މަހްލޫފްގެ މައްސަލައިގައި ބައެއް ކަންކަން ފުރިހަމަކުރަން ޕީޖީން އަންގައިފި

ޔޫތު މިނިސްޓަރު މަހްލޫފް: އޭނާގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން ވަނީ ޕީޖީއަށް ހުށަހަޅާފައި. -- ފޮޓޯ/ އަދަދު

ޔޫތު މިނިސްޓަރު މަހްލޫފް: އޭނާގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން ވަނީ ޕީޖީއަށް ހުށަހަޅާފައި. -- ފޮޓޯ/ އަދަދު

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލައިދޭން އެދި ފޮނުވާފައިވާ މައްސަލައިގައި މަދުވާ ލިޔުންތައް ހަމަކޮށް, ބައެއް ކަންކަން ފުރިހަމަކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގައިފި އެވެ.

ޕަބްލިކް ޕްރޮސިކިއުޓަ އަހްމަދު ޝަފީއު މިއަދު "އަދަދު"އަށް ވިދާޅުވީ ދައުވާނުކުރަން ނިންމައި އެ މައްސަލަ އަނބުރާ ފޮނުވައެއް ނުލާ ކަަމަށެވެ. އޭސީސީއަށް އެންގީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި ވެސް ރަނގަޅުކުރަން އެންގި ބައެއް ކަންކަން އިތުރަށް ފުރިހަމަކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލައިދޭން އޭސީސީން އެދުނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި، 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ. މި ތަހުގީގު ގެންދިޔައީ އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން ފުލުހުން ގުޅިގެންނެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އެކަމަކު މި ދައުވާކުރަން ފޮނުވުމާ ގުޅިގެން މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ މަހްލޫފް ވަނީ މި ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

އޭސީސީން ބުނިގޮތުގައި މެލޭޝިއާގައި ހުންނެވުމަށް ފަހު މަހްލޫފް ރާއްޖެ ވަޑައިގަތީ އެސްއީޒެޑް ބިލް ފާސްކުރަން އޮތް ދުވަހު ސީދާ ވޯޓަށެވެ. އެ ބިލް ފާސްކުރީ އޮގަސްޓް 27، 2014، ގަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، މަހްލޫފަށް ޗެކަކުން ފައިސާ ޖަމާކުރެއްވީ ސަރުކާރާ އެއްކޮޅަށް އެ ބިލް ފާސްކުރަން ވޯޓު ދެއްވުމަށް ކަމަށް ތަހުގީގުން އެނގެން އޮތް ކަމަށް އޭސީސީން ބުންޏެވެ.

އެ ވޯޓަށް ފަހު އަދީބު އާއި މަހްލޫފްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް، އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ.

ކޮމިޝަނުން ބުނިގޮތުގައި އެ ފައިސާ އަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަން ދެއްކުމުގެ ގޮތުން އެސްއޯއެފްގެ ނަމުގައި ތައްޔާރުކޮށްފައިވާ ޕޭމަންޓް ރިސީވްޑް ލިއުމެއް މަހްލޫފްގެ ފަރާތުން ހުށަހަޅާފައިވެ އެވެ. އެކަމަކު އެ ފައިސާ އަކީ ޑޮލަރު ގަތުމަށް ދިން ފައިސާކަން އެނގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވީ އޭނާ އަށް ލިބިފައި ވަނީ ރިޝްވަތުގެ ފައިސާކަން ހެކިންގެ ބަހުންނާއި ތަހުގީގުން ލިބިފައިވާ ހެއްކާއި ގަރީނާއިން އެނގެން އޮތުމުން ކަމަށް އޭސީސީން ބުންޏެވެ.

މަހްލޫފް އޭސީސީއަށް ދީފައިވާ ސިޓީ އާއި ބަޔާނަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާލަމާތަކީ ސައްހަ މުއާމާލަތެއްކަން ދައްކައި އޮޅުވާލަން ދީފައިވާ ލިއުންތަކެއް ކަމަށް ކޮމިޝަނުން ބުންޏެވެ. އެހެންވެ އޭނާގެ މައްޗަށް ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލައިގައި ވެސް ދައުވާ އުފުލައިފަ އެވެ.

އެސްއީޒެޑް ވޯޓަށް ފަހު އަދީބާއި މަހްލޫފްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖްތަކާއި އެސްއޯއެފްގެ ޗެކް، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާ ގުޅުވުމުން އެ ފައިސާއަކީ ރިޝްވަތުގެ ފައިސާ ކަމަށް ތަހުގީގުން އެނގޭ ކަމަށް ބުނެފައިވާ ވާހަކަ މަހްލޫފް ދޮގު ކުރެއްވި އެވެ.

އޭސީސީން އެ އިޝާރާތްކުރި މެސެޖްތަކާ ގުޅޭ ގޮތުން "އަދަދު"ން ސުވާލުކުރުމުން މަހްލޫފް ވިދާޅުވެފައި ވަނީ އެއީ "ކަނޑައެޅިގެން ދޮގު" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ފެށުނީއްސުރެން އޭނާއާ މެދު އަމަލުކުރަމުން އައީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށެވެ. އެކަން އެގޮތަށް ކުރަނީ ވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

"އެ މީހުންނަށް ނުވިސްނެނީ އަޅުގަނޑު މި އުޅެނީ މަގާމުގައި ބަގުޑިބައްދައިގެން ހުންނަން ނޫން ކަން،" މަހްލޫފް ވިދާޅުވި އެވެ.

"ކުރި ތުހުމަތު ވެސް ގޯސް. ތުހުމަތުކުރީ އެސްއީޒެޑް ބިލަށް ވޯޓު ދީގެން. ނަމަވެސް އޭރު އަޅުގަނޑަކީ ޕީޕީއެމްގެ މަޖިލިސް މެމްބަރެއް. ވޯޓު ދިނީ ތްރީލައިން ވިޕާ އެއްގޮތަށް،" މަހްލޫފް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox