Advertisement


(ތިން ވަނަ ބަޔާ ގުޅޭ)

"ހާދަ އަވަހަކަށް ހާސްވީ؟ އަހަރެން އެއްވެސް ކަމެއް ނުކުރާނަމޭ. އަހަންނަށް ބަލައި ނުލައި މަގު ހުރަސްކުރެވުނީ. ވަރަށް ބޮޑަށް ސޮރީ." އެ މީހާ ހެމުންހެމުން ކުރިއަށް ހިނގައިގަތެވެ.

ނަވާޒު ފުން ނޭވާއެއް ދޫކޮށްލި އެވެ. އޭނާ ހީކުރި ގޮތާ ޚިލާފަށް އެ މީހާގެ ޖަވާބު އައުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލި އެވެ. ސައިކަލް ސްޓާޓް ކޮށްލަމުން ދެ ފަރާތަށް ބޯ ހޫރައިލި އެވެ.

އެ ދުވަހުގެ ނުވައެއް ޖަހާ އެހައި ކަންހާއިރެވެ. އިމްތިހާނަށް ތައްޔާރުވެގެން ނަވާޒު ޔުނިވާސިޓީގެ މައި ދޮރުން ވަދެގެން ދިޔައީ އިމްތިހާނު އޮންނަ ހޯލާ ދިމާއަށެވެ. އޭނާ އިމްތިހާނު ހޯލަށް ވަދެވަދެ ހުއްޓާ މީހަކު ގޮވައިލި އަޑު އިވުނެވެ. ނަވާޒު ފަހަތް ބަލައިލި އެވެ. އޭނާއަށް ގޮވީ ސަނިއްޔާ އެވެ. ސަނިއްޔާ އަވަސް ހިނގުމެއްގައި ދުވަމުން ކަހަލަ ގޮތަކަށް އޭނާއާ ދިމާއަށް އަންނަ މަންޒަރު ފެނުމުން ނަވާޒަށް ބަލައިލެވުނީ ވަށައިގެންވާ މާހައުލަށެވެ. އޭރު އިމްތިހާނު ހޯލަށް ކުދިން ވަންނަމުން ދިޔަ އެވެ. އެހެންވެ ނަވާޒު ކުރިއަށް ޖެހިލައި ސަރައްކާލީގެ ބޭރު ފަރާތު ތިރި ފާރުގެ ރޭލިން މަތީގައި އަތް އަޅުވާލަމުން ސަނިއްޔާ ދިމާއަށް ބަލަން އޮތެވެ.

"ވަރަށް ގުޅައިފިން. ކޮބާ ފޯނު؟" ނަވާޒާ އަރާ ހަމަ ނުވަނީސް އިވުނީ ސަނިއްޔާގެ ޝަކުވާގެ އަޑެވެ.

ބަދަލުގައި ނަވާޒު ހިނިތުންވެލި އެވެ. އޭނާ ޖަވާބެއް ނުދީ މަޑުކޮށްލީ އެވެ. އެއީ އޭނާގެ އާދަ އެވެ. އިމްތިހާނު ހޯލަށް ވަންނައިރު މާގިނަ ވާހަކައެއް ނުދައްކާނެ އެވެ. މީހުންގެ ކަންކަމަކަށް މާބޮޑު ސަމާލުކަމެއް ނުދޭނެ އެވެ. ނަވާޒުގެ މުޅި ވިސްނުން އަމާޒުކޮށްލާނީ ސީދާ އިމްތިހާނަށެވެ. ނަވާޒު ގަބޫލުކުރާ ގޮތުގައި އިމްތިހާނުން އޭނާއަށް ރަނގަޅު މާކުހެއް ހޯދެނީ އެގޮތަށް ކަންތައް ކުރާތީ އެވެ. ހިތާއި ސިކުނޑި އިމްތިހާނަށް ހުސްކޮށްލާތީ އެވެ.

"އޯހް، އެއްކަލަ އިމްތިހާނަށްވީމަ މަންމަން ވާ ކުއްޖާދޯ." ސަނިއްޔާ ދިމާކުރުމުގެ ރާގުގައި ނަވާޒަށް ބަލައިލި އެވެ.

