Advertisement

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)


މުޅި ދުނިޔެ އޮތީ މެންދަމު ގަދަ ނިދީގެ ރަޖާގަނޑުގެ ދަށުގަ އެވެ. އެ ހިމޭންކަމުގެ ތެރެއިން އިވެމުންދަނީ ފަންކާއިން ވައި ކެފޭ އަޑެވެ. ދޭތެރެއަކުން ފަނިފަކުސާތަކުގެ ބޫން އަޑު އިވުނު ނަމަވެސް ތަނަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ނިދާ ބޮކީގެ ފަނޑު އަލިކަމުގެ ތެރެއަށް އިތުރު ވެފައިވަނީ، ކޮޓަރީގެ ކުޑަދޮރު ކައިރީގައި ބަހައްޓާފައި ހުރި ކުޑަ މޭޒުމަތީގައި ދިއްލާފައިވާ ފޮތްކިޔާ ބޮކީގެ ހުދު އައްޔެވެ. އިރުއިރުކޮޅާ ފޮތުން ގަނޑެއް އެއްލެ އެވެ. އެ އަޑު ވެސް އިވެނީ ބާރު އަޑެއްގެ ގޮތުގަ އެވެ. ކުއްލިއަކަށް އިވުނީ ފުން ނޭވާއެއް ބޭރުކޮށްލިއަޑެވެ.

މޭޒު ކައިރީގައި އިނީ ނަވާޒެވެ. އޭނާ ބަލައިލީ މޭޒުމަތީގައި ހުރި ނަންބަރު ބަދަލުވާ ގަޑިއަށެވެ. އޭރު ގަޑިން މެންދަމުން އަލިވެ އެކެއް ޖަހަނީ އެވެ. ނަވާޒު ދެ އަތް މައްޗަށް ހިއްލައިލަމުން މޯޅިއަކަށް ދެމިލާ ކަހަލަ ގޮތެއް ހަދައިލި އެވެ. ދެ ލޮލަށް ވާންކޮށްލަމުން ފުން ނޭވާއެއް ބޭރުކޮށްލި އެވެ. މޭޒުމަތީގައި އޮތް ފޯނަށް ނަޒަރު ހިންގައިލި އެވެ. ފޮތްކިޔަން ފެށުމުގެ ކުރިން ވައިފައި އޮފް ކޮށްލާ ފުލައިޓް މޯޑަށްލީ ހަނދާންވި އެވެ. އެއީ އޭނާގެ އާދައެވެ. ފޮތް ކިޔާން އިށީނދެއްޖެ ނަމަ އޭނާގެ ސިކުނޑި އޮންނާނީ ފޮތުގަ އެވެ. ޚިޔާލުތައް ތަތްވާނީ ގަނޑުތަކަށެވެ. އެހެން ޚިޔާލުތަކާއި ފިކުރުތައް ބޮލުން ނެރެ އުކާލާނެ އެވެ. އުނދަގުލެއް ވެދާނެފަދަ ހުރިހާ ދޮރެއް ހުންނާނީ ބަންދުކޮށް ތަޅުލައިފަ އެވެ.

ފޯނުގެ ފުލައިޓް މޯޑު އޮފްކޮށްލި އެވެ. ރާސްކިޔައިފައި ނޮޓިފިކޭޝަންތައް އޮހިގަތެވެ. މިސް ކޯލު އެލާޓްތަކެވެ. ފަރުވާ ކުޑަ ގޮތަކަށް ނަމަވެސް އޭނާ ބަލައިލީ އިންބޮކުސް އަށެވެ. ގުޅައިފަ އޮތީ ކާކުތޯ އެވެ. ނަވާޒުގެ ދެ ލޯ ބޮޑުވި އެވެ. މުޅީން ވެސް އެއް ނަންބަރަކުން ގުޅަން މަސައްކަތް ކޮށްފައި އޮތުމުންނެވެ. އޭނާ ނަންބަރަށް ބަލައިލި އެވެ. އެއީ ސަނިއްޔާގެ ނަންބަރެވެ. އެހެންވެ އޭނާ ވިސްނައިލި އެވެ. މޭޒުގައި ކަނާއަތް އުޅަނބޮށި ވިއްދައިލަމުން ބޮޑުވައި އިނގިލީގައި ދަތްދޮޅި އަޅުވައިލި އެވެ. ހިތުގައި ސުވާލުގެ ބާނިތަކެއް އުފެދިގެން ދިޔަ އެވެ. ނަވާޒުގެ ސިކުނޑިއަށް ޖަވާބެއް ތިލައެއް ނުވި އެވެ. އޭނާއަށް ވިސްނާވިސްނާ ވެސް ޖަވާބެއް ނުލިބުނެވެ. އެހައި ގިނައިން ސަނިއްޔާ ގުޅަން ޖެހޭ ސަބަބެކެވެ.

