"ވަރަށް ވިސްނައިގެން އުޅޭތި. އެއީ ވަރަށް މަކަރުވެރި އަންހެނެއް. ނޭނގެ ޖަހައިފަ ނުޖަހާނެ މަޅިއެއް ވެސް. މީހުން ބާނައިލަން އޭނާ ވަރަށް މޮޅުވާނެ. އަމުދުން އޭނާއަށް ނަން ނުލިބެންޏާ ބޭނުންވާނީ އެމީހަކު ދުއްވާލަން. މިއަދު އިމްތިހާނުގައި އެ ހިނގި ކަންތަކުން މަށަށް މިހާރު ޔަގީނާ ގާތަށް އެނގިއްޖެ ސަނީގެ ބޭނުމަކީ ކޮބައިކަން." ވިސްނައިދޭ ރާގަކަށް މުޝީރާ ވާހަކަ ބެހެއްޓި އެވެ.
"އެބަ އަންނަން ގޮމަފުޅު ހުރިތޯ ބަލައިލައިފަ." ބޭރަށް ނުކުންނަށް ހިނގައިގަންނަމުން އަޒުރާ ބުނެލި އެވެ.
އަޒުރާ ބޭރަށް ނުކުންނަށް ހިނގައި ގަތުމުން މުޝީރާ ނަވާޒަށް ބަލައިލި އެވެ. ނަވާޒުގެ މޫނު މަތިން ފެންނަމުން ދިޔަ ހާސްކަމާއި މާޔޫސްކަމުގެ އަސަރުތަކުން މުޝީރާއަށް ދެނެގަނެވުނެވެ.
"ކަމެއް ހިނގީތަ؟" މުޝީރާ އަހައިލި އެވެ.

"ތިބުނީ؟" ނަވާޒު ވެސް ކުރީ ސުވާލެކެވެ.
"މި ބުނީ ސަނީއާ ދެމީހުން." މުޝީރާ ލަސްލަހުން ބުނެލި އެވެ.
ނަވާޒުގެ ނޭވާ އަވަސްވެ މޭގެ ތެޅުން ބާރުވާން ފެށި އެވެ. މުޝީރާއަށް ދޭނެ ޖަވާބަކާ މެދު އޭނާއަށް ފިކުރުކޮށްލެވުނެވެ. ވިސްނައިލަން ވަގުތުކޮޅެއް ބޭނުން ވެސް ވީ އެވެ. ނަސީބު ކަންދިމާކުރީ ވަރަށް ރަނގަޅަށެވެ. ނަވާޒަށް ކަޅި އެއްލުނީ އަޒުރާއާ ދިމާއަށެވެ. އޭރު އަޒުރާ އައިސް އެމީހުންނާ ހަމަކުރަނީ އެވެ. މުޝީރާގެ ސުވާލު ހަނދާން ނައްތައިލަމުން ނަވާޒު ލޮލުން ހަރަކާތްކޮށްލި އެވެ. ސަނިއްޔާ ކޮބައިތޯ އަހައިލަމުންނެވެ.
"ދިޔައީ ކަން ނޭނގެ. ބަލައިބަލަ އޭނާ ހެދި ދޮގު. އެއީ ހާދަ ނުލަފާ އަންހެނެކޭ. ކުރިން ފަހަރު ޒަރީރަށް ހެދިގޮތް ވެސް ބަލައިބަލަ. އެ ފަހަރު ވެސް އެ ފަކީރަށް މާލޭގައި އުޅެން އުނދަގޫ ކޮށްލި. އެންމެ ފަހުން އެ ފަކީރު ކޯސް ޑްރޮޕްކޮށްލައިފަ ރަށަށް ދިޔައީ." އަޒުރާ ފެށީ ތަންކޮޅެއް ކުރިން އެ މީހުން ކުރި ތަޖުރިބާއެއްގެ ވާހަކައިންނެވެ.
"އެ ކޮން ކަމެއް؟" ނަވާޒު ޝައުގުވެރިވި އެވެ.
"އެއީ އަހަރުމެން ކުރިން، ޑިޕްލޮމާ ހެދި އިރު ވީ ކަމެއް. ދެން އޭރު ވަރަށް ޅަވާނެ އެންމެން ވެސް. ފިރިހެން ކުދިން އަމުދުން ވަރަށް ޔަންގްކޮށް ތިބީ. ވީ ގޮތަކީ މި ބުނާ ޒަރީރަށް ސަނީ މާ ކަމުދިޔައީ. ދެން ޑޭޓަކަށް ގޮސް ރައްޓެހިވާން އެހީއޯ،" އަޒުރާ އޮޅުންފިލުވައިދިނެވެ. "މޮޅު ކަމަކީ ސަނީ ވެސް އޯކޭ ވެގެން ޑޭޓަށް ދިޔުން. އޭނާ މާ ޒަރީރު ވެގެން އުޅުނީ ވެސް."
"ދެން ސަނީ މި ހެދި ގޮތަކީ އަޑުގެ ނެތްތަނަށް ހަޅޭއްލަވާ ގަތީއޯ. އޭނާއާ ޒަރީރު ބެހުނީއޭ ކިޔައިފަ، މުޅި ތަން އެލަރޓަށް ގެނެސް އެތަނަށް ފުލުހުން ގެން ގޮސް. އެ ވާހަކަ ނޫހަށް އަރުވައިފަ. ދެން ނޭނގެ ބޮޑު ކަންތައް ގަނޑެއް ހިންގައިލި. އެންމެ ފަހުން އެ ފަކީރަށް މާލޭގައި އުޅެން އުދަނގުވާ ވަރުވެގެން ރަށަށް ދިޔައީ." އަޒުރާގެ ވާހަކައިގައި މުޝީރާ ބައިވެރިވި އެވެ.
"ސީދާ ވިހަ ގަދަ ހަރުފައެއް އެ،" އަރުޒާ ބުނެލި އެވެ. "ނޭނގި ހުއްޓާ އަންދައިލާނެ ސީދާ ބަޑިބޭހެއް."
"އެހެންވެ އަހަރުމެން މި ކިޔަނީ ސަނީއަކީ ހަމަ ސަނީއެއް. މިއީ ސަނީ ސައިޑް އޮފް ލައިފެއް ނޫން، ސަނީ ސައިޑު އޮފް ޑެތު." މުޝީރާ ހިނިގަނޑެއް ޖަހައިލި އެވެ.
"ވިސްނައިގެން އުޅޭތި. ޅަ އިހަލުން ނާޅާވޭތޯ ބަލާތި." އަޒުރާއާއި މުޝީރާ އެތެރެއަށް ހިނގައިގަތެވެ.
ނަވާޒު އިށީނީ ސައިކަލް މަޑިމަތީގަ އެވެ. އަޒުރާމެންގެ ހަރަކާތްތަކަށް ބަލަން އޭނާއަށް އިނދެވުނެވެ. އެމީހުން ގޮސް އޮބައިލުމުން އޭނާ އެއްފައި ނަގައި މަޑީމަތީގައި ހަމަޖެހިލި އެވެ. ފުން ވިސްނުމެއްގެ ތެރެއަށް ގެނބިގަންނަމުންނެވެ. ކުއްލިއަކަށް ނަވާޒުގެ ސިކުނޑީގައި އެނބުރިގަތީ ރޭގެ ހާދިސާ އެވެ. އޭނާ އަޖައިބުވަނީ އެކަހަލަ ކަމެއް އޭނާއަށް އިހުތިޔާރުން ބޭރުގައި ކުރެވުނީތީ އެވެ. އެ ހުރިހާ ކަމެއް ކުރެވުނުކަމުގެ އިހުސާސް އޭނާއަށް ނުކުރެވުނީތީ އެވެ. އެ ހަނދާންތައް އޭނާގެ ސިކުނޑިއަށް ނާންނާތީ އެވެ. އެއިން އެއްވެސް މަންޒަރެއް ވެސް ހަނދާނުގައި ނުހުންނާތީ އެވެ. އޭނާއަކީ ނިދިގަދަ މީހެއް ނޫނެވެ. ނިދީގައި ހިނގޭ މީހެއް ނޫނެވެ. އެހެންވެ އޭނާއަށް ވިސްނަން މަޖުބޫރުވި އެވެ.
