ދިގުވާހަކަ: އޮލިމްޕަސް

ދިގުވާހަކަ: އޮލިމްޕަސް

(އާދީއްތަ ދުވަހުގެ ބަޔާ ގުޅޭ)

"ދަރިފުޅާ! ކީއްވެ ބޭރުގައި ތިހިރީ؟" ދަރިފުޅާއޭ ކިޔައި އިޤުބާލު ގޮވައިލުމުން ނަޖާހުގެ ހިތަށް ވަރަށް ތަފާތު އަސަރެއް ކޮށްފިއެވެ. ކުޑައިރު ބައްޕަ ނިޔާވެފައިވާތީ، އިޤުބާލުގެ ދުލުން ދަރިފުޅާއޭ ކިޔައި ގޮވާލި އަޑު އިވުމުން، އުފަން ބައްޕަގެ ހަނދާންތައް އޭނާގެ ހިތުގައި އާވެގެން ދިޔައެވެ. އިޤުބާލާ ދިމާއަށް އޭނާއަށް ބަލައިލެވުނީ، ފެންކަޅިވެފައިވާ ދެ ލޮލުންނެވެ.

"ކޮބާ ޝިމާނާ؟" ނަޖާއަށް އައި ބަދަލު، އިޤުބާލަށް ފާހަގަކުރެވުނުހެނެއް ހިއެއް ނުވެއެވެ.

Advertisement

"ނޭނގެ. ދެ ފަހަރަކަށް ގުޅާލައިފިން. ފޯނެއް ނުނަގާ."

"ހިނގާ އެތެރެއަށް؟ ތިހެން ބޭރުގަ ހުންނާކަށް ނުވާނެ"

އިޤުބާލުގެ ފަހަތުން ނަޖާހު ހިނގައިގަތެވެ. ދޮރޯށި ހުޅުވާލައިފައި އިޤުބާލު ވަނުމުން، ނަޖާހު ވެސް ފަހަތުން ވަނެވެ. އެއީ އެ ގެއަށް އޭނާ ވަން ފުރަތަމަ ފަހަރެވެ. އެއީ ވަރަށް އާދައިގެ ގޮތަކަށް ހުރި ދުވަސްވީ ގެއެކެވެ. ސިޓިންރޫމުގައި އަޅާފައި އޮތީ ތަރާފަލެވެ. އެއް ފަރާތުގައި ދުވަސްވެ، ބާވެފައިވާ ސޯފާއެއް ހުއްޓެވެ. 14 އިންޗީގެ ފޮށިގަނޑު ޓީވީއެއް މޭޒުމަތީގައި ހުއްޓެވެ. އެހެންނަމަވެސް ސިޓިންރޫމުން ފެންނަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ.

"އިށީނދޭ!" ސޯފާއަށް އިޝާރާތްކުރަމުން، އިޤުބާލު ގޮސް ޓީވީ ހުޅުވާލިއެވެ. އޭރު ޓީވީން އަންނަނީ ކުޑަކުދިންގެ އަރަބި ޕްރޮގްރާމެއް ކަމަށްވާ "އިފްތަހިއްޔާ ސިމްސިމް"އެވެ.

"ތިގޮތަށް އައިސް ބޭރުގަ ދެން ނުހުންނައްޗޭ! މީ ދެން ދަރިފުޅުގެ ވެސް ގެ ކަމަށް ބަލަންވާނީ. މީހަކު ނުބުންޏަސް އައިސް ވަނީމަ ރަނގަޅުވާނެ."

"ކޮބާ ޝިމާނާ؟" ނަޖާހު ބޭނުންވަނީ ޝިމާނާ ފެންނާށެވެ.

"ކޮޓަރީގަހެން ހީވަނީ. ބަދޫރާ! ބަދޫރާ!" އިޤުބާލު ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. "މީނީ ނަޖާހު އައިހޭ. ކޮބާ ޝިމާނާ؟"

"އައިޝާމެންނާއެކު ބޭރަށް ދިޔައީ. މިހާރު އަންނާނެހެން ހީވަނީ." ކޮޓަރީ ދޮރު ހުޅުވައިލަމުން، ބަދޫރާ ބޭރަށް ބޯ ދިއްކޮށް ނަޖާހާ ދިމާއަށް ބަލައިލިއެވެ.

