Advertisement


(ފުރަތަމަ ބަޔާ ގުޅޭ)

ނަވާޒު ހިނިތުންވެލި އެވެ. ސަނިއްޔާގެ ތައުރީފު އިވިފައި ލަދުގަންނަ ގޮތް ވެސް ވި އެވެ. ނަވާޒު އެނދުގައި އިށީނދެލަމުން ރަޖާގަނޑުގެ ދަށަށްވަދެލައި ކުއިލްޓް ނަގައި މޭމަތީ ބާއްވާލި އެވެ.

"ފޯޓީ މިނެޓެއްހާ އިރު ނިދައިލައިފަ ތެދުވާނީ ދޯ." ނަވާޒު ލަސްލަހުން ބުނެލި އެވެ.

"ތޭކްސް... ނަވާޒު ބޭނުން ނުވިނަމަވެސް އަހަރެން އެދުނީތީ މިރޭ ތި ކޮށްދިން ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަހަންނަކަށް ނޭނގޭ މީގެ ބަދަލު ދޭނެ ގޮތެއް ވެސް." ސަނިއްޔާ ތުއި ރާގެއްގައި ނޫން ކަމަށް ހެދެމުން ބުނެލި އެވެ.

"ބަދަލެއް ބޭނުމެއް ނޫން. އެނގޭމީހާ ނޭނގޭ މީހާއަށް ބުނެދިނުމަކީ ލާޒިމު ކަމެއް. ވާޖިބެއް. މި އަހަރެންގެ ވިސްނުމަކީ. ޚިދުމަތް ލިބޭ މީހާގެ ކަމެއް ބަލައިގަތުމަކީ. ދެން ނިދައިލަނީ. ވާހަކަދައްކަން ތިބެވިދާނެ." ނަވާޒު ފާރާ ދިމާއަށް އެނބުރިލި އެވެ.

ސަނިއްޔާ އިނީ އެނދުގައި އިށީދެ ދެ ފައި ވަށްކޮށްލައިގެން ނަވާޒަށް ބަލާށެވެ. އޭނާގެ ނިޔަނެތި ފިރިހެންވަންތަ ހަށިގަނޑުގައި ކަޅި ތަތްކޮށްލައިގެންނެވެ.

އިރުކޮޅެއް ނުވަނީސް ނިދީގެ ވާދީގެ ތެރެއަށް ނަވާޒު ފީނައިގަތެވެ. އޭރު ވެސް ސަނިއްޔާ އިން ގޮތަށް އިނީ އެވެ. ނަވާޒަށް ބަލާށެވެ. ހީވަނީ އިންތިޒާރެއްގައި އިން ހެންނެވެ. ނަވާޒު ނިދިކަން ޔަގީންވުމުން ސަނިއްޔާ ތެދުވި އެވެ. އޭނާ ލައިގެން ހުރި ހެދުން ބަދަލުކޮށްލި އެވެ. ރީތިވާ މޭޒު ކައިރިއަށް ޖެހިލަމުން ލިޕްސްޓިކް ނެގި އެވެ. އެއަށްފަހު ނަވާޒާ ދިމާއަށް ބަލައިލަމުން ނުލަފާ ގޮތަކަށް ހިނިތުންވެލި އެވެ. އެ ހިނިތުން ވުމުގެ ފަހަތުގައި ވަނީ ކޮންފަދަ ސުންޕާ ހިޔާލެއް ކަން އެނގެނީ ޚުދު އޭނާއަށެވެ. އޭނާގެ ލޭގެ ތެރޭގައި ކެކެމުން ދިޔަ ޖަޒުބާތާއި އިހުސާސްތަކަށްވުރެ ހިތުގައި ހުރި އުދާހުގެ ގަމިނި މާބޮޑެވެ.

"ބަލައިގަތުމީ އަނެކާގެ ކަމެކޭ. ހެއް." ދެ މާނަ އެކުލެވޭ ރާގެއްގައި ސަނިއްޔާ މަޑުމަޑުން ބުނެލި އެވެ.