ނަވާޒުގެ ވަށައިގެން އިވެމުން ދިޔަ އަޑުތައް އޭނާއަށް ބީރުވަމުން ދިޔަހެން ހީވި އެވެ. މާހައުލުގެ އަޑުތައް ބައްވެ ބޮލަށް އެކަމުގެ އުނދަގޫތައް ވެރިވަމުން ދިޔަ އެވެ. ދެ ލުގެ ކަރުނަވަޅާ ދިމާއިން ވާންވެ ނިތްމައްޗަށް ބާރުވާން ފެށި އެވެ. އޭނާ ބޭނުންވީ ކޮޓަރިއަށް ދާށެވެ. އަރާމުކޮށްލަން އޮށޯވެލާށެވެ. ދެން އިމްތިހާނެއް އޮތީ އެއް ދުވަސްފަހުން ކަމަށްވާތީ ހަމަޖެހިލާށެވެ. ހިނގައިދިޔަ ކަންތަކާއި އިވުނު ވާހަކަތަކުން މުޅި ދުވަސް ހަރާބުވީމަ އެވެ.
ނަވާޒު ކޮޓަރިއަށް ވަދެ އެނދުގައި ހަމަޖެހިލަމުން ފޯނަށް ބަލައިލި އެވެ. ދެތިން މިސްކޯލު އޮތެވެ. ގުޅައިފައި އޮތީ ސަނިއްޔާ އެވެ. ފޯނު ނުނެގުމުން މެސެޖެއް ވެސް ފޮނުވާފައި އޮތެވެ. ނަވާޒު ލަސްލަހުން ސަނިއްޔާގެ މެސެޖު ކިޔައިލި އެވެ. ނަވާޒުގެ ބޮލުގައި އިންޒާރުގެ ރަނގަބީލުގެ އަޑު ގުގުމައިލި އެވެ. ސަނިއްޔާގެ ހަރުކަށި ލަފުޒުތަކާއި މުޝީރާމެންގެ ވާހަކަތައް ގުޅުވާލެވުނެވެ.
ދެވަނަ ފަހަރަށް ސަނިއްޔާގެ މެސެޖު ކިޔައިލި އެވެ. އޭގައި އޮތީ ފަޟީހަތްކޮށްލުމާއެކު ބަދުނާމު ކޮށްލައި މީހާ މާލެއަށް ގިނަ ކޮށްލާނެ ކަމުގެ އިންޒާރެވެ. ނަވާޒު ދެ ފިކުރެއްގައި އިނދެ ސަނިއްޔާގެ ނަންބަރު ބްލޮކުކޮށްލި އެވެ. ފޭސްބުކާއި ޓުވިޓަރާއި އިންސްޓަގުރާމުން ވެސް ސަނިއްޔާގެ އެކަންޓުތައް ބޮލުކްކޮށްލި އެވެ. ވައިބާ ނަންބަރު ވެސް ބްލޮކުކޮށްލި އެވެ.
ނަވާޒު ހިތުން އޭނާއާއި ސަނިއްޔާގެ ގުޅުން ކަނޑައިލެވުނީ އެވެ. މިހާރު ސަނިއްޔާއަކީ ނަވާޒު ދަންނަ މީހެއް ނޫނެވެ. ސަނިއްޔާއާއި އޭނާ ދެމެދުގައި އެއްވެސް ކަމެއް ނުހިނގަ އެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލަމުން ނަވާޒު އެނދުގައި އޮށޯވެލި އެވެ. ފިކުރުތަކުން ބަރުވެ ވަރުބަލިވެފައިވާ ނަވާޒަށް އިސާހިތަކު ލޯމެރުނެވެ.