"އެ މަންޖެ އަންނަންދެން މަޑުކޮށްލާނީ ދޯ؟" އިޤުބާލު ބަލައިލީ ނަޖާހާ ދިމާއަށެވެ. "ބަދޫރާ! ނަޖާހަށް ކޮންމެވެސް އެއްޗެއް ހަދާލަބަލަ!"

"ނޫނޭ! މި ގަޑީގަ ދެން އެއްޗެއް ހަދާނެކަމެއް ނެތް." ނަޖާހު އިނީ ލަދުގެންފައެވެ. އިޤުބާލު މާ ވަރަކުން އުޅޭތީއެވެ.

"ކޮބާ ދެން ކިހިނެއް ކަންތައްތައް؟

"ރަނގަޅު." ނަޖާހު ގަޑިއަށް ބަލައިލިއެވެ. ނުވައެއްް ޖަހާންވާއިރަށް އޮލިމްޕަހަށް ދާންޖެހޭތީއެވެ. އެހެންނަމަވެސް އަދި ވަގުތު އެބަ އޮތެވެ.

"މި ރޭ ދެ ކުދިން ތަނަކަށް ދާންތަ ތި އުޅެނީ؟"

"ޝިމާނާ ދަންޏާ، ކުޑަ ވަގުތުކޮޅަކަށް ނިކުމެލަންކަމަށް."

"އެ މަންޖެ ދާނެ. ހިޔެއް ނުވޭ ދެން މާ ލަސްވެދާނެ ހެނެއް." އިޤުބާލު އިނީ ނަޖާާހާއެކު ޝިމާނާ ބޭރަށް ފޮނުވާން ބޭނުންވެފައެވެ. "ދަރިފުޅު ތީ ކޮން ގެއެއްގެ ކުއްޖެއް؟"

އިޤުބާލުގެ އެ ސުވާލާއެކު، ނަޖާހަށް އިޤުބާލުގެ މޫނަށް ބަލައިލެވުނެވެ. ސުވާލުގެ ނަޒަރަކުންނެވެ. ރަށުގެ ވާހަކަ ނާހައި، ގޭގެ ވާހަކައިން ސުވާލުކުރީމައެވެ. އެހެންނަމަވެސް އެ ސުވާލަށް ޖަވާބެއް ދިނުމުގެ ކުރީން، ކަންފަތުގައި ޖެހުނީ، ގަމީހުގެ ޖީބުގައި އޮތް އިޤުބާލުގެ ނޮކިޔާ ފޯނު ރިންގުވާންފެށި އަޑެވެ. އިޤުބާލު އަވަސް އަވަހަށް ފޯނު ނެގިއެވެ.

"ހަލޯ!...... އާނ،...... ގޭގަ މި އުޅެނީ......... ޢިޝާގެ ފަހަށް ހަދަންވީނު......... މައްސަލައެއް ނެތް. ކިހިނެއްވީ؟ .......... އަނެއްކާ؟" އިޤުބާލުގެ އަޑާއި ރާގު ބަދަލުވިއެވެ. "އެކަމަކު މިހާރު ވެސް ކިރިޔާ މި އުޅެލެވޭވަރު ވަނީ. ތިހެން ހެދީމަ ވަރަށް ދަތިވާނެ!"

ފޯނު ބޭއްވިއިރު އިޤުބާލުގެ މޫނުގެ ކުލަ ވަނީ އޮއްސިފައެވެ. ކަންބޮޑުވުމުގެ ނިޝާންތައް މޫނުމަތި ވަނީ ހިޞާރުކޮށްފައެވެ. އެއްޗެއް ނުބުނެ އިސްޖަހައިލައިގެން އިރުކޮޅަކު އިނދެފައި، އިސްއުފުލައި ނަޖާހުގެ މޫނަށް ބަލައިލިއެވެ.

"މީ މައްސަލައަކީ." އިޤުބާލަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

"ކިހިނެއްވީ؟" ކަމެއް ގޯސްވިހެން ހީވެގެން ނަޖާހަށް އަހައިލެވުނެވެ.

"މި ގޭ ވެރިމީހާ އެ ގުޅީ. އަނެއްކާ ވެސް ކުލި ބޮޑުކުރަންވީޔޯ! އެންމެފަހުން ކުލި ބޮޑުކުރިފަހުން އަދި ނުވާނެ ހައެއްކަ މަސް ވެސް. ކިހިނެއް މިވަރުން އުޅޭނީ؟"

"ބައްޕަމެން ވެސް ކުޔައްތަ ތި އުޅެނީ؟" ނަޖާހަށް ހީކުރެވިފައި އޮތީ، ޝިމާނާއަކީ މާލޭ ކުއްޖެއް ކަމަށެވެ. ޝިމާނާއާ ކައިވެނިކުރާ ހިސާބުން، އޭނާގެ ކުލީ ކޮޓަރީގެ ދިރިއުޅުމަށް ނިމުން އަންނާނޭ ކަމަށެވެ.

"ބައްޕަމެން ކަހަލަ ރަށްފުށު މީހުން އުޅެން ޖެހޭނީ ކުއްޔަކަށްނު. ދަރިފުޅުމެންނަށް އެ ނަސީބު..."

އިޤުބާލުގެ ޖުމުލަ މެދުކެނޑުނީ، ދޮރޯށި ހުޅުވުނު އަޑަށެވެ. އިޤުބާލާއި ނަޖާހަށް އެކުގައި ކަހަލަ ގޮތަކަށް އެ ދިމާއަށް ބަލައިލެވުނެވެ. ފެނުނީ ޝިމާނާ ވަދެގެން އަންނަ ތަނެވެ. ޝިމާނާގެ ސޫރަ ފެނުމާއެކު، ނަޖާހުގެ ކަޅި އެ ދިމާއަށް ހުއްޓުނެވެ. ކަޅިޖަހައިނުލައި ބަލާން ފެށުނެވެ. މޫނުމަތި އަލިވެ އުޖާލާވެގެން ދިޔައެވެ. އިސްއޮބާލައިގެން އައި ޝިމާނާއަށް ނަޖާހު ފެނުނީ ގެއަށް ވަންފަހުންނެވެ. އެ ގޮތަށް ނަޖާހު ގޭގައި އިނދެފާނޭ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އެހެންކަމުން ނަޖާހު ފެނުމާއެކު އޭނާގެ މޫނުމަތި ބަނަވެގެން ދިޔައެވެ.

"ދަރިފުޅާ! ކޮންތާކުން ތި އައީ؟"

"އައިޝާމެންގެއިން"

"ނަޖާހު އައިސް އިންނަތާ ހާދަ އިރެއް ވެއްޖޭ. ތަނަކަށް ދާއިރު ނަޖާހު ގާތު ބުނެލަންވާނެ. އެއީ ރީތި ގޮތަކީ."

"އެއީ އެއްވެސް މައްސަލައެއް ނޫން." ނަޖާހުގެ ކަޅި އަދިވެސް ހުއްޓިފައި ހުރީ ޝިމާނާގެ މޫނަށެވެ.

"ނަޖާހު އެ އިންނަނީ، ދަރިފުޅާއެކު ބޭރަށް ދާން ވެގެން. ދޯ ނަޖާހު."

އާނ، ޝިމާއަށް ދަތި ނޫނިއްޔާ ހިނގާ ނިކުމެލަން"

"ވަރަށް ވަރުބަލި މިރޭ. ފަޔަށް ވެސް އެބަ ތަދުވޭ!" ނަޖާހާއެކު އެންމެ ފިޔަވަޅެއް ވެސް އަޅާކަށް ޝިމާނާ ބޭނުމެއް ނޫނެވެ.

"އެހެންވިއްޔާ ރެސްޓް ކޮށްލާ! އެހެން ރެއަކުން ދެން ދާނީ." ނަޖާހު ތެދުވިއެވެ.

"ދަރިފުޅާ!" އިޤުބާލަށް މަޑުން އިންނާކަށް ފަސޭހައެއް ނުވިއެވެ. "ތިހެން ހެދީމަ ކިހިނެއް ވާނީ؟ ނަޖާހު އެވަރުން އައިމަ ތިގޮތަށް ފޮނުވާލާކަށް ނުވާނެއެއްނު!"