ތުންފަތާއި މޫނުގައި ކުލަ ޖައްސާ ނިންމާލަމުން ސެންޓުފުޅި ނަގައި ކަރުދަށަށް ބުރުވާލި އެވެ. އެއަށްފަހު ރަނޑު ގޮތަކަށް ހިނގަމުން ގޮސް އެނދުގައި އިށީނދެލި އެވެ. އޭނާގެ އޮމާން ކަށިމަތީގައި ކަނާއަތުގެ ޝަހާދަތް އިނގިލި ޖައްސާލަމުން މައްޗަށް ހިންގައިލި އެވެ. މޭމަތި ހުރަސްކޮށް އޭނާގެ ތުންފަތާ ހަމައަށް އެ އިނގިލި ހިންގައިލަމުން ލޯ ކުނާކޮށްލި އެވެ. ސަނިއްޔާ ފެންނަ ކޮންމެ މީހަކަށް އޭނާގެ ހިތުގެ އިހުސާސްތައް ސާފުވާނެ އެވެ. އެހައި ވެސް ބޮޑަށް އޭނާ ވަނީ ބަދަލުވެފަ އެވެ. ފާޑެއްގެ މަސްތެއް ވެފަ އެވެ.

ސަނިއްޔާ މަޑުމަޑުން ނަވާޒުގެ ގައި މަތީ އޮތް ރަޖާގަނޑު އެއް ފަރާތްކޮށްލި އެވެ. ނަވާޒު ނިދީގައި އޮވެ ހަރަކާތްކޮށްލި އެވެ. އޭނާއަށް އެނބުރިލެވުނީ ސަނިއްޔާއާ ދިމާއަށެވެ. ސަނިއްޔާ ވިހަ ގޮތަކަށް ހިނިތުންވެލި އެވެ. ހީވީ އޭނާ ބޭނުންވާ ގޮތަށް ކަންތައް ފަހިވުމުން ބަދަލުގައި ޝުކުރު އަދާކޮށްލިހެންނެވެ. ސަނިއްޔާގެ ހިމަ ދިގު ދުލުގެ ކުރި ނެރެ އަމިއްލަ ތުންފަތަށް ވަށައިގެން ހަރަކާތްކޮށްލި އެވެ.

ސަނިއްޔާ ލައިގެން އިން ރަތްކުލައިގެ ތުނިތުނި ނިދާ ހެދުމުގެ ކޮނޑު އޭނާގެ އަތްދަނޑި މައްޗަށް ވައްޓައިލި އެވެ. ހެދުމުގެ ފަސްބައިގައި ހިފައިލަމުން އޭނާގެ އޮމާން ކުޑަކަޅުވާ ހާމަކޮށްލި އެވެ. ފައިގެ ފަލަމަސްގަނޑުން ބޮޑު ބައެއް ވެސް ހާމަކޮށްލި އެވެ. އެންމެ ފަހުން ނަވާޒާ ދިމާއަށް އޭނާ ގުދުވެލައި ނަވާޒުގެ ޖިންސުގެ ގޮށްތަކުގައި ހިފައިލި އެވެ. ސަނިއްޔާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ތަރުތީބުކޮށް ނިންމާލުމަށްފަހު ނަވާޒުގެ އަތްދަނޑި މަތީގައި ބޯ އަޅައިލަމުން ނަވާޒުގެ މޫނާއި ސަނިއްޔާގެ މޫނު ކައިރިކޮށްލި އެވެ. އެގޮތަށް އޮވެ ނަފުސީއެއް ނެގި އެވެ. އަނެއްކާ އަނެއް ގޮތަށް ބަދަލުވި އެވެ. އެކި ފަހަރު އެކި ގޮތަށް އޮވެ ފޮޓޯ ނެގި އެވެ. އެ މަންޒަރުތައް އޭނާގެ ފޯނަށް ޖަމާކޮށްލި އެވެ. ނަވާޒަށް އެއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވެ އެވެ. އޭނާ އޮތީ ނިދައި މަރުވެފަ އެވެ.