ސަނިއްޔާއަކީ އޭނާގެ ކުލާހުގައި އުޅޭ ޒުވާނެކެވެ. ހިތް ކިޔައި ކަހަލަ ރީތި ކުއްޖެކެވެ. އަބަދުވެސް ލުއި ހިނިތުންވުމަކުން މީހުންނަށް މަރުހަބާ ކިޔާ މީހެކެވެ. ކުލާހުގައި އުޅޭ ހުރިހާ އަންހެން ކުދީންނާ ގުޅޭ ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ކަންކަން ރާވާ އިންތިޒާމު ކުރުމުގައި ދެވަނައެއް ނުވާ ކެރޭ ކުއްޖެއް ވެސް މެ އެވެ. ކުލާހުގައި އޭނާއަކީ އިސްވާރެކެވެ. ނަގާ ކިޔާ މޭސްތިރިއެކެވެ. އެހެންވެ މުޅި ކުލާހުން އަބަދުމެ އިވެނީ "ސަނީ"ގެ ނަމެވެ. ސަނިއްޔާއާއި ނަވާޒުގެ ދެމެދުގައި އޮތީ ކުލާސްވަންތަ ގުޅުމެކެވެ. ދެ ގުޅުން ބަދަހިކޮށްދެނީ ހިމަ ނަމަވެސް އިލްމީ ރޮނގަކުންނެވެ.

ސަނިއްޔާއަށް ގުޅަންވީބާއޭ ނަވާޒުގެ ހިތަށް އެރި އެވެ. ނަމަވެސް، ގަޑިއަށް ބަލައިލުމަށް ފަހު އެ ހިޔާލު ދޫކޮށްލަން އޭނާ ނިންމި އެވެ. އެހެންވެ މޭޒުމަތީގައި ފޯނު ބޭއްވުމަށް ފަހު ފޮތްތައް ތަރުތީބުކޮށްލި އެވެ. ފޮތްކިޔާ ބޮކި ނިއްވާލި އެވެ. ކޮޓަރިތެރެއަށް ފަނޑު އަލިކަމެއް ވެރިވި އެވެ. އެއާއެކު ފޯނުގެ ސްކުރީނު ދިއްލުނެވެ. ނަވާޒަށް ބަލައިލެވުނީ ފޯނަށެވެ. ގުޅަނީ ސަނިއްޔާ އެވެ. ނަވާޒަށް ވިސްނައިލެވުނެވެ. މި ދަންވަރު އޭނާ ގުޅަންވީ ސަބަބަކާ މެދުގަ އެވެ. ދެ ފިކުރެއްގައި ހުރެ ނަވާޒު ފޯނު ނެގި އެވެ. ސަލާމަށް ޖަވާބު ދިން އަޑެއް ނީވެ އެވެ. އިރުކޮޅެއް ވަންދެން އަޑެއް ބަޑެއް ނީވެދިޔަ އެވެ. ބަދަލުގައި ނަވާޒު ވެސް ވާހަކައެއް ނުދައްކަ އެވެ. ސަނިއްޔާގެ އަޑެއް އިވޭތޯ އިނީ އެވެ. އެއްވެސް އަޑެއް އެކޮޅުން ނީވުނެވެ. ނަވާޒު މަޑުމަޑުން ވާހަކަ ދެއްކި އެވެ. ސަނިއްޔާގެ ނަމުން ދެފަހަރަކު ގޮވާލި އެވެ. ބަދަލުގައި ސަނިއްޔާ އަނގައިން ނުބުނެ އެވެ. އެންމެ ފަހުން ނަވާޒު ނިންމީ ނިދީގައި އޮވެ ސަނިއްޔާއަށް ގުޅެނީ ކަމުގަ އެވެ. އެހެންވެ އޭނާ ފޯނު ކަނޑައިލި އެވެ.