ނަވާޒަށް އިވެމުން ދިޔައީ ހަނަފަސް ވާދީއަކުން އިވޭކަހަލަ ފައި ކެފޭ އަޑުތަކެވެ. ޖައްވުގެ އަޑުތައް ފަރުބަދަ ތަކުގައި ޖެހި ފަށްފަށްވަމުން ގޮސް ހިނދެމުންދާ އަޑެވެ. އޭނާއަށް ލޯ ހުޅުވާލެވުނެވެ. ފެންނަމުން ދިޔައީ ކަޅު އަނދިރިކަމެވެ. ރޭގަނޑެއްފަދަ އަނދިރި ޖައްވެކެވެ. އޭނާއަށް ވަށައިގެން ހޯދައިލެވުނެވެ. ތަނެއް ދޮރެއް ވަކިވާވަރެއް ނުވެ އެވެ. އޭރުވެސް ޖައްވުގެ އަޑުތައް އިވެމުން ދިޔަ އެވެ. މުޅި ތަނުގައި ހުރީ އެ އަޑު ބައްވެފަ އެވެ. އޭނާ ވަށައިގެން ހޯދަމުން ކަޅި އުކަމުން ދިޔަ އެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުން ފެންނަމުން ދިޔަ ރަތްކުލައިގެ ފޮތިގަނޑެކެވެ. އެ ފޮތިގަނޑު އޮތީ މޭޒެއް ކަހަލަ އެއްޗެއްގެ މަތީގައި ކަން ކަށަވަރުކޮށްލެވުނެވެ. ނަވާޒު ބަލައިލީ އެ ދިމާއަށެވެ. މަޑުމަޑުން އެ މޭޒު އޭނާއާ ކައިރިއަށް އަންނަހެން ހީވާން ފެށި އެވެ. މޭޒުމަތީގައި އޮތް ރަތް ފޮތިގަނޑު ވެސް ހަރަކާތްކޮށްލި އެވެ. އެ ފޮތިގަނޑު ދިރެންފެށި އެވެ. ނަވާޒުގެ ދެ ލޯ ބޮޑުވި އެވެ. އެ ކަޅު އަނދިރި ކަމުގެ ތެރެއިން ރަތްކުލައިގެ އެ ފޮތިގަނޑު އޭނާއަށް ފެންނަންވީ ސަބަބެއް ނުވިސްނުނެވެ. އެހެންވެ އޭނާ ހުރީ ވާން އުޅޭ ގޮތެއް ބަލާށެވެ.
ރަތްކުލައިގެ އެ ފޮތިގަނޑު މަޑުމަޑުން ހިއްލުނެވެ. ފޮތިގަނޑުގެ މެދާ ހަމައިން މައްޗަށް ހިއްލިލުމަށްފަހު ކުރިއަށް ލެނބިލި އެވެ. ނަވާޒަށް ޔަގީންވީ އެއީ އަންހެނެއްގެ ހަށިގަނޑުކަމެވެ. ފޮތިގަނޑެއްގެ ސިފައިގައި އޭނާއަށް ފެނުނަސް އެއީ އަންހެނެއްގެ ހެދުމެއް ކަމެވެ. ފޮތިގަނޑުގައި ފޮރުވިފައިވަނީ އަންހެނެއްގެ ހަށިގަނޑު ކަމެވެ. އެ ރަތްކުލައިގެ ހެދުމުގެ ފަހަތުގައި ފޮރުވިފައިވަނީ ކާކުތޯ ބަލައިލާ ހިތްވާން ފެށި އެވެ. ނަވާޒު ކަޅި ޖަހައި ނުލައި ބަލަން އިންދާ އެ މީހާ ދެ ކަކޫ ގަޔާ ކައިރިކޮށްލި އެވެ. އޭރު ވެސް އެ މީހާގެ ބޮލެއް ނުފެނެ އެވެ. މޫނެއް ނުފެނެ އެވެ. ކަނދުރާއިން މަތިވަނީ ގެއްލިފަ އެވެ. ވަންހަނާ ވެފަ އެވެ. ކަޅުކަމުގެ ސާލުގެ ތެރެއަށް ގެއްލި ނިވާވެފަ އެވެ.
ދެން އިވެން ފެށީ އަންހެނެއްގެ ގިސްލުމުގެ އަޑެވެ. އެ އަޑު އިވޭ ކޮންމެ މީހެއްގެ ހިތަށް އަސަރު ކުރުވާ ކަހަލަ ވޭނީ އަޑެކެވެ. އަޑު އިވެމުން ދިޔައީ އެކި ފަހަރު އެކި ދިމާއިންނެވެ. އެއްފަހަރު ނަވާޒުގެ ކަންފަތް ބުޑުން އެ އަޑު އިވޭހެން ހީވެދާނެ އެވެ. އަނެއްފަހަރު ތަންކޮޅެއް ދުރުން އަޑު އަންނަހެން ހީވެދާނެ އެވެ. ނަވާޒުގެ ބޮލަށް އުނދަގޫވާން ފެށި އެވެ. އެކި ފަހަރު އެކި ތަނުން އަޑު އިވެމުން ދިޔުމުންނެވެ. ބައެއް ފަހަރު އެ އަޑުގެ ފަހަތުން މަޑުމަޑުން އިވޭ އެހެން އަޑެއް ނަވާޒަށް ފާހަގަކުރެވުނެވެ. އެއީ ރަކި ގޮތަކަށް ހެމުން ދިޔަ އަންހެނެއްގެ އަޑެވެ. މަލާމާތުން ފުރިގެންވާ އަޑެކެވެ.
ނަވާޒަށް ދެ ކަންފަތުގައި އަތް އަޅައިލެވުނެވެ. ކުއްލިއަކަށް މާ ބާރަށް ރޯންފެށި އަޑު އޭނާގެ ކަންފަތް ބުޑުން އިވުމުންނެވެ. އޭނާއަށް ލިބުނު ސިހުމާއެކު ވަށައިގެން ހޯދައިލި އެވެ. އެއްވެސް އިތުރު ތަނެއް ނުފެނުނެވެ. އެއާއެކު އޭނާއަށް ބޭއިހުތިޔާރުގައި ލޯ މަރައިލެވުނެވެ. ހިނދުކޮޅެއް ވަންދެން އޭނާއަށް އެގޮތުގައި އިނދެވުނެވެ. ކުއްލިއަކަށް ހުރިހާ އަޑުތަކެއް ކެނޑުނެވެ. މުޅިތަން ހިމޭންވި އެވެ. ނަވާޒަށް އެކަން އިހުސާސްކުރެވުނެވެ. އެހެންވެ އޭނާ މަޑުމަޑުން ދެ އަތް ތިރިކޮށްލި އެވެ. އޭރު ވެސް އޭނާ އިނީ ލޯ މަރައިގެންނެވެ.
ނަވާޒު މަޑުމަޑުން ދެ ލޯ ހުޅުވާލި އެވެ. ކުއްލިއަކަށް ނަވާޒު ފަހަތަށް އެއްލުނެވެ. އޭނާ އެއްލުނު ގޮތުން ފަހަތަށް ވެއްޓުނެވެ. ފާޑަކަށް އުނަގަނޑަށް ވެސް ތަދުވި އެވެ. ކެތްކޮށްލައިގެން ތަދު ނުވާކަމަށް ހެދި އޭނާ ކޮޅަށް ތެދުވަން އުޅުނެވެ. ނަމަވެސް އޭނާއަށް ތެދުވެވޭ ގޮތެއް ނުވި އެވެ. އެއިން ގޮތަށް އޭނާއަށް އިނދެވުނީ އެވެ.
ނަވާޒުގެ މެޔަށް ހީވީ ފެންގަނޑެއް އެރިހެންނެވެ. ނޭވާ ހާސްވެ މީހާއަށް ތެޅިގަނެވުނެވެ. ހަތަރެސްފައި ތުރުތުރު އަޅައިގަތެވެ. ގައިގައި ހުރި އިސްތަށިތައް ކޮޅަށް ޖެހުނެވެ. އޭނާ ލޯ ހުޅުވާލި ވަގުތު މޫނާ ދާދި ކައިރިން ފެނުނު ބިރުވެރި ސޫރަ ލޮލުގައި ތަތްވެފައިވާ ކަހަލަ އެވެ. ނަވާޒު މަޑުމަޑުން ފަހަތަށް ޖެހިލި އެވެ. ނަމަވެސް އޭނާއަށް ހަށިގަނޑު ގުޑުވާ ވެސް ނުލެވުނެވެ.
ނަވާޒަށް ބެލުނީ، އޭނާއާ ދިމާއަށް ބަލަހައްޓައިގެން ކޮޅަށް ހުރި އެ އަންހެން މީހާއަށެވެ. ގަޔަށް ދޫ ރަތްކުލައިގެ ހެދުން ލައިގެން ހުރި އެ މީހާއަށެވެ. އޭނާގެ ހެދުމުގެ ކޮނޑުން ބައިގަނޑެއް ގޮތަށް ތަންކޮޅެއް ކަނޑައިފައި ހުއްޓެވެ. މޭމަތިން ހިއްލައިލައިފާ ފޮތިގަނޑު ގެންގޮސް ކަރުގައި އައްސާލައިފައި އޮތެވެ. އެ މީހާ މަޑުމަޑުން ކުރިއަށް ޖެހިލި އެވެ. ނަވާޒުގެ ލޮލުގައި އަޅައިގަތީ އޭނާގެ އޮމާން ފަ އެވެ. ފައިތިލައިން ފެށިގެން ފަލަމަސް ގަނޑާ ހަމައަށް ހާމައަށް އޮތުމުންނެވެ. އޭނާ ހިނގައިލުމާއެކު ފެންނަން ނުވާ ހުރިހާ ތަނެއް ނަވާޒަށް ފެނުނެވެ. ހެދުމެއް ލައިގެން ހުރިކަން ފިޔަވާ އިތުރު ކަމެއް އެ ހެދުމަކުން އެމީހާއަކަށް ނުކުރެވޭނެ އެވެ. އެހެންވެ ނަވާޒަށް ލޯ މަރައިލެވުނެވެ. މުޅިންތަން ހިވޭންވި އެވެ. އޭނާގެ ފުންނާބު އުސް ބޫޓުގެ ކަށިން ގޮވަމުން ދިޔަ ޓިންޓޮން އަޑުތައް ކެނޑިގެންދިޔަ އެވެ.
ނަވާޒު އިންގޮތަށް އިނީއެވެ. އޭނާ ލޯ ހުޅުވާލަން ވެސް ބޭނުން ނުވެފަ އެވެ. އަނެއްކާ އަނެއް ކަންތައް ކުރިމަތިވެދާނެތީ ބިރުންނެވެ. ކިތަންމެ ބިރު ކުޑަވެގެން އުޅުނަސް ނަވާޒަކީ ވެސް ބިރުގަންނަ މީހެކެވެ. އޭނާ ޖެހިލުން ނުވާކަމަށް ހެދެނީ އެހެން މީހުންގެ މަލާމަތުން ސަލާމަތްވުމަށެވެ. ޚުދު އެކަން ނަވާޒު ވެސް ގަބޫލުކުރެ އެވެ.
"ކާކު؟ ކާކުހޭ ތީ؟" ނަވާޒު އެ އިން ގޮތަށް އިނދެ ސުވާލު ކޮށްލި އެވެ.
ނަވާޒުގެ އަޑުގައި ހުރި ތުރުތުރުލުމުގެ އަސަރު ދިޔައީ އިތުރަށް ގަދަވަމުންނެވެ. އޭނާގެ އަޑު ނުކުންނަނީ ވެސް ކެނޑިކެނޑިގެންނެވެ.