އެންމެފަހު ނަވާޒުގެ މޭމަތީގައި ސަނިއްޔާ ބޯ އަޅައިލި އެވެ. ސަނިއްޔާގެ ހިމަ ހޯލިތަކެއް ފަދަ އިނގިލިތައް ހަރަކާތްކޮށްލި އެވެ. ނަވާޒުގެ ބަނޑުގައިހުރި ގޮޅިބަރީގައި އޭނާ ފިރުމި އެވެ. ނަވާޒު ހަރަކާތެއް ކޮށްލި އެވެ. އޭނާ މަޑުމަޑުން ސަނިއްޔާއާ ދިމާއަށް އެނބުރިލި އެވެ. ސަނިއްޔާ އޮތީ ނޭވާ ހިފަހައްޓާލައިގެންނެވެ. ސަނިއްޔާ ހީނކުރީ ނަވާޒު ހޭލީ ކަމަށެވެ. އޭނާ ޖެހި ހުރިހާ ސަކަރާތެއް ނަވާޒަށް އެނގުނީ ކަމަށެވެ. އޭނާގެ ހަރަކާތްތައް ނަވާޒަށް ފަޅާ އެރީ ކަމަށެވެ. އެހެންވެ އޭނާގެ މޭގަނޑު އަތަށް ނައީ ހަމަ ކިރިޔާއެވެ. ސަނިއްޔާ އަނގަމަތީ އަތްއަޅައިގެން އެތެރެއަށް ނޭވާ ހިފަހައްޓައިލި އެވެ.

ނަވާޒު އެނބުރިލަމުން ސަނިއްޔާގެ ގައިގައި އޮޅުލައި ގަތެވެ. ހީވީ ބާލީހެއްގައި ބައްދާލިހެންނެވެ. ސަނިއްޔާ ހިނިތުންވެލި އެވެ. އޭނާގެ ހިތުން ބިރުވެރިކަން ފިލައި ދިޔަ އެވެ. އެހެންވެ ފުން ނޭވާއެއް ބޭރުކޮށްލި އެވެ. ލާނެތް ގޮތަކަށް ހިނިތުންވެލަމުން ލޮލަށް ވެސް ވައްތަރެއް ޖައްސާލި އެވެ. ނަވާޒުގެ މުށުތެރޭގައި ތާށިވެފައި އެތައް އިރެއް ވަންދެން ސަނިއްޔާ އޮތެވެ. އެހެން އޮއްވާ އޭނާއަށް ވެސް ނިދުނީ އެވެ. ނިދުނީ ކޮން އިރަކު ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެ އެވެ.

ނަވާޒަށް ހޭވެރިކަންވީ ފޯނު އެލާމުވާ އަޑަށެވެ. ނިދީގައި އޮވެ ފޯނު ނަގައި އެލާމް އޮފް ކޮށްލި އެވެ. އޭރުވެސް ސަނިއްޔާ އޮތީ ނަވާޒުގެ މެއާލައި ބޮނޑިކޮށްލައިފަ އެވެ. އިރުކޮޅެއް ފަހުން އަނެއްކާ ވެސް އެލާމްވާން ފެށި އެވެ. ނަވާޒު ދެ ލޮލަށް ގޮތެއް ހަދައިލަމުން ލަސްލަހުން ލޯ ހުޅުވާލި އެވެ. އޭނާއަށް ބަލައިލެވުނީ މައްޗަށެވެ. ފަނޑު އަލިކަމުގެ ތެރެއިން ލޮލުގައި އަޅައިގަތީ ހުއްޓިފައިވާ ފަންކާ އެވެ. ދެ ފަހަރަކު އެސްފިޔަ ޖަހައިލި އެވެ. އޭނާއަށް ސަނިއްޔާގެ ކޮޓަރީގައި އޮވެވުނު ކަން ހަނދާނަށް އައީ ދެނެވެ. އެހެންވެ އޭނާއަށް ބަލައިލެވުނީ އެނދަށެވެ. ބައްދައިގެން އޮވެވުނު ބާލީހަށެވެ. ލިބުނު ސިހުމާއެކު ދުރަށް ޖެހިލެވުނެވެ. ހުރިހާއިރު އޭނާއަށް ކަންނޭލެއް ކަމަށް ހަދައި ބައްދައިގެން އޮވެވުނީ ސަނިއްޔާގެ ގައިގައި ކަން އެނގުމުން ޖެހިލުން ވެވުނެވެ.

އޭނާ ސަނިއްޔާއާ ދިމާއަށް ފުން ނަޒަރަކުން ބަލައިލެވުނެވެ. އެންމެ ފަހުން އޭނާގެ ހާލަތު ބަލައިލެވުނެވެ. އޭނާގެ ޖީންސު މުށިގަނޑުގައި އޮތްތަން ފެނުނެވެ. ނަވާޒު ހާސްވެ ކަންބޮޑުވާން ފެށި އެވެ. އޭނާއަށް ނިދީގައި ކަމެއް ކުރެވުނު ބާއޭ ހިތަށް އެރި އެވެ. އެފަދަ ހަނދާނެއް ނުވިއެވެ. ސުވާލުތަކުން ނަވާޒުގެ ހިތް ފުރި ބަންޑުންވަމުން ދިޔަ އެވެ. ބޮލަށް ބަރުޖެހި މީހާ ހާސްވާގޮތްވަމުން ދިޔަ އެވެ.

މަޑުމަޑުން ސަނިއްޔާއާ ދުރަށް ޖެހިލި އެވެ. އެކިތަނުން އެކި އެތި ނަގައި ހަމަކޮށްލަމުން ފާޚާނާއާ ދިމާއަށް ހިނގައި ގަތެވެ. އޭނާއަށް ހުއްޓިލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލި އެވެ. ޚިޔާލު ބަދަލުވީ އެވެ. މަޑުމަޑުން ހަރަކާތްކޮށްލި އެވެ. ޖީންސުގެ ގޮށްތައް އަޅުވާލަމުން އެނދުގައި އިށީނދެލި އެވެ. ފުން ނަޒަރަކުން ސަނިއްޔާއަށް ބަލައިލި އެވެ. ދެ ފިކުރެއްގައި އިނދެ އެނދަށް ބަލައިލި އެވެ. ބެޑުޝީޓު އޮތް ގޮތް ފެނި އިތުރަށް ހާސްވާ ގޮތްވި އެވެ. ފާޑަކަށް ޔަގީން ވެސް ވީ އެވެ. އޭނާ ބޭނުންވީ ފާޚާނާއަށް ވަންނާށެވެ.

ނަވާޒު ސިއްރުސިއްރުން ފިޔަވަޅު އަޅަމުން ގޮސް ފާޚާނާއަށް ވަދެ ދޮރު ލައްޕާލި އެވެ. އެންމެ ފުރަތަމަ ވެސް ބަލައިލެވުނީ އޭނާގެ މޫނަށެވެ. ތަރުތީބު ގެއްލި އެގޮތް މިގޮތްވެފައިވާ އޭނާގެ ބޮލުގެ އިސްތަށިގަނޑަށެވެ. އޭނާގެ ކަޅި ހުއްޓުނީ ކަނދުރާއާ ދިމާއަށެވެ. ފިކުރުތަކުން ބަރުވަމުން ދިޔަ ހިތަށް ހަމަޖެހުމެއް ނުލިބި އިތުރަށް ބަރުވަމުން ދިޔަ އެވެ. އެންމެ ފަހުން އޭނާ މޭމައްޗަށް ނަޒަރު ހިންގައިލި އެވެ. މޭމަތީގައި ހުރި ރަތްކުލަތައް ފެނުމުން އޭނާގެ އިނގިލި އޭގައި ޖައްސާލި އެވެ. އިނގިލީގައި ވެސް އެ ކުލަތައް އުނގުޅުނެވެ. އެހެންވެ އޭނާއަށް ޔަގީންކުރެވުނެވެ. އެއީ ކޮން ކުލައެއް ކަމެވެ. އެންމެފަހުން ނަވާޒު މޫނުގައި ދެ އަތްއެޅި އެވެ. އޭނާއަށް ފާޚާނާ ތަށި މައްޗަށް ތިރިވެވުނެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފާ ވާންކޮށްލެވުނެވެ. އެއާއެކު އޭނާގެ ލޮލުން ހޯސްލައިފައި ކަރުނަތައް އޮހިގަތެވެ.

"އަހަންނަށް މި ކުރެވުނީ ކޮން ކަމެއް؟ މިހެން ވާންވީ ކީއްވެ؟ އަހަންނަށް އެ ވަރުކަމެއް ކުރެވުނު އިރު ނޭނގުނީ ކީއްވެ؟ ހަމައެހާ ނިދި ގަދައީތަ؟" ނަވާޒު ރޮމުން ގިސްލަމުން އިނދެ މަޑުމަޑުން ޝަކުވާ ކުރި އެވެ.