ނަވާޒު ގޮސް އެނދުގައި އޮށޯވެލި އެވެ. ލޮލަށް ބަރުޖެހުމުން ދިޔަ ނިންޖަށް ފުރުސަތު ދެމުން އޭނާ ދެ ލޯ މަރައިލި އެވެ. އޭނާއަށް ނިދިނިދި އޮއްވާ ފޯނު ވައިބުރޭޓްވާ އަޑަށް ހޭލެވުނެވެ. ފަރުވާ ކުޑަ ގޮތަކަށް ލޯ ހުޅުވާލަމުން އަތް ދިއްކޮށްލީ އެނދާ އިންވެގެން ހުރި ކަބަޑު މަތީ އޮތް ފޯނަށެވެ. ފޯނު ނަގައި ސްކުރީނަށް ބަލައިލި އެވެ. ގުޅަނީ ހަމަ ސަނިއްޔާ އެވެ. ނަވާޒުގެ ހިތުގައި ސުވާލުތައް އުފެދެމުން ދިޔަ އެވެ. ސަނިއްޔާ ކަމާ ކަންފަށާ މިރޭ އޭނާއަށް ގުޅަނީ ކޮންމެ ވެސް ސަބަބެއް އޮތީމަ އެވެ. އެހެންވެ އޭނާ ފޯނަށް އިޖާބަ ދޭން ނިންމި އެވެ.

ނަވާޒުގެ އަޑު ޖެހުމާއެކު އެކޮޅުން އިވެން ފެށީ ރުއިމުގެ އަޑެވެ. ވޭނީ ގިސްލުމެއްގެ އަޑެވެ. ނަވާޒަށް ޔަގީން ކުރެވުނީ އެއީ ސަނިއްޔާގެ އަޑުކަމެވެ. ނަވާޒުގެ ލޮލުން ނިދީގެ އަސަރު ފިލައި ދިޔައެވެ. އޭނާއަށް ބޭއިޚުތިޔާރުގައި ތެދުވެވުނެވެ. އެނދުގައި އިށީނދެވުނެވެ.

"ސަނީ؟ ސަނީ؟ ކިހިނެއްވީ؟" ނަވާޒު ދެ ލޯ ބޮޑުކޮށްލަމުން އަހައިލި އެވެ.

"ނަވާ... ނަވާ... ޕްލީޒް... އަހަންނަށް ހެލް-" ސަނިއްޔާ ރޮމުން ގިސްލަމުން ބުނެލި އެވެ.

"ކިހިނެއްވީ؟ ކިހިނެއްވީ؟" ނަވާޒު ވެސް ތަކުރާރުކޮށް އެއް ސުވާލެއް ކޮށްލި އެވެ.

"ފޯނަކުން ކިޔައެއް ނުދެވޭނެ.. ނަވާއަށް މިގެއަށް އާދެވިދާނެތަ؟" ހުއްޓަމުން ހުއްޓަމުން ކަހަލަ ގޮތަކަށް ސަނިއްޔާ ވާހަކަ ދެއްކި އެވެ.

"މިގަޑީ؟ ކިހިނެއް؟ ކިހިނެއް؟" ނަވާޒު ދެ ލޯ ބޮޑުވި އެވެ.

"ނަވާޒު ވެސް އަހަންނަށް އަޅައިލަން ބޭނުން ނުވަނީތަ؟ އަހަރެން ހީކުރީ އެކަކު ނެތަސް ނަވާޒު ހުންނާނެ ކަމަށް، ނަވާޒު އަހަންނަށް އެހީވާނެ ކަމަށް. އެކަމަކު އެހެންނެއް ނޫން ދޯ މިވީއެއް." ސަނިއްޔާގެ ރާގު ބަދަލުވާން ފެށި އެވެ.

"ސަނީ! ސަނީއަށް ރަނގަޅަށް އެނގެއެއްނު އަހަރެން މިއުޅެނީ ދަނާލުގައި ކަން. މިތަނުގެ ގަވާއިދު، އުސޫލުތައް." ވިސްނައިދޭ ރާގެއްގައި ނަވާޒު ބުނެލި އެވެ.

"ނުކުމެވޭނެ ގޮތްގޮތް ހުންނާނެ. މުދީރު ގާތު ބުނީމަ ނެރެދޭނެ." ސަނިއްޔާގެ ރާގު ބަދަލުވި އެވެ.

"ގަބޫލުކުރެވޭ ފަދަ ހާލަތެއް ނަމަ އެކަން ކޮށްދޭނެ. އެކަމަކު އެފަދަ ހާލަތެއް ނެތެއްނު." ނަވާޒުގެ އަޑުގައި ހުރީ މަޑުމައިތިރި ގޮތެވެ.

"ނަވާޒަކަށް ނޭނގޭތަ އަހަރެން މި ހުރީ ކޮން ހާލަތެއްގައި ކަމެއް؟ ކިނިހެއްވެފައި ކަމެއް. އެހެން ގޮތެއް އޮތް ނަމަ އަހަރެން ނަވާޒަށް ގުޅާ މިހެން އާދޭހެއް ނުކުރާނެއްނު. ދެން ޕްލީޒް ނަވާޒޫ..." ސަނިއްޔާ އާދޭސްކުރާން ފެށި އެވެ.

"ބުނެދީބަލަ ވެގެން އުޅޭ ގޮތެއް. އޭރުންނެއްނު އެނގޭނީ." ސަނިއްޔާގެ ބަސްތަކަށް ނަވާޒު ހެއްލެމުން ދިޔަ އެވެ.

"މާދަމާ އެގްޒާމަށް... އަހަންނަށް އެއްވެސް އެއްޗެއް ނޭނގޭ. މިއަދު ބޮޑު ކަންތައް ގަނޑެއް ހިނގައިގެން އެއްވެސް ކަމެއް ނުކުރެވުނު. ފޮތުގައި އަތެއް ނުލެވުނު. ސަލާމަތްވީ ބާރަޖެހިފަހުން. ފަހުން އެވާހަކަ ކިޔައިދޭނަން،" ސަނިއްޔާ އާދޭސްކުރާ ރާގެއްގައި ބުނެލި އެވެ. "އަހަންނަށް ކަމެއް ކޮށްދެންޏާ މިރޭ އައިސްދީބަލަ އަހަންނަށް ހެލްޕުވެލައިފަ ފަތިސްވީމަ ދާނީ..."

"އާނ،" ނަވާޒު ހައިރާންވި އެވެ. "އެގްޒާމު އޮތީމަ ރަނގަޅަށް ނިދަން ވެސް ޖެހޭނެ. ވަރަށް ނިދި އައިސް މި އޮތީ."

"އަހަރެން ހިއެއް ނުކުރަން ނަވާޒު ތިޔައީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ކަމަކަށް. އަހަންނަށް މިވީހާ ތަނަށް ފެނުނީ ނަވާޒުގެ އިހުލާސްތެރިކަން. ވިސްނިފައި އޮތީ ތިޔައީ ވަރަށް ރަނގަޅު، މީހުންނަށް އޯގާތެރި އަޅައިލާ މީހެއް ގޮތުގަ. ނަވާޒުގެ އިލްމީ ކާމިޔާބީ އެހެން މީހުންނަށް ލިބުމަށް އެދޭ މީހެއް ގޮތުގަ. ކުލާހުގައި އިން އެންމެ މޮޅު މީހާއަށް ވީތީއޭ ކިޔައި އެއްވެސް ބޮޑާވެރިކަމެއް ނުބާއްވާކަން. އެކަމަކު.."