"އޯކޭވާނެ ބައްޕާ! ޝިމާ މި ރޭ އެހެރީ ވަރަށް ވަރުބަލިވެފަ. މާދަމާ ރޭ ވެސް ދެވިދާނެ. ދޯ ޝިމާ!"

ގެއިން ނިކުތުމަށް ނަޖާހު ހިނގައިގަތީ ހިތާ ދެކޮޅަށެވެ. އޭނާގެ ހިތް އެދެނީ ޝިމާނާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. މަންމަ ބަލިވެ އުޅޭ ވާހަކައާއި މަންމަ މާލެއަށް ގެންނަން ގަސްތުކުރާ ވާހަކަ ވެސް ބުނާށެވެ. އެހެންނަމަވެސް ޝިމާނާގެ މޫނުމަތިން ފެނުނު ވަރުބަލިކަމާއި އަރާމްކޮށްލަން ބޭނުންވެފައި ހުރި މިންވަރު ފެނިފައި، އޭނާ ހިތާ ދެކޮޅަށް އެ ފިޔަވަޅު އެޅީއެވެ.

މާޔޫސްވެފައިވާ ހިތަކާއެކު، ނަޖާހު ގެއިން ނިކުމެއްޖެއެވެ. އުފަލުން ތެޅިތެޅި އޮތް ހިތަކާއެކު، ޝިމާނާ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ކަރު އެލުވައިލައިގެން ހުރެ، އިޤުބާލު ގޮސް ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލިއެވެ. އޭރު ބަދޫރާ ހުރީ އިސްތިރިކުރާށެވެ.

ނިތްމަތީގައި އަތް ބާއްވާލައިގެން އޮތް އިރު، އިޤުބާލުގެ ސިކުނޑި ވަނީ ޝަކުވާއިން ފުރިފައެވެ. ޝިމާނާ ކަންތައްކުރި ގޮތުންނެވެ. އެގޮތަށް ނަޖާހާމެދު ޝިމާނާ ކަންތައް ކޮށްގެން ނުވާނެއެވެ. އެއީ ޝިމާނާއަށް ހެދޭ ގޯހެކެވެ. ވަރަށް ބޮޑު ގޯހެކެވެ. އެ ގޮތަށް ކަންތައްކުރާން ފަށައިފި ނަމަ، ޝިމާނާ މަތިން ނަޖާހު ފޫހިވެދާނެއެވެ. އިސާހިތަކު ޝިމާނާ ބާކީވެދާނެއެވެ. ހަތް ބުރި އިމާތާތް އަތުން ބީވެދާނެއެވެ. ނަޖާހު ބޭނުން ނަމަ، ޝިމާނާ ކަހަލަ އެތައް ކުއްޖަކު އޭނާއަށް ލިބިދާނެއެވެ. ޝިމާނާއަށްވުރެ މާ ރީތި ކުދީން ވެސް ލިބޭނެއެވެ. މާ ގަދަރުވެރި ކުދިން ވެސް ލިބޭނެއެވެ. މި ކަންކަމާމެދު ވިސްނާނުލައި، ޝިމާނާ އުޅޭން ފަށައިފި ނަމަ، އޭނާ ވާނީ މޮޔައަކަށެވެ. ނަސީބު އަތުގައި ހިފީމާ ފޮޅުވައިލި ކަނޑުކޮހަކަށެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ހިކޭ ބޭހުން ނިޔަފައްޗާއި އިސްތަށި ފޭބުމުގެ ފުރުސަތު އޮވޭ

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ "ޖީއެލްޕީ-1" ބޭސްތަކުގެ ސަބަބުން ނިޔަފަތި ނެއްޓުމާއި، ނިޔަފަތީގެ ކުލަ ބަދަލުވުމުގެ ފުރުސަތު ބޮޑުވާކަމަށް އާ ދިރާސާއަކުން ވަނީ ދައްކާފައެވެ. މި ބޭސް ބޭނުންކުރާ މީހުންގެ މެދުގައި ނިޔަފަތީގެ މައްސަލަތައް ދިމާވުން ދެ ގުނަ އިތުރު ނަމަވެސް، މިއީ ސީދާ ބޭހުގެ ސަބަބުން ނުވަތަ ބަރުދަން ލުއިވުމާ ގުޅިގެން ދިމާވާ ކަމެއްތޯ ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.

