Advertisement

ދިގުވާހަކަ: އޮލިމްޕަސް

9 މޭ 2021 - 18:04 0

މުހައްމަދު ގާސިމް

މުހައްމަދު ގާސިމް


ދިގުވާހަކަ: އޮލިމްޕަސް

9 މޭ 2021 - 18:04 0

(ބުދަ ދުވަހުގެ ބަޔާ ގުޅޭ)

"ކޮންކަމަކާ މާ ފިކުރު ބޮޑުވެފަ ތި އޮތީ؟"

"ޝިމާނާ އުޅެން މި ދިމާކުރަނީ ކޮން ފާޑަކަށްތަ؟" އިޤުބާލު ފުންމައިގެން ތެދުވިއެވެ. އޭރު އޭނާގެ މޫނުމަތީން ފެންނާން ހުރީ ރުޅިވެރިކަމުގެ ރަތްކުލައެވެ.

"ކިހިނެއްވީ އަނެއްކާ؟" ބަދޫރާ ހުރީ ވާނުވާ ނޭނގިފައެވެ.

"މި ރޭ ވެސް ނަޖާހު އައިމަ، އެ އެއްޗެކޭ މި އެއްޗެކޭ ކިޔާފައި، އެ ސޮރު އެެ ފޮނުވައިލީ. އަޅެ މަ ރުޅި މަޑެއް ނޫންތަ؟"

"މަޑު. ވަރަށް މަޑު. އެކަމަކު ޝިމާނާ ކަންކުރި ގޮތެއް ވެސް މަށަކަށް ގޯހެއް ނޫން!" ބަދޫރާއަކަށް އެކަން މައްސަލައަކަށް ނުވިއެވެ.

"ގޯހެއް ނޫނޭ؟" އަކުރުތަކަށް ދަމައިލަމުން އިޤުބާލު ސުވާލުކުރިއިރު، އޭނާގެ ދެ ލޯ ހުރީ، ދެ ކާށިކިބައަށް ވެފައެވެ. "ބަދޫރާމެންނަށް ގޯހަކަށް ވަނީ ކިހައި ވަރެއްވީމާތަ؟"

"އިޤުބާލު! ނިކަން ހަމަޖެހިބަލަ!"

"ހަމަޖެހެވޭތަ؟ ހުރިހައި ގޭނުމެއް ގޭނެންޖެހޭ މީހަކީ މަށޭ!" އިޤުބާލުގެ ރުޅި އައީ ގަދަވަމުންނެވެ.

"ހަމަނުޖެހެންވެންޏާ ދެން ތެޅިފޮޅޭންވީނު!" ބަދޫރާގެ އަޑު ވެސް ބާރުވިއެވެ. "އަޅެ މީހަކު ހައިރާނެއް ނުވާނެތަ؟ އިޤުބާލު ތި އުޅެނީ އެ މަންޖެ ނީލަމަށް ލާންތަ؟ ނޫނީ ވިޔަފާރި މުދާގަނޑަކަށް ހަދައިގެންތަ؟"

"ކިހައި ރަނގަޅު! އެންމެ ފަހުން މަށެއްނު މި ގޯސްވީ. ބަދޫރާއަށް ކީއްވެތަ ނުވިސްނިގެން ތި އުޅެނީ؟ ތި ނާށިގަނޑުގެ ތެރޭގައި އޮތީ، ގަނޑު ރަބަރުގަނޑެއްތަ؟ ނޫނީ ބޮލާކީނި ގުޅައެއްތަ؟" ޝަހާދަތް އިނގިލީގެ ކުރި، ބަދޫރާގެ ބޮލުގެ ފުށްކިބައިގައި ޖައްސަައިލިއިރު، އިޤުބާލުގެ ދެ ދަތްޕިލަ ހުރީ ބާރުވެފައެވެ.

"މި އުޅެނީ މަށަށް ނުވިސްނިގެނެއް ނޫނޭ! މި އުޅެނީ އިޤުބާލަށް ވިސްނޭލެއް ބޮޑުވެގެން. އެއީ ވެގެން މި އުޅޭ ގޮތަކީ. އެނގިއްޖެ؟"

"ހިތުން މަލާމާތް ދޯ ތި ކުރީ؟"

"މަށެއް އިޤުބާލަކަށް މަލާމާތެއް ނުކުރަން. ނުވެސް ކުރާނަން! އެކަމަކު ތިހެން އުޅުނީމަ އިޤުބާލަށް މަލާމަތްކުރާނެ މީހުން މި ދުނިޔޭގައި ވަރަށް ގިނަވާނެ! ލިބުނު އެންމެ އަންހެން ދަރިއަކު ބޮޑުވެ ފުރާވަރަށް އެރީމަ، ބަފަޔަކު އުޅެންޖެހޭ ގޮތަކަށް ނޫން ތި އުޅެވެނީއެއް."

"ކިހިނެެއްތަ މަ މި އުޅެނީ؟"

"ހިލޭ ފިރިހެނަކާއެކު އެ މަންޖެ ބޭރަށް ނުފޮނުވިގެންނު ތި އުޅެނީ."

"އެހެންވިއްޔާ މީހަކާ ހިތާނުވެ ގޭގަ އިންނަންވީނު!" އިޤުބާލުގެ އަޑު ވެސް މަޑެއް ނޫނެވެ.

"އިޤުބާލަކަށް ނުވިސްނޭނެ! ނިކަން ތި އެނދުމަތީގައި މަޑުމަޑުން އިނދެ ފުންކޮށް ވިސްނައިލަބަލަ! ތި ނަޖާހަކީ ކޮންކަހަލަ އުޅުމެއް ހުރި މީހެއްކަމެއް، މަށަކަށް ވެސް އިޤުބާލަކަށް ވެސް އަދި އެނެގެނީއެއް ނޫން! ނަޖާހު ބޭނުންވާ ކޮންމެ ފަހަރަކު، ތި ގޮތަށް އެ ކުއްޖާ ބޭރަށް ފޮނުވައި، ބޭނުންކަމެެއް ކުރަން ފުރުސަތު ފަހިކޮށްދޭން ފަށައިފިއްޔާ، ވަރަށް ފަސޭހައިން އޮންނާނީ ކަތި ފިޔަވަޅު އެޅިފަ. އެ މީހުން ބޭރަށް ދާން އުޅޭ ފަހަރުފަހަރު ވެސް، އަހަރެމެން ޖެހޭނީ އެކަން މަނާކުރާ ބަޔަކަށް ވާން. އެއީ ރަނގަޅު ގޮތަކީ."

އިޤުބާލު މި ފަހަރު ރައްދުގައި އެއްޗެއް ނުބުނެއެވެ. ބަދޫރާއާ ދިމާއަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި، ގޮސް އެނދުގައި އިށީނދެ، ދެ އަތުން ބޮލުގައި ހިފަހައްޓާލައިގެން ހަނުހިމޭނުން އިނީއެވެ. އިޤުބާލު ވިސްނާނޭ ވަރަކަށް ވިސްނާން ފުރުސަތު ދީފައި، ބަދޫރާ ވެސް އިސްތިރިކުރާން ހުރީއެވެ.

"މި ކަހަލަ ވާހަކަ މަށަށް މި ދެއްކެނީ ސަބަބެއް ނެތިއެއް ވެސް ނޫން!" އިރުކޮަޅަކު އިނދެފައި، ފުން ނޭވާއަކަށްފަހު އިޤުބާލު ވާހަކަ ފެށިއެވެ. އެހެންނަމަވެސް މި ފަހަރު އޭނާގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ. "މީގެ ކުޑައިރުކޮޅެއް ކުރީން ނިިޒާރު ގުޅާފަ އެ ބުނީ، އަނެއްކާ ވެސް ގޭގެ ކުލި ބޮޑުކުރި ވާހަކަ. މި ފެށޭ މަހުން ފެށިގެން، ހަތް ހާސް ރުފިޔާ ދޭންޖެހޭނެޔޯ. މުސާރަ އެއްކޮށް ކުއްޔަކަށްނު އެ ދިޔައީ. މި ވަރުން ކިހިނެއް އަހަރެމެން ކަހަލަ މީހުން ދިރިއުޅޭނީ؟ މި ކަންކަމާ ވިސްނަ ވިސްނާ ބޯ ގޮވަނީ."

"އެހެންނަމަވެސް ހިލޭ ފިރިހެނުންނާ އެ މަންޖެ ދޯޅުކުރުވަން ނޫޅޭ! އެއީ ވަރަށް ކަމުނުދާ ކަމެއް."

"ނަޖާހު ކަހަލަ، މާލޭގައި ގެދޮރުހުރި، ރަނގަޅު ކުއްޖަކު އެ މަންޖެގެ ހަޔާތުން ބީވެދާނެތީ ގަންނަ ބިރެއްގެ ބޮޑުކަމުން މަށަށް މިހެން މި ވާހަކަ މި ދެއްކެނީ."

"އެ މަންޖެ ދެކެ ތެދުވެރި ލޯތްބެއް ނަޖާހު ވަންޏަކާ، ތިހެނެއް ނުވާނެ!"

"މި ޒަމާނުގެ ކުދީންގެ ވިސްނުމާއި ފިކުރު ހުންނަގޮތެއް ބަދޫރާއަކަށް ނޭނގޭނެ!"

"އާނ! އިޤުބާލު ކަހަލަ މި ޒަމާނުގެ ކުދީންނަށް، މި ޒަމާނުގެ ކުދީންގެ ވިސްނުމާއި ފިކުރު ހުންނަ ގޮތް އެނގޭނީ." ސަމާސާ ކޮށްލުމުގެ ގޮތުން ބަދޫރާ ހީނލާފައި ބުންޏެވެ.

"މި ފަހަރު ހަމަ ގައިމުވެސް މަށަށް މަލާމާތް ތިކުރީ" އިޤުބާލުގެ ގާތަށް ވެސް އައީ ހިންޏެވެ. "ބަދޫރާ އެ މަންޖެއާ ވާހަކަ ދައްކާތި! ބުނޭ ޖަވާހިރެއް ލިބުނީމަ އެ ރައްކާކޮށްގެން ގެންގުޅެން އެނގެންވާނޭ. ޖަވާހިރުގެ އަގު ވަޒަންކުރާނީ ގެއްލުނީމައެއް ނޫނޭ ވެސް ބުނާތި!"

"ތި ހުރިހައި ވާހަކައެއް ދައްކާން ހަދާނެކަމެއް ނެތް. އެ ދެ ކުދީންގެ ކައިވެނި އަވަސްކުރަންވީ. އޭރުން ހުރިހައި ކަމެއް ހުންނާނީ ހައްލުވެފަ. މިހާރު ޝިމާނާއަށް ވެސް އެހެރީ އޮނަވިހި އަހަރު ފުރިފަ."

ބަދޫރާގެ އެ ވާހަކައާއެކު، އިޤުބާލުގެ ތުންފަތްމަތީގައި ލުއިލުއި ހިނިތުންވުމެއް ދުވެލިއެވެ. ބޯ ޖަހައިލީ، ތީ ވަރަށް ރަނގަޅު ޚިޔާލެކޭ ބުނެލައި ކަހަލަ ގޮތަކަށެވެ.

މެންދަމުގެ ބާރައާ ދިމާއަށް ގަޑީގެ ކަށި ފިޔަވަޅު އަޅަމުން ދެއެވެ. ގޭތެރޭގައި ވަނީ ފަޅުކަމާއި ހަމަހިމޭންކަމެވެ. ފަންގިފިލާގައި، މަޑު ރާގަކަށް އެނބުރިއެނބުރި ހުރި ފަންކާއާ ދިމާއަށް ބަލަހައްޓައިގެން އޮތް ޝިމާނާގެ ލޮލާ، ނިންޖަކާ އެއްވެސް ގުޅުމެއް ނެތެވެ. އެނދުމަތީގައި އޭނާ އެހެން އޮންނަތާ ގަޑިއެއްގެ އިރަށްވުރެ ގިނަ އިރު ވެއްޖެއެވެ. ނިދާން ބޭނުންވެ ނުނިދިފައި އޮއްވައެވެ. އޭނާގެ ސިކުނޑީގައި ވަނީ ތޫފާނެއް އުފެދިފައެވެ. މި ރޭ މި ވަނީ ފުރަތަމަ ހަމަލާ އޭނާގެ ސިކުނޑިއަށް ފޯރާފައެވެ. ދިޔައީ ފިންދުނި ކާއްތާލައިފައެވެ. ނަސީބުގައި ތަން އޮތީތީ ބޮޑުކަމަކަށް ނުވީއެވެ.

ޝިމާނާ ނިދާން އޮށޯތީ ދިހަގަޑިބައި އެހައިކަންހައި އިރުއެވެ. އޭނާ އޮތީ ކައިރީގައި ފޯނު ބާއްވައިގެންނެވެ. ފައިރޫޒުގެ އިންތިޒާރުގައެވެ. އެހެންނަމަވެސް ފައިރޫޒަށްވުރެ ކުރީން ގުޅީ ނަޖާހެވެ. ޝިމާނާ ގަސްތުގައި ނުނެގީއެވެ. އެ ފޯނުގައި އޮއްވާ ފައިރޫޒު ގުޅައި ވެސް ފާނެތީއެވެ. ފައިރޫޒުގެ ފަރާތުން ސުވާލެއް އަތުވެދާނެތީއެވެ.

ނަޖާހުގެ ކޯލު ކެނޑުމާއެކު ޝިމާނާއަަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނޫނެކެވެ. އެ ނޭވާއިން ލެވުނީ ބަޔެވެ. އަނެއްކާ ވެސް ނަޖާހު ގުޅާން ފަށައިފިއެވެ. ޝިމާނާއަށް ދަތްކުނޑި ވިކައިގަނެވުނެވެ. މިއީ ދެން ކިހައި ބޮޑުވެއްޖެ ކަމެއްހޭ ހިތަށް އެރިއެވެ. ނުރުހުމާއި ނުތަނަވަސްކަމުގެ ތެރޭގަައި ޝިމާނާ ބާއްވައިގެން، ފުލުފުލުގައި ހަ ފަހަރު ނަޖާހު ގުޅިއެވެ. ޝިމާނާ ފޯނެއް ނުނަގައެެވެ.

ނަޖާހުގެ ކޯލުތަކުގެ ސިލްސިލާ މެދުކެނޑުނީ، ފައިރޫޒުގެ ފޯނުކޯލާއެކުގައެވެ. ޝިމާނާ އަަވަސްއަވަހަށް ފޯނު ނެގިއެވެ. އެއާއެކު ފުރަތަމަ ވެސް ކުރިމަތިލާން ޖެހުނީ، ފައިރޫޒުގެ ސުވާލާއެވެ. ލައިން ބިޒީވުމުންނެވެ. ކުޑަ ވަގުތުކޮޅަކަށް ޝިމާނާގެ ބަސް ހުއްޓުނެވެ. އަނގަ އޮޅުނެވެ. ކުއްލިއަކަށް ދޭނެ ޖަވާބެއް ނޭނގިގެންނެވެ. އަޅައަޅައިގަންނަމުން ބުނެވުނީ، ނުދަންނަ ނަންބަރަކުން ގުޅީ ކަމަށެވެ. ދޮގެއް ހަދައިގެން ވެސް ސަލާމަތްވާން އޭނާ ބޭނުންވެއެވެ. ފައިރޫޒުގެ ނުރުހުން ލިބޭން ނޭދޭތީއެވެ.

ޝިމާނާގެ އެ ޖަވާބާ ގުޅިގެން އިތުރު ސުވާލެއް ފައިރޫޒު ނުކުރެއެވެ. އެކަމާ ގުޅޭގޮތުން ބަހެއް ވެސް ނުބުނެއެވެ. ޝިމާނާ ބުނި ވާހަކަ އޭނާ ގަބޫލުކުރިކަމެއް ނުވަތަ ނޫންކަމެއް ވެސް ނޭނގެއެވެ. ވާހަކަ ދެއްކީ ޝަކުވާއެއް ނެތިއެވެ. ނުރުހުމުގެ ރާގަކާ ނުލައެވެ.

ޝިމާނާގެ ހިތުގެ ނުތަނަވަސް ކަމަކަށް ލުއިކަމެއް ނުލިބެއެވެ. އޭނާއަށް އިހުސާސްކުރެވެނީ ކުށްވެރިއެއްގެ އިހުސާސެވެ. އޭނާއަށް މި ވަނީ ކުށް ކުރެވިފައެވެ. ފައިރޫޒަށް ނާންގާ، ހިލޭ ފިރިހެނަކާ އެބަ ވާހަކަ ދެކެވެއެވެ. ތަންތަނަށް ދެވެއެވެ. ހިތާ ދެކޮޅަށް ނަމަވެސް އެކަންކަން އެބަ ކުރެވެއެވެ. މި ރޭ އެންމެ ފަހުން ފައިރޫޒަށް ދޮގެއް ވެސް ހެދުނީއެވެ. އެއީ މި ވީ ތަނަށް ދުވަހަކު ވެސް އޭނާ ކުރިކަމެއް ނޫނެވެ. ކުރާން ވިސްނާފައި އޮތް ކަމެއް ވެސް ނޫނެވެ. ކުރިއަށް އޮތީ އަނެއްކާ ކޮން ކަހަލަ ދުވަސްތަކެއް ބާވައެވެ؟ ހަފުތާއެއްހައި ދުވަސް ފަހުން ފައިރޫޒު އެނބުރި މާލެ އަންނާނެއެވެ. އެހައިތަނުން ދެން ކަންތައް ވާނީ ކިހިނެއް ބާވައެވެ؟ ނަޖާހު މިހާރު އެ ހުރީ ގެއަށް މޫލާފައެވެ. ޝިމާނާ ބޭނުންވަނީ ނަޖާހު އެ ހުރި މަޤާމަށް، ފައިރޫޒު ގެންނާށެވެ. (ނުނިމޭ)