ސަނިއްޔާގެ ވާހަކަތަކުން ނަވާޒު ހިތުގައި ޖެހުނެވެ. އޭނާއާ މެދު ފާޅުކުރި އިހުލާސްތެރި ބަސްތަކުން ހިތަށް ފިނިކަން ލިބުނެވެ. ނަމަވެސް، އެކަމަކު އޭ ބުނެ ސަނިއްޔާ ދައްކަން އުޅުނު ވާހަކައާ މެދު އޭނާއަށް ވިސްނައިލެވުނެވެ. ސަނިއްޔާ ބުނަން އެ އުޅުނީ ކޮން ވާހަކައެއް ކަން ސާފުވި އެވެ. އެ ނަމުގައި ބެދި އޭނާގެ ނަފުސަށް ހުތުރެއް ލިބޭކަން ނަވާޒު ބޭނުމެއް ނުވި އެވެ.

"ސަނީ ތިވަރަށް އާދޭސްކުރީތީ އަހަރެން އެބަ ޓްރައިކޮށްލަން ދޮގެއް ހަދައިފަ ނަމަވެސް ނުކުމެވޭތޯ." ނަވާޒު އެނދުން ތެދުވި އެވެ.

އޭނާ ދިޔައީ ޑިއުޓީގައި އިން ފާރަވެރިޔާގެ ގާތަށެވެ. ގޮސް ވާހަކަތަކެއް ދެއްކުމާއެކު މައި ދޮރު ހުޅުވާލި އެވެ. ނަވާޒުގެ ސައިކަލަށް އަރައި އިސްޓާޓްކޮށްލި އެވެ. މެންދަމުގެ އެ ހަމަހިމޭން މާހައުލުގައި އޭނާ ނޫން މީހަކު ހޭލާ ނުއުޅެ އެވެ. ތެތްފިނިކަމުން ފުރިބާރުވެފައިވާ ޖައްވުގެ ތެރޭގައި ސައިކަލް ދުއްވަމުންދާ ވަރަކަށް އޭނާގެ ގައިގައި ތެތްފިނިކަން ދިޔައީ އޮޅުލަމުންނެވެ. މީހާ ތުރުތުރު އަޅަމުން ދިޔަ އެވެ. ސައިކަލް މަތީގައި އިންދާ ދެތިން ފަހަރަކު ސަނިއްޔާ ގުޅި އެވެ. އެއްފަހަރު ފޯނަށް ޖަވާބު ދިނެވެ. ކައިރިވަނީ ކަމުގައި ބުނެދިނެވެ.

ސައިކަލް ޕާކު ކުރުމަށްފަހު ނަވާޒު ބަލައިލީ ސަނިއްޔާ އުޅޭ ގެއަށެވެ. އިމާރާތުގެ ދެވަނަ ފަންގިފިލާއިން މަގާ އިންވެގެން ހުރި ކޮޓަރިން ހުދުކުލައިގެ އަލިކަން ފެންނަމުން ދިޔަ އެވެ. ނަވާޒަށް ޔަގީން ކުރެވުނީ އެއީ ސަނިއްޔާގެ ކޮޓަރިކަމެވެ. ނަވާޒު މަގުމަތީގައި މަޑުކޮށްލައި އިމާރާތަށް ބަލައިލި އެވެ. އޭނާ ފޯނު ނަގައި ގުޅައިލަން އުޅެނިކޮށް ދިއްލިފައިވާ ކޮޓަރީގެ ކުޑަދޮރު ހުޅުވާލައި ބޭރަށް މީހަކު ބޯދިއްކޮށްލި އެވެ. އެއީ ސަނިއްޔާ އެވެ. ސަނިއްޔާ އަތުން ހަރަކާތްކޮށްލި އެވެ. ފޯނު ނަގަން ބުނެލި އެވެ. ނަވާޒު ބަލައިލީ ފޯނަށެވެ. އޭރު ސަނިއްޔާ ގުޅަނީ އެވެ.

"ގޭޓުން ވަދެގެން އާދޭ. ސެކަންޑް ފްލޯއަށް އަރާ." ސަނިއްޔާ ވައި އަޑުން ބުނެލި އެވެ.

ނަވާޒު ޖެހިލުންވެ ހުރެ ސިޑިއާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ ސިކުނޑީގެ ތެރޭގައި ސުވާލުތައް ފަތިވަރަކަށް އެމުނެމުން ދިޔައެވެ. ސިޑީގެ ކޮންމެ ހަރުފަތަކާއެކު ހިތުގައި ބިރުވެރި ރާގެއް ވެސް ކުޅެވެމުން ދިޔަ އެވެ. މި ދަންވަރު ހިލޭ އަންހެނެއްގެ ބަހަށް އެކަހެރި ވެވޭތީ އެވެ. ކޮންމެ ފަދަ މުސީބާތަކާ ވެސް ކުރިމަތި ލާން ޖެހިދާނެތީ އެވެ. އޭނާ ބޭރަށް ނުކުންނަށް ވެސް ދޮގެއް ހަދަން ޖެހުނީތީ އެވެ. އޭނާއަށް ކަމެއް ދިމާވެއްޖެ ނަމަ ކުށްވެރިވާނީ ޚުދު އޭނާކަން ވެސް އެނގޭތީ އެވެ.

ދެ ވަނަ ފަންގިފިލާއަށް އެރުމާ އެކު ނަވާޒަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ސަނިއްޔާއަށް ގުޅަން ފޯނު ނެގި އިރަށް އެޕާޓުމަންޓުގެ ދޮރު ހުޅުވާލި އެވެ. ސަނިއްޔާ ބޯދިއްކޮށްލި އެވެ. އޭނާގެ ބޮލުން އިޝާރާތްކޮށްލި އެވެ. ސަނިއްޔާގެ ހަރަކާތްތަކުން ސިފަވީ ވަގުންގެ ހަރަކާތްތަކެކެވެ.

ސަނިއްޔާގެ ލުއި ހަރަކާތްތަކަށް އިޖާބަދެމުން ނަވާޒު ގޮސް ސަނިއްޔާގެ ކޮޓަރިއަށް ވަނެވެ. އޭނާއަށް ބަލައިލެވުނެވެ. ފުރިހަމަ ރީތި ކޮޓަރިއެކެވެ. ތަނަވަސް ހިތްގައިމު ބޮޑު އެނދެކެވެ. ކިޔަވަން ހާއްސަ މޭޒެކެވެ. ކޮޓަރީގެ ފިނިކަން ހުރީ ހިފަހައްޓައިލެވިފަ އެވެ. ނަވާޒަށް އެތެރެއަށް ނޭވާ ދަމައިލެވުނެވެ. ކޮފީ ތާޒާ ވަހުން މޭ ފުރުނު ކަހަލަ އެވެ.

"އަޅޭ... ތޭންކްސް.... އަހަރެން ހާދަ... ހާދަ އުފާވެއްޖޭ. ބައްދާލާ ހިތްވަނީ. ދުވަހަކު ވެސް... ހަމަ ދުވަހަކު ވެސް މިކަން ހަނދާނެއް ނުނެތޭނެ." ސަނިއްޔާ ތުއިވެލަމުން ނަވާޒަށް ޝުކުރު އަދާކޮށްލި އެވެ.

ބަދަލުގައި ނަވާޒު އަނގައަކުން ނުބުނެ އެވެ. ލުއި ގޮތަކަށް ހިނިތުންވެލައިގެން ހުރީ އެވެ.