ފަލަސްތީނަށް އެހީވާތީ ސެލީ ރޫނީގެ ފޮތްތައް ޔޫކޭގައި ނުވިއްކޭނެ

މަޝްހޫރު ލިޔުންތެރިޔާ ސެލީ ރޫނީ ފަލަސްތީން އެކްޝަން ޖަމާއަތަށް މާލީގޮތުން އެހީތެރިވާތީ، އިނގިރޭސިވިލާތުގެ ގާނޫނުތަކާ ފުށުއަރާތީ އޭނާގެ ފޮތްތައް އެ ގައުމުގައި ވިއްކުން ހުއްޓާލައިފިއެވެ. މި ނިންމުން ނިންމީ ފޮތްތަކުން ލިބޭ ރޯޔަލްޓީ ފައިސާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބަޔަކަށް ދިނުމަކީ ޖިނާއީ ކުށަކަށް ވެދާނެތީ، ޕަބްލިޝަރާ މަޝްވަރާކުރުމަށްފަހުގައެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުގައި އޭނާގެ ފޮތްތައް ސަޕްލައިކުރުމާއި އީ-ބުކް ވިއްކުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ރަސެލް ބްރޭންޑްގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފި

ރަސެލް ބްރޭންޑްގެ މައްޗަށް ކުރެވޭ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއްގެ ޝަރީއަތް އިނގިރޭސިވިލާތުގެ ކޯޓެއްގައި ފަށައިފިއެވެ. 1999 އިން 2009 އާ ދެމެދު ހަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ މި ތުހުމަތުތަކަށް އޭނާ އިންކާރު ކުރާއިރު، ޕްރޮސެކިއުޓަރުން މިހާރު ދަނީ މައްސަލައިގެ ބަޔާންތައް ހުށަހަޅަމުންނެވެ.

4،700 އަހަރުވީ ޝިޕްރެކެއް ތުރުކީއިން ފެނިއްޖެ

ތުރުކީގެ އަންޓަލްޔާ އައްސޭރިފަށުން 4،700 އަހަރުވީ ދުނިޔޭގެ އެންމެ ދުވަސްވީ ޝިޕްރެކްގެ ބައިތައް ފެނިފައިވާ ކަމަށް އާސާރީ މާހިރުން ހާމަކޮށްފިއެވެ. ކަނޑުގެ 30 މީޓަރު އަޑިން ފެނުނު މި ވިޔަފާރި އުޅަނދުން މަށިން ހަދާފައިވާ ގިނަ އަދަދެއްގެ މުދާ ރައްކާކުރާ ތަކެއްޗާއި ހިލަ ނަގިލިތަކެއް ފެނިފައިވާއިރު، މިއީ މިސްރުގެ ޕިރަމިޑްތައް ބިނާކުރި ދުވަސްވަރުގެ އުޅަނދެއް ކަމަށް ބެލެވެއެވެ.

ޓޫޕަކް ޝަކޫރު މަރާލުމުން އުމުރު ދުވަހުގެ ޖަލު ހުކުމެއް

މަޝްހޫރު ރެޕް ފަންނާނު ޓޫޕަކް ޝަކޫރު މަރާލުމުގެ މޭސްތިރިޔާގެ ގޮތުގައި ކުށް ސާބިތުވި ކުރީގެ ގޭންގު ލީޑަރު ޑުއޭން "ކެފީ ޑީ" ޑޭވިސްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ 1996 ވަނަ އަހަރު ހިނގި މި މަރުގެ މައްސަލައިގައި ގާތްގަނޑަކަށް ތިން ދަހަރު ފަހުން ދައުވާ އުފުލި ކުށް ސާބިތުވި ހަމައެކަނި މީހާއެވެ. ޑޭވިސްގެ މައްޗަށް މި ކުށް ސާބިތުވީ ޓޫޕަކްގެ ފަރާތުން އޭނާގެ އާއިލާ މީހަކަށް ލިބުނު އަނިޔާއެއްގެ ބަދަލުހިފުމަށް މި މަރު ރޭވިކަން ހާމަވުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox