައްސަލައަކީ. މިހާރު މުޅި ނިޒާމު ވަރަށް ބޮޑަށް ބަދަލުވެއްޖެ. ގާނޫނުތަކާއި ގަވާއިދުތައް ބަދަލުކޮށްފި. މީހުންގެ ވިސްނުމާއި ފިކުރު ބަދަލުވެއްޖެ. މީހުންގެ އަބުރާއި ފުރާނައިގެ އަގަކީ ބާޒާރުގައި ވިއްކަން ހުންނަ އެއްޗެއްސަށްވުރެ މާ ޗީޕް އެއްޗެއްސަށް ވެއްޖެ. މިހާރު މަގުމަތިން ފެންނަނީ އަހަރުމެން ކުޑައިރު ބެލި ހިންދީ ފިލްމުތަކުން ފެންނަ މަންޒަރުތައް. ރޯމާ ދުވާލު މީހުން ކޮށައިލައިފަދާއިރު މަންޒަރު ބަލަން ތިބޭ މީހުން ގިނަވާނީ. އޭރު އަހަރުމެންނަށް ހީވަނީ ފިލްމުތަކުން އެ މަންޒަރު ފެނުނީމަ ކުޅިބަލާ މީހުން ހާދަ ގޯހޭ. އެކަމަކު މިއަދު އެކަން ފެންނަން ފެށީމަ އެނގިއްޖެ. ކުޅިބަލާ މީހުންނަށް އެ ނޫން ގޮތެއްނެތޭ. އެމީހުންނަކީ މާ ނިކަމެތި ބައެކޭ." ޝަފީއު ފުން ނޭވާއެއް ބޭރުކޮށްލި އެވެ.
"ތި ކަމާ މި ކަމާ އޮތީ ކޮން ގުޅުމެއް؟" ނަވާޒުގެ ނިތަށް ދެތިން ރޫ އަރުވާލަމުން ލޮލަށް ގޮތެއް ހަދައިލި އެވެ. (ނުނިމޭ)