ބަދަލުގައި ނަވާޒު ނިތްއަރުވާލަމުން ހިނިތުންވެލި އެވެ. ނަވާޒުގެ އަތުގައި އޮތް ގަޑިއަށް ބަލައިލަމުން އިމްތިހާނު ހޯލާ ދިމާއަށް ލޮލުން އިޝާރާތްކޮށްލި އެވެ.

"ގުޅީ ރޭގައި ވީ އެއްބަސްވުން މަތިން ހަނދާންކޮށްދޭން. ހަނދާން އެބަހުރި ދޯ." ސަނިއްޔާ ޝަހާދަތް އިނގިލި ހިއްލައިލަމުން ވައި އަޑުން ނަވާޒަށް އިންޒާރެއްގެ ސިގުނަލް ދިނެވެ. "މަކަރު ހަދައިފި ނަމަ ހުރިހާ ކަމެއް ފަޅާއަރުވާލާނަން."

ސަނިއްޔާގެ ހަރުކަށި ޖުމުލަތައް ނަވާޒަށް އަޑު އިވުނު ކަމަކަށް އޭނާ ނަހަދަ އެވެ. އެ ލަފުޒުތައް އޭނާގެ ކަންފަތާ ހަމައަށް ނުފޯރާކަމަށް ހެދިގެން އޭނާ ހިނގައިގަތީ އެވެ. ނަވާޒުގެ ޢަމަލުތަކުން ސަނިއްޔާއަށް ލިބުނީ ހައިރާންކަމެވެ. އޭނާގެ އިންޒާރުތަކަށް ނަވާޒު ދިން ފިނި ޖަވާބުންނެވެ.

އިމްތިހާނު ހޯލަށް ވަނުމަށްފަހު ނަވާޒަށް ހާއްސަކޮށްފައިވާ މޭޒު ހޯދަމުން ގޮސް އޭނާގެ ދަރިވަރު ކާޑުގެ ނަންބަރު ޖަހައިފައިވާ މޭޒު ކައިރިއަށް ހުއްޓިލި އެވެ. އެއަށްފަހު ފަހަތް ބަލައިލި އެވެ. ސަނިއްޔާ ކޮބައިތޯ އެވެ. އޭރު ސަނިއްޔާ ވެސް މޭޒުތަކުގެ ކަނަށް ކަޅި އުކަމުން ކުރިއަށް އާދެވެ. ސަނިއްޔާގެ ދަރިވަރު ކާޑުގެ ނަންބަރު ޖަހައިފައިވާ މޭޒު ފެނުމުން އޭނާ ހުއްޓިލި އެވެ. އޭނާ ކަތި ގޮތަކަށް ބަލައިލީ ސީދާ ނަވާޒާ ދިމާއަށެވެ. ނަވާޒާއި ސަނިއްޔާއާ ދެމެދުގައި އިތުރު ދަރިވަރަކަށް ހާއްސަ މޭޒެއް ހުހަށް ހުއްޓެވެ. އޭރު އޭނާގެ ފަހަތުން ދަރިވަރުން ކުރިއަށް ދިޔުމަށް މަސައްކަތް ކުރަމުންދިޔަ އެވެ. އެހެންވެ ސަނިއްޔާއަށް ޖެހުނީ ގޮނޑީގައި އިށީންނާށެވެ. އެހެންކުދީންނަށް ތަން ދިނުމުގެ ގޮތުންނެވެ. ގޮނޑީގައި ހަމަޖެހިލަމުން ސަނިއްޔާ ފުން ނޭވާއެއް ދޫކޮށްލި އެވެ. ނަވާޒު މޭޒު ކައިރީގައި އިށީން ގޮތަށް އިތުރު ދިމާއެއް ބަލައި ވެސް ނުލަ އެވެ.

ސުވާލު ކަރުދާސް ކިޔުމަށް ދީފައިވާ ދިހަ މިނެޓުގެ ތެރޭގައި ސުވާލު ކަރުދާސް ކިޔައި ނިންމާލުމަށް އިމްތިހާނު ހޯލު ބަލަހައްޓަން ހުރި އިސްވެރިޔާ އިރުޝާދު ދިނެވެ. އެއަށްފަހު ދަރިވަރުން ކާޑު ނަންބަރު ޖަވާބުދޭ ކަރުދާހުގައި ލިޔުމަށް ވެސް އިރުޝާދު ދިނެވެ. ސަނިއްޔާ އަވަސް އަވަހަށް ދަރިވަރު ކާޑު ނަންބަރު ޖަހައިލި އެވެ. ނަވާޒަށް އެ އަޑު އިވުނުހެން ހިއެއް ނުވެ އެވެ. އޭނާ އިންގޮތަށް އިނީ އެވެ.