އޭނާގެ ޒަމީރު އޭނާއަށް މަލާމަތްކުރަމުން ދިޔަ އެވެ. ހުރިހާ ދުވަހު އޭނާ ހިނގި މަގުން ކައްސާލީތީ އެވެ. ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައި އޭނާގެ ވިސްނުން ބަދަލުވީތީ އެވެ. ނަފުސު ވަޔަށް ކެހުނީތީ އެވެ. ނަވާޒު މުއްކަވާލުމަށްފަހު އޭނާގެ މޭގައި ދެ އަތުން ތަޅަން ފެށި އެވެ. ބާރުބާރަށެވެ. އޭނާގެ އަތުން މޭގައި ޖެހޭ ކޮންމެ ތަނެއް ރަތްވަމުން ދިޔަ އެވެ. ފާޑަކަށް ދިލަ ތަދެއް އިހުސާސްވާނެ ފެށުމުން މޫނާ ދިމާއަށް އަތް ހަރަކާތްކުރާން ފެށި އެވެ. އަތުގެ ހަމަލާތައް ނިތަށް އަމާޒުވާން ފެށި އެވެ. ދެ އަތުން ނިތުގައި ތަޅަމުން ދިޔަ އެވެ. ރޮމުން ގިސްލަމުންނެވެ. ތަރުތީބެއް ނެތި އެވެ. އެއްފަހަރު ނިތުގައި ޖަހައިފާނެ އެވެ. އަނެއްފަހަރު މޭގައި ޖަހައިލަފާނެ އެވެ. ކަނދުރާއަށް ހަމާލާއެއް އަމާޒުކޮށްލަފާނެ އެވެ. އަމިއްލަ ހިތަށް މަލާތްމަތްކޮށް ޝަކުވާ ކުރަމުންނެވެ. ނަވާޒު ހީވަނީ މޮޔައެއް ހެންނެވެ.

ފަތިސްނަމާދުގެ ބަންގީގެ އަޑަށް އޭނާއަށް ސިހުން ލިބުނެވެ. އޭނާ ދެ ފަރާތަށް ބަލައިލި އެވެ. ހުރިހާ އިރު އުޅެވުނީ ހުވަފެނެއްގައި ކަމަށް ވިސްނުނެވެ. ނަމަވެސް އޭނާއަށް އިނދެވުނީ ފާޚާނާ ތަށި މަތީގައި ކަން ކަށަވަރުވި އެވެ. އެހެންވެ އޭނާ ތެދުވެ މޫނުދޮންނަ ތަށްޓާ ދިމާއަށް ޖެހިލި އެވެ.

އަނެއްކާ ވެސް ލޮލުގައި އަޅައިގަތީ ކަނދުރާގައި ހުރި ކުލަތަކެވެ. ނިޝާންތަކެވެ. އޭނާއަށް ޔަގީން ކުރެވުނެވެ. ނަމާދަށް ވުޟޫކުރަން ހިތަށް އެރި އެވެ. އެހެންވެ އިސްކުރު ދޫކޮށްލާ އަތްގޮށްޓަށް ފެން އެޅި އެވެ. ނަމަވެސް ދެ ވަނަ ސިކުންތުގައި އޭނާއަށް ވިސްނައިލެވުނެވެ. އަތްގޮށްޓަށް އެޅި ފެންތައް ވެސް އިހުރުގެ ތެރެއިން ތަށްޓަށް އޮހި ހުސްވީ އެވެ.

ހިތުގެ ޝަކުވާއަށްވުރެ ބޮޑަށް އޭނާއަށް ކުރެވުނީ އަމިއްލަ ނަފުސުގެ ޝަކުވާއެވެ. އޭނާގެ ޒަމީރު އޭނާގެ ކުރިމަތީގައި ހުރެ ކުރި ޝަކުވާތަކެވެ. އޭނާއަށް އިވެމުން ދިޔައީ އޭނާގެ ޒަމީރުގެ މަލާމާތުގެ އަޑެވެ. މުޅި ފާޚާނާގެ އެތަން މިތަނުންނެވެ. އޭނާއަށް މަލާމަތްކުރާ އަޑެވެ. އޭނާއަށް ހީވީ ބަޔަކު އެއްވެގެން ތިބެ އިނގިލި ދިމާކޮށްކޮށްފައި އޭނާއަށް މަލާމަތްކޮށް ހެމުންދާ ހެންނެވެ.

ނަމަވެސް އެ ހުރިހާ ކަމަކުން އޭނާ ސަލާމަތްވި އެވެ. އަމިއްލަ ނަފުސުގެ މައްޗަށް ގަދަވެ ގަތެވެ. އޭނާ ކިޔެވި އެއްޗެއްގެ ބޭނުންކޮށްގެންނެވެ. މޫނުދޮންނަ ތަށްޓާ ދިމާއަށް ގުދުވެލަމުން މޫނުގައި ފެން އުނގުޅައިލި އެވެ. ލިބުނު އަރާމާއެކު ހިތުގެ ޝަކުވާތައް އޮބެމުން ދިޔަހެން ހީނވަމުން ދިޔަ އެވެ.

ނަވާޒު ލަސްލަހުން ހިންދިރުވާލި އެވެ. މާޔޫސްކަމުގެ ސާލެއް ގައިގައި އޮޅައިލައިގެން އޭނާ ފާޚާނާއިން ނުކުތެވެ. މަޑުމަޑުން ދޮރު ލައްޕައިލަން ހިފައިލި އިރަށް ދޮރުން ރާންކިޔައިފައި ބާރު އަޑުފަށްގަނޑެއް އިވުނެވެ. އެއާއެކު އޭނާއަށް ބަލައިލެވުނީ އެނދުގައި އޮތް ސަނިއްޔާ އަށެވެ. ސަނިއްޔާ ދެ ފަރާތަށް އެނބުރިލި އެވެ. ކުއްލިއަކަށް އޭނާ ތެދުވި އެވެ. އެނދުގައި އިށީނދެލަމުން ނަވާޒާ ދިމާއަށް ބަލައިލި އެވެ.

ނަވާޒަށް ހުއްޓެވުނެވެ. ސަނިއްޔާ ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ އެވެ. ނަވާޒަށް ހީވީ ދެ ފަރާތުން އޭނާގެ ބޮލުގައި ތަޅާ ގަތް ހެންނެވެ. މުޅި ކޮޓަރި ތެރޭގައި ބާރަށް ބެރު ޖަހައިހެންނެވެ. އޭނާގެ ހިތުގެ ތެޅުމާ އެއްވަރަށް ބުން އަޑު ގަދަވަމުންދާ ހެންނެވެ. އޭނާ އެއް ފަހަރު ސަނިއްޔާއަށް އަނެއް ފަހަރު އެނދަށް ބަލައިލައެވެ. ގުޅަވެށިފައި އޮތް ބެޑުޝީޓާއި އެނދުގެ އެއް ކަނުގައި އެލެން އޮތް ކުއިލްޓަށް ބެލުނެވެ.

އެ މަންޒަރުން ސަނިއްޔާއަށް ކަމެއް ފާހަގަވެދާނެތީ ނަވާޒު ހުރީ ބިރުން ރޫރޫ އަޅައަޅާ އެވެ.

ސަނިއްޔާއަށް ނަވާޒު ފެނުނެވެ. ނަވާޒަށް އިސް ޖަހައިލެވުނެވެ. އެ މަންޒަރު ސަނިއްޔާއަށް ފެނުނެވެ. ސަނިއްޔާއަށް މޮޅު ޚިޔާލެއް ވެރިވި އެވެ.

"މި ކޮންކަމެއް؟" ސަނިއްޔާ އަޑު ބަދަލުކޮށްލަމުން މޫނުމަތިން ދެތިން ރޫ އަރުވާލި އެވެ.

"އަހަރެން... އަހަރެން.." ނަވާޒު އަމިއްލަ ދިފާއުގައި އަވަސްއަވަހަށް ބުނެލި އެވެ. "ގަސްތުގައި އަހަރެން އެއްވެސް ކަމެއް ނުކުރަން."

"އޭނ... ކީކޭ؟ ކަލޭ މަށާ..." ސަނިއްޔާ ރުންކުރު ރާގެއްގައި ބުނެލި އެވެ. (ނުނިމޭ)