Advertisement

ސުޕަ ލީގުގެ ޓީމުތަކަށް އަދަބު ދިނުމަކީ ހައްލެއް ނޫން: ފީފާ ރައީސް

6 މޭ 2021 - 13:16 0

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.-- ފޮޓޯ: އޭއެފްޕީ


ސުޕަ ލީގުގެ ޓީމުތަކަށް އަދަބު ދިނުމަކީ ހައްލެއް ނޫން: ފީފާ ރައީސް

6 މޭ 2021 - 13:16 0

ޕެރިސް (މެއި 6) - ޔުއެފާ އާއި ފީފާއާ ދެކޮޅަށް ޔޫރަޕްގެ ނުފޫޒުގަދަ 12 ކްލަބަކުން ފަށަން އުޅުނު ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވި ޓީމުތަކަށް އަދަބު ދިނުމަކީ ހައްލެއް ނޫން ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ސުޕަ ލީގުގެ މަސައްކަތުގެ ތެރެއިން ފައުންޑަ މެމްބަރުންގެ ގޮތުގައި އެންމެ ފުރަތަމަ 12 ކްލަބް އޮތެވެ. އެކަމަކު އޭގެ ތެރެއިން ނުވަ ކްލަބެއް ވަނީ މިހާރު ވަކިވެފަ އެވެ. އެއީ ތަކުރާރުކޮށް ސަޕޯޓަރުންނާއި ޔުއެފާ އަދި ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާއި ސިޔާސީ ފަރާތްތަކުން ކުރިމަތިކުރުވި ޕްރެޝަރަށް ފަހު އެވެ.

ސުޕަ ލީގުން ވަކިވީ އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ލިވަޕޫލް، އާސެނަލް، ޓޮޓެންހަމް އަދި ޗެލްސީގެ އިތުރުން އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާން އަދި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އެވެ. މި ވަގުތު ސުޕަ ލީގުން ވަކިނުވެ އޮތީ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޔުވެންޓަސް އެވެ.

ފްރާންސްގެ ލެކިއުޕޭ ނޫހަށް އިންފަންޓީނޯ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ އަކީ ފެށުނުއިރުއްސުރެ ސުޕަ ލީގުގެ ހިޔާލާ ދެކޮޅު މީހެއް ކަމަށާއި ފުޓްބޯޅަ ކަހަލަ އެއްބައިވަންތަ ކުޅިވަރެއްގައި ވަކިވެގަނެގެން ހާސިލްކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

"އެ ކަހަލަ ކަމުގެ މައްސަލަ ބަލަން ޖެހޭނެ. ސުޕަ ލީގު ފަދަ ކަންކަމުގެ ސަބަބުން ވަރަށް ގޯސް ނަތީޖާތަކެއް ނުކުންނާނެ،" އިންފަންޓީނޯ ވިދާޅުވި އެވެ.

ސުޕަ ލީގާ ދެކޮޅަށް އަދި އޭގެ ބައިވެރިވި ކްލަބްތަކަށް ފިޔަވަޅުތަކެއް އަޅަން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެ ވިސްނުމާ އިންފަންޓީނޯ ދެކިލައްވާ ގޮތް ތަފާތެވެ.

"މީގެ އަދަބެއް ދޭއިރު ވިސްނަން ޖެހޭ. ވަރަށް ވިސްނަން ޖެހޭ. އަހަރެމެން އަދަބެއް މިދެނީ ހަމައެކަނި ޓީމަކަށް ނޫނީ ކްލަބަކަށް ނޫން. އެ ކްލަބްގެ ސްޓާފުންނަށް ކުޅުންތެރިންނަށް ކޯޗުންނަށް އަދި ސަޕޯޓަރުންނަށް. މި މީހުންނަކީ މި ސުޕަ ލީގުގެ ކަންތައްތަކުގައި ބަހެއް ބުނެލަން ފުރުސަތު ލިބުނު ބައެއް ނޫން. އެެހެންވެ އަދަބެއް ދޭއިރު ވިސްނަން ޖެހޭނީ،"

ސުޕަ ލީގުގެ ކްލަބްތަކުން ހަގީގަތުގައި އެ ލީގު އުފައްދަން ބޭނުންވާ އެކި ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ޔުއެފާ އިން ބާއްވާ މުބާރާތްތަކުގައި ވާދަކޮށްގެން ކްލަބްތަކުން އިންވެސްޓްކުރާ ވަރާ ގާތަށް ވެސް ޔުއެފާ އިން ފައިސާ ނުދިނުމެވެ. ކްލަބްތަކުން ތުހުމަތުކުރާ ގޮތުގައި މުބާރާތްތަކުން ޓީމުތަކަށް ވާ ފައިދާ އަށް ވުރެ ޔުއެފާ އަށް ލިބޭ ފައިދާ ބޮޑެވެ.

އިންފަންޓީނޯ ވިދާޅުވީ ސުޕަ ލީގުގެ ކަންތައްތަކުގެ ތެރެއިން އެނގިގެންދިޔަ އެއް ކަމަކީ ފުޓްބޯޅަ އަށް އިންވެސްޓްކުރާ ކްލަބްތައް ނޫނީ ބަޔަކުގެ ހައްގުތައް އުނިނުވާގޮތަށް އުސޫލުތައް ކަނޑައެޅުން މުހިއްމު ކަމެވެ. އަދި ކުރިއަށް އޮތްތަނުގައި އެކި ފެޑެރޭޝަންތަކާ ވާހަކަ ދެކެވިގެން ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަންގެ ކަންކަމަށް ބަދަލުތަކެއް ގެންނާނެ ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ.

"މީގެ ފެއާ ޕްލޭ އޮތުން މުހިއްމު. އިންސާފުވެރިކޮށް ކަންތައްތައް ވާން ޖެހޭނީ. ފައިނޭންޝިއަލީ މި ހުރި ކަންތައްތަކަށް އަވަސް ހައްލެއް ގެނައުން މުހިއްމު،" އިންފަންޓީނޯ ވިދާޅުވި އެވެ.

ސުޕަ ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. ދާދި ފަހުން ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕެރޭޒް ވަނީ ސުޕަ ލީގުގެ ކަންކަން އަދި ނުނިމޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ސުޕަ ލީގުން ވަކިވި ކަމަށް އިއުލާނުކުރި ޓީމުތަކަށް އަދިވެސް ރަސްމީކޮށް ލީގުން ވަކިވުމުގެ ހުރިހާ ކަމެއް ފުރިހަަމަ ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.