ދެ ގަޑިއިރަށް ދެމިގެން ދިޔަ އިންތިހާނު ނިމިގެން ދިޔަ އެވެ. ސުވާލު ކަރުދާސްތައް ނިންމުމަށް ފަހު ކަރުދާސްތައް ނަގަން ފެށި އެވެ. ކަރުދާސްތައް ނަގަމުން ދިޔައީ ފަހަތު ބަރިންނެވެ. އިމްތިހާނު ހޯލު ބަލަހައްޓާ ފަރާތުން ލަސް ފިޔަވަޅު ތަކެއް އަޅަމުން އައިސް ސަނިއްޔާގެ ސުވާލު ކަރުދާސް ނެގުމަށްފަހު ހުއްޓިލި އެވެ. ސަނިއްޔާގެ ސުވާލު ކަރުދާހަށް ނަޒަރު ހިންގައިލުމަށްފަހު މޭޒު ކަނަށް ކަޅިއެއް އެއްލި އެވެ. އެއަށްފަހު ސަނިއްޔާގެ މޫނަށް ބަލައިލި އެވެ. ސަނިއްޔާ ލުއި ގޮތަކަށް ހިނިތުންވެލި އެވެ.

"ނުބައި ނަންބަރެއްނު؟" ސުވާލު ކަރުދާސްތައް ނަގަމުން ދިޔަ މީހާ މަޑުމަޑުން ބުނެލި އެވެ.

ބަދަލުގައި ސަނިއްޔާ ހިނިތުންވެލި އެވެ. އަނެއްކާ ވެސް އެ މީހާ ސުވާލު ތަކުރާރުކޮށްލި އެވެ. މި ފަހަރު ސަނިއްޔާއަށް އެ އަޑު އިވުނު ކަމަކަށް ނުހެދި އެވެ. އޭނާ އިނީ އިސްޖަހައިލައިގެންނެވެ. ފާޑަކަށް ހިނިތުންވެލައިގެންނެވެ. އެންމެ ފަހުން އެ މީހާ، ސުވާލު ކަރުދާސް ސަނިއްޔާގެ މޭޒުމަތީގައި ބޭއްވި އެވެ.

"ދަރިވަރު ކާޑު ނަންބަރު ރަނގަޅުކޮށްލާ." މަޑުމައިތިރި ކަމާއެކު އެ މީހާ ސަނިއްޔާގާތު ބުނެލި އެވެ.

"ރަނގަޅަށް އޮތީ؟" ސަނިއްޔާ ޔަގީންކަމާއެކު ބުނެލި އެވެ.

"މޭޒުގެ ކަނުގައި އޮތް ނަންބަރާ ދިމައެއް ނުވޭ."

"އެ ނަންބަރު ގޯހީ." ސަނިއްޔާ ވެސް ލަސްލަހުން ބުނެލި އެވެ.

"ކޮބާ ދަރިވަރު ކާޑު. ނަގައިބަލަ." ސަނިއްޔާގެ މޫނަށް ބަލައިލަމުން އޭނާ ބުނެލި އެވެ.

"އޯހް. ހޯލަށް ވަން އިރު ގެނައިން. ނޭނގޭ. ވެއްޓުނީ ކަން ނޭނގެ. އަޅެ ބަލައިލަދީބަލަ." ސަނިއްޔާ އިނީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

އިމްތިހާނު ކަރުދާސް ނެގުން ލަސްވެ ސަނިއްޔާއާ އިތުރު ވާހަކަތަކެއް ދައްކަމުންދާތީ އިމްތިހާނު ހޯލު ބެލެހެއްޓުމާ ހަވާލުވެ ހުރި އިސްވެރިޔާ އެ ދިމާއަށް ހިނގައިގަތެވެ. އެ މަންޒަރު ކަރުދާސްތައް ނަގަމުން ދިޔަ މީހާއަށް ވެސް ފެނުނެވެ. އެހެންވެ އޭނާ ސަނިއްޔާގެ ސުވާލު ކަރުދާސް މޭޒު މަތީގައި ބޭއްވުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ހޯލުގެ އިސްވެރިޔާ ގާތު ސިއްރުން އޭނާ ވާހަކައެއް ބުނެލި އެވެ. އެ މީހާ ސުވާލު ކަރުދާސް ނަގަމުން ގޮސް ނަވާޒާ ހަމައަށް ހުއްޓުނެވެ.

"ކޮބާ ނަންބަރު؟" ނަވާޒުގެ މޫނަށް ބަލައިލަމުން އޭނާ ހިނިތުންވެލި އެވެ.

ބަދަލުގައި ނަވާޒު ވެސް ހިނިތުންވެލަމުން ގަލަން ނެގި އެވެ. ފަހަތުން މީހަކު ވާހަކަދައްކާ އަޑު އިވޭތީ ނަވާޒު ފަހަތް ބަލައިލި އެވެ. ސުވާލުގެ ނަޒަރުން އެ މީހާގެ މޫނަށް ނަވާޒު ބަލައިލި އެވެ.

"މި ޑެސްކުގެ ނަންބަރު އެ ކުއްޖާ ޖަހައިފަ އޮތީ. ބަދަލު ކުރާން ބުނީމަ ވެސް ނުކުރި." ނަވާޒުގެ މޫނަށް ބަލައިގެން ހުރެ އޭނާ ޖަވާބު ދިނެވެ.

ނަވާޒު އަވަސްއަވަހަށް އޭނާގެ ޑެސްކުގައި ލިޔެފައިވާ ނަންބަރު ކަރުދާހުގައި ޖަހައިލި އެވެ. އެއަށްފަހު އޭނާ ފުން ނޭވާއެއް ދޫކޮށްލި އެވެ. ސަނިއްޔާ ބަލަން އިނީ ނަވާޒުގެ ކަރުދާސް ނަގާތޯ އެވެ. ނަވާޒުގެ ކަރުދާސް ނެގި މަންޒަރު ފެނުމާއެކު އޭނާ ވެސް ގަލަން ނަގައި ކަރުދާހުގައި ޖަހައިފައިވާ ނަންބަރު ކަނޑައިލަމުން މޭޒުގައިވާ ނަންބަރު ޖަހައިލި އެވެ.

އިމްތިހާނު ނިންމާ ހުރިހާ ކުދިން ހޯލުން ނުކުންނަން ހިނގައިގަތެވެ. ނަވާޒު އަވަސްއަވަހަށް ހިނގައިގަތެވެ. ސަނިއްޔާއަށް އެ މަންޒަރު ފެނުނެވެ. ނަވާޒު ބޭނުންވަނީ ސަނިއްޔާގެ ކިބައިން ސަލާމަތްވާށެވެ. ސަނިއްޔާއަށް އެކަން އެނގުނެވެ. އެހެންވެ އޭނާ ވެސް ދެ ފިޔަވަޅު އެއްކުރަމުން ދޮރާ ދިމާއަށް ހިނގައިގަތެވެ.

އިމްތިހާނު ހޯލުން ބޭރަށް ނުކުމެވުމާއެކު ނަވާޒު މިސްރާބު ޖެހީ ބޭރަށެވެ. އޭނާ ބޭނުން ވަނީ ވީހާ ވެސް އަވަހަށް ދަނާލަށް ދާށެވެ. ނަވާޒުގެ ބޯކޮޅު ބަލަމުން ސަނިއްޔާ ދުވަމުން ކަހަލަ ގޮތަކަށް ބޭރަށް ނުކުތެވެ. ސަނިއްޔާއަށް މަގުމައްޗަށް ނުކުމެވުނު އިރު ނަވާޒު މަގު ހުރަސްކުރަނީ އެވެ. ނަވާޒު މަގު ހުރަސް ކުރި އިރަށް ބޮޑު ލޮރީއެއް އެ ދިމާއަށް އަ އެވެ. އެހެންވެ ސަނިއްޔާއަށް މަގު ހުރަސްކޮށްލެވޭ ގޮތެއް ނުވި އެވެ. ނަވާޒަށް ގޮވާލެވޭނެ ގޮތެއް ވެސް ނުވި އެވެ. ސަނިއްޔާގެ އަތް ހިއްލައިލެވުނެވެ. އޭނާއަށް ރުޅި އިސްކުރެވުނެވެ. އެހެންވެ ހިއްލައިލެވުނު އަތް ބާރުބާރަށް ތިރިކޮށްލި އެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވި އެވެ.

"ހަމަ މި ގަޑިއަށް ލޮރީ ހުރަސް ކުރާން ޖެހޭތަ؟" ސަނިއްޔާއަށް ބާރުބާރަށް ބުނެލެވުނެވެ.

"ސަނީ ހާދަ މޫޑީވެފަ. ކިހިނެއްވީ؟" ސަނިއްޔާގެ ކުލާހުގައި އުޅޭ އަޒުރާއާއި މުޝީރާ ސަނިއްޔާގެ ފަހަތުން ގޮވާލުމުން އޭނާ އެނބުރި ބަލައިލި އެވެ.

"ނަވާޒު އަންނާނަމޭ ބުނީމަ މަޑުކޮށްލީ." ސަނިއްޔާ ގަސްތުގައި ދޮގެއް ހެދި އެވެ.

"ކީއްކުރަން ނަވާޒު؟ އޭނާ ސަނީއާ ރައްޓެހިތަ؟" ސަނިއްޔާގެ މޫނަށް ބަލައިލަމުން މުޝީރާ ބުނެލި އެވެ.

"ނަވާޒު ވެސް ގަދަކޮށްފިއޭ ދޯ." އަޒުރާ ވެސް ހިނިތުންވެލަމުން ސަނިއްޔާގެ މޫނަށް ބަލައިލި އެވެ.

"ކީއްކުރަން އޭނާ ހޯދަނީ؟" މުޝީރާއަށް ކަމެއް ޝައްކުވެގެން އަހައިލާ ކަހަލަ ގޮތަކަށް ބުނެލި އެވެ.

ސަނިއްޔާއަށް ދޭނެ ޖަވާބެއް ނުވިސްނުނެވެ. އެ މީހުން އެހާ ޝައުޤުވެރިކަމާއެކު އެކަހަލަ ސުވާލުތަކެއް ކޮށްފާނެ ކަމަކަށް ކުރިން ސަނިއްޔާއަކަށް ނުވިސްނެ އެވެ. އެހެންވެ އޭނާ ހުރީ އެކަހަލަ ސުވާލުތަކަކަށް ދޭނެ ޖަވާބެއް ވިސްނައިގެންނެއް ވެސް ނޫނެވެ.

"އާނ، އެ ކުޑަ... މި ބުނީ ކުޑަކަމަކުއޭ." ސަނިއްޔާ އާގަންނަ ގޮތްވެ މީހާ ހުއްޓުންއެރި އެވެ.

މުޝީރާއާއި އަޒުރާ ދެމީހުން ދެމީހުންގެ މޫނަށް ބަލައިލި އެވެ.

"އަހަރުމެން މި ދަނީ ދަނާލަށް މުދީރު ގާތު ބުނެލަފާނަން ނަވާޒަށް ގޮވައިލަން." އަޒުރާ ނިތް އަރުވާލަމުން ބުނެލި އެވެ.

"އޭނާ ނޯޓުތަކެއް ހިފައިގެން އެބަ އާދޭ. މާދަމާ އެގްޒާމަށް ޝޯޓް ނޯޓްސް ނަވާޒު ހެދިއޭ އައްބެމެން ބުނީމަ އަހަރެން ނަވާޒު ގާތު ބުނީ ލިބިދާނެހޭ. ނަވާޒު ބުނީ އެގްޒާމު ނިންމައިފަ ހަނދާންކޮށްލަދޭށޭ." ސަނިއްޔާ ވާހަކައެއް ހަދައިލަމުން ބުނެލި އެވެ.

"ނަވާޒުއާ ދިމާ ނުވޭތަ؟" މުޝީރާ އަހައިލި އެވެ.

"ހޫނ.." ސަނިއްޔާއަށް ބުނެވުނު އެއްޗަކާ މެދު ވިސްނައިލެވުނީ ފަހުންނެވެ. "އުހުނު. އާނ، އެކަމަކު އޭނާއަށް ފެންނާނެހެން ހީވަނީ އަހަރެން މި މަގުން އައިތަން."

"މާނައަކީ ނަވާޒަކަށް ނުފެންނާނޭ ދޯ؟" މުޝީރާގެ މޫނަށް ބަލައިލަމުން އަޒުރާ ބުނެލި އެވެ.

މުޝީރާ ލޮލުން އިޝާރާތްކޮށްލީ އަޒުރާ އަށެވެ. ދާން ހިނގައިށޭ ބުނާ ކަހަލަ ގޮތަކަށެވެ. ދެ މީހުން ހިނގައިގަންނަމުން ސަނިއްޔާއަށް ބަލައިލި އެވެ. ސަނިއްޔާގެ ތުންފަތާއި ދެ ލޮލުން ފާޑެއްގެ ވައްތަރެއް ޖައްސާލި އެވެ. އަޒުރާ އެނބުރި ބަލައިލި ވަގުތު ސަނިއްޔާ ޖެއްސި ވައްތަރު ވެސް ފެނުނެވެ.

އަޒުރާއާއި މުޝީރާ ދަނާލުގެ ދޮރާށިން ވަންނަނިކޮށް ނަވާޒު ސައިކަލަށް އަރަން ފައި ހިއްލާލި މަންޒަރު ފެނުމުން ދެ މީހުން އެކުގައި ކަހަލަ ގޮތަކަށް ނަވާޒަށް ގޮވާލެވުނެވެ. ނަވާޒަށް ބަލައިލެވުނީ އެ ދެ މީހުންނާ ދިމާއަށެވެ.

"ކިހިނެއްވީ؟" ނަވާޒު އަހައިލި އެވެ.

"އެބަހުއްޓޭ ދޮން ގޮމަ ވައްޓައިލައިފަ." އަޒުރާ މަޖާވެލަމުން ބުނެލި އެވެ.

"ތި ބުނީ؟" ނަވާޒަށް ނުވިސްނިގެން އަހައިލި އެވެ.

"ނަވާއަށް އެނގޭތަ ނަވާގެ ސްޓުޑެންޓް ނަންބަރު ކުއްޖަކު ޕޭޕަރުގައި ޖަހައިގެން ބަސްޓުވިކަން." މުޝީރާ ފެށީ އެހެން ވާހަކައެކެވެ.

"ނޭނގެ، ކިހިނެއް؟ ކާކު؟" ނަވާޒު ނިތަށް ދެތިން ރޫ އަރުވާލަމުން ބުނެލި އެވެ.

"އެ ގޮމަފުޅު. އަހަރުމެން ކުލާހުގައި މާ ވެގެން އުޅޭ ކުއްޖަކު އުޅެއެއްނު." އަޒުރާ އޮޅުންފިލުވައިދިނެވެ.

"ކާކުތަ އެ؟" ނަވާޒު ނޭނގޭ ކަމަށް ހެދި އެވެ.

"އަދި މި ނަވާ ވެސް އުޅޭނެ މާ ނޫންކަމަށް ހެދިގެން،" މުޝީރާ ތުންފަތަށް ގޮތެއް ހަދައިލަމުން ބުނެލި އެވެ. "އަހަރުމެންމީ އެންމެ ގާތް މީހުންނޯ، އެކަމަކު އެ ގޮމަފުޅަށް ނޯޓު ދެނީ، ޕޭޕަރުގަ ނަންބަރު ޖަހަން ހުއްދަދެނީ."

"އަހަންނަކަށް ނުވިސްނޭ ތި ކިޔާ އެއްޗެއް." ސުވާލުގެ ނަޒަރުން ނަވާޒު ބަލައިލީ ސީދާ ދެ މީހުންގެ މޫނަށެވެ.

"މަށަށް ހީވަނީ އޭނާ ދޮގު ހެދީހެން." އަޒުރާއަށް ޝައްކުވެގެން މުޝީރާގެ މޫނަށް ވެސް ބަލައިލިއެވެ.

"އޯކޭ، ކުއްޖަކަށް ނޯޓު ދޭނަމޭ ބުނިންތަ އެގްޒާމު ނިންމައިފަ؟" މުޝީރާ ބޭނުންވީ ޔަގީންކޮށްލާށެވެ.

"މަ؟ ކޮން އިރަކު؟ ކާކަށް؟" ނަވާޒު ހައިރާންވެ ދެ ލޯ ބޮޑުވި އެވެ.