"އަހަންނަށް ބިރުދައްކަނީ ކީއްވެ؟ ކޮބާ ބޭނުމަކީ؟" ނަވާޒު ޖެހިލުން ނުވާކަމަށް ހެދެމުން ސުވާލުކޮށްލި އެވެ.
އޭރު ވެސް އޭނާ އިނީ ލޯ މަރައިގެންނެވެ. އެއްވެސް މަންޒަރެއް ބަލަން ބޭނުން ނުވާތީ އެވެ. ނަވާޒުގެ ސުވާލަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. ނަވާޒު ހިތައިހިތާ ސުވާލު ތަކުރާރުކޮށްލަމުން ތިންވަނަ ސުވާލެއް ހިތަށް ތިލަކޮށްލި އެވެ.
"ކާކުހޭ ތީ؟" ނަވާޒު ކުރިއަށްވުރެ ބާރަށް ސުވާލުކޮށްލި އެވެ.
މިފަހަރު ނަވާޒަށް އިވުނީ އޭނާގެ އަޑެވެ. އެކޯވެގެން އަންނަ ގޮތަށް އެތައް ފަހަރަކު ފަށްވަމުން ފަށްވަމުން އިވޭ ގޮތަށެވެ. ކޮންމެ ގޮތެއް ވަރިހަމަ ކަމަށް ހިތައި ނަވާޒު ނިންމީ ދެ ލޯ ހުޅުވާލާށެވެ. އެ ހުރިހާ ކަމަކާ ކުރިމަތިލާށެވެ.
ނަވާޒު މަޑުމަޑުން ދެ ލޯ ހުޅުވާލި އެވެ. އެއްވެސް ތަނެއް އޭނާއަށް ފެންނަވަރެއް ނުވި އެވެ. އޭނާ ހީކުރީ އޭނާއަށް ލޯ ނުހުޅުވެނީ ކަމަށެވެ. ނަވާޒު ލޮލުގައި އަތް ޖައްސާލަމުން ލޯ އުނގުޅައިލި އެވެ. ދެވަނަ ފަހަރަށް ދެ ލޯ ބޮޑުކޮށްލި އެވެ. އަނެއްކާ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ ދެ ކަކޫ ގަޔާ ކައިރިކޮށްލައިގެން އިން ޒުވާނާ އެވެ. މި ފަހަރު އޭނާގެ މޫނުން ތަންކޮޅެއް ފެންނަ ވަރުވެ އެވެ. ރަތްކުލަ ޖައްސާފައިވާ އެ އަންހެން ކުއްޖާގެ އިސްތަށިގަނޑު ހުރީ އޫ އޫހެން މޫނާ ދިމާއަށް އެލޭށެވެ. ފާޑަކަށް އޮޅައިފަ އެވެ. އެހެންވެ އޭނާގެ މޫނުން ވެސް ފެންނަމުން ދިޔައީ ތަންކޮޅު ކޮޅެވެ. މޫނު މާ ސާފުކޮށް ފެންނަ ވަރެއް ނުވި އެވެ.
"ކާކުހޭ؟ ކޮބައިހޭ ކަލޭގެ ބޭނުމަކީ؟" ނަވާޒު ބިރު ނުގަންނަ ކަމަށް ހެދެމުން ސުވާލުކޮށްލި އެވެ.
އޭނާ ބޭނުންވަނީ އެ އަންހެން ކުއްޖާ ގާތަށް ގޮސް އެއީ ކާކުކަން ޔަގީންކުރާށެވެ. ނަވާޒު އުނދަގޫ ގޮތަކަށް ތެދުވެ ހިނގައިގަތެވެ.
"ނޫން. ނޫން." އެ އަންހެން ކުއްޖާ ދެ ފަރާތަށް ބޯ ހޫރައިލަމުން ނަވާޒާ ދިމާއަށް އަތް ދިއްކޮށްލި އެވެ.
"ކާކުހޭ؟ ކަލެއަށް ވާހަކަ ވެސް ދެއްކެއެއްނު، ވާހަކަ ނުދައްކަންޏާ އަހަރެން ދާނަން." ނަވާޒު އެ ކުއްޖާއަށް ދިނީ އިންޒާރެކެވެ.
"ވަރަށް ފުރިހަމަ، ވަރަށް ލޯބި." ނަވާޒުގެ ކަންފަތް ދޮށުގައި އަންހެނަކު ވައި އަޑުން ބުނެލި އެވެ.
ނަވާޒަށް ލިބުނު ސިހުމާއެކު އޭނާ ފަހަތަށް އެނބުރިލި އެވެ. އެއްވެސް އިތުރު ތަނެއް އޭނާއަކަށް ނުފެނުނެވެ. ވަށައިގެންވަނީ ކަޅު ކަމެވެ. ދެވަނަ ސިކުންތުގައި އޭނާ ކުރި ހުރި ގޮތަށް އެނބުރިލި އެވެ. ނަމަވެސް އެ ކުއްޖާއެއް ނެތެވެ. އޭނާ ގެއްލުނީ އެވެ.
"އަދިވެސް އިންތިޒާރު ކުރެވެނީ. އަދިވެސް ބޭނުންވަނީ، އިތުރަށް ބޭނުންވަނީ. ހުއްޓައިލާކަށް ބޭނުމެއް ނޫން. އަބަދުވެސް އެދެވެނީ." މިފަހަރު ނަވާޒާ ދިމާއަށް ހިނގަމުން އައީ އެއްކަލަ ރަތް ހެދުމުގައި ހުރި ޒުވާނާ އެވެ.
އޭނާގެ ހަރަކާތްތަކުގައި ހުރީ މިޔުޒިކީ ގޮތެކެވެ. އަޑުގައި ވަނީ މިޔުޒިކީ ރާގެކެވެ. ބަސްތަކުގައި ވަނީ ދަމާ ބާރެކެވެ. ނަވާޒު ވެސް އޭނާގެ އަޑަށް ލެނބުނު ކަހަލަ އެވެ.
"ލޯތްބެއް ނޫން. ހިތެއް ނޫން. ބޭނުމީ ޖިސްމާއި މޭ. ބޭނުންވަނީ އުފަލާ އަރާމު، ލައްޒަތާއި އުލްފަތު." އެ ކުއްޖާގެ ކަނާއަތް ނަވާޒާ ދިމާއަށް ދިއްކޮށްލި އެވެ.
އޭނާގެ ހިމަ ހޯލިކޮޅެއް ފަދަ އިނގިލިތައް ހުރީ ހުޅުވާލެވިފަ އެވެ. ނަވާޒަށް މަރުހަބާ ކިޔާ ބީދައަކުންނެވެ. ނޭނގޭ ބާރެއް ދަމާފައި ގެންދާ ގޮތަށް އޭނާއާ ދިމާއަށް ނަވާޒު ގެންދަމުން ދިޔަ އެވެ. މިހާރު ފެންނަނީ މުޅީން ތަފާތު ނަވާޒެކެވެ. އޭނާގެ ހަރަކާތްތައް މަޑުމޮޅި ވެފައި ލުއިވެފައިވާހެން ހީވަމުންދިޔަ އެވެ. އެ އަންހެން ކުއްޖާގެ ޖާދުވީ ހަރަކާތްތަކުން ނަވާޒުގެ ހަރުކަށި މިޒާޖު ސިކުންތެއްގެ ތެރޭގައި ބަދަލުވި އެވެ. އޭނާގެ ނަފުސު ވަޔާއި އޮޔަށް ދޫކޮށްލައިފައިވާ ކަހަލަ އެވެ.
"އިރަކީ ކަލާ ކަމުގައިވާނަމަ ހަނދަކީ އަހަރެން. އިރު ނުވާ ނަމަ ހަނދުގެ އަލިކަމެއް ނުވާނެ." އޭނާގެ ބަސްމަގުގައި ހުރީ ޝާއިރީ ގޮތްގަނޑެވެ. (ނުނިމޭ)