"އިށީނދޭ.. މި ހުރީ ކޮފީ ވެސް." ގޮނޑިއަށް އިޝާރަތްކުރަމުން ސަނިއްޔާ ބުނެލި އެވެ.

"ނޯ ތޭންކްސް... މިއައީ ކޮފީއަކަށް ނޫނެއްނު ދޯ." ނަވާޒު ލާނެތް ރާގެއްގައި ބުނެލި އެވެ.

"އޯކޭ ހިނގާ ފަށަމާ އަވަހަށް..." ސަނިއްޔާ ގޮނޑި ކައިރިކޮށްލަމުން ބުނެލި އެވެ.

ނަވާޒަށް އެތެރެއަށް ނޭވާ ދަމައިލެވުނެވެ. ސަނިއްޔާގެ ގައިން ދުވަމުން ދިޔަ ތާޒާ ވަހުން ހިތް ފުރެމުން ދިޔަ ކަހަލަ އެވެ. އޭނާއަށް ސަނިއްޔާ ބަހައްޓަމުން ދިޔަ ގާތްކަމާއި އުޅޭ ގޮތުން ކުޑަކޮށް އުނދަގޫ ގޮތެއް އިހުސާސް ވެސް ކުރެވެމުން ދިޔަ އެވެ. އެންމެ ހިނދުކޮޅަކަށް ވެސް ނަވާޒު އެތަނަށް ދިޔަ މަގުސަދު މަތިން އޭނާ ހަނދާން ނައްތައެއް ނުލަ އެވެ.

އިމްތިހާނުގައި އަތުވެދާނެ މުހިއްމު ބައިތައް ސަނިއްޔާއަށް އޮޅުންފިލުވައިދެމުން އޭނާގެ ސުވާލުތަކަށް ޖަވާބު ދެމުން ގެންދިޔަ އެވެ. ފޫހިކަމެއް ނެތި ފަހަރަކު ބައެއް ކިޔައިދެމުންނެވެ. އެގޮތުގައި ގަޑިއެއްހާ އިރު ފާއިތުވެ ދިޔަ އެވެ. ސަނިއްޔާ އާނ ފުރިލި އެވެ. އަނގަމަތީ އަތް އަޅައިލަމުން ނިދިއަންނަ ގޮތް ދައްކާލި އެވެ.

"ދެން އަހަރެން ދަނީ އިނގޭ." ނަވާޒުގެ މުލައްދަނޑީގައި ސަނިއްޔާ އެލިގަތުމުން އޭނާ ގަޔާ ދުރުކޮށްލަމުން ބުނެލި އެވެ.

"ހާދަ އަވަހަކަށް. އަދި އެބައޮތް ނޭނގޭ އެއްޗެއް ވެސް. އެ ކޮންމެހެން ވެސް ކިޔައިދޭންވާނެ. އެކަމަކު އަހަންނަށް ދެން އިތުރު އެއްޗެއް ވިސްނޭވަރެއް ނޫން. މިހާރު މިހުރީ ނިދި ބަރާވެފަ." ސަނިއްޔާ އެއްލެމުން އެއްލެމުން ކަހަލަ ގޮތަކަށް ބުނެލި އެވެ.

"ދެން ކިހިނެއް ހަދާނީ؟ އަހަރެން ވެސް ކުޑަކޮށް ނިދައިލަން ބޭނުންވޭ އެބަ." ނަވާޒު ވެސް އާނފުރިލި އެވެ.

"އެނދުގައި އޮށޯވެލާ. އިރުކޮޅަކުން ތެދުވެ އަނެއްކާ ކިޔަވާލާނީ." ސަނިއްޔާ އިޝާރާތްކޮށްލީ އެނދަށެވެ.

"ކަމަކު ނުދާނެ." ނަވާޒު ދެކޮޅު ހެދި އެވެ.

"އެ ކީއްވެ؟ އަހަރުމެން މި އުޅެނީ ގޯސް ކަމެއް ކުރާކަށް ނޫނެއްނު." ސަނިއްޔާގެ އަޑުގައި ނިދީގެ ރާގު އެކުލެވެމުން ދިޔަ އެވެ.

