Advertisement

ކަންބޮޑުވުންތަކާއެކު އޯޑީގެ މުއްދަތު ދެވަނަ އަހަރަކަށް އިތުރުކޮށްދީފި

25 އޭޕްރީލް 2021 - 11:55 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް


ކަންބޮޑުވުންތަކާއެކު އޯޑީގެ މުއްދަތު ދެވަނަ އަހަރަކަށް އިތުރުކޮށްދީފި

25 އޭޕްރީލް 2021 - 11:55 0

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދީފައިވާ ހުއްދަ ސަރުކާރުން އެދުނު ގޮތަށް ދެވަނަ އަހަރަކަށް އިތުރު ކޮށްދޭން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާ ކުރުމަށް މިދިޔަ އަހަރު ސަރުކާރުން އެދުނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް އަސަރުކުރުމުން، މަރުކަޒީ ބޭންކުން ދަރަނި ނެގޭ ލިމިޓު ބޮޑުކޮށް ދިނުމަށެވެ.

ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭނެ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އެވެ.

އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ.

ނަމަވެސް، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ އޭގެ ކުރީ ތިން އަހަރުގެ ދައުލަތު އާމްދަނީގެ 20 ޕަސަންޓަށްވާ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓު މަތިކޮށް ދިނުމަށެވެ.

އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށެވެ.

އެއާއެކު ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން އޭރު އެ ހުއްދަ ދީފައިވަނީ ފިނޭންސުން އެދުނު ގޮތަށެވެ.

އެ ހުއްދަ އަންނަ ހޯމަ ދުވަހަށް ހަމަވާއިރު، ކޮވިޑުގެ ސަބަބުން އިގުތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަދި އަރައިގަނެވިފައިނުވާތީ، އެ މުއްދަތު އަދި އެއް އަހަރަށް އިތުރުކޮށް ދިނުމަށް ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.

އެކަމާމެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ، ކޮމިޓީއަކުން އެ މައްސަލަ ދިރާސާކުރަން ހުށަހެޅި ހުށަހެޅުން ފާސްނުވެ، އެކަމަށް މަޖިލީހުން ގޮތެއް ނުނިންމުނެވެ.

އޭގެ ފަހުން، ރިޔާސަތުން ވަނީ އެ މައްސަލަ އަލުން ތަޅުމަށް ހުށަހަޅައި، މެމްބަރުންގެ ތާއީދާއެކު ކޮމިޓީއަކުން އެކަން އިތުރަށް ދިރާސާކުރަން ފާސްކޮށްފަ އެވެ.

އެއާއެކު އެ ހުއްދަ ދިނުމުގެ ކުރިން، ގައުމުގެ މާލީ އަދި އިގުތިސޯދީ ހާލަތު ދެނެގަތުމަށް މަޖިލީހުން ވަނީ ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ނަގައިފަ އެވެ.

ކަންބޮޑުވުންތައް ހުއްޓަސް ކޮމިޓީން ނިންމީ މުއްދަތު އިތުރުކޮށްދޭން

ކޮމިޓީން މިދިޔަ ބުދަ ދުވަހު ވަނީ އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ހާޒިރުކޮށްފަ އެވެ.

ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ގަވަރުނަރު ގިނަ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާއިރު، އޭނާ ވިދާޅުވި ގޮތުގައި، ތަކެތީގެ އަގު ނުވަތަ އިންފްލޭޝަން ރޭޓް އެކްސްޗޭންޖު ރޭޓާ ވަރަށް ބޮޑަށް ގުޅިފައިވާއިރު، މަނިޓަރީ ފައިނޭންސިންގެ (ސަރުކާރުގެ ހަރަދަށް ސީދާ މަރުކަޒީ ބޭންކުން ފައިސާ ދިނުން) ސަބަބުން އިންފްލޭޝަން ރޭޓު ހިފެހެއްޓުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި އިގުތިސޯދީ ހާލަތު މިހާރު އޮތް ގޮތުން އެކަން ކުރަންޖެހިފައިވީ ނަމަވެސް، މަދުވެގެން އަހަރަކު ދެ ފަހަރު، ދަރަންޏަށް ނެގި ފައިސާ ސަރުކާރު ބޭނުންކުރަމުންދާ ގޮތް މުރާޖައާ ކުރަންޖެހޭ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.

އޯވާޑްރާފްޓާ ގުޅޭގޮތުން އެމްއެމްއޭއިން ގިނަ ކަންބޮޑުވުންތައް ފާހަގަކުރި ނަމަވެސް، ހުއްދަ އިތުރުކޮށް ދިނުމުގެ ޝަރުތެއްގެ ގޮތުގައި ކޮމިޓީން ފާސްކުރި ރިޕޯޓުގައި ހިމަނާފައެއް ނުވެ އެވެ.

އެމްއެމްއޭގެ އިތުރުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާޅުކުރި ކަންބޮޑުވުންތައް ވެސް ރިޕޯޓުގައި ހިމަނާފައިވަނީ ކޮމިޓީން ކުރި ދިރާސާތަކުން ހޯދުނު މައުލޫމާތުތަކުގެ ގޮތުގަ އެވެ.

އެއާއެކު ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ، ސަރުކާރުން އެދުނު ގޮތަށް އަންނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިތުރުކޮށް ދިނުމަށެވެ.

މިއަދު ވެސް އިދިކޮޅުގެ ގިނަ ކަންބޮޑުވުން

ރިޕޯޓާ ގުޅޭގޮތުން ކުރިއަށްދިޔަ ބަހުސްގެ ތެރެއިން، ވަގުތީ ކޮމިޓީގައި ވެސް ހިމެނިވަޑައިގެންނެވި މާވަށު ދާއިރާގެ އިދިކޮޅު މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ގަވަރުނަރުގެ ހުރިހާ ކަންބޮޑުވުންތަކަށް ކޮމިޓީން އަޅާނުލި ކަމަށެވެ.

މިގޮތުން، އެ ފައިސާ އަނބުރާ ދައްކާ ގޮތުގެ ޕްލޭނެއް ހިމެނުމަށް މިދިޔަ އަހަރު ހުއްދަ ދިން އިރުވެސް ގަވަރުނަރު އެދިވަޑައިގެންނެވި ކަމަށާއި އެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަޅާނުލެއްވި ކަމަށް ސައީދު ވިދާޅުވި އެވެ.

ނަމަވެސް، ކުރީ އަހަރު ދަރަންޏަށް ނެގި ފައިސާ ހަރަދުކުރި ގޮތެއް ސާފުނުވާއިރު، އަނެއްކާ ދެވަނަ އަހަރަކަށް އެ ހުއްދަ އިތުރުކޮށްދޭން އުޅުމަކީ އިންތިހާއަށް ކަންބޮޑުވުންއޮތް ކަމެއްކަމަށް ސައީދު ފާހަގަކުރެއްވި އެވެ.

"ދެވަނަ އަހަރަކަށް ހުއްދަ ދޭން އުޅޭއިރު ރައްޔިތުން އެބަ ސުވާލުކުރޭ ކުރިން ނެގި ފައިސާއަށް ކުރީ ކިއްހޭ؟" ސައީދު ވިދާޅުވި އެވެ.

މިއަދުގެ އިދިކޮޅުގެ އެހެން މެމްބަރުންވެސް ކަންބޮޑުވުންފާޅު ކުރެއްވި ނަމަވެސް، މަޖިލީހުން މިއަދު ވަނީ ކޮމިޓީން ނިންމި ގޮތަށް އެ ރިޕޯޓު ފާސްކޮށް، އޯޑީގެ ހުއްދައިގެ މުއްދަތު އިތުރުކޮށްދީފަ އެވެ.

އެ ގޮތަށް ފާސްކުރީ އެ ވޯޓުގައި ބައިވެރިވި 47 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މުއްދަތު އިތުރުކޮށްދޭން ނުފެންނަކަމަށް ހަތަރު މެމްބަރަކު ވޯޓު ދެއްވި އެވެ.