"ޔަގީން އޭނާ މި ފަހަރު ހަންޓުކޮށްލާނީ އަހަރުމެންގެ ނަވާޒު ފަކީރު. ކޮއްކޯ ނަވާޒޫ ކޮއްކޮމެން ވަރަށް ޅަވާނެ. ދައްތަމެން މި ތިބީ މީހުންނާ އިނދެ ވަރިފަށަށް އަރައިފަ ވެސް ތިޔަ ކަހަލަ ގޮތް ނޭނގޭ ބިޓުންނާ ބޮޓުންގެ ފަހަތުން ދައްތަމެންގެ ފިރިން ދުވާން ފެށީމަ." މުޝީރާ ލަސްލަހުން ބުނެލި އެވެ.

"މުޝީމެން ތި ކިޔަނީ ކީކޭތަ؟ ތަންކޮޅެއް ސާފުވާނެހެން ކިޔައިދީބަލަ." ނަވާޒު ސުވާލުގެ ނަޒަރުން ބުނެލި އެވެ.

ކަންވީ ގޮތް އޮޅުން ފިލުވައިދިނީ އަޒުރާ އެވެ. އެ މީހުންނަށް ފެނުނު މަންޒަރާއި ސަނިއްޔާ ދެއްކި ވާހަކަ ދިމާ ނުވާ ކަމަށް ވެސް ބުނެދިނެވެ. އަދި ނަވާޒުގެ ފަހަތުން މުގޯޅި އަޅަމުން ސަނިއްޔާ ދުވެފައި ކަހަލަ ގޮތަކަށް އަންނަ މަންޒަރު ވެސް ފެނުނު ކަމަށް ކިޔައިދިނެވެ. އެ ދުވަހު އިމްތިހާނު ހޯލުގައި ހިނގި ކަންތައް އެންމެ ސާފުކޮށް އަޑު އިވުނީ އަޒުރާއަށް ކަމަށް ބުނެދިނެވެ. އެއީ ނަވާޒާއި ސަނިއްޔާގެ ދެމެދުގައި އިނދެވުނީ އަޒުރާއަށް ކަމަށްވީމަ ކަމަށް ވެސް ކިޔައިދިނެވެ.

"މަށަށް މިހާރު ޝައްކު." އަޒުރާ ލަސްލަހުން ބުނެލި އެވެ.

ނަވާޒު ދާހިއްލާން ފެށި އެވެ. އޭނާގެ ނޭވާ ކުރުވެ ވަރުބަލިވާ ކަމުގެ އިހުސާސް ކުރެވެމުން ދިޔަ އެވެ. އޭނާ ހީކުރީ ކަންތައްވީ ގޮތް އެ މީހުންނަށް ސަނިއްޔާ ކިޔައިދިން ކަމަށެވެ. އަޒުރާމެންގެ ވާހަކަ ހުރީ އެކަހަލަ ގޮތަކަށެވެ. އެހެންވެ ނަވާޒުގެ މޭގެ ތެޅުން އަވަސްވި އެވެ. ފާޑެއްގެ ތުރުތުރެއް މުޅި ހަށިގަނޑުގައި ދުވެގަތެވެ.

"ސަނީ އެއްވެސް އެއްޗެކޭ ބުނީތަ؟" ނަވާޒު އެއް ނޭވާއިން އަމުނައިލި އެވެ.

"ބުނީހޭ. ހުރިހާ ކަމެއް ބަޓުވީއެއްނު އެއްފަހަރުން؟" މުޝީރާ ހޭންފެށި އެވެ.

ނަވާޒަށް އަންނަމުން ދިޔަ ބަދަލުތައް ބަލަން އަޒުރާ ހުއްޓެވެ. އޭނާގެ ނޭވާ ކުރުވެ މީހާ ހާސްވާ ގޮތާއި އަތުގެ އިނގިލިތަކާ ކުޅޭ ގޮތުން ގޯހެއް ހިނގައިފި ކަމަށް އަޒުރާގެ ހިތްބުނެލި އެވެ.

"ގޯހެއް އުޅެނީ ދޯ؟" އަޒުރާއަށް ހިފަހައްޓާލައިގެން ނުހުރެވެނެވެ. (ނުނިމޭ)