"އެކަމަކު ވެސް ގޯހެއް ވެސް ވެދާނެ. ނޭނގޭނެ ކަންތައް ބަދަލުވެގެންދާނެ ގޮތެއް." ނަވާޒު ވިސްނައިލަމުން ބުނެލި އެވެ.

"ގޯހެއް ހަދަންވެސް ނުހަދަންވެސް މި ތިބީ ދެމީހުންނެއްނު. ނަވާޒުގެ ވިސްނުން ތިހުރީ ނުލާހިކު ތެދުކޮށް. ދެން ކީއްވެ ގޯހެއް ހެދެންވީ؟" ސަނިއްޔާ ކައިރިވެލީ ނަވާޒާ އެވެ. "އަހަރެން ވަރަށް ވަރަށް ދެރަވާނެ. އެ ބައިތައް ކިޔައި ނުދީފިނަމަ. ނަވާޒު ބުނެދޭ ގޮތުން ވަރަށް ފަސޭހައިން އަންޑަރސްޓޭންޑްވޭ... ކޮންސެޕްޓުތައް ބޮލަށް ވަންނަލެއް ވަރަށް ފަސޭހަ.. ޕްލީޒް.. ނަވާޒު އޮވޭ އެނދުގެ މި ފަޅީ އަހަރެން އޮންނާނަށް އަނެއްފަޅީ."

"ދެން؟" ނަވާޒު ޗުސް ކަނޑައިލި އެވެ.

"ދެން ޕްލީޒް." ސަނިއްޔާ އާދޭސްކުރާން ފެށި އެވެ.

"އޯކޭ ދެން." ނަވާޒަށް އެނޫން ގޮތެއް ނެތުމުން އެއްބަސްވި އެވެ.

ނަވާޒު ގޮސް އެނދު ކައިރީގައި ހުއްޓިލި އެވެ. ނަވާޒުގެ ހަރަކާތްތަކަށް ބަލަން ހުރެ ސަނިއްޔާ ވެސް ގޮސް އެނދުގައި އިށީނދެލި އެވެ. ތަރުތީބުކޮށްލައިފައިވާ ބާލީސް ނަގައި ނަވާޒަށް ދިއްކޮށްލި އެވެ.

"ގަމީހާ އެކު ނިދީމަޔޯ؟" ސަނިއްޔާ ހިނިތުންވެލި އެވެ.

"ބޭލީމަ ޔޯ." ނަވާޒު ލަދުރަކި ގޮތަކަށް ބުނެލި އެވެ.

"އެއްވެސް ކަމެއް ނުވާނެއްނު. ނަވާޒު ލަދު ގަންނަނީތަ؟" ސަނިއްޔާގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ދުވެލި އެވެ.

"ކީއްވެ؟ ކޮންކަމަކާ؟" ހިތާ ދެކޮޅަށް ނަވާޒު ޖަވާބު ދިނެވެ.

ނަވާޒު ގަމީހުގެ ގޮށްތަކުގައި ހިފައިލި އެވެ. ސަނިއްޔާ އިނީ ހިނިތުންވެލައިގެންނެވެ. ނަވާޒުގެ މޫނަށް ބަލާށެވެ. ނަވާޒު ވެސް ސަނިއްޔާގެ މޫނަށް ބަލައިގެން ހުރެ ގޮށްތައް ނައްޓައިލި އެވެ. ލާނެތް ގޮތަކަށް ހިނިތުންވެލައިގެން ހުރެ އެވެ. އެންމެ ފަހުން ގަމީސް ބާލައި ކައިރި ހުރި ގޮނޑީގައި ބާއްވާލި އެވެ.

"ވާވް، ސޯ ހޭންޑްސަމް. ވަރަށް ވަރަށް ލޯބި... ފުރިހަމަ..." ސަނިއްޔާ މަޑުމަޑުން ބުނެލި އެވެ. "ފިލްމްސްޓާރެއް..." (ނުނިމޭ)